ތެހެރާން، އިރާން (ޖޫން 24) - ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރޭ ފްރާންސް ކޮޅަށް ޖެހި ދެ ގޯލާ އެކު ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ އީރާންގެ ލެެޖެންޑް އަލީ ދާއީ ގައުމީ ޓީމަށް އެންމެ ގިނަ ގޯލު ޖަހައިދީގެން ދުނިޔޭގެ ފުޓްބޯޅައިގައި ހަދާފައިވާ ރެކޯޑާ ހަމަކޮށްފަ އެވެ. އަލީ ދާއީ ވަނީ ރޮނާލްޑޯ އަށް އެކަމާ ގުޅިގެން މަރުހަބާ ކިޔައިފަ އެވެ.
ރޮނާލްޑޯ އާއި އަލީ ދާއީ ކޮންމެ ކުޅުންތެރިއަކު މިހާރު ވަނީ ގައުމީ ޓީމަށް 109 ގޯލު ޖަހައިފަ އެވެ.
އަލީ ދާއީ އޭނާގެ ރަސްމީ އިންސްޓަގްރާމް އެކައުންޓުގައި ރޮނާލްޑޯ އަށް ހާއްސަކޮށް ލިޔެފައިވާ ޕޯސްޓުގައި ބުނެފައިވަނީ މިހާރު މި ރެކޯޑް މުގުރާލަން ރޮނާލްޑޯ އަށް ބޭނުންވަނީ އެންމެ ގޯލެއް ކަމަށާއި ރޮނާލްޑޯ ފަދަ އާދަޔާހިލާފު ކުޅުންތެރިއެއްގެ އަތުގައި މި ރެކޯޑް އޮތުމަކީ އޭނާ އަށް ވެސް ލިބޭނެ ހިތްހަމަޖެހުމެއް ކަމަށެވެ.

ރޮނާލްޑޯ އަށް މަރުހަބާ ކިޔުމުގެ ގޮތުން އަލީ ދާއީ އިންސްޓަގްރާްމްގައި ކޮށްފައިވާ ޕޯސްޓް.
"އަހަރެން ފަހުރުވެެރިވޭ މި އަދާޔާހިލާފު ރެކޯޑް ދެން އޮންނާނީ ރޮނާލްޑޯ އަތުގައި. ރޮނާލްޑޯ އަކީ ފުޓްބޯޅައިގެ ބޮޑު ޗެމްޕިއަނެއް. އިންސާނިއްޔަތަށްޓަކައި ގިނަ ކަންތައްތަކެއް ކޮށް ގިނަ ބަޔެއްގެ ދިރިއުޅުމުގައި ރަނގަޅު މަގު ދެއްކުމުގައި މުޅި ދުނިޔެ އަށް މިސާލު ދައްކާ ކުޅުންތެރިއެއް،" އަލީ ދާއީ ލިޔެފައިވެ އެވެ.
މިހާރު އުމުރުން 52 އަހަރުގެ އަލީ ދާއީ ރެކޯޑް ހެދީ އީރާނަށް ކުޅެދިން 149 މެޗުން 109 ގޯލު ޖަހައިގެންނެެވެ. އަލީ ދާއީ ގައުމީ ޓީމަށް ކުޅުން ހުއްޓާލީ 2006 ވަނަ އަހަރު އެވެ. އުމުރުން 35 އަހަރުގެ ރޮނާލްޑޯ ރެކޯޑް ހެދީ 178 މެޗުން 109 ގޯލު ޖަހައިގެންނެވެ.
ރޮނާލްޑޯ ވަނީ މިހާތަނަށް މި ފަހަރުގެ ޔޫރޯގައި ކުޅުނު ތިން މެޗުގައި ފަސް ގޯލު ޖެހިއިރު، ރެކޯޑްތަކެއް ހަދައި ބައެއް ރެކޯޑްތަކާ އެއްވަރުކޮށްފަ އެވެ. ރޮނާލްޑޯ އަކީ ޔޫރޯގެ ފަސް މުބާރާތުގައި ގޯލު ޖެހި ހަމައެކަނި ކުޅުންތެރިޔާ އެވެ. އަދި އޭނާ އަކީ ޔޫރޯގައި އެންމެ ގިނަ ގޯލު ޖެހުމުގެ އިތުރުން އެންމެ ގިނަ މެޗު ކުޅުނު ކުޅުންތެރިޔާ އެވެ.
ޔޫރޯގެ އެއް މެޗެއްގައި ދެ ގޯލު ޖެހި އެންމެ ދުވަސްވީ ކުޅުންތެރިޔާގެ ރެކޯޑް ވެސް ހެދި ރޮނާލްޑޯ މިރޭ މި ވަނީ އަލީ ދާއީގެ ރެކޯޑާ ހަމަކޮށްފަ އެވެ. އަދި ރޮނާލްޑޯ އަކީ ޔޫރޯ އާއި ވޯލްޑް ކަޕް ދެ މުބާރާތް އެއްކޮށްލައިގެން ޔޫރަޕްގެ ކުޅުންތެރިންގެ ތެރެއިން އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ އެވެ. ރޮނާލްޑޯ ވަނީ އެ ދެ މުބާރާތުގައި ޖުމްލަ 21 ގޯލު ޖަހައިފަ އެވެ. ކުރިން އެ ރެކޯޑް އޮތީ 19 ގޯލު ޖެހި ޖަރުމަނުގެ ފޯވާޑް މިރޮސްކާވް ކްލޯސާ އަތުގަ އެވެ.












