ބޭރުގެ ގައުމުތަކާއެކު އޮންނަ ޒަމާންވީ ގުޅުންތަކަށް ނޭދެވޭ އަސަރުކޮށް، ރާއްޖޭގައި ގާއިމުކޮށްފައިވާ ބޭރުގެ އެމްބަސީތަކާއި އެ ތަންތަނުގައި މަސައްކަތްކުރާ ޑިޕްލޮމެޓުންގެ ސަލާމަތާއި ރައްކާތެރިކަމަށް ހުރަސްއެޅޭގޮތަށް ހަބަރު ނުފެތުރުމަށް ދިވެހި މީޑިއާތަކަށް ފޮރިން މިނިސްޓްރީން އިލްތިމާސްކޮށްފި އެވެ.
ފޮރިން މިނިސްޓްރީން މިހެން ބުނެފައިވަނީ އިންޑިއާ ހައިކޮމިޝަނަރު ސަންޖޭ ސުދިރް އާއި ހައި ކޮމިޝަނުގެ ވެރިންގެ އަބުރު ގެއްލޭ ގޮތަށް ބައެއް ނޫސްތަކާއި ސޯޝަލް މީޑިއާގައި ވާހަކަ ދައްކަމުންދާތީ އެކަމާމެދު ފިޔަވަޅު އެޅުމަށް ގޮވާލައި އެފަދަ ކަންކަން ތަކުރާރުވާ ނަމަ ދެ ގައުމުގެ މެދުގައި އޮންނަ ގުޅުމަށް އަސަރުކޮށްފާނެ ކަމުގެ އިންޒާރު އިންޑިއާއިން ދީފައިވަނިކޮށެވެ.
އެކަމާ ގުޅިގެން ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ރާއްޖެއަށް ކަނޑައަޅާފައި ތިއްބަވާ ސަފީރުންނާއި، ޑިޕްލޮމަޓިކް މިޝަންތަކާއި އެ މިޝަންތަކުގައި މަސައްކަތްކުރައްވާ ޑިޕްލޮމަޓުންގެ ކަރާމާތާއި އަބުރަށް ނޭދެވޭ އަސަރުކުރާ ގޮތަށް ހަގީގަތާ ހިލާފު ހަބަރު ރާއްޖޭގެ ބައެއް ނޫސްތަކުގައި ތަކުރާރުކޮށް ޝާއިއުކުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
މިފަދަ ކަންތައްތަކަކީ، ރާއްޖެއާއި ބޭރުގެ ގައުމުތަކާއެކު އޮންނަ ޒަމާންވީ ގުޅުންތަކަށް ނޭދެވޭ އަސަރުކޮށް، ރާއްޖެއާއެކު ޒަމާންވީ އެކުވެރި ގުޅުންތައް އޮތް ގައުމުތަކާ ދޭތެރޭ ދިވެހި ރައްޔިތުންގެ ހިތްތަކުގައި ނަފުރަތު އުފެދިގެން ހިނގައިދާނެ ކަމެއް ކަމުގައި މިނިސްޓްރީން ދެކޭ ކަމަށް އެ ބަޔާނުގައި ބުންޏެވެ.
"އަދި އެ ލިޔުންތައް އަމާޒުވާ ޑިޕްލޮމަޓުންގެ ސަލާމަތާއި ރައްކާތެރިކަމަށް ހުރަސްއެޅި އެ ޑިޕްލޮމަޓުންގެ ޒިންމާ އެންމެ ފުރިހަމައަށް އަދާކުރުމަށް ހުރަސްއެޅިގެން ހިނގައިދާނެކަމެއް ކަމުގައިވެސް ދެކެމެވެ،" ފޮރިން މިނިސްޓްރީން ބުނެފައިވެ އެވެ.

އެ ބަޔާނުގައި އިތުރަށް ބުނީ ދޭދޭ ގައުމުތަކުގެ ދެމެދުގައި ޑިޕްލޮމަޓުން ބަދަލުކުރުމާއި އެ ޑިޕްލޮމަޓުންނަށް ލިބެންޖެހޭ ހިމަޔާތާއި ރައްކާތެރިކަމާއި ހާއްސަ އިމްތިޔާޒުތަކާ ގުޅޭގޮތުން ވަކި އުސޫލުތަކެއް "ވިއެނާ ކޮންވެންޝަން އޮން ޑިޕްލޮމަޓިކް ރިލޭޝަންސް 1961" ގައި ކަނޑައެޅިފައިވާ ކަމަށެވެ.
އެގޮތުން "ރިސީވިން ސްޓޭޓް" ގެ ހައިސިއްޔަތުން، ރާއްޖޭއަށް ކަނޑައަޅާފައިވާ ޑިޕްލޮމަޓުންނާއި ޑިޕްލޮމަޓިކް މިޝަންތަކާއި ޑިޕްލޮމަޓުން ދިރިއުޅޭ ތަންތަނަށް ދޭންޖެހޭ ރައްކާތެރިކަން ފޯރުކޮށްދިނުމަކީ ދިވެހި ދައުލަތުގެ ޒިންމާއެއް ކަމަށް ވެސް އެ ބަޔާނުގައި ވަނީ ހަނދާންކޮށްދީފަ އެވެ.
ވީމާ، އެކި އެކި ބައިނަލްއަގުވާމީ މުއާހަދާތަކުން ކަނޑައަޅާފައިވާ އުސޫލުތަކާ ހިލާފުނުވާނޭހެން، އަދި ދޭދޭ ގައުމުތަކާއެކު އޮންނަ ގުޅުންތަކަށް ނޭދެވޭ އަސަރުނުކުރާނެހެން ރާއްޖޭގެ މީޑިއާތަކުގެ މަސައްކަތްތައް ކުރިއަށް ގެންގޮސްދެއްވުމަށް އިލްތިމާސްކުރަމެވެ،" އެ ބަޔާނުގައި ބުންޏެވެ.
އެނގިފައިވާ ގޮތުގައި ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން ހިތްހަމަނުޖެހުނީ އޮންލައިން ނޫސް، "ދިޔަރެސް" ގައި ލިޔުނު އާޓިކަލްއަކާ ގުޅިގެންނެވެ.
މި މައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީގެ މުގައްރިރު ރޮޒައިނާ އާދަމް ކުރެއްވި މެސެޖެއް ވަނީ ލީކްވެފަ އެވެ. ރޮޒައިނާގެ އެ މެސެޖްގައި ވިދާޅުވެފައިވަނީ އިންޑިއާގެ ޑެޕިއުޓީ ހައި ކޮމިޝަނާއާ ގުޅޭގޮތުން މީޑިއާގައި ދައްކާފައިވާ ވާހަކަތަކެއްގެ ސަބަބުން އޭނާގެ ސެކިއުރިޓީއަށް ނުރައްކާވެފައިވާ ކަމަށް ވިދާޅުވެ ގުޅުއްވި ކަމަށެވެ.
އެހެންވެ އެ މައްސަލަ ބަލައި ދިނުމަށް އެދި މީޑިއާ ކައުންސިލްގެ ރައީސް ޝަހުބާން ފަހުމީގެ އަރިހުގައި އެދިވަޑައިގެންފައިވާ ކަމަށް ރޮޒައިނާގެ މެސެޖްގައި ވިދާޅުވެފައިވެ އެވެ.
އެ މެސެޖާ ގުޅޭގޮތުން މީޑިއާ ކައުންސިލްގެ ރައީސް ޝަހުބާން ވިދާޅުވީ ދިޔަރެސް ނޫހުގެ މައްސަލަ ރޮޒައިނާ އޭނާގެ ސަމާލުކަމަށް ގެނައި ކަމަށާއި ނަމަވެސް އެއްވެސް ފަރާތަކުން ރަސްމީކޮށް އެ މައްސަލަ މިހާތަނަށް ހުށަހަޅައިފައި ނުވާ ކަމަށެވެ.












