ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީ ކުރިމަތީގައި މުޒާހަރާކުރާނެ ކަމަށާއި އިންޑިއާގެ ހައިކޮމިޝަން ގޮއްވާލާނެކަމުގެ އިންޒާރުތައް ދެމުންދާތީ އެތަންތަނަށް ދެމުންދާ ސެކިޔުރިޓީ ވަރުގަދަކޮށްފައިވާ ކަމަށް ފޮރިން މިނިސްޓްރީން މިރޭ ބުނެފި އެވެ.
އޮންލައިން ނޫސް "ދިޔަރެސް"ގައި ޖެހި އާޓިކަލަކާ ގުޅިގެން އިންޑިއާ ހައިކޮމިޝަނުގެ އިސްވެރިންގެ ސަލާމަތަށް ނުރައްކާވާ ކަމަށް ބުނެ އެކަން ހުއްޓުވައިދިނުމަށް އިންޑިއާއިން އެދިފައިވާ މައްސަލަ ވަނީ ވަރަށް ބޮޑަށް ހޫނުވެފަ އެވެ.
އިންޑިއާއިން އެހެން އެދިފައިވަނިކޮށް، ރާއްޖޭގައި ތިބޭ ޑިޕްމޮލެޓުންނާމެދު ނަފުރަތު އުފެދި، ގުޅުމަށް ހީނަރުވާ ގޮތަށް ދޮގު ހަބަރު ނުފެތުރުމަށް ފޮރިން މިނިސްޓްރީން އިލްތިމާސް ކުރުމުން، ސަރުކާރަށް ވަނީ ގިނަ ބަޔެއްގެ ފާޑުކިޔުންތައް އަމާޒުވެފަ އެވެ.
ސޯޝަލް މީޑިޔާގައި އިންޑިއާއާ ދެކޮޅަށް ގިނަ ބަޔަކު ޝުއޫރުފާޅު ކުރަމުންދަނިކޮށް، ފޮރިން މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ދޭދޭ ގައުމުތަކާމެދު އޮންނަ ގުޅުންތަކާ ބެހޭ ހަގީގަތެެއް ނެތް ވާހަކަތަކާއި ރާއްޖޭގައި ހުންނަ ބައެއް ޑިޕްލޮމަޓިކް މިޝަންތަކާއި އެ މިޝަންތަކުގައި މަސައްކަތްކުރާ ޑިޕްލޮމަޓުންނާ ގުޅޭގޮތުން ދިޔަރެސް ނޫހުން ކޮށްފައިވާ ޓްވީޓުތަކުގެ ސަބަބުން، ޗައިނާ އެމްބަސީ ކުރިމަތީގައި މުޒާހަރާކުރާނެ ކަމަށާއި އިންޑިއާގެ ހައިކޮމިޝަން ގޮއްވާލާނެކަމުގެ އިންޒާރު ސޯޝަލް މީޑިއާގައި ދައުރުވެފައިވާ ކަމަށެވެ.

އެފަދަ އިންޒާރުތަކުގެ ސަބަބުން، އެ ދެ އިމާރާތުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް އެ ދެ މިޝަނުން އެދިފައިވާކަމަށް މިނިސްޓްރީން ބުންޏެވެ.
"އެ އެދުމުގެ މަތިން، ދިވެހިރާއްޖޭގެ ސަލާމަތީ ބާރުތަކުން މިހާރު ވަނީ އެ ދެ އިމާރާތާ ގުޅޭ ސަލާމަތީ ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށްފަ އެވެ،" އެ ބަޔާނުގައި ބުނެފައި ވެ އެވެ.
މިނިސްޓްރީން މިރޭ ވެސް ތަކުރާރުކޮށް ބުނީ ގައުމުތަކާއެކު އޮންނަ ގުޅުންތަކާ ބެހޭގޮތުން ހަގީގަތެއް ނެތް ވާހަކަތަކާއި، ރާއްޖޭގައި ހުންނަ ޑިޕްލޮމަޓިކް މިޝަންތަކާއި އެ މިޝަންތަކުގައި މަސައްކަތްކުރާ ޑިޕްލޮމަޓުންގެ ސަލާމަތާއި ރައްކާތެރިކަމަށް ބުރޫއަރާފަދަ ހަބަރުތައް ފެތުރުމަކީ އެ ގައުމުތަކާއެކު އޮންނަ ޒަމާންވީ ގުޅުމަށް ބުރޫއަރައި، އެ ޤައުމުތަކާ މެދު ދިވެހިންގެ ހިތްތަކުގައި ނަފްރަތު އުފެދުމަށް މަގުފަހިވެ، އޭގެ ނޭދެވޭ އަސަރުތައް ކުރުން އެކަށީގެންވާ ކަމެއް ކަމަށެވެ.
އަދި ބޭރު ދުނިޔޭގެ ކުރިމަތީގައި ރާއްޖޭގެ ތަސައްވުރު ކިލަނބުވެ، ދިވެހިރާއްޖެއަށް ލިބެން ހުރި ވިޔަފާރިއާއި، ފަތުރުވެރިކަމުގެ ފުރުސަތުތަކަށްވެސް ނޭދެވޭ އަސަރުކުރާނެ ކަމެއް ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
އެހެންކަމުން، ރާއްޖެއާ ގާތް ގުޅުމެއް އޮންނަ ގައުމުތަކާމެދު ދިވެހިންގެ ހިތްތަކުގައި ނަފްރަތު އުފެއްދުމަށާއި، ދޭދޭ ގައުމުތަކާއެކު އޮންނަ ގުޅުންތަކަށް ބުރޫއަރާ ފަދަ ގޮތްތަކަށް ހަގީގަތާ ހިލާފު ހަބަރުތައް ނުފެތުރުމަށް މިނިސްޓްރީން ކުރި އިލްތިމާސް މިރޭ ވެސް ވަނީ ތަކުރާރުކޮށްފަ އެވެ.












