"ކެވިން ޑި ބްރޭނާ އަކީ މިދިޔަ ދެ އަހަރަށް ބަލާއިރު ދުނިޔޭގައި ހުރި އެންމެ މޮޅު މިޑްފީލްޑަރު"
މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ މިދިޔަ އަހަރު ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޓީމަށް ކުޅޭ ބެލްޖިއަމްގެ މިޑްފީލްޑަރު ކެވިން ޑި ބްރޭނާ އަށް ތައުރީފު ކުރަމުން ބުންޏެވެ. ގާޑިއޯލާގެ އެ ވާހަކަ އަށް އެއްބަސްވަންތޯ މިދިޔަ އަހަރު ބާސެލޯނާ އަދި ސްޕެއިންގެ ކުރީގެ ލެޖެންޑަރީ މިޑްފީލްޑަރު ޒަވީ ހެނާންޑޭޒް ގާތުގައި އެހުމުން އޭނާ ވެސް ވަނީ މި ފަހަކަށް އައިސް ޑި ބްރޭނާ ދައްކަމުން އަންނަ ކުޅުމަށް ބަލާއިރު، އެ ކަމަށް ދެ ބަސްވެވެން ނެތް ކަމަށް ބުނެފަ އެވެ.
މީގެ ކުރިން ޖަރުމަނު ލީގުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައިވާ މިހާރު އުމުރުން 29 އަހަރުގެ ޑި ބްރޭނާ ވަނީ ފާއިތުވި ދެ އަހަރު އިނގިރޭސި ޕްރިމިއާ ލީގުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދައިފަ އެވެ. އޭނާ އަކީ އެކަން ހާސިލްކުރި ފުރަތަމަ މިޑްފީލްޑަރެވެ.
މިދިޔަ ސީޒަނު (2019-2020 ވަނަ ސީޒަން) ގައި ޗެމްޕިއަންސް ލީގުގެ އެންމެ މޮޅު މިޑްފީލްޑަރުގެ މަގާމު ހޯދި ޑި ބްރޭނާ އަކީ މި ފަހަރު ޔޫރޯގައި ވާދަކުރާ ބެލްޖިއަމް ޓީމުގެ މުހިއްމު އެއް ތަނބެވެ. އޭނާ ކުޅުނު ވަގުތުގައި މުޅި ޓީމު ލައްވައި ކުޅުވުމުގައި ތަފާތު ދެއްކި އެވެ.
ޔޫރޯގައި ބެލްޖިއަމް ފުރަތަމަ ކުޅުނު މެޗުގައި ޑި ބްރޭނާ ޓީމުގައި ނެތެވެ. އެއީ މިދިޔަ މަހު ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ލޯ ކައިރީ ކަށިގަނޑަށް ލިބުނު އަނިޔާ އަކުން ރަނގަޅުވާން ކުރި އޮޕަރޭޝަނަށް ފަހު އެކަށީގެންވާ ވަގުތެއް އަރާމްކުރަން ނެގުމަށެވެ.

ޑެންމާކްގެ ކްރިސްޓެންސަން (ވ) ކައިރިން ޑި ބްރޭނާ ބޯޅަ ހިފައިގެންދަނީ.
ޑި ބްރޭނާ އެނބުރި އައީ ބެލްޖިއަމުން ގްރޫޕް ސްޓޭޖުގައި ކުޅުނު ދެ ވަަނަ މެޗަށެވެ. ޑެންމާކް އަތުން 1-0 އިން ބެލްޖިއަމް ބަލިވެފައި އޮއްވައި ދެ ވަނަ ހާފްގައި އަރައި ނަތީޖާ އަނބުރާލީ ޑި ބްރޭނާ ދެއްކި ތަފާތުންނެވެ. ބެލްޖިއަމް އިން އެެއްވަރުކުރި ގޯލު އެ މެޗުގައި ޖެހީ ޑި ބްރޭނާ ދިން ބޯޅައަކުން ތޯގަން ހަޒާޑް އެވެ. އަދި ބެލްޖިއަމް މޮޅުކޮށްދިން ގޯލު ޖެހީ ޑި ބްރޭނާ އެވެ. ގްރޫޕް ސްޓޭޖު ފަހު މެޗުގައި ބެލްޖިއަމްގެ ރޮމެލޫ ލުކާކޫ ފިންލެންޑް ކޮޅަށް ގޯލު ޖެހީ ޑި ބްރޭނާ ދިން ބޯޅައަކުންނެވެ.
ނޮކައުޓް ބުރުގެ ފުރަތަމަ މެޗުގައި މިރޭ އެންމެ ފަހުގެ ޔޫރަޕްގެ ޗެމްޕިއަން ޕޯޗުގަލްއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ބެލްޖިއަމްގެ ކޯޗު ރޮބާޓޯ މާޓީނޭޒް ވަނީ ހާއްސަކޮށް ޑި ބްރޭނާގެ ނަން ފާހަަގަކޮށްފަ އެވެ. ފާއިތުވި ދުވަސްތަކުގައި ޓީމުގެ ފަރިތަކުންތަކަށް ބަލާއިރު ޑި ބްރޭނާ ހުރީ ޕޯޗުގަލްއާ ދެކޮޅަށް ކުޅޭ މެޗަށް ވަރަށް ތައްޔާރުވެގެން ކަމަށް މާޓީނޭޒް ބުންޏެވެ.
"ޑި ބްރޭނާ އަކީ ވަކި ހާއްސަ ރޯލެއް ދޭން ޖެހޭ ކުޅުންތެރިއެއް ނޫން. އޭނަ ކޮންމެ ޒިންމާއެއް ވެސް އަދާކުރާނީ ރަނގަޅަށް. މި މެޗަށް އައިއިރު ޑި ބްރޭނާ ހުރި ލެވަލާ މެދު އަހަރެން ވަރަށް ހިތްހަމަޖެހޭ. މި މެޗުގައި (ޕޯޗުގަލް)އާ ދެކޮޅަށް ޑި ބްރޭނާގެ އެ ޕްލޭމޭކް ކުރުމުގެ ޒިންމާ ފުރިހަމަ އަށް އަދާކޮށްފިނަމަ މިއީ އަހަރެމެންނަށް ރަނގަޅު މެޗަކަށް ހެދިދާނެ،" މާޓީނޭޒް ބުންޏެވެ.
އަހަރެން ދެކޭ ގޮތުގައި ޑި ބްރޭނާ އަކީ މި ވަގުތު ދުނިޔޭގެ ފުޓްބޯޅައިގައި ހުރި އެންމެ މޮޅު ޕްލޭމޭކަރު - މާޓީނޭޒް
ޑި ބްރޭނާއާ އެކު މެންޗެސްޓާ ސިޓީ އަށް ކުޅޭ ބެނާޑޯ ސިލްވާ އާއި ރުބެން ޑިއާޒް ޕޯޗުގަލް ޓީމުގައި ހިމެނެ އެވެ. އެ ދެ ކުޅުންތެރިން ވަނީ ޑި ބްރޭނާ ހުއްޓުވުމުގެ މުހިއްމު ކަމުގެ ވާހަކަ ޕޯޗުގީސް މީޑިއާ އަކަށް ދިން އިންޓަވިއުއެއްގައި ފާހަގަކޮށްފަ އެވެ.
އިނގިރޭސި ޕްރިމިއާ ލީގުގެ ވުލްވްސް އަށް ކުޅޭ ޕޯޗުގަލްގެ މިޑްފީލްޑަރު ޔާއޯ މުޓީނިއޯ ބުނީ މިރޭ ޕޯޗުގަލް އިން ހަމައެކަނި ޑި ބްރޭނާ އަށް ސަމާލުކަން ދިނުމަކީ ވެސް އެންމެ ރަނގަޅު ގޮތަށް ނުވާނެ ކަމަށެވެ. މުޓީނިއޯ ބުނީ ޑި ބްރޭނާ އަކީ ކޮން ފެންވަރެއްގެ ކުޅުންތެރިއެއްކަން އެނގޭ ކަމަށާއި އޭނާ އަށް ފޯކަސް ކުރާއިރު، ބެލްޖިއަމްގެ އެހެން ކުޅުންތެރިންނަށް ވެސް ބަލަން ޖެހޭނެ ކަމަށެވެ.
"ބެލްޖިއަމަކީ ހަމައެކަނި ޑި ބްރޭނާ އެއް ނޫން. މިހެން ބުންޏަސް ގަބޫލުކުރަން ޖެހޭ އޭނަ (ޑި ބްރޭނާ) އަކީ އާދަޔާހިލާފު މޮޅު ކުޅުންތެރިއެއް ކަން. އަހަރެމެން އޭނަ އަށް ވަގުތާ ކޮޅަކާއި ކުޑަ ޖާގައެއް ދެއްކިޔަސް އޭނަގެ ތަފާތު ފެންނާނެ،" މުޓީނިއޯ ބުންޏެވެ.
"ޑި ބްރޭނާ އަކީ ލަނޑު ޖަހަން ވެސް މޮޅު ކުޅުންތެރިއެއް. އެހެންވީމަ ހުރިހާ ނުރައްކަލެއް އެބައޮތް. އެކަމަކު މިއީ ޑި ބްރޭނާއާ ހަމައިން ނުވިސްނާ މުޅި ބެލްޖިއަމް ޓީމަށް ސަމާލުވާން ޖެހޭ ވަގުތު،"
ޑި ބްރޭނާ އަކީ އެންމެ ފަހުންް ބައިނަލްއަގުވާމީ ބޮޑު ހަތަރު މުބާރާތުގައި ލަނޑެއް ޖަހަން ފުރުސަތު ތަނަވަސްކޮށްދިން ޔޫރަޕްގެ ހަމައެކަނި ކުޅުންތެރިޔާ އެވެ. އޭނާ ވަނީ 2014 ވަނަ އަހަރުގެ ވޯލްޑް ކަޕް، 2016 ވަނަ އަހަރުގެ ޔޫރޯ، 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް އަދި މި ފަހަރުގެ ޔޫރޯގައި ލަނޑު ޖަހަން އެސިސްޓްކޮށް ދީފަ އެވެ.

ފިންލެންޑްގެ ދެ ކުޅުންތެރިން ޑި ބްރޭނާ (މ) އަތުން ބޯޅަ ހޯދަން މަސައްކަތްކުރަނީ.
ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ އަށް ދޭ ބެލޮންޑިއޯ އެވޯޑް ޑި ބްރޭނާ އަށް ލިބެންޖެހޭ ކަމަށް ބުނެ ދެކެވޭ ވާހަކަތަކަށް އޭނާ ވަނީ ޖަވާބު ދީފަ އެވެ. ޑި ބްރޭނާ ބުނީ އޭނާގެ އަމާޒަކީ މި ފަހަރުގެ ޔޫރޯ ބެލްޖިއަމަށް ކާމިޔާބު ކޮށްދޭން ކުރެވެން ހުރިހާ މަސައްކަތެއް ކުރުން ކަމަށެވެ.
"އަހަރެންގެ ފޯކަސް ހުރީ މި މުބާރާތުގައި ދެވެން އޮތް އެންމެ ދުރަކަށް ބެލްޖިއަމް ގެންގޮސްދޭން. ޗެމްޕިއަންކަން ހޯދުން އެއީ އަޒުމަކީ. ދެން ބެލޮންޑިއޯ އެވޯޑް އަހަންނަށް ލިބެން ޖެހޭ ކަމަށް މީހުން ބުނުމަކީ އަހަރެން ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކަމުގެ ހެއްކެއް. އެއީ ވެސް އަހަންނަށް އޮތް އުފަލެއް،" ޑެންމާކާ ދެކޮޅަށް ކުޅުނު މެޗަށް ފަހު ޑި ބްރޭނާ ބުންޏެވެ.
ބެލްޖިއަމުން 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ތިން ވަނަ ހޯދިއިރު، ޑި ބްރޭނާ މުހިއްމު ދައުރެއް އަދާކުރި އެވެ. އޭނާ ވަނީ އެ މުބާރާތުގެ ޑްރީމް ޓީމުގައި ވެސް ހިމެނިފަ އެވެ. މި ފަހަރުގެ މުބާރާތުގައި ބެލްޖިއަމުން ރަނގަޅު ކާމިޔާބެއް ހޯދާނަމަ މިރޭގެ މެޗަކީ ޑި ބްރޭނާ ތަފާތު ދައްކަން ޖެހޭ މެޗެކެވެ. ފުޓްބޯޅައިގެ ތަޖުރިބާކާރުން ދެކޭ ގޮތުގައި ޕޯޗުގަލް އިން ބެލްޖިއަމް ބަލިކުރަން ބޭނުންނަމަ ޑި ބްރޭނާ އަށް ހާއްސަ ސަމާލުކަމެއް ދީ އޭނާ ހުއްޓުވަން ޖެހޭނެ އެވެ.












