ރާއްޖެއިން އަބަދު ވެސް ދަމަހައްޓާނީ، ޑިމޮކްރެސީގެ ހަމަތަކާއި ސުލްހަޔަށް އިސްކަން ދިނުމުގެ ސިޔާސަތު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.
ފޮރިން މިނިސްޓްރީގެ އިމާރާތް، ފަތުހުﷲ ޖަމީލް ބިލްޑިން ހުޅުއްވައި ދެއްވައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖެއިން އަބަދުވެސް ވަކާލާތު ކުރާނީ، ކޮންމެ ގައުމެއްގެ ވެސް މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމަށް ކަމަށެވެ.
"ރާއްޖެއިން އަބަދުވެސް އަޑު އުފުލާނީ، މޫސުމީ ބަދަލުތަކުން ތިމާވެށްޓަށް ލިބޭ ގެއްލުންތައް ކުޑަކުރުމަށާއި، އެއްވެސް ތަފާތުކުރުމެއް ނެތި، އިންސާނީ ހައްގުތައް ހިމާޔަތްކޮށް ރައްކާތެރި ކުރުމަށް،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ރާއްޖެއިން ގެންގުޅޭ ހަމަތަކާއި ސިޔާސަތުތައް، މުޅި ދުނިޔެ މިއަދު ބަލައިގެންފި ކަމަށެވެ. އދ. ގެ އާންމު މަޖިލީހުގެ 76 ވަނަ ދައުރުގެ ރައީސްގެ މަގާމަށް، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އިންތިހާބުވެގެން ދިޔައީ، ރާއްޖޭގެ ސިޔާސަތުތައް ނަގަހައްޓާކަން ދުނިޔެއަށް ސާބިތުކޮށްދެއްވުމަށް، ޝާހިދު ގެންގުޅުއްވި ހިކުމަތްތެރި ސިޔާސަތުގެ ސަބަބުންކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
އެމަނިކުފާން ވިދާޅުވީ ވެރިކަމާ ހަވާލުވިއިރު، ބައިނަލްއަގުވާމީ މުޖުތަމައުން ރާއްޖެ އެކަހެރިވެފައި އޮންނަތާ ފަސް އަހަރު ވެފައިވާ ކަމަށެވެ. އެއީ، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް އޮތް ވަރަށް ބޮޑު ނުރައްކަލެއް ކަމަށް ވެސް ވިދާޅުވި އެވެ.

"އދ. ގެ އާންމު މަޖިލީހުގެ ރިޔާސަތަށް، ރާއްޖޭގެ ހާރިޖީ ވަޒީރު އިންތިހާބު ކުރުމަކީވެސް، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު އެންމެ ފުރިހަމަ މާނައިގައި ހިމާޔަތްކުރެވިފައިވާ ކަމާއި، މުޅި ދުނިޔެ އެކަމަށް އިއުތިރާފްވާކަމުގެ ހެއްކެއް،" ރައީސް ވިދާޅުވި އެވެ.
ރާއްޖޭގެ ހާރިޖީ ސިޔާސަތު ދުނިޔެއަށް ހާމަކޮށްދެއްވުމުގައި، މިނިސްޓަރު ޝާހިދާ، އެމަނިކުފާނުގެ ޓީމުން ކުރައްވާ މަސައްކަތް ހެޔޮހިތުން ބަލައިގަންނަ ކަމަށް ރައީސް ވިދާޅުވި އެވެ.
އަދި ރާއްޖޭގެ ހާރިޖީ ޓީމުން، ބައިނަލްއަގުވާމީ މަސްރަހުގައި، މިހާރަށްވުރެ މާ އަލިގަދަ ވިދުމަކުން، ދިވެހިންގެ ނަން ފަހުރުވެރިކޮށްދެއްވާނެކަން އަޅުގަނޑަށް ޔަގީން.
ހާރިޖީ ބިލުން ބޮޑު ކުރިއެރުމެއް
ރައީސް ވިދާޅުވީ ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ، ހާރިޖީ ހިދުމަތުގެ ބިލް ގާނޫނަކަށް ވުމުން، ފޮރިން މިނިސްޓްރީގެ ހުރިހާ ފަންތިއެއްގެ މުވައްޒަފުންނަކީ، މިހާރަށްވުރެ ޕްރޮފެޝަނަލް ގޮތެއްގައި، މިނިވަންކަމާއި ޒިންމާދާރުކަމާއެކު ހިދުމަތްކުރާ ބަޔަކަށް ވެގެން ދާނެ ކަމަށެވެ.
އެ ބިލް ގާނޫނަކަށް ވުމުން، ރާއްޖޭގެ އެންމެ މަތީ މަސްލަހަތު ރައްކާތެރިކުރެވި، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމުގައި، ބައިނަލްއަގުވާމީ މުޖުތަމައުގައި، ރާއްޖޭގެ ފަރާތުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރަން ވެސް ފަސޭހަ ވެގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
އެމަނިކުފާން ވިދާޅުވީ މި ބިލުން ހާރިޖީ ޓީމަށް އަންނާނެ އެންމެ ބޮޑު ބަދަލަކީ، ހުނަރުވެރި އިލްމީ މުވައްޒަފުންތަކެއް ބިނާކުރުމަށް މިހާރަށްވުރެ ފަހި ފުރުސަތުތަކެއް ތަނަވަސްވެގެންދިޔުން ކަމަށެވެ.












