ކޮވިޑްގެ ވެކްސިން ފުރިހަމަކޮށްފައިވާ މީހުން ރާއްޖޭން ބޭރުން އައިސް ކަރަންޓީނުވާން ނުޖެހޭ ގޮތަށް އުސޫލަށް ބަދަލު ގެނެސްފި އެވެ.
އެޗްޕީއޭއިން މިރޭ އާންމުކުރި އުސޫލުގައިވާ ގޮތުގައި ޑަބްލިއުއެޗްއޯގެ އިމަޖެންސީ ޔޫސް ލިސްޓްގައި ހިމެނޭ ކޮވިޑް ވެކްސިނެއް ފުރިހަމަކޮށް، 14 ދުވަސް ވެފައިވާ މީހެއްނަމަ ރާއްޖެ އެތެރެވުމަށްފަހު ކަރަންޓީނުވާކަށް ނުޖެހޭނެ އެވެ.
އޭގެއިތުރުން ކޮވިޑަށް ޕޮޒިޓިވްވެ، ބަލިން ރަނގަޅުވިތާ 60 ދުވަސް ނުވާ މީހެއް ނަމަވެސް، ރާއްޖެ އެތެރެވުމަށްފަހު ކަރަންޓީނުވާކަށް ނުޖެހޭނެ އެވެ.
އުސޫލުގައިވާ ގޮތުން ވެކްސިން ފުރިހަމަކޮށްފައިވާ މީހުންނާއި ބަލިން ރަނގަޅުވި މީހުންނާއެކު ދަތުރުކުރާ ކުޑަކުދިން ވެސް ކަރަންޓީނުވާކަށް ނުޖެހޭނެ އެވެ.
އެ ނޫން މީހުން މިހާރު ވެސް އަމަލު ކުރަމުންދާ އުސޫލުން ރާއްޖެ އެތެރެވުމަށްފަހު 14 ދުވަހުގެ ކަރަންޓީނު ފުރިހަމަ ކުރަން ޖެހޭނެ އެވެ. އެމީހުންނަށް ކަރަންޓީނުން ވީއްލޭނީ ޕީސީއާރް ޓެސްޓް ހަދައި، ނަތީޖާ ނެގެޓިވްވުމުންނެވެ.

އެޗްޕީއޭއިން މިރޭ އާންމުކުރި އުސޫލުގައިވާ ގޮތުން ކަރަންޓީނުވާން ނުޖެހޭ މީހުންގެ އަތުގައި 72 ގަޑިއިރު ނުވާ ނެގެޓިވް ޕީސީއާރް ނަތީޖާއެއް އޮންނަން ޖެހޭނެ އެވެ. އަދި، ވެކްސިން ފުރިހަމަކޮށްފައިވާ މީހުންނާއެކު އެތެރެވާ ކުދިން، އެތެރެވާތާ 5-7 ދުވަހުގެ ތެރޭ ޕީސީއާރް ޓެސްޓް ހަދަން ޖެހޭނެ އެވެ.
މި އުސޫލު ހިނގާނީ މި މަހުގެ 26 ވަނަ ދުވަހުން ފެށިގެން ދިވެހިންނާއި ވޯކް ޕާމިޓްގައި ރާއްޖެ އެތެރެވާ ބިދޭސީންނަށެވެ. އެޗްޕީއޭއިން ވަނީ ރާއްޖޭން ބޭރުން ދަތުރުކުރާއިރު ހާލު ބެލުން ޕޯޓަލް މެދުވެރިކޮށް ދުރާލާ ހުއްދަ ހޯދުމަށް ވެސް އަންގާފަ އެވެ.
ވެކްސިންގެ ދެ ޑޯޒު ފުރިހަމަކޮށްފައިވާ މީހުންނާއި ބަލި ޖެހި ރަނގަޅުވެފައިވާ މީހުންނަށް ރާއްޖޭގެ އެތެރޭގައި ދަތުރުކުރުމުގައި ވެސް މީގެކުރިން ވަނީ ލުއިދީފަ އެވެ. އެގޮތުން މިހާރު މާލޭން ރަށްރަށަށް ކަރަންޓީނުވުމަކާ ނުލާ ދަތުރު ކުރެވެ އެވެ.











