އދ.ގެ އާންމު މަޖިލީހުގެ އާ ދައުރުގައި އެންމެ އިސްކަމެއް ދެއްވާނީ މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ކޮވިޑުގެ ބަލިމަޑުކަމުން އަރައިގަތުމަށްކަމަށް އެ މަޖިލީހުގެ އިންތިހާބީ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެ އެވެ.
އދ. ގެ އާންމު މަޖިލީހުގެ ރައީސް ކަމުގެ މަގާމާ އަންނަ ސެޕްޓެމްބަރު މަހު ހަވާލުވެވަޑައިގަންނަވާ ޝާހިދު ވަނީ އެ މަގާމުގެ ހައިސިއްޔަތުން ކުރައްވާ ރަސްމީ ދަތުރުފުޅިތަކުގެ ފުރަތަމަ މަންޒިލަކަށް އަވަށްޓެރި އިންޑިއާއަށް ވަޑައިގެންފަ އެވެ.
އިންޑިއަން ކައުންސިލް އޮފް ވާލްޑް އެފެއާޒް ނުވަތަ ސެޕްރޫ ހައުސްގައި މިއަދު ދެއްވި ލެކްޗާއެއްގައި ޝާހިދު ވަނީ ހަމަހަމަކަމާއެކު ހުރިހާ ގައުމުތަކަށް ކޮވިޑު ވެކްސިން ފޯރުކޮށްދޭން މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަން ތަކުރާރުކުރައްވައިފަ އެވެ.
ޝާހިދު މިއަދު ވެސް ވިދާޅުވި ގޮތުގައި މި ބަލިމަޑުކަމުން އަރައިގަނެވެން އޮތް ހަމައެކަނި މަގަކީ ވީހާވެސް ގިނަ ބަޔަކަށް ވެކްސިން ފޯރުކޮށްދިނުމެވެ.

ކޮވިޑުގެ ބަލިމަޑުކަމުގެ ނޭދެވޭ އަސަރުތަކުން މާޔޫސްވެފައިތިބި ގައުމުތަކުގެ ރައްޔިތުންނަށް އެކަމުން އަރައިގަނެވެން އެންމެ ވަރުގަދަ ހަތިޔާރަކީ އުއްމީދުކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.
އެކަން ހާސިލުކުރުމުގެ އެންމެ އިސް ދައުރެއް އަދާކުރެވޭނީ އދ. އަށް ކަން ފާހަގަކުރައްވަމުން ޝާހިދު ވިދާޅުވީ މިއީ ގައުމުތައް ގުޅިގެން އެކުގައި މަސައްކަތް ކުރުމަށް ލިބޭ ރަނުގެ ފުރުސަތެއް ކަމަށެވެ.
އެގޮތުން އެ ފުރުސަތުގެ ބޭނުން ހިފައިގެން އދ. ގައުމުތަކުގެ އިތުރުން ރައްޔިތުންނަށާއި ދުނިޔެއަށް ރަނގަޅު މަސައްކަތެއް ކޮށްދެވޭނެކަމަށް ޝާހިދު ވިދާޅުވި އެވެ.
އިންޑިއާގެ ސަރުކާރުގެ ދައުވަތަކަށް ޝާހިދު ކުރައްވާ ދަތުރުފުޅުގައި، ބައިނަލްއަގުވާމީ މަޝްވަރާތަކުގެ އިތުރުން ރާއްޖެއާއެކު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމާގުޅޭ މަޝްވަރާތައް ވެސް ކުރިއަށްދާނެ ކަމަށް އިންޑިއާ ސަރުކާރުން ވަނީ ބުނެފަ އެވެ.
އެގޮތުން، އެ ދަތުރުފުޅުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި ފޮރިން މިނިސްޓަރު ޑރ. ޖައިޝަންކަރާ ބައްދަލުކުރައްވަން ހަމަޖެހިފައިވާއިރު، ދެ ގައުމުގެ ދެމެދުގައި ތަރައްގީގެ އިތުރު މަޝްރޫއުތަކެއްގެ އެއްބަސްވުމެއްގައި ސޮއި ކުރެވޭނެ ކަމަށް ބުނެފައި ވެ އެވެ.
އދ.ގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސް ކަމަށް ބޮޑު އަގުލަބިއްޔަތަކުން ޝާހިދު އިންތިހާބުވެފައިވަނީ އިންޑިއާގެ ތާއީދާއެކު އެވެ.
އާންމު މަޖިލީހުގެ ރައީސްކަމާ ޝާހިދު ރަސްމީކޮށް ހަވާލުވެވަޑައިގަންނަވާނީ އަންނަ ސެޕްޓެމްބަރު މަހު ފެށޭ އދ.ގެ އާ ދައުރާ އެކު އެވެ.













