ކުރިއަށް އޮތް އީދު ބަންދާއި ޗުއްޓީގައި ދަތުރުކުރުމާއި އެކިއެކި ހަރަކާތްތައް ކުރިއަށް ގެންދިއުމުގައި ކޮވިޑުން ރައްކާތެރިވުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން މިއަދު އިލްތިމާސްކޮށްފި އެވެ.
ރާއްޖެ އިން ކޮވިޑް ފެނުނު ފަހުން، ރަށްރަށަށް ދަތުރުކުރާއިރު 14 ދުވަހުގެ ކަރަންޓީން މުއްދަތެއް ފުރިހަމަކުރަން ޖެހެ އެވެ. އެއާއެކު ގިނަ ބަޔަކު ތިބީ މާލޭގައި ތާށިވެ ނަފްސާނީ ގޮތުން އުނދަގޫވެފަ އެވެ. އެގޮތަށް އޮންނަތާ އަހަރަކަށް ވުރެން ގިނަ ދުވަސް ފަހުން މިދިޔަ ބުދަ ދުވަހު މިވަނީ އެ ބަންދުން ވީއްލި ދަތުރުކުރެވިދާނެ ކަން އިއުލާންކޮށްފަ އެވެ.
މިހާރު މިވަނީ ވެކްސިންގެ ދެ ޑޯޒު ފުރިހަމަކޮށްފައިވާ މީހުންނަށް ކަރަންޓީނާ ނުލައި ރަށްރަށަށް ދެވޭ ގޮތަށް އުސޫލް ބަދަލުކޮށްފަ އެވެ. ވެކްސިން ނުޖެހޭ އުމުރުގެ ކުޑަކުދިން ވެސް ނެގެޓިވް ޕީސީއާރަކާއެކު ދަތުރު ކުރެވެ އެވެ.
ކޮވިޑުގެ ހަތަރު ރާޅުން އަރައިގަނެ، ކޭސްތަކުގެ އަދަދު ދަށްވާން ފެށުމާއެކު އެ ލުއިތައް މިދިނީ ސްކޫލުގެ ރަސްމީ ބަންދާއި އީދު ބަންދާ ވެސް ދިމާކޮށެވެ.

އީދު ބަންދާއި މިނިވަން ދުވަހާ ދިމާކޮށް އަންނަ ހުކުރުން ދުވަހުން ފެށިގެން 12 ދުވަސް ސަރުކާރު ބަންދު ކުރަން ވަނީ ނިންމައިފަ އެވެ.
އެއާއެކު މާލޭން އަތޮޅު ތެރެއަށް ދަތުރު ކުރާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާއިރު، އެޗްޕީއޭއިން މިއަދު ބުނީ ހާއްސަ ގޮތެއްގައި ޗުއްޓީ ހޭދަކުރެއްވުމަށް ތަންތަނަށް ދަތުރުކުރާއިރު އަދި އީދުގެ ހަރަކާތްތައް ކުރިއަށް ގެންދިއުމުގައި ހާއްސަ ސަމާލުކަމެއް ދިނުމަށް އެދޭ ކަމަށެވެ.
އެގޮތުން، ވައިގެ މަގުންނާއި ކަނޑު މަގުން ދަތުރުކުރާއިރު، ރަނގަޅަށް މާސްކް އަޅާ، ތިމާއާއި އެއްކޮށް ދިރިއުޅޭ މީހުން ފިޔަވައި އެހެންމީހުންނާ މަދުވެގެން ތިން ފޫޓުގެ ގައިދުރުމިން ބެހެއްޓުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފަ އެވެ.
އަދި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައިވެސް އާއްމު ތަންތަނުގައި އުޅޭއިރު އަދި އެކި ހިދުމަތްތައް ހޯދަން ދިއުމުގައި ނޭފަތާއި އަނގަ ރަނގަޅަށް ފޮރުވޭގޮތަށް މާސްކު އެޅުމަށް ވެސް ހަނދާކޮށްދީފައި ވެ އެވެ.
އޭގެ އިތުރުން، އެޗްޕީއޭއިން ބުނީ އީދު ފާހަގަކުރުމަށްވެސް ގިނަ މީހުން އެއްވެ ނޫޅެވޭ ފަދަ ހަރަކާތްތައް އިހުތިޔާރުކުރުމާއެކު، އެއް ރަށުން އަނެއް ރަށަށް މީހުން އައިސްގެން ބާއްވާ ހަރަކާތްތަކާއި ކުޅިވަރު މުބާރާތްތައް ނުބޭއްވުމަށް އިލްތިމާސްކުރާ ކަމަށެވެ.
އަދި ކަރަންޓީނުގައި ތިބެންޖެހޭ ފަރާތްތަކުން ކަރަންޓީނު އުސޫލުތަކަށް ފުރިހަމައަށް އަމަލުކުރުމުގެ އިތުރުން، ބަލީގެ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ފްލޫ ކްލިނިކަށް ދައްކާ ޓެސްޓުކުރަން ވެސް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފަ އެވެ.
މީހުން އުޅޭ ރަށްތަކުގެ އިތުރުން ރިސޯޓްތަކުން ވެސް ވަނީ ލުއިތަކާއެކު ތަފާތު ޕެކޭޖްތައް ތައާރަފު ކޮށްފަ އެވެ. އަދި ފިނޮޅުތަކަށާއި ފަޅު ރަށްތަކަށް ދަތުރު ދިއުމަށް ވެސް ތަފާތު ޕެކޭޖްތައް ކުންފުނިތަކުން ތައާރަފު ކޮށްފައިވާއިރު ޑިމާންޑް ބޮޑެވެ. އަދި ގިނަ ބަޔަކު ދަނީ ރާއްޖޭން ބޭރަށް ވެސް ދަމުންނެވެ.
އެއް ރަށުން އަނެއް ރަށަށް ދަތުރު ކުރާއިރު ކަރަންޓީން ވާން ނުޖެހެނީ އެ ހުރި ރަށެއްގެ ޕޮޒިޓިވް ކޭސް ހުރި އަދަދަކުންނެވެ. ފަސް ޕަސެންޓަށް ވުރެ ޕޮޒިޓިވިޓީ ރޭޓް ދަށް ނަމަ ވެކްސިން ދެ ޑޯޒް ޖަހާފައިވާ މީހުން ކަރަންޓީނުވާކަން ނުޖެހޭނެ އެވެ.
ޕޮޒިޓިވިޓީ ރޭޓް ފަސް ޕަސަންޓާއި 10 ޕަސަންޓާ ދެމެދުގައި އުޅޭނަމަ ހަތް ދުވަހުގެ ކަރަންޓީނެއް ފުރިހަމަކުރަން ޖެހޭނެ އެވެ.
އެއަށްވުރެ ޕޮޒިޓިވިޓީ ރޭޓް މަތި ނަމަ 14 ދުވަހުގެ ކަރަންޓީނެއް ފުރިހަމަ ކުރަން ޖެހޭނެ އެވެ. މިހާރު މާލެ ސަރަހައްދުގައި ޕޮޒިޓިވް ރޭޓް ހުރީ ވަރަށް ދަށްކޮށެވެ.












