ޓޯކިޔޯ (ޖުލައި 26) - މުޅި ދުނިޔެ ހައިރާންކޮށްލުމަށް ފަހު މި ފަހަރުގެ އޮލިމްޕިކްސްގެ ފެތުމުގެ 400 މީޓަރު ފްރީ ސްޓައިލް އިވެންޓުން އުމުރުން 18 އަހަރުގެ ޓިއުނީޝިއާ ފެތުންތެރިޔާ އަހުމަދު ހަފްނާއޯއީ ރަން މެޑަލް ހޯދައިފި އެވެ.
ކޮލިފައިން ހީޓުގައި ވަަރަށް ދަށްކޮށް ދިޔަ ނަމަވެސް ފައިނަލްގައި ހަފްނައޯއީ ވަނީ އާދަޔާހިލާފު ހިތްވަރެއް ދައްކައި ރަން މެޑަލް ހޯދައިފަ އެވެ. އޭނާގެ ޓައިމިން އަކީ ތިން މިނިޓާއި 43.36 ސިކުންތެވެ. ދެ ވަނަ އަށް ދިޔަ އޮސްޓްރޭލިއާގެ ޖެކް މެކްލޯފްލިން ނިންމީ ތިން މިނިޓާއި 43.52 ސިކުންތުންނެވެ. އަދި ތިން ވަނަ އަށް ދިޔަ ކިއެރަން ސްމިތުގެ ޓައިމިން އަކީ ތިން މިނިޓާއި 43.94 ސިކުންތެވެ.
ޓިއުނީޝިއާގެ ކުރީގެ ބާސްކެޓްބޯޅަ ކުޅުންތެރިޔާ މުހައްމަދު ހަފްނައޯއީގެ ދަރިފުޅު އަހުމަދު ހަފްނައޯއީ މީގެ ތިން އަހަރު ކުރިން 2018 ވަނަ އަހަރު ވަނީ ޔޫތު އޮލިމްޕިކްސް ގޭމްސްގައި ވާދަކޮށްފަ އެވެ.
އެ ފަހަރު އޭނާ ދިޔައީ 400 މީޓަރު އިވެންޓުން އަށް ވަނަ އަދި 800 މީޓަރު އިވެންޓުން ހަތް ވަނަ އެވެ. އެ ފަހަރު ދިން އިންޓަވިއުއެއްގައި އޭނާ ބުނީ އޮލިމްޕިކް ރަން މެޑެއްޔަކަށް ޓާގެޓްކުރާނީ 2024 ވަނަ އަހަރު ޕެރިހުގައި އޮންނަ އޮލިމްޕިކްސްގައި ކަމަށެވެ.

އިވެންޓްގެ ނަތީޖާ ފެނުމުން ހަފްނައޯއީ އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ
ޓާގެޓް ކުރި އިރަށް ވުރެ ހަތަރު އަހަރު ކުރިން ހަފްނައޯއީ އަށް ރަން މެޑަލް ލިބުނު އިއްޔެގެ އިވެންޓަށް ފަހު އޭނާ ބުނީ މީގެ ކުރިން މިއީ ހަމައެކަނި ހުވަފެނެއް ކަމަށާއި އެކަން ހަގީގަތަކަށްވީ ހީ ވެސް ނުކޮށް ހުއްޓައި ކަމަށެވެ.
"އަހަރެން އަމިއްލަ ނަފްސު މި ހައިރާންކޮށްލީ. މިއީ އެތައް ބަޔަކު ވެސް ހައިރާންވާނެ ފަދަ ކަމެއް. މިއީ ގަބޫލުކުރަން ވެސް ދަތި މަންޒަރުތަކެއް. އަހަރެން އެންމެ އުފާވީ އަހަރެންގެ ގައުމު (ޓިއުނީޝިއާ)ގެ ދިދަ މައްޗަށް ނަގައި ގައުމީ ސަލާމް ޖަހަމުން ދިޔަ ވަގުތު،" އުފަލުގެ ކަރުނަ ފޮހެމުން ދިން އިންޓަވިއުއެއްގައި ހަފްނައޯއީ ބުންޏެވެ.
ގައުމަށް ކަމެއް ކޮށްދެވުމުގެ އިހުސާސް ކުރެވިއްޖެ. އަހަންނަކީ އޮލިމްޕިކް ޗެމްޕިއަނެއް،"
ހަފްނައޯއީ ބުނީ 800 މީޓަރުގެ އިވެންޓްގައި ވެސް ރަނގަޅު ކާމިޔާބެއް ހޯދަން އުއްމީދުކުރާ ކަމަށާއި ބޭނުންވަނީ އަމިއްލަ ނަފްސާއި ގައުމު ހިތްހަމަޖެހޭ ފަދަ ކަމެއް ހާސިލްކުރަން ކަމަށެވެ.












