މާލޭގައި މީޓަރު ޕާކިން ސިސްޓަމް ބަހައްޓަން ނިންމައި އެ ހަރުކޮށްދޭނެ ފަރާތެއް ހޯދުމަށް މާލޭ ސިޓީ ކައުންސިލުން މިއަދު އިއުލާން ކޮށްފި އެވެ.
މީޓަރު ޕާކިން ސިސްޓަމް ހަރުކުރުމުން އެ ސަރަހައްދެއްގައި ޕާކް ކުރި ވަގުތަށް ފައިސާ ދައްކަން ޖެހޭނީ އެ ސިސްޓަމް މެދުވެރިކޮށެވެ. މިއީ މާލޭގައި މުޅިން އަލަށް ފަށަން މަސައްކަތް ކުރާ ހިދުމަތެކެވެ.
ސިޓީ ކައުންސިލްގެ އޮފިޝަލަކު "އަދަދު" އަށް މިރޭ ވިދާޅުވީ މީޓަރު ޕާކިން ސިސްޓަމްތައް ބަހައްޓާނެ ސަރަހައްދުތަކެއް ކަނޑައެޅުމުގެ މަސައްކަތް މިހާރު އެ ކައުންސިލުން ކުރަމުން އަންނަ ކަމަށެވެ. މަގުތަކުގައި ހަދާ އެ ޕާކިން އޭރިއާތައް ހަދާނީ ރަނގަޅު ސެކިއުރިޓީއާއެކު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން މިހާރު މިކުރާ މަސައްކަތަކީ މީޓަރު ބަހައްޓާނެ ސަރަހައްދުތައް ކަނޑައެޅުމާއި ނަގާނެ އަގުތަކެއް ކަނޑައެޅުން ފަދަ މަސައްކަތްތައް،" އޮފިޝަލް ވިދާޅުވި އެވެ.
އެފަދަ މީޓަރު ބަހައްޓަން ޝައުގުވެރިވާ ފަރާތްތަކަށް ސިޓީ ކައުންސިލުން މިއަދު ވަނީ ފުރުސަތު ހުޅުވާލައިފަ އެވެ. އެގޮތުން އަންނަ މަހުގެ 19 ވަނަ ދުވަހު ސިޓީ ކައުންސިލުން މައުލޫމާތު ސާފުކޮށް ސެޕްޓެމްބަރު 19 ގައި އަގު ހުށަހަޅަން ވަނީ ހުޅުވާލައިފަ އެވެ.

ޕާކިންގެ މައްސަލައަކީ މާލެއަށް ކުރިމަތިވެފައިވާ ބޮޑު މައްސަލައަކަށްވާއިރު އެކަން ހައްލު ކުރުމަކީ އާ ކައުންސިލްގެ ވައުދެކެވެ. އެގޮތުން ޕާކިން ބިލްޑިންތަކެއް ވެސް މާލޭގައި އަޅާނެ ކަމަށް ސިޓީ ކައުންސިލުން ބުނެ އެވެ.












