ގޯތީގެ ވެރިންގެ ރުހުމެއްް ނެތި އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް ސަރަހައްދުން 35 ގޯތި ދައުލަތަށް ނެގުމަށް އައްޑޫ ސިޓީ ކައުންސިލުން ނިންމީ ގާނޫނު އަސާސީގެ ވަރަށް އަސާސީ ސިފަތަކަކާ ހިލާފަށް ކަމަށް ބައެއް ގާނޫނީ ވަކީލުން ވިދާޅުވެއްޖެ އެވެ.
އައްޑޫ ސިޓީ ކައުންސިލުން މި ޖުލައި 15، ގައި ގޯތިތަކުގެ ވެރިންނަށް ފޮނުވާފައިވާ ސިޓީއެއްގައި ބުނެފައި ވަނީ އިކުއެޓޯރިއަލް ހޮސްޕިޓަލުގެ ޖާގަ ބޮޑު ކުރުމަށް ބޭނުންވާތީ އެ ސަރަހައްދުން ދީފައިވާ 3000 އަކަފޫޓުގެ ގޯތި ހަމަ އެވަރުގެ އެހެން ގޯއްޗަކާ ބަދަލުކޮށްފައިވާ ކަމަށެވެ.
"މިގޮތަށް ކައުންސިލުން ބަދަލު ކުރުމަށް ނިންމެވީ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް ހިމެނޭ ސަރަހައްދަކީ އައްޑޫގެ އިގްތިސާދާ ގުޅުން ހުރި ކަންކަން މުސްތަގްބަލުގައި ފުޅާ ދާއިރާއެއްގައި ހިންގާނެ ސަރަހައްދެއް ކަމުގައިވާތީ އާއި ހޮސްޕިޓަލުގެ ބޭނުމަށް މި ސަރަހައްދުން އިތުރަށް ބިން ބޭނުންވާތީ އަދި މި ސަރަހައްދު ގުޅިފައި ވަނީ އައްޑޫގެ އެންމެހާ ރައްޔިތުންގެ މަސްލަހަތާ ކަމުގައިވާތީ،" އެ ސިޓީތަކުގައި ބުނެފައިވެ އެވެ.
އިކުއެޓޯރިއަލް ސަރަހައްދުން ދޫކޮށްފައި ހުރި ގޯތިތަކުގައި އެއްވެސް މަސައްކަތެއް ކުރުން ވެސް އެ ގޯތިތަކުގެ ވެރިންނަސް ފޮނުވި ސިޓީގައި ކައުންސިލުން އޮތީ މަނާކޮށްފަަ އެވެ.
ނަމަވެސް ބައެއް ގާނޫނީ މާހިރުން ވިދާޅުވަނީ ވެރިމީހާގެ ރުހުމެއް ނެތި އެގޮތަށް ބިމެއް އަތުލުމަކީ ގާނޫނީ ވަރަށް ބޮޑު ކުށެއް ކަމަށެވެ. އެގޮތުން، ގާނޫނީ އެހީ ހިލޭ ފޯރުކޮށްދޭ ޕަބްލިކް އިންޓްރެސްޓް ލޯ ފާމްގެ ރައީސް މަރިޔަމް ޝުނާނާ ވިދާޅުވީ އައްޑޫ ސިޓީ ކައުންސިލުން ފޮނުވި ސިޓީތައް ގާނޫނު އަސާސީގެ 16 ވަނަ މާއްދާ އާއި 40 ވަނަ މާއްދާއާ ހިލާފު ކަމަށެވެ.

"މީހެއްގެ ރުހުން ނެތި މީހެއްގެ މުދަލެއް ދައުލަތަށް ނެގޭނީ އަދި މުއާމަލާތް ކުރުން ހުއްޓުވޭނީ ހަމައެކަނި ކޯޓަކުން ކުރާ ހުކުމަކުން،" ސޯޝަލް މީޑިއާގައި ޝުނާނާ ލިޔުއްވާފައިވެ އެވެ. "ސިޓީއެއް ފޮނުވައިގެން މީހެއްގެ ރުހުން ނެތި އެމީހެއްގެ މުދަލެއް ދައުލަތަށް ނުވެސް ނެގޭނެ އަދި މުއާމަލާތް ކުރުން ވެސް ނުހުއްޓުވޭނެ."
ގާނޫނު އަސާސީގެ 40 ވަނަ މާއްދާގައި ބުނެފައި ވަނީ "މީސްމީހުންގެ ގޯއްޗަކީ ނިގުޅައިގަނެވިގެންވާނެ ތަކެއްޗެއް ނޫން" ކަމަށެވެ. އަދި ބުނެފައި ވަނީ އާންމުވެގެންވާ މަންފާއަކަށްޓަކައި ނަމަވެސް ގާނޫނުގައިވާ ގޮތަށް އަދި "ކޯޓަކުން ކުރާ ހުކުމަކުން މެނުވީ އެއްވެސް މީހެއްގެ މުދަލެއް އެމީހެއްގެ ރުހުން ނެތި ދައުލަތަށް ނަގައިގެން ނުވާނެ" ކަމަށެވެ.
އެ މައްސަލައިގައި އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެފައި ވަނީ އެ ގޯތިތައް ދައުލަތަށް ނެގުމަށް އައްޑޫގެ ވަރަށް ގިނަ ރައްޔިތުން ތާއީދު ކުރައްވާ ކަމަށެވެ. ނަމަވެސް ކައުންސިލުން އެ ކުރި ކަންތަކުގެ ގާނޫނީ ސައްހަކަމާމެދު ވާހަކަ ދައްކަވާފައެއް ނުވެ އެވެ.
"ގޯތީގެ މަސްލަހަތު ނުހިމެނޭ މީހެއް ނަމަ އައްޑޫގެ ރައްޔިތުން މިކަމަށް ތާއީދު. ޑައިރެކްޓްކޮށް ގޯއްޗާ ގުޅުން އޮތް ފަރާތްތަކުން މަސްލަހަތު ހިމެނޭތީ ދެކޮޅަށް ވާހަކަ ދައްކާނެ. އަޅުގަނޑާ ބައްދަލުވި ރައްޔިތުން ވަރަށް ތާއީދު ކަމެއް. އެ މީހުން ބޭނުންވަނީ މި ސަރަހައްދު ރަނގަޅަށް ތަރައްގީ ވާން،" މި ނޫހަށް ވާހަކަ ދައްކަވަމުން ނިޒާރު ވިދާޅުވެފައިވެ އެވެ.












