އޭޝިއަން އެޗްއާރު ލީޑާޝިޕް އެވޯޑްސްގެ "އެގްސެމްޕްލަރީ ލީޑާ އޮފް ދި އިޔާ"ގެ އެވޯޑް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހަސަން މުގުނީއަށް ލިބިވަޑައިގެންފި އެވެ.
މި އެވޯޑް މުގުނީއަށް ލިބިވަޑައިގެންފައިވަނީ އޭޝިއާ ސަރަހައްދުގެ ގިނަ ގައުމުތަކެއްގެ ކުންފުނިތަކުގެ އިސް ވެރިންގެ ތެރެއިން ރޯލް މޮޑެލްއެއްގެ ގޮތުގަ ފާހަގަކުރެވޭތީ ކަމަށް ސްޓެލްކޯއިން ބުންޏެވެ.
އެގްސެމްޕަލަރީ ލީޑާ އޮފް ދި އިޔާ އަށް މުގުނީ ހޮވިވަޑައިގެންނެވި ސަބަބުތަކުގެ ތެރޭގައި، ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމާއި ހަވާލުވިފަހުން، ކުންފުނީގެ މާލީ ހާލަތު ރަނގަޅުވެ، ޕީސީބީން ސަރުކާރު ހިއްސާވާ ކުންފުނިތައް ރޭންކުކުރާ މިންގަނޑުގެ "އޭ" ކެޓަގަރީއަށް ކުންފުނި ބަދަލު ކުރެވުމާއި، ހަކަތަ އުފެއްދުމަށްޓަކައި، ތެލަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށް، އިޔާދަކުރަނިވި ހަކަތައާއި ދިމާލަށް ކުންފުނި ދީލާލުމަށް މުގުނީގެ ލީޑާޝިޕްގެ ދަށުން ކޮށްފައިވާ މަސައްކަތްތައް ހިމެނެ އެވެ.
އޭގެ ތެރޭގައި، ގްރީންލައިފް އިނިޝިއޭޓިވްގެ ދަށުން ސޯލާ ޕެނަލްސް ވިއްކުމާއި، މުގުނީގެ އިރުޝާދުގެ ދަށުން ރާއްޖެއަށް ތައާރަފްކޮށްފައިވާ މުޅިން އާ އީޖާދުތަކުގެ ތެރޭގައި ހިމެނޭ 100 އިންސައްތަ އިޔާދަކުރަނިވި ހަކަތައިން ކަރަންޓު ފޯރުކޮށްދޭ ސްޓެލްކޯ ގްރީން ލައިފް ބަސް ސްޓޮޕްއާއި، ދިވެހި ރާއްޖޭގެ މާހައުލާއި ގުޅޭގޮތަށް ސްޓެލްކޯއިން ތައްޔާރުކޮށްފައިވާ ފްލޯޓިން ސޯލާ ޕޮޑް ހިމެނޭ ކަމަށް ވެސް ސްޓެލްކޯއިން މައުލޫމާތުދެ އެވެ.
ތިމާވެށި ފެހި ކުރުމުގެ ގޮތުން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފައްޓަވާދެއްވާފައިވާ، ރަށްފެހި ޕްރޮގްރާމް މެދުކެނޑުމެއްނެތި ކޮންމެ އަހަރަކު ކުރިޔަށް ގެންދާ ހަމަ އެކަނި ކުންފުންޏަށް ސްޓެލްކޯވުމަކީ ވެސް އެއް ސަބަބެވެ.

އަދި، ކޯވިޑްގެ ބަލިމަޑުކަމުގެ ހާލަތުގައި، ދުރާލާ އެކަމަށް ތައްޔާރުވެ، ބަލީގެ އެކި ހާލަތްތަކުގައި އަމަލު ކުރާނެ ގޮތުގެ އެސްއޯޕީތައް ތައްޔާރުކޮށް، ކުންފުނީގެ ހިދުމަތްތައް މެދުނުކެނޑި ކުރިޔަށް ގެންދިއުމަށް މުގުނީގެ އިރުޝާދުތަކުގެ ދަށުން އަޅާފައިވާ ފިޔަވަޅުތައް ހަރުދަނާވުމާއި، އޭގެ ނަތީއްޖާއެއްގެ ގޮތުން ލޮކްޑައުން ހާލަތުގައި ކުންފުނީގެ އެއްވެސް މުވައްޒިފަކު ކޮވިޑަށް ޕްޒިޓިވްވެފައިނުވުމަކީ ވެސް މުގުނީއަށް އެވޯޑު ލިބިވަޑައިގެންނެވި ސަބަބެކެވެ.
އޭގެއިތުރުން ސްޓެލްކޯއިން ބުނި ގޮތުގައި ކޯވިޑްގެ ހާލަތުގައިވެސް، ކުންފުނިން ކުރިޔަށް ގެންދާ ބޮޑެތި މަޝްއޫތައް ލަސްކަމެއްނެތި ކުރިޔަށްގެންދިއުމާއި، މުޅި ކުންފުނީގެ ހުރިހާ ހިދުމަތެއް އައިއެސްއޯއަށް ސެޓިފައި ކުރި ފުރަތަމަ ކުންފުންޏަށްވުމުގެ ޝަރަފު ސްޓެލްކޯއިން ހޯދުންވެސް ހިމެނޭ އެވެ.
ނަވާރަވަނަ އޭޝިއަން އެޗްއާރު ލީޑާޝިޕް އެވޯޑްސްގެ "އެގްސެމްޕްލަރީ ލީޑަ އޮފް ދި އިޔާ" އަށް މުގުނީ ހޮވިވަޑައިގެންފައިވާއިރު، މިދިޔަ އަހަރު އޭޝިއާސް ބެސްޓް އެމްޕްލޯޔާ ބްރޭންޑް އެވޯޑްސްގެ އިމާޖިން ލީޑާ އޮފް ދި އިޔާގެ އެވޯޑް ވެސް މުގުނީއަށް ލިބިވަޑައިގެންނެވި އެވެ.












