ގުޅިފަޅުން ގެދޮރު ދިނުމަށް ސިޓީ ކައުންސިލުން ސަރުކާރުގައި އެދިފައިވީ ނަމަވެސް އެއްވެސް މަޝްވަރާއެއްގައި ބައިވެރި ނުކުރާ ކަމަށާއި ނަމަވެސް ކޯޓަށް ނުގޮސް އެކަން ހައްލު ކުރެވޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ކުރީ ދެ ސަރުކާރުގައި ހައުސިން މިނިސްޓަރަކަށް މުއިއްޒު ހުންނެވިއިރު ނިންމާފައިއޮތީ މާލެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކޮށް، ގުޅިފަޅު ހިއްކައި އެތަނުން ގޯއްޗާއި ފްލެޓު ދޫކުރުމަށެވެ. ނަމަވެސް، މި ސަރުކާރުން އެ ނިންމުން ބަދަލުކޮށް، ވިޔަފާރި ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު ހިންގަން ނިންމާފައިވަނީ ގުޅިފަޅުގަ އެވެ.
އެކަމާ ދެކޮޅަށް ވަކާލާތު ކުރައްވަމުން ގެންދަވައި، މޭޔަރު ކަމަށް އިންތިހާބުވުމާ އެކު ވެސް ކުރިން އޮތް ގޮތަށް ގުޅިފަޅަކީ ގެދޮރުވެރި މަންޒިލެއްގެ ގޮތުގައި ތަރައްގީކުރަން މުއިއްޒު އިސްވެ ހުންނަވައިގެން އާ ސިޓީ ކައުންސިލުން ވަނީ ނިންމައިފަ އެވެ. އެކަމަށް ސަރުކާރުން އެއްބާރުލުން ނުދީފިނަމަ ކޯޓަށް ދާން ކައުންސިލުން ވަނީ ފާސްކޮށްފަ އެވެ.
"އަދަދު" އަށް ދެއްވި އިންޓަވިއުގައި މިދިޔަ ހަފްތާގައި މުއިއްޒު ވިދާޅުވީ ގުޅިފަޅު ކަންތަކުގައި ސަރުކާރާއެކު މަސައްކަތް ކުރަން އުޅުނު ނަމަވެސް އެއްވެސް ކުރިއެރުމެއް މިހާތަނަށް ލިބިފައި ނުވާ ކަމަށެވެ.
"އަޅުގަނޑު މިދަނީ ތަކުރާރުކޮށް އެދެމުން. ސިޓީން އެދެވިއްޖެ. ބައްދަލު ކޮށްފައި އެދެވިއްޖެ. އެހެން ނަމަވެސް މާލޭގެ ރައްޔިތުންގެ ހައްގުގައި މިކުރެވޭ މަސައްކަތުގައި އަދި އަޅުގަނޑުމެންނަކަށް ގުޅިފަޅު ކަންތަކުގައި ކުރިއެރުމެއް ނުލިބޭ،" މުއިއްޒު ވިދާޅުވި އެވެ.

އަދިވެސް ގަބޫލެއް ނުކުރަން ކޯޓަށް ދާން ޖެހޭނެ ކަމަކަށް. ދެން ކުރާނެ ކަމަކީ އަދިވެސް ރައީސް [އިބްރާހިމް މުހައްމަދު ސޯލިހް] ގެ އަރިހުގައި އެދޭނީ. ސިޓީވެސް ފޮނުވާނަން. ބައްދަލުވާން ވެސް އެދޭނަން.

މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މަސައްކަތުގައި: ގުޅިފަޅު މައްސަލަ ކޯޓަށް ނުގޮސް ހައްލު ކުރެވޭނެ ކަމަށް ވިދާޅުވި-- ފޮޓޯ: ހުސައިން ޝަޔާހު/ އަދަދު
މުއިއްޒު ވިދާޅުވީ އެހެން ރަށްރަށުގެ ރައްޔިތުނެކޭ އެއްގޮތަށް މާލޭ ރައްޔިތުން ވެސް ބިން ބޭނުންވާ ކަމަށެވެ. އެކަން ކުރެވެން އޮތް އެންމެ ރަނގަޅު ގޮތަކީ ގުޅިފަޅު ޕްލޭން ބަދަލުކޮށް ބިން ދޫކުރުން ކަމަށާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާ ބައްދަލުވި ދުވަހު އެކަން ހުށަހެޅުއްވި ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި ގުޅިފަޅުގައި މިސަރުކާރުން އަޅަން ނިންމި ޕޯޓް ތިލަފުއްޓަށް ބަދަލު ކުރަން ރައީސަށް ހުށަހެޅުމުން މިހާރު މަސައްކަތް ގޮސްފައިވާ ހިސާބުން އެކަން ކުރަން ދަތި ކަމަށް ރައީސް ވިދާޅުވި އެވެ.
"ދެން އަޅުގަނޑު ވާހަކަ ދެއްކީ ޕޯޓް ނުނެގެންޏާ ދެން ބޭނުންކުރާ ބިން ބަދަލު ކޮށްދެއްވާށޭ ގެދޮރު ދިނުމަށް. އެތަނުގެ ވަރަށް ބޮޑު ބިމެއް އެބައޮތް ވެއާ ހައުސިންއަށް ކަނޑައަޅައިފައި ވިދާޅުވި އެ ވެއާހައުސިން ބިން ބަދަލު ކޮށްދެވޭތޯ މަސައްކަތް ކޮށްދޭނަމޭ ހުޅުމާލެފަދަ އެހެން ތަނަކަށް،" މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ މިހާރު ގުޅިފަޅުގެ ފަޅުން ނުހިއްކާ އޮތް ސަރަހައްދު ހިއްކައިފިނަމަ އެ ތަނުގައި ޕޯޓް އެޅިނަމަވެސް ހުޅުމާލޭ ފުރަތަމަ ފިޔަވަހި ވަރުގެ ސަރަހައްދެއް ގެދޮރު ދިނުމަށް ހާއްސަ ކުރެވިދާނެ ކަމަށެވެ.
"ގާތްގަނޑަކަށް 180 ހެކްޓަރުގެ ޖާގައިގެ ޖާގައެއް އެބައޮތް ގުޅީފަޅުން ޕޯޓް އަޅާފައި ވެސް ނެގެން،" މުއިއްޒު ވިދާޅުވި އެވެ.
އެކަންކަން ރައީސަށް ހުށަހެޅުއްވުމުން އެކަން ރިވައިސް ކުރުމުގެ މަސައްކަތް ސިޓީ ކައުންސިލާ ގުޅިގެން ކުރައްވާނެ ކަމަށް ވިދާޅުވި ކަމަށާއި ނަމަވެސް މިހާތަނަށް އެކަން ކޮށްފައި ނުވާ ކަމަށް މުއިއްޒު ވިދާޅުވި އެވެ. އެކަންކަން ނުހިނގާތީ ރައީސްއާ ބައްދަލު ކުރަން ސިޓީއެއް ހުށަހަޅާފައިވާ ކަމަށާއި ނަމަވެސް އެކަން ކުރިއަށް ނުދާ ކަމަށް މުއިއްޒު ވިދާޅުވި އެވެ.
މި ސަރުކާރުން ގުޅިފަޅުގައި ޕޯޓު ހެދުމުގެ ޕްލޭން ހާމަކުރުމާއެކު ގިނަ ބަޔަކު ޝަކުވާ ކުރަން ފެށުމުން، އެތަނުން ވަކި ސަރަހައްދަކުން 1،200 ގޯތި ދޫކުރާނެ ކަމަށް މީގެ ކުރިން ވަނީ ބުނެފަ އެވެ.
ޕޯޓު ތަރައްގީ ކުރުމުގެ މާސްޓާ ޕްލޭނާ އެއްގޮތަށް ގުޅިފަޅު ހިއްކުމުގެ މުޅި މަޝްރޫ އަށް 120 މިލިއަން ޑޮލަރު (1.86 ބިލިއަން ރުފިޔާ) އަރާނެ ކަމަށް ޕްލޭނިން މިނިސްޓްރީން ވަނީ ލަފާކޮށްފަ އެވެ.
ބީލަމަށް ނުލައި ބޮސްކާލިސްއާ ފުރަތަމަ ފިޔަވަހި ހަވާލުކުރީ 53 މިލިއަން ޑޮލަރު (817 މިލިއަން ރުފިޔާ) އަށެވެ.
އެތަން ހިއްކުމުގެ ފުރަތަމަ ފިޔަވަހި މިހާރު ނިމިފައިވާއިރު، ލޯނު ހަމަޖެހުމުން ދެވަނަ ފިޔަވަހި ވެސް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށް ޕްލޭނިން އަދި ހައުސިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.













