ދިވެހި މުޖުތަމައުއަށް އެންމެ ބޮޑަށް ފައިދާ ކުރަނިވި ތަރައްގީގެ މަޝްރޫއުތައް ހިންގަން އަވަށްޓެރި އިންޑިއާއިން ދީފައިވާ ހިލޭ އެހީ 155 މިލިއަން ރުފިޔާއަށް މިއަދު އިތުރުކޮށްދީފި އެވެ.
އިންޑިއާގެ ކުރީގެ ފޮރިން މިނިސްޓަރު ސުޝްމާ ސުވަރާޖް 2019 ވަނަ އަހަރުގެ ތެރޭގައި ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި މުޖުތަމައުއަށް ފައިދާ ކުރަނިވި އިޖުތިމާއީ އަދި އިގުތިސޯދީ މަޝްރޫއުތަކަށް އިންޑިއާއިން ދޭ ހިލޭ އެހީގެ ގޮތުގައި އެންމެ ފުރަތަމަ ސޮއި ކުރެވުނީ 85 މިލިއަން ރުފިޔާގެ އެއްބަސްވުމެއްގަ އެވެ.
އިންޑިއާގެ ދައުވަތަކަށް އދ.ގެ އާންމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެ ގައުމަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ އެއްބަސްވުން އާ ކޮށް، ހިލޭ އެހީގެ ގޮތުގައި ދޭ ފައިސާގެ އަދަދު މިއަދު ވަނީ 155 މިލިއަން ރުފިޔާއަށް އިތުރުކޮށްދީފަ އެވެ.
އެ އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ޝާހިދު ސޮއި ކުރެއްވިއިރު، އިންޑިއާގެ ސަރުކާރުގެ ފަރާތުން ސޮއި ކުރައްވާފައިވަނީ އެގައުމުގެ ފޮރިން މިނިސްޓަރު ޑރ. ޖަޔަޝަންކަރެވެ.

އެ އެއްބަސްވުމުގެ ދަށުން އެހީ ފޯރުކޮށްދޭ މައިގަނޑު ދާއިރާތަކުގެ ތެރޭގައި އިޖުތިމާއީ އަދި އިގުތިސޯދީ ކުދި މަޝްރޫއުތަކާއި، ތިމާވެށި ހިމާޔަތްކުރުމާއި އަންހެނުން ބާރުވެރި ކުރުމާއި ކުޑަކުދިންގެ ހައްގުތައް ހިމާޔަތްކުރުމުގެ އިތުރުން ދިވެހިންގެ ފަންނީ ގާބިލުކަން އިތުރުކުރުން ހިމެނެ އެވެ.
އެފަދަ މަޝްރޫއުތަކަށް އިންޑިއާއިން ދޭ އެހީގެ އަދަދު މިއަދު އިތުރުކޮށްދެވިފައިވާއިރު، އެ އެއްބަސްވުމުގެ ދަށުން 2019 ވަނަ އަހަރުން ފެށިގެން ޖުމްލަ 12 މަޝްރޫއުއެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަންނަނީ ހިންގަމުންނެވެ.
އޭގެ ތެރޭގައި ހަތަރު ރަށެއްގައި ގޭދޮށު މަސް ފެކްޓަރީ ގާއިމުކުރުމާއި، ޓޫރިޒަމް ޒޯނު ތަރައްގީ ކުރުމާއި، އައްޑޫ ސިޓީގެ ހުޅުދޫގައި ޑީޓޮކްސް ސެންޓަރެއް ގާއިމުކުރުމުގެ އިތުރުން ހއ. ހޯރަފުށިގައި ފެން ބަންދުކުރާ ޕްލާންޓެއް ގާއިމުކުރުން ހިމެނެ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައި އިންޑިއާއާއެކު އޮންނަ ޒަމާންވީ ގުޅުން ވަރަށް ބޮޑަށް ހީނަރުވެފައި އޮތުމަށްފަހު، މި ސަރުކާރުގައި އެ ގުޅުން ވަނީ ވަރަށް ބޮޑަށް ބަދަހިވެފަ އެވެ.
އެގޮތުން، އިންޑިއާއިން ދަނީ ތިލަފުއްޓާއި މާލެ ގުޅާލުމުގެ ބުރިޖު މަޝްރޫއުގެ އިތުރުން ގުޅިފަޅަށް ބަނދަރު ބަދަލުކުރުންފަދަ ބިޔަ މަޝްރޫއުތަކަށް ވެސް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
އޭގެ އިތުރުން، ކޮވިޑުގެ ބަލިމަޑުކަމުގެ ތެރެއިން ވެސް އިންޑިއާއިން ދަނީ ރާއްޖެއަށް މެދުނުކެނޑި ގިނަ އެހީތަކެއް ވަމުންނެވެ.
މި ސަރުކާރު އައި ފަހުން، އިންޑިއާއިން ހިލޭ އެހީ އާއި ލޯނުގެ ގޮތުގައި ފޯރުކޮށްދީފައިވާ ފައިސާގެ އަދަދު މިހާރު ވަނީ ދެ ބިލިއަން އެމެރިކާ ޑޮލަރު ހުރަސްކޮށްފަ އެވެ.












