ތެދުވެރިކަމުގެ ރީތި މިސާލެއް ދައްކައިގެން އިމިގްރޭޝަންގައި މަސައްކަތްކުރާ ދެ އަންހެން އޮފިސަރަކަށް އެތައް ބައެއްގެ ތައުރީފާއި ލޯބި ލިބިއްޖެ އެވެ. ސިނަމާލެ ބްރިޖް މަތިން ދުއްވާފައި ދަނިކޮށް މީހެއްގެ ވޮލެޓު މަގުމަށްޗަށް ވެއްޓުމުން ވޮލެޓު ހިފައިގެން ގޮސް އެ ދެ އޮފިސަރުން ވޮލެޓު، އޭގެ ވެރިފަރާތާ އިއްޔެ ހަވާލުކުރުމުން އެ މީހާއަށް ވެސް ލިބުނީ ބުނެދޭން ނޭނގޭ ވަރުގެ އުފަލެކެވެ.
ނިޝާން ނަމަކަށް ކިޔާ މީހަކު އިއްޔެ ޓުވިޓާގައި ޝެއާކުރި ޕޯސްޓެއްގައި ބުނީ، އިމިގްރޭޝަންގެ ޔުނީފޯމުގައި ތިބި ދެ އޮފިސަރަކު ބްރިޖް މައްޗަށް ވެއްޓުނު އޭނާގެ ވޮލެޓް ހިފައިގެން ގެއަށް އައުމުން ހައިރާންކަން ލިބިފައިވާ ކަމަށެވެ.
"ގައުމަށް ބޭނުންވަނީ ތިފަދަ ހީރޯ އިން،" ސަލާމަތުން ވޮލެޓް ލިބުމުން އުފާވެފައި ހުރި ނިޝާން ސާބަސް ދިނެވެ.

ނިޝާންގެ ގެއަށް އޭނާގެ ވޮލެޓް ހިފައިގެން ދިޔައީ އެއާޕޯޓް އިމިގްރޭޝަންގައި މަސައްކަތްކުރާ އެސިސްޓެންޓް އޮފިސާ، މަރިޔަމް ރައްޔާ އާއި އާމިނަތު ފިރާޝާ އެވެ.
ސައިކަލުގައި ދުއްވާފައި ދަނިކޮށް އެމީހާގެ ޖީބުން ވޮލެޓް ވެއްޓުނުތަން ފުރަތަމަ ފެނުނީ ފަހަތުން ސައިކަލުގައި ދިޔަ ބަޔަކަށެވެ. ވޮލެޓް ވެއްޓުމުން ސައިކަލުން ފައިބައިގެން ގޮސް ވޮލެޓް ނެގުމަށްފަހު، އެ މަންޒަރު ފެނިގެން ސައިކަލުގައި އައިސް އެތަނަށް މަޑުކޮށްލި އެ އަންހެން ދެ އޮފިސަރުންގެ އަތަށް އެމީހުން ވޮލެޓް ހަވާލުކުރި އެވެ. ވެރި ފަރާތުގެ އެޑްރެސް ހޯދައިގެން އެ ގެއަށް ގޮސް ވޮލެޓު ހަވާލުކުރީ އެ ދެ އޮފިސަރުންނެވެ.
"އަޅުގަނޑުމެން ކުރީ ވަރަށް އާދައިގެ ކަމެއް. އޮފީހުން ގެއަށް އެކުގައި ދަނިކޮށް ވޮލެޓް ވެއްޓިގެން އެތަނަށް މަޑުކުރި އެހެން ބަޔަކު އަޅުގަނޑުމެންގެ އަތަށް ވޮލެޓް ދިނީ. ދެން އެމީހާ ދިރިއުޅޭ ގޭގެ މައުލޫމާތު އެންގެން އޮތީމަ އެގެއަށް ގޮސް އެމީހާ އަށް ވޮލެޓް ހަވާލުކޮށްދިނީ،" ދެ އޮފިސަރުންގެ ތެރެއިން ފިރާޝާ ބުންޏެވެ.
ދެ އޮފިސަރުންގެ ތެދުވެރިކަމަށް ހިއްވަރުދީ ޑިފެންސް މިނިސްޓަރު މާރިޔާ ވެސް ވަނީ ރިޓުވީޓުކުރައްވާފަ އެވެ. އަދި އިމިގްރޭޝަންގެ ކޮންޓްރޯލާ ޖެނަރަލް މުހައްމަދު ހަނަފީ ވެސް ވަނީ އޭނާގެ ދެ ސްޓާފުންގެ ތެދުވެރިކަމާއި ދެއްކި ނަމޫނާ އަށް ސާބަސްދީ ޓުވީޓްކުރައްވާފަ އެވެ.











