އދ.ގެ އާންމު މަޖިލީހުގެ އިންތިހާބީ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ މިއަދު ބައްދަލުކުރައްވައިފި އެވެ.
އިންޑިއާގެ ދައުވަތަކަށް ޝާހިދު އިންޑިއާގެ ވެރިރަށް ނިއު ދިއްލީއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި މޯދީއާ ބައްދަލުކުރައްވައި މެދުނުކެނޑި އިންޑިއާއިން ރާއްޖެއަށް، ހާއްސަކޮށް ކޮވިޑު އާ ގުޅިގެން ފޯރުކޮށްދެމުންދާ އެހީތެރިކަމަށް އިންޑިއާ ސަރުކާރާށް ޝުކުރު އަދާކުރައްވައިފަ އެވެ.
އަދި ރާއްޖެއިން އދ.ގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރިޔާސަތަށް އިންތިހާބުވުމަށް ކުރި ކެމްޕޭންގައި އިންޑިއާއިން ތާއީދުކޮށްދިނީތީ އިންޑިއާ ސަރުކާރަށް ޝާހިދު ވަނީ ޝުކުރު އަދާކުރައްވައިފަ އެވެ.
އަދި އަންނަ ސެޕްޓެމްބަރު މަހު ފެށޭ ދައުރުގައި ޝާހިދުގެ "އުއްމީދުގެ ރިޔާސަތު"ގައި 76 ވަނަ ސެޝަންގައި ކުރައްވަން އިސްކަން ދެއްވާ މަސައްކަތްޕުޅުތަކާ ބެހޭ މައުލޫމާތު މޯދީއާ ހިއްސާކުރެއްވި ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
އިންޑިއާ ސަރުކާރުގެ ދައުވަތަކަށް އދ.ގެ އާންމު މަޖިލީހިގެ އިންތިހާބީ ރައީސްގެ ހައިސިއްޔަތުން ޝާހިދު ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި މޯދީގެ އިތުރުން އިންޑިއާގެ ފޮރިން މިނިސްޓަރު ޑރ. ޖައިޝަންކަރާ ބައްދަލުކުރައްވަން ވެސް ވަނީ ހަމަޖެހިފަ އެވެ.

މާދަމާގެ ނިޔަލަށް ޝާހިދު ކުރައްވާ ދަތުރުފުޅުގައި، ބައިނަލްއަގުވާމީ މަޝްވަރާތަކުގެ އިތުރުން ރާއްޖެއާއެކު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމާގުޅޭ މަޝްވަރާތައް ވެސް ކުރިއަށްދާނެ ކަމަށް އިންޑިއާ ސަރުކާރުން ވަނީ ބުނެފަ އެވެ.
ދެ ގައުމުގެ ދެމެދުގައި ތަރައްގީގެ އިތުރު މަޝްރޫއުތަކެއްގެ އެއްބަސްވުމެއްގައި ސޮއި ކުރެވޭނެ ކަމަށް އިންޑިއާ ސަރުކާރުން ބުނެފައި ވެ އެވެ.













