ރިޕޯޓުއެމްޑީޕީ އަށް ސޯޅަ: ރެނދު ބޮޑުވެ، ބިންގަލާ ދިމާލަށް!

އެމްޑީޕީ އަށް ސޯޅަ: ރެނދު ބޮޑުވެ، ބިންގަލާ ދިމާލަށް!

ހަމައެކަނި ހާމަކޮށް ފެންނާން އޮތް ކަމަކުން ނޫނީ އިވޭ އަޑުތަކުން އެކަންޏެއް ނޫނެވެ. ނުކުރާ ކަންތައްތަކާއި ނުފެންނަ މަންޒަރުތަކުން ވެސް އެތައް ވާހަކައެއް ކިޔައިދީ، ގިނަ ކަންކަން ހާމަވެ، ތިލަވާނެ އެވެ. އިއްޔެ ފާހަގަކުރި އެމްޑީޕީގެ އަހަރީ ދުވަސް ވެސް ސިފަކޮށް ދިނީ އެ މަންޒަރެވެ.

އެމްޑީޕީ އަށް ސޯޅަ: ރެނދު ބޮޑުވެ، ބިންގަލާ ދިމާލަށް!

އެއީ މީގެ 16 އަހަރު ކުރިން، ޖޫން 26، 2005 ވީ އާދިއްތަ ދުވަހުގެރެ އެވެ. ތަނަކީ އިސްކަންދަރު ސްކޫލެވެ. އެމްޑީޕީ ރަޖިސްޓްރީވުމުގެ އުފާ ފާހަގަކުރަން ބޭއްވި އެ ޖަލްސާ އަށް ހާޒިރުވެ ތިބި މީހުންނައިގެން ސްކޫލުގެ ގޯތިތެރެ އާއި ފުރަތަމަ ބުރީގެ ބެލްކަނީ އޮތީ ފުރިބާރުވެފަ އެވެ. ސިޔާސީ ޕާޓީއެއްގެ ގޮތުގައި އެމްޑީޕީ ރަޖިސްޓްރީވެއްޖެކަން ބަޔާންކޮށް ހޯމް މިނިސްޓަރު އުމަރު ޒާހިރު ސޮއިކުރައްވާފައިވާ ސިޓީ، އެމްޑީޕީގެ ސެކެޓްރިއޭޓުން އެތަނުގައި އިއުލާންކުރުމާ އެކު އުފާވެރިކަމުގެ އަޑުތަކުން މުޅި ތަން ގުގުމާލި އެވެ.

އެ މުނާސަބަތަށް 16 އަހަރު ފުރުން ފާހަގަކުރަން ހޮނިހިރު ދުވަހު އެމްޑީޕީން ގައުމީ މަޖިލީހުގެ ޖަލްސާއެއް ބޭއްވި އިރު ކުރީގެ އިހުސާސްތަކެއް ނެތެވެ. އެމްޑީޕީން އޭރު ފެށި މަސައްކަތުގައި، ދެ ވަނަ ފަހަރަށް ގައުމުގެ ވެރިކަމަށް އައިސް، ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމުގައި އެ ޕާޓީގެ އިބްރާހިމް މުހައްމަދު ސޯލިހު ހުންނެވި ނަމަވެސް، އެ ޖަލްސާގައި އެމަނިކުފާނެއް ނެތެވެ. އެ ޖަލްސާގައި ސަރުކާރުގެ އިސް ބޭފުޅުން ވެސް ހިމެނިވަޑައިނުގަންނަވަ އެވެ.

ކިތަންމެ ކުޑަކަމެއް ވިޔަސް އާއްމުކޮށް ޓްވީޓު ކުރައްވާ ބޭފުޅުން އެ މުނާސަބަތުގައި ހަމައެކަނި މަރުހަބާ ކިޔާލާނެ ތަކުލީފެއް ވެސް ނުއުފުލެއްވި އެވެ. އޭގެ ބަދަލުގައި ގައުމީ މަޖިލީހުން ވެސް މުޅީން ވެސް އިވުނީ ޝަކުވާގެ އަޑުތަކެވެ. އަހަރީ ދުވަހުގެ އުފާވެރިކަމެއް ނެތެވެ. އެމްޑީޕީގެ މައި ހިއްސާ އޮތް ސަރުކާރަކާ ގުޅުން ކުޑަވުމުގެ ކަންބޮޑުވުމެވެ. ސަރުކާރާ ދުރުވެ، ޕާޓީގެ އާއްމު މެމްބަރުން ބީރައްޓެހިވެފައިވާ ކަމުގެ އުދާސްތަކެވެ.

"ޕާޓީގެ އަސާސްތައް މުގުރިއްޖެ"

އެމްޑީޕީއަކީ ވަކި ފަލްސަފާއަކާއި އަސާސްތަކެއްގެ މައްޗަށް ބިނާކޮށްފައި އޮތް ޕާޓީއެއްގެ ގޮތުގައި އަބަދު ވެސް ވަކާލާތުކުރެ އެވެ. އެއީ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ދިގު ތިރީސް އަހަރުގެ ވެރިކަން ބަދަލުކޮށް ގައުމަށް އިސްހާލީ ބަދަލުތަކެއް ގެނައުމަށް، ވަކި އުސޫލުތަކެއްގެ މަތީގައި ވަކި މަގުސަދުތަކެއް ހާސިލުކުރަން ނުކުތް ޕާޓީއެކެވެ.

ރަށެއްގައި ބަނދަރެއް ހަދައިގެން ފާލަމެއް އަޅާލުމަކުން އެ މެމްބަރުންނަކަށް ނުފުދެ އެވެ. ބޭނުންވަނީ އިންތިހާބުގެ ތެރެއިން ވި ވައުދުތައް ފުއްދުމެވެ. ހައްގުތަކާއި އިންސާފު ހޯދައި ދިނުމެވެ. ކޮރަޕްޝަނާއި ފަސާދަ ހުއްޓުވައި ދިނުމެވެ.

އެއީ އެމްޑީޕީ އުފެދިގެން އައި ފަލްސަފާ އެވެ. ދެގޮތެއް ނުވާނެ އުސޫލާއި މަގުސަދެވެ. އެކަން ހާސިކުރުން ލަސްވާނަމަ، މެމްބަރުން ޝަކުވާ ކުރެ އެވެ.

އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު ވެސް ފާހަގަކުރައްވަނީ އެ ނުކުތާ އެވެ.

ސަރުކާރުގެ އެންމެ 40 ޕަސަންޓު ހިއްސާ އޮތް ނަމަވެސް، އެމްޑީޕީގެ އާއްމު މެމްބަރުން ގޮވަމުންދަނީ އެކަންކަމަށް އިސްކަން ދިނުމަށް ކަމަށް ހަސަން ގަބޫލުކުރައްވަ އެވެ.

"ސަރުކާރުގައި އޮތް އެމްޑީޕީގެ 40 ޕަސަންޓު ހިއްސާ ބޭނުންކުރެވެން އެބަޖެހޭ އެމްޑީޕީ އުފެދުނު މަގުސަދު ހާސިލުކުރަން. އެ ފަލްސަފާގެ މަތީގައި އޮތް މަގުސަދުތަކާއި އުސޫލުތަކަށް އިސްކަން ދެވެންޏާ މެމްބަރުންގެ މެދުގައި މާބޮޑު ހިޔާލުތަފާތުވުންތަކެއް ނުހުންނާނެ،" ހަސަން ވިދާޅުވި އެވެ.

ދެން އޮތީ ސަރުކާރުގެ މުހިއްމު ވުޒާރާތަކުގައި ތިއްބެވި އެމްޑީޕީގެ އިސް ބޭފުޅުންނާ މެދު އޮތް ހިތްހަމުނެޖެހުމެވެ. ޕާޓީގެ އަސާސްތައް ހިފަހައްޓަން އެ ބޭފުޅުން މަސައްކަތް ނުކުރައްވާ ކަމުގެ ޝަކުވާ އެވެ.

ހެން
ހެން

ހެންވޭރު ހުޅުނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް މަޖިލީހުގެ ޖަލްސާއެއްގައި. -ފޮޓޯ: މަޖިލިސް

ހަސަން ލަތީފު ވެސް ގަބޫލުކުރައްވާ ގޮތުގައި ސަރުކާރުގެ މަގާމުތަކުގައި ތިއްބެވި ބޭފުޅުން ވެސް އެ މަސައްކަތްކޮށްދެއްވަން ޖެހެ އެވެ. ސަރުކާރުން ކުރާ ކަންތައްތަކުގެ ލިސްޓުގެ އެންމެ ކުރިއަށް އެ ބައި ގެންނަން ބާރުއަޅަންޖެހެ އެވެ.

"އެކަންކަމަށް އިސްކަން ދޭންވެއްޖެއޭ މިހާރަށް ވުރެ ބޮޑަށް. އާއްމު މެމްބަރުން މި އަހަނީ އޭރު ފެށި މަސައްކަތް މިހާރު ހުރީ ކޮން ހިސާބެއްގަ ތޯ އޭ އޮތީ؟" ހަސަން ވިދާޅުވި އެވެ.

މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ވެސް ވިދާޅުވީ އެމްޑީޕީގެ އާއްމު މެމްބަރުންނާއި ސަރުކާރާ ދެމެދު އޮންނަ ގުޅުން ކުޑަވެފައިވާ ކަމަށެވެ. އެކަން ބޮޑުވެފައިވަނީ ކޮވިޑުގެ ސަބަބުން ކަމަށް ގަބޫލުކުރެއްވި ނަމަވެސް، އޮންލައިންކޮށް އާއްމު މެމްބަރުންނާ ބައްދަލުކޮށް ހިޔާލު ހޯދެންޖެހޭ ކަމަށް ވައްޑެ ވިދާޅުވި އެވެ.

"އެމްޑީޕީއަކީ ތިރިން މައްޗަށް އުފެދި ބޮޑުވަމުން އައި ޕާޓީއެއް. އަޅުގަނޑުމެންނަށް ވެސް މި ހިސާބަށް އާދެވުނީ އާއްމު މެމްބަރުން ކުރި މަސައްކަތުން ކަމަށް އަޅުގަނޑު ދެކެނީ،" ވައްޑެ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ކޮވިޑުގެ ދަތި އުނދަގުލުގެ ތެރޭގައި ވެސް ތަރައްގީގެ މަޝްރޫއުތައް މި ސަރުކާރުން އެބަ ހިންގަ އެވެ. ހާއްސަކޮށް ޖަޒީރާ ރާއްޖެއެއްގެ ސިޔާސަތުގެ ދަށުން އަތޮޅު ތެރޭގައި އެ މަސައްކަތުގެ ސްޕީޑު ވެސް ރަނގަޅެވެ.

އެކަމަކު ޕާޓީގެ އާއްމު މެމްބަރުންނަށް އެވަރުން ނުފުދޭ ކަމަށް އޭނާ ވެސް ފާހަގަކުރައްވަ އެވެ.

ވެރިކަމަށް އައުމުގެ ކުރިން ރާއްޖޭގައި ހިނގާފައިވާ ބޮޑެތި މަރުތަކުގެ މައްސަލަތައް ބަލައި، އިންސާފު ހޯދައި ދިނުމަށް ކުރި ވައުދު އަދިވެސް ފުއްދިފައިނުވާއިރު، އެކަން ލަސްވާ ސަބަބުތައް ސާފުކޮށް ކިޔައިނުދިނުމަކީ ވެސް މެމްބަރުންގެ ކަންބޮޑުވުމެކެވެ.

އަދި ކޮރަޕްޝަނާއި ފަސާދަ ހުއްޓުވާނެ ކަމަށް ބުނެ ރައްޔިތުން ގެނައި އެމްޑީޕީގެ ސަރުކާރުގައި ވެސް އެ މާޒީ ތަކުރާރުވަމުންދާކަމީ މެމްބަރުންނަށް ބަލައިގަންނަންދަތިކަމެއް ކަމަށް ވައްޑެ ވިދާޅުވި އެވެ.

"ނިޒާމާ ދޭތެރޭ އިތުބާރު ގެއްލިގެން މިދަނީ. މި ސަރުކާރުގައި ވެސް ކޮރަޕްޝަނުގެ އިތުރު ދޮރުތައް ހުޅުވިގެންދާ ވާހަކަ މި އަޑުއިވެނީ،" އޭނާ ވިދާޅުވި އެވެ.

ޕާޓީގެ ރައީސަށް އިންސާފު

ސަރުކާރު ލަސްކަމުގެ ބަނޑެލިވެފައިވާ ނުތަނަސްވަކަމުގެ ތެރެއިން ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާ ވެގެންގޮސްފައިވަނީ، ޕާޓީގެ ބައިބައިވުން އިތުރަށް ފުޅާވި ކަމަކަށެވެ.

އެ ހަމަލާއަށް ދެ މަސް ދުވަސް ހަމަވާންދާއިރު، ހަމައެކަނި ހަމަލާދިން ހައްޔަރުކުރުމަކުން އެމްޑީޕީއަކަށް ނުފުދެ އެވެ. އެކަމުގެ ފަހަތުގައި ތިބި ބަޔަކު ހޯދެންޖެހެ އެވެ. މަޖީދީމަގުގެ މެދުގައި ބޮމެއް ގޮއްވާލައިގެން، ދައުލަތުން ސެކިޔުރީ ފޯރުކޮށްދޭ އެންމެ ނުރައްކާ ބޮޑު ބޭފުޅަކަށް އެވަރުގެ ހަމަލާއެއް ދެވުމަކީ އެންމެންގެ ސަލާމަތާ ގުޅިފައިވާ ކަމެއް ކަމަށް އެ ޕާޓީން ދެކެ އެވެ.

އެކަމަކު ސަރުކާރުން އެ ވާހަކަތައް ދައްކަން ބޭނުންނުވާ ކަމުގެ ޝަކުވާތައް ގިނަ އެވެ. މަޖިލީހުން އިސްނަގައިގެން އެ ހަމަލާގެ އިންކުޔަރީއަށް ވެސް ވަކިވަކި ސިފައިން ހާޒިރުނުކުރަން ދެއްކި ބަހަނާތައް އެމްޑީޕީގެ މެމްބަރުންނަށް ބަލައިގަންނަން ދައްޗެވެ.

އެ މެމްބަރުންގެ ނަޒަރުގައި އެވަރުގެ ބޮޑުކަމެއް ގައުމުގައި ނުހިނގާނެ އެވެ. އަހަރީ ދުވަހު "ކްލަބްހައުސް" އެޕްލިކޭޝަނުގައި އެ ޕާޓީގެ "ހަރުގެ" ހުޅުވުން ޝަރަފުވެރިކޮށް ދެއްވަމުން ނަޝީދު ވެސް ނުސީދާކޮށް ވިދާޅުވީ އެ ވާހަކަ އެވެ.

ބޮމުގެ ހަމަލާއަށްފަހު ފުރަތަމަ ފަހަރަަށް ސިޔާސީ ހަރަކާތެއްގައި ބައިވެރިވެވަޑައިގެން ނަޝީދު ވިދާޅުވީ ރާއްޖެ އޮތީ ނުރައްކާތެރި ހާލަތެއްގައި ކަމަށާއި އެ ހާލަތުން ރާއްޖެ ސަލާމަތް ކުރުމަށް ރައީސް ސޯލިހް ނުކުންނަވަން ޖެހޭ ކަމަށެވެ.

"ރައީސުލްޖުމްހޫރިއްޔާގެ އަރިހު ވަރަށް ސާފުކޮށް އަޅުގަނޑު ދަންނަވަން ބޭނުން އަވަހަށް ފަހަތު ފަޔަށް ބުރަވެ ވަޑައިނުގަންނަވާ މިކަންކަން ކުރައްވާށޭ. ދިވެހިރާއްޖެ ސަލާމަތް ކުރައްވަން މަނިކުފާން މިހާރު ނުކުންނަވާން ޖެހޭނެ،" 800 އަށްވުރެ ގިނަ މީހުން ބައިވެރިވި އެ ކްލަބުގައި ނަޝީދު ވިދާޅުވި އެވެ.

ހަސަން ލަތީފް ވިދާޅުވި ގޮތުގައި އެމްޑީޕީގެ އާއްމު މެމްބަރުން ވެސް ހިއްސާކުރަނީ ޕާޓީގެ ރައީސްގެ ކަންބޮޑުވުމެވެ. ކޮންމެހެން ނަޝީދަށް ހަމަލާއެއް ދެވުމެއް ވެސް ނޫނެވެ. މަޖީދީމަގުގެ މެދުގައި، އެންމެ ކާރޫބާރުބޮޑު ވަގުތެއްގައި، އެ ހަމަލާ ދެވުނު ފަސޭހަކަމެވެ. އެކަން ބަލަން އެމްޑީޕީގެ މެމްބަރުން ގޮވަނީ، އެންމެންގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅިފައިވާތީ އެވެ. އެއީ ސަރުކާރުގެ އެންމެ އިސް ވާޖިބެއް ކަމަށް ދެކޭތީ އެވެ.

ސަރުކާރާ ދުރެއް ނޫން؛ އެންމެން ބޭނުންވަނީ މަގާމު

އެމްޑީޕީގެ އާއްމު މެމްބަރުންނާއި ސަރުކާރާ ގުޅުން ކުޑަ ކަމަށް ގަބޫލުކުރައްވަން، މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ ޝަރީފް) ފާޅުގައި ދެކޮޅު ހައްދަވަ އެވެ. އޭނާ ވިދާޅުވާ ގޮތުގައި، އެމްޑީޕީގެ ތެރެއިން ސަރުކާރާމެދު ހިތްހަމަނުޖެހެނީ ސަރުކާރުގެ މަގާމެއް ނުލިބޭތީ ކަމަށެވެ.

އެކަމަކު މިހާރު ވެސް މަތިބަރުވެ، ދައުލަތް ހިންގުމުގެ ހަރަދު އިންތިހާއަށް އިތުރުވެފައިވާއިރު، އެމްޑީޕީގެ ހުރިހާ އިސް މީހުންނަށް ސަރުކާރުން ވަޒީފާ ނުދެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑަކަށް ނުފެނޭ ސަރުކާރާ ގުޅުން ކުޑަވެގެން އުޅޭ ތަނެއް. މިހެން ދެންނެވީމާ އަޅުގަނޑު ދެކެ ރުޅިވެސް އަންނާނެ. އެކަމަކު މިއުޅެނީ އިސް ސަފުގައި ތިބި ބަޔަކަށް ސަރުކާރުގެ މަގާމުތައް ނުލިބިގެން. ހިތްހަމަނުޖެހެނީ އެކަމާ،" ޝަރީފް ވިދާޅުވި އެވެ.

އެމްޑީޕީގެ އަސާސީ ގަވައިދު ލިޔުނު ގަލަމުގައި ހިފައިގެން ހުރި އެއް ބޭފުޅެއްގެ ހައިސިއްޔަތުން ޝަރީފް ވިދާޅުވީ ރައްޔިތުންނަށް ހެޔޮ ގޮތް ހޯދައިދީ ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށް ދިނުމަށްވުރެ މަތިވެރި ފަލްސަފާއެއް އެމްޑީޕީގައި ވެސް ނޯންނާނެ ކަމަށެވެ.

އެކަމަކު މިހާރު އެމްޑީޕީގެ ތެރެއިން ފެންނަނީ ކޮންމެ ގޮތެއް ހަދައިގެންވިޔަސް ވެރިކަން ހޯދުމުގެ ފަލްސަފާކަމަށް ޝަރީފް ވިދާޅުވި އެވެ.

އެކަމަށް މަގުފަހިކުރަން އެމްޑީޕީގެ ސާފު އަގުލަބިއްޔަތު އޮތް މަޖިލީހުގެ ތެރެއިން ވެސް ސަރުކާރަށް ޖެއްސުންކޮށް، ބޮޑެތި ޕްރެޝަރުތައް ކުރިމަތި ކުރުވަމުންދާ ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.

"މަޖިލިސް ވެސް ވެއްޖެ ޝަރީއަތް ކުރާ ތަނަކަށް. ތަހުގީގު ކުރާ ތަނަކަށް. މަޖިލީހަކީ ސަރުކާރު ޖަވާބުދާރީ ކުރުވަން އޮންނަ ތަނެއް. އޭގެ މާނައަކީ މަޖިލީހުގެ ވަކި ބޭފުޅަކު ބޭނުންވާ ގޮތަކަށް ސަރުކާރު ހިންގަންޖެހޭ މަގަށް ކަންކަން ކުރުމެއް ނޫން،" ނަޝީދަށް ނުސީދާކޮށް އިޝާރާތް ކުރައްވައި ޝަރީފް ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވި ގޮތުގައި އިންތިހާބުގެ ކުރިން ވި ވައުދުތައް ނުފުއްދޭކަމުގެ އިލްޒާމު ހަމައެކަނި ސަރުކާރުގެ ބޮލުގައި ނޭޅުވޭނެ އެވެ. ޝަރުއީ ދާއިރާގެ އިސްލާހު ކުރާނެ ކަމަށް ބުނެ ވެރިކަމަށް އައުމަށްފަހު، ޖޭއެސްސީ ހަތިޔާރެއްގެ ގޮތުގައި ބޭނުންކޮށްގެން ހިތްނުރުހޭ ފަނޑިޔާރުން ވަކިކުރަމުންދާ ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.

މިހާރު ރާއްޖޭގައި ސިފަ ޖެހެމުންދާ ނުރައްކާތެރި ހާލަތު އޭނާ މާނަކުރެއްވީ "އިލެކްޓޯރަލް ޑިކްޓޭޓާޝިޕް"އެއްގެ ގޮތުގަ އެވެ. އެއީ އިންތިހާބީ ބޮޑެތި ބާރުތަކެއް ލިބުމުން ހިތުހުރި ގޮތަކަށް ކަންތައްތައް ކުރެވިދާނެ ކަމުގެ ހުދުމުހުތާރު ވިސްނުން ކަމަށް ޝަރީފް ވިދާޅުވި އެވެ.

ޝަރ
ޝަރ

މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް މަޖިލީހުގެ ޖަލްސާއެއްގައި. -ފޮޓޯ: މަޖިލިސް

އެ ހުރިހާ އުނދަގުލަކާއި ޕްރެޝަރެއްގެ ތެރެއިން ރައީސް ސޯލިހު އިސްކުރައްވަނީ ރައްޔިތުންގެ ހައްގުތައް ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ. ހެޔޮ ވެރިކަމެއްގެ އިހުލާސްތެރި ނިޔަތުގެ މަތީގަ އެވެ. ކޯލިޝަން ސަރުކާރު ދެމެހެއްޓުމަށް ރައީސް ސޯލިހު ކުރައްވާ ހަނގުރާމަވެސް އޭނާ ސިފަކުރެއްވި ގޮތަކީ އެއީ އެވެ.

"އެކަނި ނުކުމެ ވެރިކަން ނުލިބޭނެތީ ކޯލިޝަން މި ހަދަނީ. ދެން ވެރިކަން ލިބޭތާ އަނެއް ދުވަހު އެ ޕާޓީތައް ބޭރުކޮށްލުމަކީ ވެވޭ ހިޔާނާތެއް. އެއީ ރައްޔިތުންނަށް ވެސް ހެދޭ މަކަރާ ހީލަތެއް،" ޝަރީފް ވިދާޅުވި އެވެ.

އޭނާ ގަބޫލުކުރައްވާ ގޮތުގައި އެމްޑީޕީގެ ފަލްސަފާއަކީ އެއީ އެވެ. ޕާޓީ ބިނާކޮށްފައިވާ އަސާސަކީ ވެސް އެ އެވެ. އެކަން އިހުލާސްތެރިކަމާއެކު ރައީސް ސޯލިހު ކުރައްވަމުން ގެންދަވާކަމަށް އޭނާ ވިދާޅުވި އެވެ.

އެ ހުރިހާ ކަމެއްގެ ތެރެއިން އެއް ކަމެއް އާއްމުންނަށް ސާފެވެ. އެމްޑީޕީ ދެ ފަޅިއަށް ފެޅިފައިވާ ކަމީ މިހާރު ސިއްރެއް ނޫން ކަމެވެ. ހިޔާލުތަފާތުވުންތަކުގެ އަރައިރުން ވައިއަޑުން ދައްކާ ވަރަށް ވުނެ މަސްލަހަތު ގޯހެވެ. އެމްޑީޕީއަކީ މިހާރު "އިދިކޮޅު" ޕާޓީއޭ ބުނެވޭ ވަރަށް ސަރުކާރަށް ކިޔާ ފާޑުކިޔުންތައް އިތުރެވެ.

އެއީ ފަލްސަފާގެ ހިލާފެއް ކަމަށް ވިޔަސް، ނޫނީ ޕާޓީގެ ލަގަނުގައި ހިއްޕަވައިގެން ތިއްބެވި ބޭފުޅުންގެ ޒާތީ ކޯޅުމެއް ވިޔަސް، އެ ރެނދު ނުބެއްދޭ ވަރަށް ފުޅާވެ، ޕާޓީއެއްގެ ތެރެއިން އެހެން ކުރިއެއް ފެޅުމުގެ މާޒީ ތަކުރާރުވުމުގެ ބިރު މިހާރު އެބައޮތް ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ.

މުހައްމަދު ވިޝާމް

--

ކޮމެންޓް

Stay in the loop

Get the latest news and reports delivered straight to your inbox