ސަރުކާރުން ގެންގުޅޭ ލާމާރުކަޒީ ސިޔާސަތުގެ ތެރެއިން ކައުންސިލްތަކަށް ދީފައިވާ މާލީ ބާރުވެރިކަމަށް މިލިއަނުން ކުރާ ހޭދައިގެ ނަތީޖާ ނެރުމަށްޓަކައި ކައުންސިލްތަކުން އާމްދަނީ އާއި ހަރަދުތައް މެނޭޖްކުރަން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އިލްތިމާސް ކުރައްވައިފި އެވެ.
މިނިސްޓަރު އަމީރު މިހެން ވިދާޅުވީ ފިނޭންސް މިނިސްޓްރީން މިއަދު ފެށި "ކައުންސިލަރުން ދައުލަތުގެ މާލިއްޔަތު ގަވާއިދަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމް" ގައި ވާހަކަ ދައްކަވަމުންނެވެ.
ކައުންސިލްތަކަށް މާލީ ބާރުވެރިކަމުގެ ޒިންމާ ބޮޑު: އަމީރު
ލާމަރުކަޒީ ނިޒާމު ފުރިހަމަކުރަން މި ސަރުކާރުން ގާނޫނަށް ގެނައި ބަދަލުތަކާ ގުޅިގެން ކުރެވުނު އެންމެ މުހިއްމު އެއް މަސައްކަތަކީ މާލީ ގޮތުން ލާމަރުކަޒު ކުރުމެވެ.
މި މަސައްކަތުގެ ތެރެއިން ދައުލަތުގެ ބަޖެޓުން އިންސައްތައެއް ސީދާ ކައުންސިލްތަކަށް ލިބޭ ގޮތަށާއި ކައުންސިލްގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ތަންތަނުން އާމްދަނީ ހޯދޭނެ ގޮތަށާއި ކައުންސިލްތަކުގެ ބަޖެޓް ގްރާންޓްގެ ގޮތުގައި ދޭގޮތަށް ވަނީ ހަމަޖެހިފަ އެވެ. އަދި ކައުންސިލަރުންގެ މުސާރަތައް ބޮޑުކޮށް، ކޮންމެ ކައުންސިލަކަށް ސެކެޓްރީ ޖެނެރަލެއް ވަނީ ހަމަޖައްސާފަ އެވެ.
މި ބަދަލުތަކަށް އަލިއަޅުވާލާ އަމީރު ވިދާޅުވީ މިއީ ލާމަރުކަޒީ ނިޒާމުގެ ތެރެއިން ކައުންސިލްތަކުގެ ހިންގުން ހަރުދަނާ ކުރަން ސަރުކާރުން އެޅި މުހިއްމު ފިޔަވަޅެއް ކަމަށެވެ. އަދި މިކަންކަމަށް މިލިއަނުން ހޭދަކުރުމުގެ ބޭނުމަކީ ގާބިލު ކައުންސިލަރުންތަކެއް ކައުންސިލްތަކުގައި ބައިތިއްބައިގެން ލާމަރުކަޒީ ނިޒާމުގެ ހަގީގީ ބޭނުން ރައްޔިތުންނަށް ހާސިލުކޮށްދިނުން ކަމަށް އޭނާ ވިދާޅުވި އެވެ.

"މިގެނައި ކޮންމެ ބަދަލަކީ ދައުލަތުގެ ބަޖެޓުން އެތައް މިލިއަން ރުފިޔާއެއް އިތުރަށް ހަރަދުވެގެން ދިޔަ ކަމެއްކަމުގައިވިއަސް މިކަން ކުރަން ބޭނުންވާ ސަބަބަކީ ރައްޔިތުން އެދޭ ފަދަ ފުރިހަމަ ހިދުމަތްތަކެއް ފޯރުކޮށްދޭ ތަނަކަށް ކައުންސިލްތައް ވެގެން ދިޔުން." އަމީރު ވިދާޅުވި އެވެ.
ނަމަވެސް ކޮވިޑް ބަލިމަޑުކަމުގެ ތެރޭގައި އިގުތިސޯދީ ކާރިސާއެއްގެ ދުވަސްވަރު ކައުންސިލްތަކުން ހަރަދުތައް މެނޭޖްކުރަން އަމީރު އިލްތިމާސް ކުރެއްވި އެވެ.
އެގޮތުން ކައުންސިލަރުންގެ އަމާޒަކަށް ވާންވާނީ ކައުންސިލްތަކުން ރައްޔިތުންނަށް ކޮންމެހެން ބޭނުންވާ ކަންތައްތަަކަށް އިސްކަން ދީގެން އެކަންކަމަށް ހަރަދު ކުރުމަށް ކަމަށް ވިދާޅުވި އެވެ. އަދި، ދައުލަތުގެ އާމްދަނީއަށް އައިސްފައިވާ ހީނަރުކަމުގެ ތެރޭގައި ހަރަދުތައް ކުޑަކުރުމަށާއި ކުރާ ހަރަދުން މަންފާ އިތުރުކުރަން ޖެހޭ ކަމަށް އަމީރު ވިދާޅުވި އެވެ.
"މި ގެއްލުމުން އަންނަ ލޮޅުން ކުޑަކުރުމަށް ހަރަދުތައް ކުޑަކުރަންޖެހޭ. އަދި ކޮންމެ ހަރަދަކުން ލިބޭ މަންފާ އިތުރުކުރަން ޖެހޭ." އަމީރު ވިދާޅުވި އެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ މިމަގަށް ކައުންސިލްތަކުގެ މަސައްކަތްތައް ހިންގަން ކައުންސިލަރުންގެ ޒިންމާ ބޮޑު ކަމަށެވެ. އަދި މާލީ ހިންގުން ހަރުދަނާ ކުރަން އޮންނަ ޒިންމާގެ މާލީ ހާމަކަން އިތުރުކުރުމާއި، ޒިންމާދާރު ގޮތުގައި ހަރަދު ކުރުމާއި، ހަރަދުތައް އޮޑިޓް ކުރުމާއި، އޮޑިޓުން ފާހަގަކުރާ ކަންކަން އިސްލާހު ކުރުމަކީ ކުރަން ޖެހޭ ކަންކަންކަމުގައި ވިދާޅުވި އެވެ.
މިނިސްޓްރީގެ އެއްބާރުލުން ލިބޭނެ، ނަތީޖާ ފެންނަން ޖެހޭ
އަމީރު ވިދާޅުވީ މި ސަރުކާރު އައިފަހުން ކައުންސިލްތަކާ ގުޅޭ މާލީ ގިނަ ކަންތައްތަކެއް ކުރެވިއްޖެ ކަމަށާއި މިހާރުވެސް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.
އެގޮތުން ވިޔަ މޮޑިއުލްގެ ތެރެއިން ކައުންސިލްތަކުގެ މާލީ ކަންކަން ކުރުމާއި، ކައުންސިލްތަކުގެ މުވައްޒަފުން ތަމްރީން ކުރުމާއި، ބަނޑޭރި ޕޭ މެދުވެރިކޮށް ދައުލަތަށް ދައްކަން ޖެހޭ ހުރިހާ ފައިސާއެއް ދެއްކޭ ގޮތް ވަނީ ހަމަޖެހިފަ އެވެ. އަދި ޕަބްލިކް ބޭންކް އެކައުންޓުގައި ހުރި ކައުންސިލްތަކުގެ ފައިސާ އެ ކައުންސިލްތަކުގެ އެކައުންޓުތަކަށް ޖަމާކުރެވޭނެ އިންތިޒާމް ވަނީ ފަހިކޮށްދީފަ އެވެ.
މިކަންކަމުގެ އިތުރަށް މިނިސްޓަރު އަމީރު ވިދާޅުވި ގޮތުގައި ކައުންސިލްތަކުގެ ބޭންކް އެކައުންޓްތަކަށް އިންޓަނެޓް ބޭންކިން ބޭނުންކުރެވޭނެ ފުރުސަތު ފަހިކޮށްދިނުމުގެ މަސައްކަތާއި ގިނަ ދުވަސްތަކެއް ނުދީ ހުރި އަތޮޅު ފިހާރަތަކުގެ ފައިސާ އަތޮޅު ކައުންސިލްތަކަށް ދިނުމުގެ މަސައްކަތްތައް ދަނީ ކުރަމުންނެވެ.
"ކައުންސިލްތަކުގެ ބޭންކު އެކައުންޓުތަކަށް އިންޓަނެޓް ބޭންކިން ހިދުމަތް ބޭނުންކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ފަހިވެގެން ދާނެ.. ގިނަ ދުވަސްތަކެއް ވަންދެން އަތޮޅު ފިހާރަތަކުން އަތޮޅު ކައުންސިލްތަކަށް ލިބެންޖެހޭ ފައިސާ ނުދީ އޮއްވާ، އެ ފައިސާ ދިނުމުގެ މަސައްކަތް ވެސް ވާނީ ފަށާފައި." އަމީރު ވިދާޅުވި އެވެ.
އޭގެ އިތުރުން މާލީ ނިޒާމަށް ކައުންސިލްތަކުގެ މާލީ ޒިންމާދާރުވެރިންނަށް ހިންގާ އިމްތިހާނާއި މާލީ ޒިންމާދާރުވެރިއަކަށް ސިޔާސީ މަގާމެއް އަދާކޮށްފައިވާ އެއްވެސް މީހަކަށް ނުހުރެވޭ ގޮތަށް މިދިޔަ ހަފުތާގައި ފިނޭންސް މިނިސްޓްރީން ވަނީ ގެނެސްފަ އެވެ. އަމީރު ވިދާޅުވީ މި ބަދަލުތަކަކީ ވެސް މާލީ ނިޒާމުގެ ހާމަކަން ބޮޑުކޮށް، ރައްޔިތުންގެ އިތުބާރު އިތުރުކުރަން ގެނައި ބަދަލުތަކެކެވެ.
އަމީރުގެ ވާހަކައިގައި އޭނާ ވަނީ ސަރުކާރާއި މިނިސްޓްރީގެ ފުރިހަމަ އެއްބާރުލުން ކައުންސިލްތަކަށް ލިބޭނެ ކަމުގެ ޔަގީންކަން ކައުންސިލްތަކަށް އަރުވާފަ އެވެ.

ކައުންސިލަރުން ދައުލަތުގެ މާލިއްޔަތު ގަވާއިދަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމް --
ކައުންސިލަރުން ދައުލަތުގެ މާލިއްޔަތު ގަވާއިދަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމަކީ ދައުލަތުގެ މާލިއްޔަތު ގާނޫނާއި ގަވާއިދުތަކާއި ގުޅޭގޮތުން ކައުންސިލަރުންނަށް މައުލޫމާތު ދިނުމަށާއި، ކައުންސިލްތަކަށް ލިބިދީފައިވާ މާލީ ބާރުވެރިކަމާ ގުޅޭ ކަންކަމަށް އަހުލުވެރިކަމަށް ކުރިޔަށް ގެންދާ ޕްރޮގްރާމެކެވެ.
ހަފުތާއެއްގެ މުއްދަތަށް ގެންދާ މި ޕްރޮގްރާމްގައި ކައުންސިލަރުންނަށް މައުލޫމާތު ދެނީ ދެ ބެޗަކަށް ބަހާލައިގެންނެވެ. ފިނޭންސުން ބުނީ މިއަދު ފެށި ފުރަތަމަ ބެޗުގައި 400 އަށް ވުރެ ގިނަ ކައުންސިލަރުން ބައިވެރިވާނެ އެވެ.












