ކޮމިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާ ފަރާތްތަކުގެ ތެރެއިން ދެ ވަނަ ޑޯޒް ނުޖެހިތިބި ފަރާތްތަކަށް އެޕޮއިންޓްމަންޓް ދީގެން ވެކްސިން ޖަހަން ފަށަން ނިންމައިފި އެވެ.
ރާއްޖޭގެ ވެކްސިން ޕްރޮގްރާމް ފެށީ އިންޑިއާ އިން ހަދިޔާކުރީ 200،000 ޑޯޒުންނެވެ. ގިނަ ބަޔަކު ކޮވީޝީލްޑްގެ ފުރަތަމަ ޑޯޒު ޖަހައި، ދެވަނަ ޑޯޒުގެ އިންތިޒާރުގައި ތިއްބައި ވެކްސިން ނެތިގެން ދެވަނަ ޑޯޒު ޖެހުން މެދުކަނޑާލި އެވެ. އޭރު ގިނަ ބަޔަކު ފުރަތަމަ ޑޯޒު ޖެހިތާ އަށް ހަފުތާ އޮތީ ވެފަ އެވެ.
ރާއްޖޭގައި އެންމެ ފުރަތަމަ ކޮވިޝީލްޑް ޖަހަން ފެށުމަށް ފަހު ދެ ވަނަ ޑޯޒުގެ މުއްދަތެއްގެ ގޮތުގައި ދިނީ އަށް ހަފުތާ އެވެ. ނަމަވެސް ފަހުން އެޗްއީއޯސީން ބުނެފައި ވަނީ ފުރަތަމަ ޑޯޒު ޖެހިތާ، 12 ހަފުތާ ފަހުން ދެ ވަނަ ޑޯޒު ޖެހުމަކުން މައްސަލައެއް ދިމައެއް ނުވާނެ ކަމަށެވެ.
ސަރުކާރުން ބުނެފައިވާ ގޮތުގައި ކޮވިޝީލްޑުގެ ފުރަތަމަ ޑޯޒު ޖަހައި ދެ ވަނަ ޑޯޒު ޖަހަން ވެފައި ތިބި ޖުމްލަ 92،000 މީހުން އެބަ ތިއްބެވެ. އެއީ މާލެއިން 55،000 މީހުންނާއި ރަށްރަށުން 37،000 މީހުންނެވެ.

އެޗްޕީއޭއިން މިއަދު ބުނި ގޮތުގައި، މާދަމާއިން ފެށިގެން އެޕޮއިންޓްމެންޓް ދީގެން ކޮވިޝީލްޑްގެ ދެވަނަ ޑޯޒު ދޭން ފަށާނެ އެވެ.
ވެކްސިން ޖެހުމަށް އެޕޮއިންޓް ދޭން ނިންމާފައިވަނީ ފުރަތަމަ ޑޯޒް ޖެހި ތަރުތީބުން ކުރިން ޖެހި މީހުންނަށް އިސްކަންދީގެންނެވެ. އެގޮތުން ފެބްރުއަރީ މަހު ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާ ފަރާތްތަކަށް މާދަމާ ވެކްސިން ޖެހުމަށް އެޕޮއިންޓްމަންޓް ހެއްދުމަށް ގުޅަމުންދާނެ ކަމަށް އެޗްޕީއޭއިން ބުންޏެވެ.
އެޗްޕީއޭއިން ބުނި ގޮތުގައި ކޮމިޝީލްޑްގެ ދެވަނަ ޑޯޒް މިފަހަރު ދޭން ހަމަޖެހިފައިވަނީ ހަމައެކަނި އެޕޮއިންޓްމަންޓު ހަދައިގެންނެވެ. އެޕޮއިންޓްމަންޓް ލިބޭ ހުރިހާ ފަރާތްތަކުންވެސް ކަނޑައެޅިފައިވާ ސެންޓަރަށް ގަޑިއަށް ދިޔުމަށް އެޗްޕީއޭއިން ވަނީ އެދިފަ އެވެ.
އިންޑިއާގެ ކޮވީޝީލްޑްގެ އިތުރުން، ރާއްޖޭގައި މިހާރު ގެންދަނީ ޗައިނާގެ ސިނޯފާމް އަދި އެމެރިކާގެ ފައިޒާގެ ވެސް ދެމުންނެވެ.
ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެފައިވާ ގޮތުގައި މި މަހުގެ ތެރޭގައި އެކަށީގެންވާ އަދަދަކަށް ކޮވިޑު ވެކްސިން ލިބޭނެ ކަމުގެ އުއްމީދު އެބައޮތެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި އެމެރިކާ އިން ވެސް ރާއްޖެ އަށް ވެކްސިން ލިބޭނެ އެވެ.
ރާއްޖޭގެ ވެކްސިން ޕްރޮގްރާމް ފެށީ އިންޑިއާ އިން ހަދިޔާކުރީ 200،000 ޑޯޒުންނެވެ. ޗައިނާ އިން ވެސް 200،000 ޑޯޒާއި ހެޔޮއެދޭ އެހެން ފަރާތްތަކުން ވެސް ވެކްސިން ލިބުނެވެ. އޭގެ އިތުރަށް ރާއްޖެ އިން ވަނީ ޖުމްލަ 1،000،000 ޑޯޒަށް ފައިސާ ދައްކައިފަ އެވެ. އެއީ ސިންގަޕޫރުގެ އެސްޓްރާ ޒެނިކާ އަށް 700،000 ޑޯޒާއި އިންޑިއާގެ ސިރަމް އިންސްޓިޓިއުޓަށް 300،000 ޑޯޒަށެވެ.
މީގެ ތެރެއިން ރާއްޖެއަށް ލިބުނީ އިންޑިއާއަށް ފައިސާ ދެއްކި ވެކްސިންގެ ތެރެއިން 100،000 ޑޯޒެވެ. ބާކީ 200،000 އިންޑިއާ އިން ވެސް ލިބޭނެ ދުވަހެއް ނޭނގެ އެވެ.
ސަރުކާރުން އުއްމީދުކުރި ގޮތަށް ވެކްސިން ލިބުމުގައި ތާށިވީ، އިންޑިއާއަށް ކޮވިޑްގެ ދެވަނަ ރާޅެއް އަރައި ހާލަތު ވަރަށް ބޮޑަށް ގޯސްވުމާއެކު އެހެން ގައުމުތަކަށް އިންޑިއާއިން ވެކްސިން ފޯރުކޮށްދިނުމަށް ނުކުޅެދުމުންނެވެ.
ދުނިޔޭގެ އެހެން ގައުމުތަކާ އަޅާބަލާއިރު ރާއްޖޭގެ އާބާދީގެ ބޮޑު ޕަސެންޓަކަށް ފުރަތަމަ ޑޯޒު ދީފައިވާ ކަން ފާހަގަކޮށް ސަރުކާރުން ބުނެފައި ވަނީ އަންނަ އޮގަސްޓް މަހުގެ ނިޔަލަށް ގިނަ ބަޔަކަށް ވެކްސިންގެ ދެ ވަނަ ޑޯޒު ޖަހައި ނިމޭނެ ކަމަށެވެ.













