ބާސެލޯނާ (ޖޫން 19) - ބާސެލޯނާ އިން ފްރާންސްގެ އޮލިމްޕިކް ލިޔޯނަށް ކުޅެމުން އަންނަ ނެދަލެންޑްސްގެ ތަރި މެމްފިސް ޑިޕާއިގެ ސޮއި ހޯދައިފި އެވެ.
ހިލޭ ޓްރާންސްފާއެއްގައި ލިޔޯން ދޫކޮށް ޑިޕާއި ބާސެލޯނާ އަށް ސޮއިކުރީ 2023 ވަނަ އަހަރުގެ ނިޔަލަށެވެ. ޑިޕާއި ހޯދަން އިނގިރޭސި އަދި އިޓަލީގެ ބައެއް ކްލަބްތަކުން މަސައްކަތްކުރި ނަމަވެސް އޭނާ ބާސެލޯނާ އަށް ބަދަލުވާން ނިންމީ ނެދަލެންޑްސްގެ ކުރީގެ ކޯޗު އަދި ބާސެލޯނާއާ ހަވާލުވެ ހުރި ރޮނާލްޑް ކޫމަންއާ އެކު މަސައްކަތް ކުރަން ބޭނުންވާތީ އެވެ.
ސީނިއާ ކްލަބް ލެވަލްގައި ޑިޕާއި އެންމެ ފުރަތަމަ ކުޅުނީ ނެދަލެންޑްސްގެ ޕީއެސްވީ އެއިންދޯވަން އަށެވެ. އެ ޓީމުގައި ހުރެ 2014/2015 ވަނަ އަހަރު ނެދަލެންޑްސް ލީގުގައި 22 ގޯލު ޖެހުމާ އެކު، 2015 ވަނަ އަހަރު އިނގިރޭސި ގަދަބާރު މެންޗެސްޓާ ޔުނައިޓެޑުން 25 މިލިއަން ޕައުންޑް ދީފައި ޑިޕާއި ގަތެވެ. އެކަމަކު އެ ޓީމުގައި ލުއީ ވެން ހާލްގެ ކޯޗުކަމުގައި ޑިޕާއި އަށް އެންމެ ރަނގަޅު ކުޅުމެއް ނުދެއްކި އޭނާ 2017 ވަނަ އަހަރު ޖެނުއަރީ މަހު ލިޔޯނަށް ބަދަލުވި އެވެ.
އުމުރުން 27 އަހަރުގެ ޑިޕާއި އަންނަނީ ލިޔޯންގައި އޭނާގެ މޮޅު ކުޅުން ދައްކަމުންނެވެ. މި ސީޒަނުގެ ފްރެންޗް ލީގުގައި އޭނާ ވަނީ ލިޔޯނަށް 20 ގޯލު ޖަހައިދީފަ އެވެ.
ޑިޕާއި އަކީ މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ބާސެލޯނާ އިން ސޮއިކުރި ހަަތަރު ވަނަ ކުޅުންތެރިޔާ އެވެ. ޑިޕާއިގެ އިތުރުން ހިލޭ ޓްރާންސްފާއެއްގެ ދަށުން ބާސެލޯނާ އިން ގެނައީ މެންޗެސްޓާ ސިޓީގެ ފޯވާޑް ސާޖިއޯ އަގުއޭރޯ އާއި ޑިފެންޑަރު އެރިކް ގާސިއާ އެވެ. އަދި ބާސެލޯނާ އިން ވަނީ ބެޓިސްގެ ޑިފެންޑަރު އެމަސަން ގަނެފަ އެވެ. ބާސެލޯނާ އިން ހިލޭ ޓްރާންސްފާއެއްގައި ގެނެވޭތޯ ބެލި ނެދަލެންޑްސްގެ ޖިއޮޖީނިއޯ ވައިނަލްޑަމް ވަނީ ފަހު ވަގުތު ބޮޑު މުސާރަ އަކަށް ޕީއެސްޖީ އަށް ބަދަލުވެފަ އެވެ.












