ރިޕޯޓުބްލޫ ލައިޓްގެ އަނދިރި ފަރާތް: ލޮލުގެ ފެނުމަށް އަސަރުކުރޭ!

ބްލޫ ލައިޓްގެ އަނދިރި ފަރާތް: ލޮލުގެ ފެނުމަށް އަސަރުކުރޭ!

މީހަކު ސްކްރީނެއް ކައިރީ މަސައްކަތްކުރަނީ: އާންމުކޮށް ގެންގުޅޭ ހުރިހާ ޑިޖިޓަލް ވަސީލަތްތަކުން މަންޒަރު ދައްކަނީ އާޓިފިޝަލް ބްލޫ ލައިޓް އުފައްދައިގެން. -- ފޮޓޯ: ހުސެއިން ޝަޔާހް/އަދަދު
މީހަކު ސްކްރީނެއް ކައިރީ މަސައްކަތްކުރަނީ: އާންމުކޮށް ގެންގުޅޭ ހުރިހާ ޑިޖިޓަލް ވަސީލަތްތަކުން މަންޒަރު ދައްކަނީ އާޓިފިޝަލް ބްލޫ ލައިޓް އުފައްދައިގެން. -- ފޮޓޯ: ހުސެއިން ޝަޔާހް/އަދަދު

އަހަރެމެން ގެންގުޅޭ ފޯނުތަކާއި، ޓެބްލެޓްތަކާއި، ޓީވީތަކުން މަންޒަރު ފެންނަނީ ކިހިނެއްކަން އެނގޭ ހެއްޔެވެ؟ އެކަން ކުރަނީ ލެޑް ފަދަ ބޮކިތަކުން އުފައްދާ ބްލޫ ލައިޓް ނުވަތަ ނޫ އަލި ބޭނުންކޮށްގެންނެވެ.

ދިރާސާތަކުން ދައްކާ ގޮތުގައި ވޭތުވި ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި، ހާއްސަކޮށް ކޮވިޑް-19 ބަލިމަޑުކަމުގެ ތެރޭގައި، މި ޒާތުގެ ނޫ އައްޔަށް އިންސާނާ ހުށައެޅިފައިވާ މިންވަރު ވަނީ ދެ ގުނަ ވެފަ އެވެ. މީގެ ސަބަބުން އަހަރަމެންގެ ނިދުމަށާއި، ލޮލުގެ ފެނުމަށް ނޭދެވޭ އަސަރުތައް ކުރާ ކަމަށް ސައިންސްވެރިންނާއި ޑޮކްޓަރުން އަންނަނީ ބުނަމުންނެވެ.

ބްލޫ ލައިޓް ނުވަތަ ނޫ އައްޔަކީ ކޮބާ؟

ވިސިބަލް ލައިޓް ނުވަތަ ލޮލަށް ފެންނަ އައްޔަކީ އިލެކްޓްރޯ މެގްނެޓިކް ވޭވްއެކެވެ. އަލީގެ ތެރޭގައި އަހަރަމެންގެ ލޮލަށް ފެންނަ މިންގަނޑުގައި ހުންނަ އަލިތަކާއި ނުފެންނަ މިންގަނޑުގެ ތެރޭގައި ހުންނަ އަލިތައް ހުރެ އެވެ.

މިސާލަކަށް އަލްޓްރާވައިލެޓް (ޔޫވީ) އަދި އިންފްރާރެޑް އަލި އިންސާނުންގެ ލޮލަކަށް ނުފެނެ އެވެ. ފެންނަނީ ކުލަ ސްޕެކްޓްރަމްގައި ހިމެނޭ ކުލަތަކުގެ ތެރެއިން މި ވިސިބަލް ލައިޓްތައް އެކަންޏެވެ. ލޮލަށް ފެންނަ އަލީގެ ތެރެއިން ވެސް އެންމެ ފަސޭހައިން އަހަރަމެންނަށް ފެންނަނީ ނޫ އައްޔެވެ. އެއީ ނޫ އަލީގެ ވޭވް ލެންތު ކުރު ވީމަ އެވެ.

އައިކެއާގެ މުވައްޒަފަކު އެތަނުގައި ވިއްކާ ފްރޭމެއް ދައްކާލަނީ: ހުރިހާ އުމުރެއްގެ މީހުންނަށް ބޭނުންވާ އައިނު ފްރޭމް އައިކެއާއިން ލިބެން ހުރޭ -- ފޮޓޯ: ހުސެއިން ޝަޔާހް/އަދަދު

މި ނޫ އަލީގެ ސަބަބުން ދުވާލު ގަޑީގައި މީހާގެ މިޒާޖަށާއި ކަންކަމަށް ސަމާލުކަން ދޭން އެހީތެރިވެދެ އެވެ. އެކަމަކު މިހާރު ގެންގުޅޭ ސްމާޓް އާލާތްތަކާއި، "އެނާޖީ-ސޭވިން" ބޮކިތަކާއި، ބޭރު ތެރޭގައި އިޝްތިހާރު ކުރުމުގެ ބޭނުމަށް ހަރުކޮށްފައި ހުންނަ ޑިޖިޓަލް ބިލްބޯޑްތަކުގެ ސަބަބުން މިވަނީ މަންޒަރު ބަދަލުވެފަ އެވެ. އެގޮތުން ކުރިން ދުވާލު ގަޑީގައި އިރުގެ އަލިން އެކަނި ލިބޭ ނޫ އައްޔަށް، އަހަރަމެންގެ ލޯތަށް މިހާރު ވަނީ 24 ގަޑިއިރަށް ހުށައެޅިފަ އެވެ. މައްސަލަތައް ނުކުންނަނީ މިހާ ހިސާބުންނެވެ.

ނޫ އަލިން ލޮލަށް ނުރައްކާ ވަނީ ކީއްވެ؟

ލޮލަށް ޖެހޭ ބަލިތަކުގެ ޑޮކްޓަރީ ފަރުވާގެ ހިދުމަތް ފުޅާދާއިރާއެއްގައި ފޯރުކޮށްދޭ އައިކެއާގެ ސީނިއާ ކޮންސަލްޓަންޓް އޮޕްތަމޮލޮޖިސްޓް ޑރ. އަރްޖުން މައްލާ ބާރީ "އަދަދު"އަށް ވިދާޅުވީ މި އަލިން އިންސާނުންގެ ލޮލަށް އެކިކަހަލަ ނޭދެވޭ އަސަރު ކުރާ ކަމަށެވެ.

އެގޮތުން އިންސާނުންގެ ލޮލުގެ ފެނުމަށް ސީދާ އަސަރު ކުރާ ކަމަށް އިތުރު ހެކި ބޭނުންވި ނަމަވެސް، މިހާރު ވެސް އެނގޭ ބައެއް ކަންކަން ހުރި ކަމަށް އޭނާ ފާހަގަކުރެއްވި އެވެ. އޭގެ ތެރޭގައި ކުރު މުއްދަތެއްގެ ތެރޭގައި ލޮލަށް ލިބޭ ގެއްލުންތަކާއި ދިގު މުއްދަތެއްގެ ތެރޭގައި ލޮލަށް ލިބޭ ގެއްލުން ހިމެނެ އެވެ.

އައިކެއާގެ ސީނިއާ ކޮންސަލްޓަންޓް އޮޕްތަމޮލޮޖިސްޓް ޑރ. އަރްޖުން މައްލާ ބާރީ: ރާއްޖެ އާއި ދުނިޔޭގައި ވެސް ލޮލުގެ މައްސަލަތައް އިތުރުވަމުން އަންނަ ކަމަށް ވިދާޅުވި -- ފޮޓޯ: އާއިމް ޒަމީރު/އަދަދު

ނޫ އަލީގެ ސަބަބުން އެންމެ އާންމުކޮށް ދިމާވާ މައްސަލައަކީ އައި ސްޓްރެއިން އެވެ. މީގެ ސަބަބުން މީހާ ފަސޭހައިން ވަރުބަލި ވުން ފަދަ ކަންކަން ދިމާވެ އެވެ. ދެން ދިމާވާ މައްސަލަތަކަކީ ގިނަ ދުވަހުންވާ ކަންކަމެވެ.

އެގޮތުން ގިނައިން ނޫ އަލި ލިބޭ ނަމަ، ލޮލަށް ފެންނަ މަންޒަރުތައް ސިކުނޑިއަށް ފޮނުވަދޭ ލޮލުގެ ފޮޓޯރިސެޕްޓާ އަދި ރެޓިނަލް ޕިގްމެންޓް އެޕިތީލިއަމް (އާރްޕީއީ) ރަނގަޅަށް މަސައްކަތްކުރަން ބޭނުންވާ ކެމިކަލްތައް ނުއުފައްދަ އެވެ. އަދި މީހާ ނިދަން ބޭނުންވާ މެލަޓޯނިން އުފެއްދުމަށް ވެސް ހުރަސް އެޅެ އެވެ.

މީގެ އިތުރުން އުމުރުން ދުވަސްވާ ވަރަކަށް ލޮލުގެ ފެނުމަށް ކުރާ އަސަރު ނުވަތަ އޭޖް ރިލޭޓަޑް މަސްކިއުލާ ޑީޖެނެރޭޝަން އިތުރުވާ ކަމަށް ވެސް ބެލެވެ އެވެ. ނަމަވެސް މިކަން ކަށަވަރުކުރަން އިތުރު ދިރާސާ އަދި ވަގުތު ބޭނުންވާ ކަމަށް ޑރ. އަރްޖުން ވިދާޅުވި އެވެ.

އެކަމަކު މިހާތަނަށް ޖަނަވާރު ބޭނުންކޮށްގެން ހަދާފައި ހުރި ދިރާސާތަކުން ލިބިފައިވާ މައުލޫމާތާއި އަމިއްލަ ތަޖުރިބާގެ އަލީގައި ބުރަ ވެވެނީ ދުވާލުގެ ވަގުތުން ބޭރުގައި ނޫ އަލީގެ ސަބަބުން ލޮލަށް ގިނަ ގެއްލުންތަކެއް ލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ޑރ. އަރްޖުން ވިދާޅުވީ ކޮވިޑް ބަލިމަޑުކަމުގެ ތެރޭގައި ރާއްޖޭގައި ވެސް ސްކްރީން ބޭނުންކުރާ ވަގުތުތަށް އިތުރުވުމުގެ ސަބަބުން، މިހާރު މި މައްސަލަތައް އިތުރުވެއްޖެ ކަމަށެވެ. ހާއްސަކޮށް ކުޑަކުދިންނާއި ލޮލުގެ މައްސަލަތައް ހުންނަ މީހުންގެ ތެރޭގައި މިފަދަ މައްސަލަތައް ގިނަ ކަމަށް އޭނާ ވިދާޅުވި އެވެ.

ނޫ އަލީގެ ނޭދެވޭ އަސަރުތައް ކުޑަކުރާނީ ކިހިނެއް؟

ދިރިއުޅުމުގެ ވަށައިގެން ނޫ އަލި އޮތަސް، މި އަލިން ލިބޭ ގެއްލުން ކުޑަކުރެވޭނެ ގޮތްތައް ބައިވަރެވެ. އެންމެ ފުރަތަމަ ކަމަކަށް ދުވާލާ ހަތަރު ދަމު ސްކްރީން ކައިރީގައި ގިނަ ވަގުތު ހޭދަ ކުރުން މަދުކުރުމެވެ.

އެގޮތުން ކިޔެވުމަށާއި، ވަޒީފާގެ ބޭނުމަށް ސްކްރީން ކައިރީގައި ވަގުތު ހޭދަ ކުރަން ޖެހުނު ނަމަވެސް، ކޮންމެ ބައި ގަޑިއަކުން ސްކްރީނާ ދުރަށް ޖެހިލުން މުހިންމެވެ. އަދި ސްކްރީނަށް ބަލަން ހުންނަ ވަގުތު ގިނަގިނައިން ކަޅި ޖެހުން ފަދަ ކަންކަން ކުރަން ސަމާލުވާން ޖެހެ އެވެ.

އައިކެއާއިން ވިއްކާ ބްލޫލައިޓް ފިލްޓާ ހުންނަ އައިނު: މިއީ ގިނަ އިރު ނޫ އައްޔަށް ހުށައެޅިފައިވާ ލޯތައް ރައްކާތެރިކަން މުހިންމު އާލާތެއް -- ފޮޓޯ: ހުސެއިން ޝަޔާހް/އަދަދު

އޭގެ އިތުރުން ގޭގައި ބޭނުންކުރާ ބޮކިތަކުގެ ތެރެއިން ރޭގަނޑު ދިއްލަން ބޭނުންކުރާ ބޮކީގައި ރަތް އަލި ގިނަ ބޮކި ބޭނުންކުރުން ފަދަ ކަންކަން ކުރެވޭނެ އެވެ. އަދި ޓީވީ ބަލާ ވަގުތުތައް މަދުކޮށް، ސްމާޓް ފޯންތަކުގެ ބްލޫ ލައިޓް ފިލްޓާގެ ބޭޏުން ކުރުމަކީ ވެސް ކުރެވިދާނެ ކަންކަމެވެ.

ބްލޫ ލައިޓް ފިލްޓާ އައިނަކީ ވެސް ނޫ އަލިން ލޮލަށް ކުރާ އަސަރު ކުޑަކުރަން ބޭނުންކުރެވިދާނެ އެއްޗެކެވެ. މިއަދުގެ ޑިޖިޓަލް ޒަމާނުގައި ގޭތެރެއިންނާއި ބޭރުތެރެއިން ނޫ އައްޔަށް ލޯ ހުށައެޅޭ މިންވަރު ކިތަންމެ ވަރަކަށް އިތުރު ވިޔަސް، ތިމާގެ އާދަތަކަށް ގެންނަ ބަދަލުތަކުން ލޮލުގެ ސިއްހަތަށް ރައްކާތެރިވެވޭނެ އެވެ.

އަމަން ހަލީމް

ޖާނަލިސްޓް

އަމަން ހަލީމް އަކީ ހުނަރުވެރި އުއްމީދީ ނޫސްވެރިއެކެވެ. އަދި ޓީވީ ޕްރެޒެންޓަރެއް ވެސް މެ އެވެ. ސިޔާސީ ދާއިރާ އިން ފެށިގެން ވިޔަފާރި އާއި އިގުސާދީ ދާއިރާގައި ވެސް އޭނާގެ ގަލަން ހިނގަ އެވެ. އޭނާ ކުރިން މަސައްކަތްކުރީ "ރާއްޖެ ޓީވީ" ގަ އެވެ.

ކޮމެންޓް

Stay in the loop

Get the latest news and reports delivered straight to your inbox