ރިޕޯޓުކުޑަކުދިންނާ ބެހުން: ނައްތާލަން ޖެހޭ ވަބާއެއް!

ކުޑަކުދިންނާ ބެހުން: ނައްތާލަން ޖެހޭ ވަބާއެއް!

ރާއްޖޭގައި ކުޑަކުދިންނަށް ކުރާ އަނިޔާތަށް ބެލުމަށް ޔުނިސެފުން 2009 ވަނަ އަހަރު ކުރި ދިރާސާއަކުން ދައްކާ ގޮތުގައި ސެކަންޑަރީ ސްކޫލުގައި ކިޔަވާ ކުދިންގެ ތެރެއިން ކޮންމެ ހަތް ކުއްޖަކުން އެއް ކުއްޖަކު ހުރީ ގަދަކަމުން ބެހިފަ އެވެ.

ކުޑަކުއްޖަކު އޭނާގެ މަންމައާއެކު: ޖިންސީ ގޯނާވިޔަ ނުދިނުމަށް ދަސްކޮށްދެވިދާނެ ބައެއް ކަންކަން ހުރޭ. -- ފޮޓޯ: މުހައްމަދު އަރުޝަދު
ކުޑަކުއްޖަކު އޭނާގެ މަންމައާއެކު: ޖިންސީ ގޯނާވިޔަ ނުދިނުމަށް ދަސްކޮށްދެވިދާނެ ބައެއް ކަންކަން ހުރޭ. -- ފޮޓޯ: މުހައްމަދު އަރުޝަދު

އެ ވާހަކަ ކިޔައިދިނުމުން ނާދިޔާ (އަސްލުނަމެއް ނޫން)، 6، ގެ އަނގަމަތީ އޭނާގެ މަންމަ އަށް ބޭއިހްތިޔާރުގައި ނަމަވެސް އަތް އެޅުނެވެ. މަންމަގެ ނަސޭހަތަކީ އެ ވާހަކަ ތަކުރާރު ނުކުރުމެވެ. މަންމައަށް ދެންމެ ކިޔައިދިން ވާހަކަތައް އަބަދަށް ނާދިޔާގެ ހިތުގައި ފޮރުވައި، ތަޅު އެޅުވުމަށް ނާދިޔާ ކައިރި އެދުނެވެ.

"އެދުރުބެއަކީ ރަށުގެ ގަދަރު ހުރި މީހެއް. އެއިރަކު ދެން ނުހުންނާނެ އަޅުގަނޑު އެ ވާހަކަ ކިޔައިދޭނެ މީހަކު. މައްސަލަ ޖައްސާނެ ސަރުކާރުގެ އިދާރާއެއް ނުހުންނާނެ. އިންސާފު ހޯދަން ޓަކިޖަހާނެ އެއްވެސް ދޮރެއް ނުހުންނާނެ،" ތުއްތު އިރު މީހެއްގެ ޖިންސީ ޝިކާރައަކަށްވީ ގޮތް މިހާރު އުމުރުން 57 އަހަރު ނާދިޔާ ކިޔައިދިނެވެ.

ނާދިޔާ ފަދައިން ރާއްޖޭގެ ވަރަށް ގިނަ މީހުންނަކީ ޅަ އުމުރުގައި ޖިންސީ ގޯނާގެ ޝިކާރައަކަށްވެފައި ތިބި މީހުންނެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ރާއްޖޭގެ 12 ޕަސެންޓު އަންހެނުންނަށް އުމުރުން ފަސް އަހަރު ފުރުމުގެ ކުރިން ޖިންސީ ގޯނާކޮށްފައިވެ އެވެ. ޖުމްލަކޮށް ބަލާނަމަ އެއީ ކޮންމެ ތިން އަންހެނަކުން އެކަކެވެ. އަދި ފިރިހެނުންގެ ތެރެއިން 20 ޕަސެންޓު މީހުންނަށް ޅަ އުމުރުގައި ހުރީ ޖިންސީ ގޯނާކޮށްފަ އެވެ.

ރާއްޖޭގައި އޮތީ ކުޑަކުދިންނާ ބެހުމުގެ ސަގާފަތެއް

ރާއްޖޭގައި ކުޑަކުދިންނަށް ކުރާ އަނިޔާތަށް ބެލުމަށް ޔުނިސެފުން 2009 ވަނަ އަހަރު ކުރި ދިރާސާއަކުން ދައްކާ ގޮތުގައި ސެކަންޑަރީ ސްކޫލުގައި ކިޔަވާ ކުދިންގެ ތެރެއިން ކޮންމެ ހަތް ކުއްޖަކުން އެއް ކުއްޖަކު ހުރީ ގަދަކަމުން ބެހިފަ އެވެ.

އެ ދިރާސާއިން ދައްކާ ގޮތުގައި އެންމެ ގިނައީ ކުޑަ އަންހެން ކުދިންނަށް ކުރާ ޖިންސީ ގޯނާ އެވެ. ނަމަވެސް ފިރިހެން ކުދިންނަށް ލިބޭ ޖިންސީ އަނިޔާ ވެސް މަދު ނޫންކަން އެ ދިރާސާއިން ދައްކަ އެވެ.

ރާއްޖޭގެ އަންހުންގެ ސިއްހަތު ދަނެގަތުމަށް 2016 ވަނަ އަހަރު ޔޫއެންއެފްޕީއޭ އިން ކުރި ދިރާސާއަކުން ދައްކާ ގޮތުގައި ކުޑަކުދިންނާ އެންމެ ގިނައިން ބެހެނީ އެމީހުން ގާތް ތިމާގެ މީހުންނެވެ. އެގޮތުން އެންމެ ގިނަ ފަހަރު ޖިންސީ ގޯނާ ކޮށްފައި ހުންނަނީ އާއިލާގެ ފިރިހެން މެމްބަރެކެވެ. ދެން އެންމެ ގިނައިން ބެހެނީ ދަންނަ ފިރިހެނުންނާއި ނުދަންނަ ފިރިހެނުންނެވެ.

ޖިންސީ އަނިޔާ ލިބުމުން އޭގެ ގެއްލުން އެތައް ޖީލަކަށް ދެމިގެންދޭ

ދިރާސާތަކުން އެނގޭ ހަގީގަތީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމަކީ އަދުގެ މައްސަލައެއް ނޫނެވެ. މިއީ އަޅުގަނޑުމެންގެ މާމަ އަދި މަންމަމެންގެ ޖީލުން މިއަދާ ހަމައަށް ވާރުތަވެފައިވާ މައްސަލައެކެވެ.

"ދިވެހިރާއްޖޭގައި ހަމައެކަނި އަޅުގަނޑުމެންގެ ޖެނަރޭޝަނެއް ނޫން އަޅުގަނޑުމެންގެ މަންމަމެންގެ ޖެނެރޭޝަންގެ މީހުން ވެސް ޖިންސީ ގޯނާވެގެން ބޮޑުވެފައި މި ހުރީ،" ކުޑަކުދިންގެ ހައްގުތަކަށް މަސައްކަތް ކުރައްވާ ޑރ. މާރިޔާ އަލިމަނިކު ވިދާޅުވި އެވެ.

ޖިންސީ ގޯނާގެ ޝިކާރައަކަށްވުމުން ބައިވަރު މައްސަލަތަކެއް ނިކުމެ އެވެ. ނަފްސާނީ މައްސަލަތަކާއި ޖިސްމާނީ މައްސަލަތަކެވެ. އެކަމަކު ރާއްޖޭގައި އެކަންކަމަށް ފަރުވާ ލިބިފައި ހުންނަ މިންވަރު މަދު ކަމަށް ތަޖުރިބާކާރުން ދެކެ އެވެ.

"ލިބުނު ގެއްލުމަށް އެއްވެސް ކަހަލަ ފަރުވާއެއް ނެތް. އެ ގެއްލުން ހަށިގަނޑުން ނުނެރެވޭހާ ހިނދަކު ދެން އަންނަ ޖީލަށް އެކަންތައް ދާނެ. މިސާލަކަށް އަޅުގަނޑުގެ މާމައަށް ކަމެއް ދިމާވެފަ ހުރި ނަމަ އަޅުގަނޑުގެ މަންމައަށް ވެސް އެ ގެއްލުން ޕާސް ޑައުން ވާނެ،" ޑރ. މާރިޔާ ވިދާޅުވި އެވެ.

ޖިންސީ ގޯނާގެ ގެއްލުން އެއް ޖީލުން އަނެއް ޖީލަށް ދެމިގެންދަނީ ކޮންމެހެން އެ ގޯނާގެ ސިފައެއްގައެއް ނޫނެވެ. ދުނިޔެއަށް ކުރާ އިތުބާރު ނެތުމަކީ ވެސް އެ ގެއްލުން އަނެއް ޖީލަށް ވާރުތަވާ ގޮތެކެވެ.

"އެއިރުން މިސާލަކަށް އަޅުގަނޑުގެ މަންމައަށް ބޭއިހްތިޔާރުގައި ނަމަވެސް އަޅުގަނޑަށް ބުނެދެވޭނީ ދުނިޔެއަކީ ރައްކާތެރި މާހައުލެއް ނޫނޭ. ދެން އެގޮތަށް ގަބޫލު ކުރެވޭ ނަމަ ނިއުރޯ ސައިންޓިސްޓުން ވެސް ބުނަނީ، އެމީހެއްގެ ބިލީފް ސިސްޓަމް ފުލްފިލްވުމުގެ ޗާންސް ވަރަށް ބޮޑޭ،" އޭނާ ވިދާޅުވި އެވެ.

ޖިންސީ ގޯނާ ލިބިފައިވާ މީހުންނަށް ޑިޕްރެޝަން ނުވަތަ އެންޒައިޓީ ފަދަ ކަންކަން ކުރިމަތިވުން ގާތެވެ. އަދި ލިބޭ ޖިސްމާނީ ގެއްލުންތަކުގެ ތެރޭގައި ހަޖަމް ކުރާ ނިޒާމަށް ލިބޭ ގެއްލުންތައް ހިމެނެ އެވެ. ހަޖަމް ކުރާ ނިޒާމަށް ގެއްލުން ލިބުމުން ދެން ނިކުންނަ ބޮޑެތި މައްސަލަތަކެއް ވެސް ހުރެ އެވެ.

"އޭގެ އިތުރުން ޖިންސީ ގުނަވަނުގެ މަސްތަކަށް ވެސް ގެއްލުންވޭ. އެކި ކަހަލަ ރުޅިއާ އެއްޗެހި މި މަސްތަކުގައި ހިފެހެއްޓިފައި ހުންނަ ކަމަށްވޭ. އެ މަސްތައް އަބަދު ބާރު އަރާފައި ހުންނަ ނަމަ އަންހެނަކު ބަނޑުބޮޑުވެގެން ވިހަން ވެސް އުނދަގޫތަކެއް އެބަހުރި. ސިޒޭރިއަން ވެސް އޭގެ ސަބަބުން ގިނަވޭ. މިކަހަލަ ބައިވަރު މައްސަލަތަށް އެބަހުރި އެކި ކަހަލަ ދިރާސާތަކުން ފެންނަން،" ޑރ. މާރިޔާ ކިޔައިދެއްވި އެވެ.

ލިބިފައި ހުރި ޖިންސީ ގެއްލުންތަކަށް ކޮންމެވެސް ފަރުވާއެއް ހޯދުން ވަރަށް މުހިންމު ކަމަށް ޑރ. މާރިޔާ ދެކިވަޑައިގަންނަވަ އެވެ.

"މިއީ އެންމެންގެ ޒިންމާއެއް. މައިންބަފައިންނަށްވުމުގެ ކުރިން ވެސް އެބަޖެހޭ އެމީހަކަށް ލިބިފައި ހުރި ގެއްލުންތަކަށް ފަރުވާ ހޯދަން. ކޮންމެހެން ކައުންސިލިންއަށް ދިޔުމެއް ނޫން ފަރުވާ ހޯދުމަކީ. އަމިއްލައަށް ވެސް ކުރެވޭނެ ބައިވަރު ކަންތައްތައް ހުންނާނެ. ދުއާ ވެސް ކުރެވިދާނެ،" އޭނާ ވިދާޅުވި އެވެ.

ބެލެނިވެރިންނަށް ދަސްކޮށްދެވޭނެ ބައެއް ކަންކަން

  • މައިންބަފައިން ދަރިފުޅާ ގާތްގު ޅުމެއް ބޭއްވުން ވަރަށް މުހިންމެވެ. ދަރިފުޅު ތުއްތު އިރު ނުބާއްވާ ގުޅުމެއް ފަހުން ބޭއްވުމަކީ އުނދަގޫ ކަމަކަށް ވެސް ވެދާނެ އެވެ. ކުޑައިރުގެ ގުޅުން ބަދަހި ނޫން ނަމަ ކުއްޖާ ބޮޑުވަމުން އަންނައިރު، ލަދުވެތިވެދާނެ ފަދަ ވާހަކަ، މިސާލަކަށް، ޖިންސީ އަނިޔާގެ ނުވަތަ އެކަމާ ގުޅުންހުރި ވާހަކަތައް ދެއްކުމަށް ކުއްޖާ ޖެހިލުންވެދާނެ އެވެ.
  • އާއިލާގެ މާމަ ކާފައަށް ވެސް ކުދިންގެ ރައްކަތެރިކަމާއި ދޭތެރޭ ނަގާ ފިޔަވަޅުތައް ކިޔައިދިނުން. އެއިރުން ކުއްޖާ ބަލަހައްޓަންވީ ގޮތް އެމީހުންނަށް ވެސް އެނގޭނެ އެވެ.
  • އަބަދު ވެސް ތެދު ހެދުމަށް ކުއްޖާއަށް ބާރުއަޅަންވާނެ އެވެ. އެއިރުން ގޯސް ކަމެއް ދިމާވި ނަމަވެސް ހަގީގަތާ އެއްގޮތަށް އެކަމެއް ކިޔައިދޭން ކުއްޖާއަށް އެނގޭނެ އެވެ.
  • ހަށިގަނޑުގެ ބައިތައް އެހެން މީހަކު އަތްލާޏް ނުޖެހޭނެ ތަންތަން ކަމަށް ކުއްޖާއަށް ކިޔައިދޭންޖެހެ އެވެ. އަދި ކުޑައިރު ވެސް އޮރިޔާމާ ނުބެހެއްޓުމާއި ހެދުން އެޅުމުގެ މިންގަނޑުތައް ކިޔައިދޭންޖެހެ އެވެ.

ގެއަށް އަންނަ މީހުން، ތަންތަނުން ބައްދަލުވާ މީހުންނާމެދު ސަމާލުވުން

  • ގެއަށް އައިސް އުޅޭ މީހުންނާއެކު ތިބާގެ ދަރިން އެކަހެރިކޮށް ބައްދަލުވާންޖެހޭ ސަބަބެއް ނެތެވެ. އެހެންކަމުން ތުއްތު އިރުން ފެށިގެން ވެސް އެ އާދަތައް ދަސްކޮށްދިނުން މުހިންމެވެ. ވަރަށް އިތުބާރުހިފޭ މީހަކާ ކުދިން ހަވާލުކުރި ނަމަވެސް ހާދިސާއެއް ދިމާވެއްޖެ ނަމަ ކުއްޖާއަށް އެ ވާހަކަތައް ކިޔައިދެވެންޖެހެ އެވެ.
  • ޓިޔުޝަން ނަގައިދޭން ނުވަތަ ގުރްއާން ކިޔަވައިދޭން މީހަކު ގެއަށް ގެނައި ނަމަވެސް އެކަހެރި ނޫން ތަނެއްގައި ފިލާވަޅުތައް ނަގައިދިނުން ވަރަށް މުހިންމެވެ. އަދި އެހެން ގެއަކަށް ކުއްޖާ ގެންދިޔަ ނަމަވެސް ރައްކާތެރިކަމަށް ފިޔަވަޅު އެޅުން މުހިންމެވެ.
  • އެކަނި ތަންތަނަށް ދާއުމުރުގައި ވެސް ގޮސްއުޅޭ ގޭގެޔާއި ކުދިންގެ ބެކްގްރައުންޑް ބަލައި، ދާ ތަންތަން ބުނުމަށްފަހު ގެއިން ނިކުތުމަށް ބާރުއެޅަންޖެހެ އެވެ.
  • ލަސްވެގެން ވަކިގަޑިއަކަށް އަންހެންކުދިން ނަމަވެސް ފިރިހެން ކުދިން ނަމަވެސް ބޭރުގައި ނުއުޅުމަށް އަންގަންޖެހެ އެވެ.
  • ކުޑަކުއްޖާ ލޯބީގެ ގުޅުން އުފައްދަން ހިތްވަރުދިނުމުގެ ބަދަލުގައި ރަހުމަތްތެރިކަން އުފެއްދުން މުހިންމެވެ.

ކޮމެންޓް

Stay in the loop

Get the latest news and reports delivered straight to your inbox