ސަރުކާރުގެ އޮފީސްތައް އަންނަ އާދީއްތަދުވަހުން ފެށިގެން ވަކި އުސޫލެއްގެ ތެރެއިން ހުޅުވައިގެން މަސައްކަތް ކުރާ ގޮތަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ހަމަޖައްސަވައިފި އެވެ.
ކޮވިޑުގެ ހަތަރު ވަނަ ރާޅާ އެކު ހާލަތު ގޯސްވުމުމުން އޮފީސްތައް ބަންދުކޮށް ގޭގައި ތިބެގެން މަސައްކަތް ކުރާ ގޮތަށް ނިންމީ މީގެ މަހެއްހާ ދުވަސްކުރިންނެވެ. އަމިއްލަ އޮފީސްތައް ވެސް ގޭގައި ތިބެގެން ހިންގުމަށް ސަރުކާރުން އޭރު އިލްތިމާސްކުރި އެވެ.
ސަރުކާރުގެ އޮފީސްތައް އަލުން ހުޅުވާލަން ނިންމައި އާއްމުކުރި އުސޫލުގައި ރަސްމީ މަސައްކަތު ގަޑީގެ ތެރޭގައި މަސައްކަތް ނިންމުމަށް މުވައްޒަފުންނަށް ބާރުއެޅުމަށް ވަނީ އަންގައިފަ އެވެ.
ނުރަސްމީ ގަޑީގައި މުވައްޒަފުން މަސައްކަތްކުރަން ނުޖެހޭގޮތަށް އޮފީހުގެ މަސައްކަތްތައް ރޭވުމާއި ދަންފަޅި އުސޫލުން މަސައްކަތް ކުރާ އިދާރާތައް ފިޔަވައި، ސަރުކާރުގެ އެހެން އިދާރާތައް، ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށްޓަކައި ނޫން ގޮތަކަށް މެންދުރުފަހު 2:00ގެ ފަހުން ހުޅުވައިގެން މަސައްކަތް ނުކުރުމަށް ވެސް އެ އުސޫލުގައި އެދިފައިވެ އެވެ.
ކޮވިޑް-19 އާ ގުޅިގެން ސަރުކާރުގެ އިދާރާތަކުން އޮންލައިންކޮށް ދޭން ފެށި ހިދުމަތްތައް އެ ގޮތުގެ މަތިން ދެމުން ގެންދިޔުމަށާއި އޮންލައިންކޮށް ދެވެން ހުރި އިތުރު ހިދުމަތްތަކަކީ ކޮބައިތޯ ބަލައި، އެ ހިދުމަތްތައް އޮންލައިންކޮށް ދެވޭނެ އިންތިޒާމުތައް ހަމަޖައްސަމުން ގެންދިއުމަށް ވެސް އުސޫލުގައި ވެ އެވެ.

އުސޫލުގައި ބުނެފައި ވަނީ ސަރުކާރުގެ އޮފީހަކުން ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށްޓަކައި، ނުރަސްމީގަޑީގައި އިދާރާ ހުޅުވައިފައި ބަހައްޓަންޖެހޭ ހާލަތްތަކުގައިވެސް، އެންމެ ލަސްގަޑިއަކީ ހަވީރު 4:00 އެވެ.
މީގެ އިތުރުން، ސަރުކާރުގެ އިދާރާތައް ހިންގުމާއި މަސައްކަތްކުރާއިރު ސިއްހީ ރައްކާތެރިކަމުގެ ގޮތުންނާއި މަސައްކަތު މާހައުލުގެ ސާފުތާހިރުކަމުގެ ގޮތުންނާއި އިޖުތިމާއީ ގައިދުރުކަމުގެ ގޮތުން އަޅަން އެޗްޕީއޭގެ ލަފަޔާއި މަޝްވަރާގެ މަތިން ސިވިލް ސާވިސް ކޮމިޝަނުން ކަނޑައަޅާ ފިޔަވަޅުތައް ސަރުކާރުގެ އިދާރާތަކުން ތަންފީޒުކުރަންވާނެ ވެސް އެ އުސޫލުގައި ބުނެ އެވެ.
ކޮވިޑާ ގުޅިގެން، ދުނިޔޭގެ އިގްތިސޯދަށް ކުރިމަތިވެފައިވާ ހީނަރުކަމުގެ ސަބަބުން، ރާއްޖޭގެ އިގްތިސޯދަށާއި ދައުލަތުގެ ބަޖެޓަށް އެކަމުގެ ނޭދެވޭ އަސަރު ފޯރަން ފަށައިފައިވާތީ ސަރުކާރުގެ ހަރަދުތައް ކުޑަކުރުމުގެ ފިޔަވަޅުތައް އަޅަން ވެސް އެންގި އެވެ.
އޭގެތެރޭގައި އޮފީހުން ކުރާ ކަރުދާހުގެ ހަރަދާއި، ޕްރިންޓްކުރުމުގެ ހަރަދު ކުޑަކުރެވޭނެ ގޮތްތައް ހޯދައިގެން އެގޮތަށް މަސައްކަތްކުރެވޭނެ އުސޫލުތައް ހަދައި، އެ އުސޫލުތައް ތަންފީޒުކުރުމަށާއި، ލިޔެކިއުންތައް ވީވަރަކުން ޑިޖިޓަލައިޒް ކޮށްގެން "ޕޭޕާލެސް" މަސައްކަތުގެ މާހައުލެއް އޮފީހުގައި ގާއިމު ކުރަން ވެސް އެދިފައިވެ އެވެ.













