ގެއްލިގެން ހޯދި މިސްބާހު ރާއްޖެ އައުމުން ހައްޔަރުކޮށްފި

ގެއްލިގެން ހޯދަމުން ދިޔަ މިސްބާހު މުހައްމަދު: މީނާއަކީ ޑްރަގް ނެޓްވޯކަކުން ރަހުނުކޮށްފައި ހުރި މީހެއް ކަމަށް ފުލުހުން ބުނޭ -- ފޮޓޯ: ފުލުހުން

ގެއްލިގެން ހޯދަމުން ދިޔަ މިސްބާހު މުހައްމަދު: މީނާއަކީ ޑްރަގް ނެޓްވޯކަކުން ރަހުނުކޮށްފައި ހުރި މީހެއް ކަމަށް ފުލުހުން ބުނޭ -- ފޮޓޯ: ފުލުހުން

ރާއްޖޭގައި ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ޑްރަގް ނެޓްވޯކަކުން ޕާކިސްތާނުގައި ރަހުނުކޮށްފައި ހުރި ކަމަށް ބުނާ މިސްބާހު މުހައްމަދު އަނބުރާ ރާއްޖެ އަތުވެއްޖެ އެވެ.

ހދ. ނޮޅިވަރަންފަރު، މޯނިންސަން މިސްބާހު ވީނުވީއެއް ނޭނގިގެން އޭނާގެ އާއިލާއިން ހޯދަން ފެށީ މިދިޔަ މެއި މަހުގެ ތެރޭގަ އެވެ. އޭރު އޭނާ ހޯދަމުން ދަނިކޮށް އޭނާ ދިރިއުޅެމުން ގެންދިޔައީ ޕާކިސްތާނުގައި ކަމަށް މައުލޫމާތު ލިބިފައި ވެއެވެ. އަދި ހުސްވި ޖޫން މަހު ފުލުހުން ވަނީ އޭނާ ހުރީ ޑްރަގް ނެޓްވޯކަކުން މަސްތުވާތަކެތި ރާއްޖެ ގެންނަން "ރަހުނުކޮށްފައި" ކަމަށް ބުނެފަ އެވެ.

އެކަމަކު އެ ފަހުން އޭނާ ވަނީ ތިމަންނާ ހުރީ ރަހުނުކޮށްފައި ނޫން ކަމަށް ބުނެ ސޯޝަލް މީޑިއާގައި ވީޑިއޯއެއް އާންމުކޮށްފަ އެވެ. އެކަމަކު ފުލުހުން ވަނީ އެ ވާހަކަތައް ދޮގުކޮށްފަ އެވެ.

މިސްބާހު ރާއްޖެ އައުމުން ފުލުހުން ވަނީ އޭނާ ހައްޔަރުކޮށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއާ ހަވާލުކޮށްފަ އެވެ. ފުލުހުން ބުނީ އޭނާ ކަރެކްޝަނާ ހަވާލުކުރީ މަސްތުވާތަކެތީގެ އެހެން މައްސަލައެއްގައި އޭނާގެ މައްޗަށް ކޮށްފައިވާ ހުކުމް ތަންފީޒުކުރުމަށް ކަމަށެވެ. އަދި ޑްރަގް ނެޓްވޯކާ ގުޅިގެން ޕާކިސްތާނަށް ދިޔަ މައްސަލަ ވަކި މައްސަލައެއްގެ ގޮތުގައި ބަލާނެ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

މިސްބާހުގެ މައްސަލައިގައި ފުލުހުން ބުނީ އޭނާ ފުރަތަމަ ރާއްޖެއިން ފުރައިގެން ދިޔައީ އޭނާ ގުޅިގެން އުޅޭ ޑްރަގް ނެޓްވޯކުގެ ބޮޑަކާ އެކު މިދިޔަ އަހަރުގެ ނޮވެމްބަރުގެ ތެރޭގައި ޑުބާއީއަށް ކަމަށެވެ. އޭނާއާ އެކު ދަތުރުކުރި ބޮޑަކީ ރާއްޖެއަށް ކަނޑުމަގުން "މަސްޖަރީ-2" ދޯނީގައި 72 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރަން އުޅުނު މައްސަލައިގައި ތުހުމަތުކުރެވޭ ސ. ހުޅުދޫ، ދޭލިޔާގެ، އިރުފާން ތަގިއްޔު އެވެ.

އޭގެ ފަހުން އިރުފާން ނޮވެމްބަރު 22 ގައި ރާއްޖެ އައި ނަމަވެސް، އޭގެ ޖެހިގެން އައި ދުވަހު މިސްބާހު ދަތުރުކުރީ ޕާކިސްތާނަށެވެ. އަދި ފުލުހުން ބުނާ ގޮތުން އެ ދުވަހުން ފެށިގެން އޭނާ ހުރީ އެ ނެޓްވޯކުން ގެނައި މަސްތުވާތަކެތީގެ އަގު އަދާކުރެވެންދެން ގެރެންޓީއެއްގެ ގޮތުގައި ރަހުނުކޮށްފަ އެވެ.

މި 72 ކިލޯގެ މައްސަލައިގައި އިރުފާން ހިމެނޭ ގޮތަށް 10 މީހެއްގެ މައްޗަށް ދައުވާކޮށް ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުން ވަނީ ފެބްރުއަރީ މަހު ކޯޓަށް މައްސަލަ ފޮނުވާފަ އެވެ. އޭގެ ފަހުން މި މައްސަލައާ ގުޅޭ އިތުރު މައުލޫމާތުތަކެއް ހިއްސާކޮށްފައެއް ނުވެ އެވެ.

ފުލުހުން ބުނި ގޮތުގައި ރާއްޖެއަށް ބޮޑެތި އަދަދުތަކުން މަސްތުވާތަކެތި އެތެރެކުރަން ދިވެހިންނާ ގުޅިގެން އުޅޭ ބޭރުގެ ނެޓްވޯކްތަކުން މަސްތުވާތަކެތި ދޫކުރަނީ ފައިސާ ލިބެންދެން ރަހުނުގެ ގޮތުގައި މީހަކު ބަހައްޓާ ގޮތަށެވެ. އަދި މިފަހުން ކަނޑުމަގުން ރާއްޖެ އެތެރެކުރަން އުޅެނިކޮށް އަތުލައިގެންފައިވާ ގިނަ މަސްތުވާ ނެޓްވޯކްތައް އޮޕަރޭޓް ކުރަނީ މި އުސޫލުން ކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލޯ ޑިގްރީ އިމްތިހާނަށް މާލެ އަންނާކަށް ނުޖެހޭނެ: ބާ ކައުންސިލް

ލޯ ޑިގްރީގެ އިމްތިހާނުތައް ހެދުމަށް މާލެއަށް ނުވަތަ ވަކި ހާއްސަ ރަށަކަށް ހާޒިރުވުން ލާޒިމު ނޫން ކަމަށާއި، ދަރިވަރުން ދިރިއުޅޭ ރަށެއްގެ ސްކޫލް ނުވަތަ ކައުންސިލް މެދުވެރިކޮށް އިމްތިހާނު ހެދޭނެ މަގު ބާ ކައުންސިލުން ފަހިކޮށްދީފިއެވެ. އަންނަ އަހަރުން ފެށިގެން އަމަލުކުރާ މި އުސޫލުގެ ދަށުން އިމްތިހާނު ހަދާ ގޮތަށް ބަދަލު އައި ނަމަވެސް، ކޯހުގެ މަންހަޖާއި ކިޔަވައިދޭ މުއްދަތަށް އެއްވެސް ބަދަލެއް ނާންނާނެއެވެ.

ތަރައްގީގެ އެއްވެސް ކަމެއް ކުރުމަށް ލާރިއެއް ނެތް: ޝާކިރު

އަންނަ އަހަރުގެ ބަޖެޓުގައި ރިކަރަންޓް ހަރަދަށް ކެނޑުމަށްފަހު ތަރައްގީގެ މަޝްރޫއުތަކަށް ފައިސާ ނެތް ކަމަށް ވިދާޅުވެ މެންބަރު އަހުމަދު ޝާކިރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ ދައުލަތުގެ އާމްދަނީގެ ބޮޑުބައެއް ހަރަދުވަނީ ރިކަރަންޓް ކަންކަމަށް ކަމަށާއި، މަޝްރޫއުތައް ހިންގަން ޖެހެނީ އިތުރަށް ދަރަނި ނަގައިގެން ކަމަށެވެ. މީގެ އިތުރުން ސަރުކާރު ކުންފުނިތަކުން ބޮޑެތި ގެއްލުންވަމުންދާ ދިއުމަށްވެސް އޭނާ ވަނީ ފާޑުވިދާޅުވެފައެވެ.

"ސިޓިޒަންސް ކޮމްޕްލެއިންޓްސް" ލައުންޖުތަކެއް ގާއިމުކޮށްފި

ރައްޔިތުންގެ ޝަކުވާތަކާއި ކަންބޮޑުވުންތައް ސަރުކާރަށް ހުށަހެޅުމަށްޓަކައި މާލެ އާއި ހުޅުމާލޭގައި "ސިޓިޒަންސް ކޮމްޕްލެއިންޓްސް" ބިއުރޯގެ ދެ ލައުންޖެއް މިއަދު ވަނީ ހުޅުވައިފައެވެ. ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހަކު ޚިދުމަތް ދޭ މި އޮފީސްތަކަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދަށުން ހިންގާ، ރައްޔިތުންގެ މައްސަލަތަކަށް ހައްލު ހޯދައިދިނުމަށް ގާއިމުކުރި ތަންތަނެވެ.

ރިއަލް އެސްޓޭޓު ބިލު މަޖިލީހަށް ބަލައިގަނެފި

މި ބިލު ބަލައިގަންނަން ވޯޓު ދިނީ 42 މެންބަރުން. ބިލާ ދެކޮޅަށް ވޯޓު ދެއްވީ އެމްޑީޕީގެ 13 މެންބަރުން. މި ބިލު ދިރާސާކުރާނީ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީން. މިއީ ގާނޫނުއަސާސީގެ ހިމާޔަތްތައް ނައްތާލައި، ތާއަބަދަށް ނުވަތަ ހުސްނުވާ ގޮތަށް ބޭރު މީހުންނަށް ބިން މިލްކުކުރެވޭނެ ގޮތް ހެދުމަށް އިންތިޒާމުތަކެއް ހިމަނާފައިވާ ބިލެއް

ބޮޑެތި ޖޫރިމަނާތަކެއް ހިމަނާފައިވާ އަބުރުގެ ބިލު ކޮމިޓީއަށް

ސޯޝަލް މީޑިއާގައި މީހެއްގެ އަބުރާ ބެހޭ ފަދަ ޕޯސްޓެއް ހިއްސާކޮށްފިނަމަ 5 ލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭ ގޮތަށް ހުށަހެޅި އަބުރުގެ ބިލު މަޖިލީހަށް ބަލައިގަނެ ކޮމިޓީއަށް ފޮނުވައިފިއެވެ. މި ބިލުގައި ބަހާއި، ފޮޓޯއާއި، އިޝާރާތް އަދި ފިލްމު ފަދަ ވަސީލަތްތައް މެދުވެރިކޮށް އަބުރާ ބެހުމުގެ ދައުވާ ކުރެވޭނެ ގޮތްތައް ބަޔާންކޮށްފައިވެއެވެ.

މަރުގެ އަދަބު ތަންފީޒު ކުރާ ބިލު ބަލައިގެންފި

ދަންޖައްސައިގެން މަރުގެ އަދަބު ތަންފީޒުކުރާ ގޮތަށް ސަރުކާރުން ހުށަހެޅި ބިލު ރައްޔިތުންގެ މަޖިލީހަށް މިއަދު ބަލައިގެންފިއެވެ. މި ބިލުގައި މަރުގެ އަދަބު ތަންފީޒުކުރާނެ ގޮތާއި، އެކަން ހިންގާނެ ޕެނަލެއް އެކުލަވާލުމުގެ އިތުރުން، ބަލިވެއިނުމާއި ދަރިފުޅަށް ދެ އަހަރު ފުރުން ފަދަ އަދަބު ތަންފީޒުނުކުރެވޭނެ ހާލަތްތައް ބަޔާންކޮށްފައިވެއެވެ.

ތިން ކުންފުންޏެއްގެ މަނީ އެކްސްޗޭންޖު ލައިސަންސް ބާތިލްކޮށްފި

މަނީ ޗޭންޖިން ގަވާއިދާ ތަކުރާރުކޮށް ހިލާފުވި ތިން ކުންފުންޏެއްގެ ލައިސަންސް އެމްއެމްއޭ އިން ބާތިލުކޮށް، އެ ކުންފުނިތައް ބޮޑެތި އަދަދުތަކުން ޖޫރިމަނާކޮށްފިއެވެ. މި ފިޔަވަޅަކީ ބޭރު ފައިސާގެ ބާޒާރު ކޮންޓްރޯލްކޮށް، ގަވާއިދާ ހިލާފު މުއާމަލާތްތައް ހުއްޓުވުމަށް އެމްއެމްއޭ އިން ކުރަމުންދާ މަސައްކަތުގެ ތެރެއިން އެޅި ފިޔަވަޅެކެވެ.

Newsletter

Get the latest news delivered straight to your inbox