ކޯޕެންހާގެން (ޖޫން 27) - ކްރޮއޭޝިއާގެ މިޑްފީލްޑަރު އިވާން ޕެރިސިޗް ކޮވިޑަށް ޕޮޒިޓިވްވެ، މާދަމާރޭ ސްޕެއިނާ ދެކޮޅަށް ކުޅޭ މެޗު ގެއްލިއްޖެ އެވެ.
އުމުރުން 32 އަހަރުގެ ޕެރިސިޗް ކޮވިޑަށް ޕޮޒިޓިވްވިކަން އެނގުނީ ޔޫރޯގެ ދެ ވަނަ ބުރުގައި ސްޕެއިނާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ކްރޮއޭޝިއާ ސްކޮޑު ކުރި ޓެސްޓްތަކުންނެވެ. ކޮންމެ މެޗެއްގެ ކުރިން ޓީމުގެ ހުރިހާ ކުޅުންތެރިންނާއި ސްޓާފުން ކޮވިޑަށް ޓެސްޓްކުރަން ޖެހެ އެވެ. ޕެރިސިިޗް ޕޮޒިޓިވްވި ނަމަވެސް އެ ޓީމުގެ އެހެން ކުޅުންތެރިންނާއި ސްޓާފުންް ނެގެޓިވް އެވެ.
ޕެރިސިޗް ޕޮޒިޓިވްވުމާ އެކު ޔުއެފާ އާއި ކަމާބަހޭ ފަރާތްތަކަށް މައުލޫމާތު ފޯރުކޮށްދީފައިވާ ކަމަށާއި މިހާރު މުޅި ޓީމުން އަމަލުކުރަމުން އަންނަނީ ޔުއެފާގެ ހާއްސަ ޕްރޮޓޮކޯލާ އެއްގޮތަށް ކަމަށް ކްރޮއޭޝިއާ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ ބުނެފަ އެވެ. ޔުއެފާ އިން ކަނޑައަޅާފައިވާ އުސޫލުގައިވާ ގޮތުން ކޮވިޑަށް ޕޮޒިޓިވްވެއްޖެނަމަ އެ ކުޅުންތެރިއަކު 10 ދުވަހުގެ އައިސޮލޭޝަނެއް ފުރިހަމަަ ކުރަން ޖެހޭނެ އެވެ. ޕެރިސިޗް މިހާރު ހުރީ އައިސޮލޭޝަނުގަ އެވެ.
ޕެރިސިޗް ވަނީ މިދިޔަ އަންގާރަ ދުވަހު ކްރޮއޭޝިއާ އިން ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި 3-1 އިން ސްކޮޓްލެންޑް ބަލިކުރި މެޗުގައި ކުޅެފަ އެވެ. އެ މެޗުގައި ލަނޑު ވެސް ޖެހި ޕެރިސިޗަކީ ކްރޮއޭޝިއާ ޓީމުގެ މުހިއްމު ކުޅުންތެރިއެކެވެ. އޭނާ ވަނީ ގްރޫޕް ސްޓޭޖުގައި ޗެކް ރިޕަބްލިކާއި ކްރޮއޭޝިއާ އެއްވަރުވި މެޗުގައި ވެސް ލަނޑު ޖަހައިފަ އެވެ. އަދި ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި އިންގްލެންޑާ ދެކޮޅަށް ވެސް ކުޅުނެވެ.
ކްރޮއޭޝިއާ އިން ސްޕެއިނާ ދެކޮޅަށް ކުއާޓާ ފައިނަލުގެ ޖާގައެއް ހޯދަން މުހިއްމު މެޗަކަށް މާދަމާރޭ ނުކުންނައިރު، ޕެރިސިޗް ނެތުން ވެގެންދާނީ އެ ޓީމަށް ލިބޭ ބޮޑު ގެއްލުމަކަށެވެ.
މި ފަހަރުގެ ޔޫރޯ ފެށި ފަހުން ސްލޮވާކިއާގެ ޑިފެންޑަރު ޑެނިސް ވާވްރޯ އާއި ސްޓާފެއް ކޮވިޑަށް ޕޮޒިޓިވްވި އެވެ. އަދި ކްރޮއޭޝިއާއާ އެންމެ ފަހުން ކުޅުނު މެޗުގެ ކުރިން ސްކޮޓްލެންޑް ޓީމުން ކުރި ޓެސްޓްތަކުން އެ ޓީމުގެ މިޑްފީލްޑަރު ބިލީ ގިލްމޯ ވެސް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ.












