ރާއްޖޭގެ ފޮރިން މިނިސްޓަރުކަން 27 އަހަރު ކުރައްވާފައިވާ މަރްހޫމް ފަތުހުﷲ ޖަމީލްގެ ނަންފުޅުން، ނަން ދީފައިވާ ފޮރިން މިނިސްޓްރީގެ އިމާރާތް މަރާމާތަށް ފަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ހުޅުއްވައި ދެއްވައިފި އެވެ.
ފޮރިން މިނިސްޓްރީ ކުރިން ހިންގި މުސްކުޅި އިމާރާތް ތަޅާލައި، 2005 ވަނަ އަހަރު ހުޅުވި މިހާރުގެ އިމާރާތް ބިނާކޮށް ދީފައިވަނީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުންނެވެ. އޭގެ ފަހުން، 2019 ވަނަ އަހަރުން ފެށިގެން، އެ އިމާރާތް މަރާމާތު ކޮށްދިނީވެސް، ޗައިނާ ސަރުކާރުގެ އެހީގަ އެވެ.
އިމާރާތް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ފަތުހުﷲގެ ނަންފުޅުގައި އެ އިމާރާތް ހުޅުވުމަކީ އެމަނިކުފާނު ރާއްޖޭގެ ހާރިޖީ ހިދުމަތުގެ ދާއިރާގައި، ކުރައްވާފައިވާ ހިދުމަތްތަކުގެ މަތިވެރިކަން ރަމްޒުކޮށްދޭ ކަމެއް ކަމަށެވެ.
"ފޮރިން މިނިސްޓްރީގެ މި އިމާރާތް، އެމަނިކުފާނުގެ ނަންފުޅަށް ހާއްސަ ކުރުމުގެ ވަރަށް މުހިންމު ދެ ބޭނުމެއް އެބަ އޮތް. އެންމެ ފުރަތަމަ ކަމަކީ، ރާއްޖޭގެ ހާރިޖީ ދާއިރާ ބިނާކުރައްވައި ތަރައްގީކުރެއްވުމުގައި، 27 އަހަރާއި ހަތަރު މަސް ވަންދެން އެމަނިކުފާނު ކުރެއްވި، ގައުމީ ހިދުމަތުގެ އަގު، ދާއިމީ ގޮތެއްގައި ގައުމީ ފެންވަރުގައި ފާހަގަކުރެވޭނެ ގޮތެއް ހެދުން،" ރައީސް ވިދާޅުވި އެވެ.
"ދެވަނަ ކަމަކީ، މި އިމާރާތާއި އެމަނިކުފާނާ ދެމެދު އޮތް ގުޅުން ރަމްޒުކޮށްދިނުން."

އެފަދަ އިމާރާތެއް ބިނާކޮށް ދީ މަރާމާތު ކޮށްދިން ކަމަށްޓަކައި ރައީސް ވަނީ ޗައިނާގެ ރައީސް ޝީ ޖިން ޕިންގްއަށާއި ޗައިނާގެ ރައްޔިތުންނަށް، ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި ޝުކުރު ދަންނަވައިފަ އެވެ.
ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ ތިން ރިޔަލެއްގެ ޑިޒައިނަށް ހަދާފައިވާ އެ އިމާރާތުގެ މަފްހޫމަކީ ފަތުހުﷲގެ ވިސްނުންފުޅެއް ކަމަށެވެ.
"މި އިމާރާތް ކުރައްސަވަމުން ގެންދެވިއިރު ތަސައްވަރުގައި އޮތީ ދިވެހި ރާއްޖޭގެ ހާރިޖީ ނައު، ހާރިޖީ ބައްތެލި، ހާރިޖީ ދޯނި، ކަނޑުގަދަވާ ކޮންމެ އެއްޗެއް ކަމުގައި ވިޔަސް ބައިނަލްއަގުވާމީ ކިތަންމެ ގަދަ ކަނޑުތަކެއްގައި ވެސް ދުވާނެކަން. ހިފަހައްޓާނެ ކަން،" ޝާހިދު ވިދާޅުވި އެވެ.
ފަތުހުﷲގެ އަމާޒަކީ ދުނިޔޭގެ ފާހަގަކޮށްލެވޭ ހަރުފަތަށް ރާއްޖެ ގެންދިއުން ކަމަށާއި އެކަން ކުުރުމަށް ބޭރު ބޭފުޅުންނާ ވާހަކަ ދައްކަވަން އޭނާ ޖެހިލުންވެ ވަޑައިނުގެންނެވި ކަމަށް ޝާހިދު ވިދާޅުވި އެވެ. އަދި ފޮރިން މިނިސްޓްރީ ބިނާ ކުރެއްވުމަށް ގިނަ ގުނަ މަސައްކަތްތަކެއް ކުރެއްވިކަން ފާހަގަ ކުރެއްވި އެވެ.
ޝާހިދު ވިދާޅުވީ ހިދުމަތްތެރިންގެ ހިދުމަތުގެ އަގު ވަޒަން ކުރުމުގެ ގޮތުން އާ ފޮރިން މިނިސްޓްރީގެ އެކި މާލަންތަކަށް ކުރީގެ ފޮރިން މިނިސްޓަރުންނާއި ހިދުމަތްތެރިންގެ ނަން ދެއްވާފައިވާ ކަމަށެވެ. އޭގެ ތެރޭގައި އަލްއަމީރު ހަސަން ފަރީދާއި އަލްއަމީރު މުހައްމަދު އަމީނާއި އިބްރާހީމް ފާމުލަދޭރި ކިލޭގެފާނާއި އަހުމަދު ޒަކީގެ އިތުރުން ޑރ. އަބްދުލް ސަމަދު އަބްދުﷲގެ މާލަން ހިމެނެ އެވެ.













