ބާސެލޯނާ (ޖުލައި 23) - ބާސެލޯނާގެ މާލީ ހާލަތާއި މުސާރައިގެ ކަންތައްތައް މެނޭޖްކުރުމުގެ ގޮތުން ވަކި ކުޅުންތެރިންތަކެއް ވިއްކާލަން ޕްރެޝަރެއް ނެތް ކަމަށް އެ ކްލަބްގެ ރައީސް ޖޮއާން ލަޕޯޓާ ވިދާޅުވެއްޖެ އެވެ.
މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ބާސެލޯނާ އިން ވަނީ ސީނިއާ ޓީމަށް ހަތަރު ޓްރާންސްފާއެއް ކޮށްފަ އެވެ. އެއީ ހިލޭ ޓްރާންސްފާއެއްގެ ދަށުން އެ ޓީމާ ގުޅުނު މެންޗެސްޓާ ސިޓީގެ ސާޖިއޯ އަގުއޭރޯ، އެރިކް ގާސިއާގެ އިތުރުން ލިޔޯންގެ މެމްފިސް ޑިޕާއި އެވެ. އޭގެ އިތުރުން ނުވަ މިލިއަން ޑޮލަރަށް ގަތް ބެޓިސްގެ ބްރެޒިލްގެ ފުލްބެކް އެމަސަން އެވެ.
މި ކުޅުންތެރިން ލައްވައި ބާސެލޯނާ އިން ކޮންޓްރެކްޓެއްގައި ސޮއިކުރި ނަމަވެސް މިހާތަނަށް އެއްވެސް ކުޅުންތެރިއަކު ރަސްމީކޮށް ކްލަބްގައި ރަޖިސްޓްރީ ކުރެވިފައި ނުވެ އެވެ. ބާސެލޯނާ އަށް އެކަން ކުރެވެން އޮތީ އެ ކްލަބްގެ މުސާރަ ޝީޓުން 230 މިލިއަން ޑޮލަރު މަދު ކޮށްގެންނެވެ.
އެކަން ކުރުމުގެ ފުރަތަމަ މަރުހަލާ އަކީ ޓީމުގެ ކެޕްޓަން ލިއޮނަލް މެސީ އާ ކޮންޓްރެކްޓެއް ހަދާއިރު އޭގެ އަގު ކުޑަކުރުމެވެ. ދެ ވަނަ ކަމަކީ ބާސެލޯނާގައި ތިބި ބޮޑު މުސާރަ ލިބޭ ކުޅުންތެރިންތަކެއް ދޫކޮށްލުމެވެ. މެސީގެ މުސާރަ ކުޑަކޮށް ކްލަބްގައި މަޑުކުރަން ވަނީ ނިންމައިފަ އެވެ.
ލަޕޯޓާ ވިދާޅުވީ ކުޅުންތެރިންތަކެއް ނުވިއްކައި ވެސް ބާސެލޯނާ އަށް މިހާރު އޮތް ހާލަތުން އަރައިގަނެވޭނެ ގޮތްތަކެއް ހޯދޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށެވެ.
"ވަކި ކަންތައްތަކެއް ކުރުމަށް އަހަރެމެންނަށް އެބަހުރި ދަތިތަކެއް. އެކަމަކު މި ހުރި ދަތިތަކުގެ ތެރެެއިން ކުޅުންތެރިން ވިއްކާލަން އެ ޕްރެޝަރެއް ނެތް. އަހަރެމެން ބޭނުންވާ ކުޅުންތެރިން ވެސް ދޫކޮށްލަން ޖެހޭ ފަދަ ހާލަތެއް ނޫން މި އޮތީ،" ކަޓަލާން ރޭޑިއޯ އަށް ދިން އިންޓަވިއުއެއްގައި ލަޕޯޓާ ވިދާޅުވި އެވެ.
ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން ބާސެލޯނާ އިން ދޫކޮށްލަން ނިންމާފައިވާ ކުޅުންތެރިންނަކީ ފިލިއްޕޭ ކުޓީނިއޯ، ސެމިއުލް އުމްޓީޓީ، މިރަލެމް ޕިޔަނިޗް އަދި އެންޓޮއިން ގްރީޒްމަން އެވެ. މި ކުޅުންތެރިން ދޫކޮށްލައިފިނަމަ ބާސެލޯނާ އަށް އާ ކުޅުންތެރިންތައް ރަޖިސްޓްރީ ކުރެވޭ ވަރަށް މުސާރަތައް ކޮންޓްރޯލް ކުރެވޭނެ އެވެ. މީގެ ތެރެއިން އެންމެ ޑިމާންޑް ބޮޑީ ގްރީޒްމަން އަށެވެ.
އެކަމަކު، ލަޕޯޓާ ވަނީ ގްރީޒްމަން ވިއްކާލުމުގެ ވިސްނުމެއް ނެތް ކަމަށް ވިދާޅުވެފަ އެވެ.
"އޭނަ (ގްރީޒްމަން)ގެ ކޮންޓްރެކްޓެއް އެބައޮތް. އަހަރެމެން ޓީމު އެކުލަވާލަނީ އޭނަ ހިމަނައިގެން. ޓްރާންސްފާ ވާހަކަ ތަކެއް ދެކެވުނަސް އޭނަ ވިއްކާލަން ސީދާ މަސައްކަތް ކޮށްފައެއް ނުވާނެ،" ލަޕޯޓާ ވިދާޅުވި އެވެ.
ދާދި ފަހުން ބާސެލޯނާގެ ސްޕޯޓިން ޑިރެކްޓަރު މަޓެއު އަލެމާނީ ބުނީ މި މަހުގެ ނިޔަލަށް ބާސެލޯނާ އިން މުސާރަ ކޮންޓްރޯލް ކުރުމުގައި ކުރަން ޖެހޭ ކަންތައްތަކާ ބެހޭގޮތުން ލަލީގާއާ ވާހަކަ ދެކެވި ހުރި މައްސަލަތަކަށް ހައްލެއް ހޯދާނެ ކަމުގެ އުއްމީދު އެބައޮތް ކަމަށެވެ.












