ޑުބާއީ، ޔޫއޭއީ (ޖޫން 19) - ޔަމަނުގެ އުތުރުގައިވާ މުހިއްމު ސިޓީއެއް ކަމަށްވާ މަރިބްގެ ކޮންޓްރޯލް ހޯދަން ހޫތީ ހަނގުރާމަވެރިންނާއި ސަރުކާރުގެ ފައުޖުތަކާ ދެމެދު އިއްޔެ ހަމަލާ ބަދަލުކޮށް 47 މީހުން މަރުވެއްޖެ އެވެ.
މަރިބް އާއި އެ ތަން ވަށައިގެންވާ ތެޔޮ ވަޅުތަކަކީ ޔަމަނުގެ ހަ އަހަރުވީ ދިގު ދާހިލީ ހަނގުރާމައިގައި މި ވަގުތު ސަރުކާރުގެ ކޮންޓްރޯލުގެ ދަށުގައި އޮތް ހަމައެކަނި ތަނެވެ. އެހެންވެ، އިރާނުގެ ސަޕޯޓާއެކު އުޅޭ ހޫތީން ބޭނުންވަނީ އެތަން ހިފާށެވެ.
ޔަމަނުގެ ހަނގުރާމައިގެ ސަބަބުން ބޮޑު އިންސާނީ ކާރިސާއެއް އުފެދިފައި ވާއިރު، ސުލްހަ ގާއިމް ކުރަން ކުރި ޑިޕްލޮމެޓިކް މަސައްކަތުން އެއްވެސް ނަތީޖާއެއް މިއަދާ ހަމައަށް ފެނިފައެއް ނުވެ އެވެ. މަރިބްގެ ކޮންޓްރޯލް ހޯދަން އުޅޭތީ ހަމަލާ ބަދަލު ކުރުން އަނެއްކާވެސް ވަނީ ވަރުގަދަ ވެފަ އެވެ.

އިއްޔެގެ ހަމަލާތަކުގައި ސަރުކާރުގެ ފައުޖަށް ނިސްބަތްވާ 16 މީހަކު މަރުވި ކަމަށް އޭއެފްޕީން ބުނެ އެވެ. ހޫތީންގެ ތެރެއިން މަރުވީ ކިހާ އަދަދެއްގެ މީހުން ކަމެއް އާއްމުކޮށްފައެއް ނުވެ އެވެ.
"ހޫތީން މަސައްކަތް ކުރީ އެއް ފަހަރާ އެކި ދިމަދިމާލުން ހަމަލާދީގެން ސިޓީ ތެރެއަށް ވަދެގަންނަން. އެކަމަކު އެމީހުން ވަނީ ހުއްޓުވާފައި،" ޔަމަނު ސަރުކާރުގެ އޮފިޝަލަކު އޭއެފްޕީއަށް މައުލޫމާތު ދިނެވެ.
އޭގެ އިތުރުން ޔަމަނުގެ ސަރުކާރަށް އެއްބާރުލުން ދިނުމުގެ ގޮތުން ހަނގުރާމައިގައި ބައިވެރިވާ ސައުދީ އަރަބިއްޔާގެ އިސްނެގުމުގެ މަތިން އުފައްދާފައިވާ މުސްލިމް ގައުމުތަކުގެ ކޯލިޝަނުން އިއްޔެ ވަނީ ހޫތީންނަށް އަމާޒުކޮށް ވައިގެ ހަމަލާތައް ދީފަ އެވެ.
ހޫތީންގެ އަލް މަސީރާ ޓީވީ މެދުވެރިކޮށް ބުނެފައި ވަނީ ހޫތީ ހަނގުރާމަވެރިން ވެސް މަރިބް ޕްރޮވިންސްގެ 17 ދިމާލަކަށް ވައިގެ ހަމަލާ ފޮނުވި ކަމަށެވެ.
މަރިބްގައި ދޭ ހަމަލާތަކުގެ އިތުރުން ހޫތީން ދަނީ މެދުކެނޑުމެއް ނެތި ސައުދީ އަރަބިއްޔާއަށް ވެސް ހަމަލާތައް ފޮނުވަމުންނެވެ. އެގޮތުން އިއްޔެ ފޮނުވި 11 ޑްރޯން ހަމަލާއެއް ހުއްޓުވާފައިވާ ކަމަށް ސައުދީ އަރަބިއްޔާއިން ބުނެފައި ވެ އެވެ.
ޔަމަނުގެ ދާހިލީ ހަނގުރާމަ 2014 ވަނަ އަހަރު ފެށި ގޮތަށް މިއަދާ ހަމައަށް ވެސް ކުރިއަށް ދާއިރު، އާއްމު ރައްޔިތުންގެ ތެރެއިން އެތައް މިލިއަން މީހުންނަށް ވަނީ ބަނޑުހައި ހޫނުކަމާ ކުރިމަތިލާން ޖެހިފައި ކަމަށް އދ. އިން ބުނެ އެވެ.










