ދިރާސީ އަހަރަށް ބޭނުންވާ ފޮތްތަކާއި ފަންސޫރާއި ދަބަސް އަދި ސްކޫލަށް ބޭނުންވާ އެހެނިހެން ތަކެތި މީކާއިލް ހަމަކުރީ ވަރަށް އުފަލުން ހުރެ އެވެ. މަންމައާ އެކު ގޮސް ޔުނީފޯމު ގަތީ ކިޔަވަން ދާން ބޭނުންވެފައި ހުރި ވަރުންނެވެ. އާ ގްރޭޑަކަށް، އާ ކްލާހަކަށް ސްކޫލަށް ދާން ތައްޔާރުވަމުންދިޔައީ އާ ރައްޓެހިންތަކެއް ލިބޭނެ ކަމުގެ އުންމީދުގަ އެވެ.
ނަމަވެސް ކަން ދިމާކުރީ މީކާއިލް ބޭނުންވި ގޮތަކަށް ނޫނެވެ. ކިޔަވަން ދެވުނީ މަދު ދުވަސްކޮޅަކަށެވެ. އުފަލުންގޮސް ގަތް ޔުނީފޯމް ބޭނުން ނުކޮށް އަލަމާރީގައި އަޅުވާފައި ބައިންދަން ޖެހުނީ އެވެ. ހޯދަންދިޔަ ރައްޓެހިންތައް ނުލިބެނީސް ސްކޫލުތައް ބަންދުކުރަން މަޖުބޫރުވީ އެވެ.
މީކާއީލް އާއި އެފަދަ އެތައް ކުދިންތަކެއްގެ އުއްމީދުތަކަށް ހުރަސް އެޅީ މިދިޔަ އަހަރުގެ ކުރީކޮޅު ދުނިޔޭގައި އާއްމުވި ކޮވިޑް ރޯގާ އެވެ. އެއާ އެކު ހުރިހާ ކަމެއް ބަދަލުވީ އެވެ.
ސްކޫލްތައް ބަންދުކުރަން ޖެހުމުން ޓީވީން ފެށި ޓެލެކިލާސްތަކުގައި މީކާއީލް ވެސް ބައިވެރިވި އެވެ. އޮންލައިލްކޮށް ކްލާސްތައް ނަގަން ފެށި އެވެ. ގޭގެ ހަތަރު ފާރާއި މަންމަ އާއި ބައްޕައަކީ އެންމެ ގާތް އެކުވެރިޔާ ކަމަށް ހަދަން މަޖުބޫރުވީ އެވެ.
"ވަރަށް މަޖާ އޮންލައިން ކްލާސްތައް. އެކަމަކު ވަރަށް ދެރަވޭ ފްރެންޑްސް އެންޑް ޓީޗާސް ނުފެންނާތީ،" ކެންގަރޫ ކިޑްސްގެ ޖޭކޭޖީ ޓޫ ގައި ކިޔަވަމުންދާ ފަސް އަހަރުގެ މުހައްމަދު މީކާއިލް ކިޔާދިނެވެ.
ސްކޫލަށް ގޮސްގެން ކިޔަވަން ބޭނުން ނަމަވެސް ކޮވިޑް ފެތުރިފައިވާތީ އެއް ކްލާހެއްގައި ކިޔަވާ ކުދިންނާއި ޓީޗަރުންނާ ބައްދަލުކޮށް ނުކިޔެވޭނެ ކަން މީކާއިލްއަށްވެސް އެނގެ އެވެ. އޮންލައިންކޮށް ކިޔެވި ނަމަވެސް ބައިވަރު އެއްޗެހި ދަސްވި ކަމަށް މީކާއިލް ކިޔާދިނެވެ.

އޮންލައިން ކްލާހުން މީކާއިލް ފިލާވަޅު ހަދަނީ--
އިލްމީ ދުނިޔެއަށް އަޅާ ފުރަތަމަ ފިޔަވަޅު، ޕްރީސްކޫލުގެ އަހަރުގެ އިލްމުން ވެސް މަހުރޫމުވެފައި އެތައް ކުދިންނެތް އެބަ ތިއްބެވެ. ކައިރީ ތިބެގެން ކިޔަވައިދޭން ޖެހޭ އުމުރެވެ. ރާއްޖޭގައި މިދިޔަ އަހަރުން ފެށިގެން ޕްރީސްކޫލް ކުދިންނަށް ކިޔަވައި ދިނުން ހުއްޓާލި ކޮވިޑް ކޭސްތައް ފެނި ރާއްޖެ ލޮކްޑައުން ކުރި ހިސާބުންނެވެ. މި އަހަރު ކިޔަވައިދިން ނަމަވެސް ކިޔަވައިދީފައި ވަނީ މާލެ ސަރަހައްދުން މަދު ޕްރީ-ސްކޫލެއްގަ އެވެ.
މިއީ ކިޔެވުމުގެ އިތުރުން އެ ކުދިންގެ މުޅި ދިރިއުޅުމާ ގުޅިފައިވާ އުމުރެކެވެ. ވާހަކަ ދައްކަން ފަށައިގަންނަ އުމުރެވެ. މީހުންގެ ތެރޭގައި އުޅެން ދަސްކުރާ އުމުރެވެ. ނަމަވެސް އެކަންކަމަށް ހުރަސް އެޅީ ކޮވިޑެވެ.
ހަމަ ލޮލަށް ނުފެންނަ ކުޑަ ވައިރަހެއްގެ ސަބަބުން މުޅި ދުނިޔެ ހުއްޓުމަކަށް ގެނައީ ކޮވިޑް-19 އެވެ. އިލްމު ފޯރުކޮށްދޭ އެތައް ސަތޭކަ ހާސް މުއައްސަސާއެއް ބަންދުކުރަން ޖެހުނެވެ. ކޮވިޑާ ގުޅިގެން 190 އަށްވުރެ ގިނަ ގައުމަކުން 1.6 ބިލިއަން ދަރިވަރުންނަށް އެކަމުން ނޭދެވޭ އަސަރު ކޮށްފައި ވާއިރު، އެތައް ބަޔަކު ވަނީ ތައުލީމުން މަހުރޫމުވެފަ އެވެ.
އެތައް މިލިއަން ކުޑަކުދިންނާއި ޅައުމުރުގެ ޒުވާނުން ވަނީ އިލްމު ހާސިލް ކުރުމުގެ ނަސީބު އަތުން ބީވެފަ އެވެ. އެތައް ޒަމާނެއް ވަންދެން ތަންފީޒު ކުރަމުންދިޔަ ތައުލީމު ފޯރުކޮށްދިމުންނާއި އިލްމު ހާސިލު ކުރުމުގެ ވައްޓަފާޅިއަށް ބަދަލު ގެންނަން މަޖުބޫރު ކުރުވި އެވެ.
ސްކޫލުތަކުގައި ކިޔަވައިދެމުން އައި ކްލާސްތައް އޮންލައިން ކުރި އެވެ. ޓީޗަރުން ދަރިވަރުންނާ ބައްދަލުކުރުން މެދުކަނޑާލި އެވެ. މީހުންނާ ދިމާވެ، ބޭރަށް ނުކުމެ އުޅުން މެދުކަނޑާލާ ގޭގައި މަޑުކުރަން ޖެހުނެ އެވެ.
އޮންލައިން ކްލާހާއި ފޭސް ޓު ފޭސް ކްލާސްތައް: ދިރާސާ ކުރާ ފަރާތްތަކުގެ ބަސް
ކޮވިޑް ފެނުމުގެ ކުރިން ދުނިޔޭގެ ހުރިހާ ގައުމެއްގައިވެސް ކިޔަވައިދެމުން ދިޔައީ ސްކޫލުތައް ހުޅުވައިގެންނެވެ. ޓީޗަރުންނާ ދަރިވަރުން ބައްދަލުވެ އެވެ. ރައްޓެހިންނާއެކު އެއް ކްލާހެއްގަ އެވެ. ނަމަވެސް އެ ދިރިއުޅުން ބަދަލު ކުރަން މަޖުބޫރުވި އެވެ.
މިއީ ހަމައެކަނި ރާއްޖޭގެ ހާލަތެއް ނޫނެވެ. ކުޑަ ވައިރަހެއްގެ ފައިމައްޗަށް މުޅި ދުނިޔެ ވެއްޓުނީ އެވެ. ކޮވިޑް ފެތުރި އެހެން ގައުމުތައްވެސް ބަންދެއްގައި ހުންނަން ޖެހުނެވެ. ދުނިޔޭގެ ބައެއް ގައުމުތަކުގައި ހަދާފައިވާ ދިރާސާތަކުން ދައްކާގޮތުގައި ސްކޫލަށް ގޮސްގެން ކިޔެވުމަށްވުރެ އޮންލައިން ކްލާސްތައް މާ ރަނގަޅެވެ.
އެގޮތުން ނޭޝަނަލް ރިސާޗް ޔުނިވާސިޓީ ހައި ސްކޫލް އޮފް އިކޮނޮމިކްސްއިން މި އަހަރު ވަނީ ތިން ގޮތަކަށް ކިޔަވައިދީގެން ދިރާސާއެއް ހަދާފަ އެވެ. އެއް ކޯހެއްގައި ފުރަތަމަ ގްރޫފް ކުދިން ކިޔެވީ ޓީޗަރު ކައިރީ ހުރެ (ފޭސް ޓު ފޭސް) ކޮށެވެ. ދެވަނަ ގްރޫޕް ކުދިން ކިޔެވީ އޮންލައިންކޮށް ކްލާސްތައް ބެލުމަށްފަހު ހުރިހާ ކުދިން އެއްވެ ޓީޗަރާ މަޝްވަރާ ކޮށްގެންނެވެ. ތިންވަނަ ގްރޫޕް ކުދިން ކިޔެވީ އެއްކޮށް އޮންލައިން ކޮށެވެ. މަޝްވަރާ ކުރީވެސް އޮންލައިން ކޮށެވެ.
އެ ދިރާސާގެ ނަތީޖާ ދައްކި ގޮތުގައި އޮންލައިންކޮށް ކިޔެވި ކުދިންގެ ކިޔެވުން ކްލާހަށް ގޮސްގެން ކިޔެވި ކުދިންނަށްވުރެ ރަނގަޅެވެ. ސަބަބެއް ކަމަށް އެ ދިރާސާއިން ބުނެފައި ވަނީ ޓީޗަރެއް ކައިރީ އެއްޗެއް އޮޅުން ފިލުވުމަށް ނަގާ ވަގުތަށްވުރެ އިންޓަނެޓް ބޭނުން ކޮށްގެން ހޯދަން ފަސޭހަ ވުމެވެ. ނޭނގޭ އެއްޗެއް އަމިއްލައަށް ހޯދަން މަސައްކަތް ކުރާ ކަމަށާއި އެއީ ކުދިންނަށް ލިބޭ އިތުރު ކުރިއެރުމެއް ކަމަށްވެސް އެ ދިރާސާއިން ބުނެ އެވެ.
ނަމަވެސް އެ ދިރާސާ ކުރި ފަރާތްތަކުން ފާހަގަ ކޮށްފައިވާ ގޮތުގައި އޮންލައިން ކްލާސްތައް ކިޔަވައިދޭ ގޮތަށް ބަދަލު ގެނެސް މިހާރަށް ވުރެ ހަރުދަނާ ކޮށް ކިޔަވައިދޭން ޖެހެ އެވެ. މިފަދަ ޕެންޑަމިކް އަކަށް ކުރިން ތައްޔާރު ވުމަށް ވެސް ރަނގަޅު ފުރުސަތަކަށް ވާނެ ކަމަށް އެ ފަރާތްތަކުން ގަބޫލު ކުރެ އެވެ.
މީގެ އިތުރުން 2018 ވަނަ އަހަރު ކެމްޕަސް ޓެކްނޮލަޖީގެ ފަރާތުން ހެދި ދިރާސާއިން ދެއްކި ގޮތުގައި ވެސް އޮންލައިން ކްލާސްތަކުން ދަރިވަރުންނަށް އެނގޭ މިންވަރު އިތުރެވެ. ޖުމްލަ 1500 ކުދިން ބައިވެރިކޮށްގެން ކުރިއަށް ގެންދިޔަ އެ ދިރާސާގެ 86 އިންސައްތަ ކުދިން ބުނިގޮތުގައި އޮންލައިން ކްލާސްތައް، ކްލާސްތަކަށް ގޮސްގެން ކިޔެވުމަށްވުރެ ރަނގަޅެވެ.
ދަރިވަރުންނަށް ބޮޑަށް ފައިދާ ކުރަނީ އޮންލައިން ކްލާސްތަކުން ކަމަށް ބައެއް ދިރާސާތަކުން ބުނި ނަމަވެސް އަނެއްބައި ދިރާސާތަކުން ބުނާ ގޮތުން ކްލާހަށް ގޮސްގެން ނުވަތަ ފޭސް ޓު ފޭސްކޮށް ކިޔެވުމުން ދަރިވަރުންނަށް ކިޔަވަން ފަސޭހަވެ، ކިޔަވަން މަސައްކަތް ކުރާކަން ފާހަގަވެފައިވާ ކަމަށް ދައްކަ އެވެ.
ދިރާސާތަކުން އޮންލައިން ކްލާހުން ދަސްވާ އެއްޗިއްސާއި ކުދިންނަށް އެނގޭ މިންވަރު އިތުރު ވާ ކަމަށް ބުނި ނަމަވެސް ރާއްޖޭގެ ސްކޫލުތަކުގެ ކުދިންގެ ވާހަކަ ތަފާތެވެ. މި ނޫހާ ވާހަކަ ދެއްކި ބައެއް ދަރިވަރުން ބުނިގޮތުގައި އޮންލައިން ކޮށް ކިޔެވުމަކީ މާ ބުރަ ކަމެކެވެ. ކިޔެވުމަށް ބޭނުންވާ އާލާތްތައް ލިބިފައި ނެތުމަކީ ދިމާވި އެންމެ ބޮޑު އެއް ގޮންޖެހުން ކަމަށް އެ ކުދިން ބުނެ އެވެ.

ސްކޫލެއްގައި ކިޔަވަމުންދާ ދަރިވަރުންތަކެއް: ކޮވިޑާއެކު ތައުލީމީ ޖީލެއް ގެއްލިދާނެ ކަމުގެ ބިރު-- ފޮޓޯ: އަދަދު
ހާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ބެލެނިވެރިންނަށް އުނދަގޫތަކެއް
އޮންލައިންކޮށް ކިޔަވަން ފަސޭހަ ނަމަވެސް ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް މިއީ ކިހާ ވަރެއްގެ ބުރައެއްކަން ކިޔަވައިދޭ ޓީޗަރަށާއި އެފަދަ ކުދިންގެ ބެލެނިވެރިންނަށް ނޫނީ ނޭގޭނެ އެވެ.
"ވަރަށް ފޫހި ގޭގަ ކިޔަވަން. ކުޅޭ އެއްޗެހި ކުޅެލަންވެސް ނުދެވޭ. ޕާކަށްވެސް ނުދެވޭ،" މިއީ ގަލޮޅު މަދަރުސާގެ ޔޫކޭޖީގައި ކިޔަވަމުން އަންނަ 7 އަހަރުގެ މުހައްމަދު ނޫހު ޝިފާހު އޮންލައިން ކްލާހާމެދު ދެކޭ ގޮތެވެ.
ނޫހަކީ ހާއްސަ އެހީއަށް ބޭނުންވާ ކުއްޖެކެވެ. އެޑީއެޗްޑީއާއި ޑައުންސިންޑްރޯމް ހުންނަ ކަމަށް ނޫހުގެ މަންމަ ކިޔައިދިނެވެ. ނަމަވެސް ކުރި މަސައްކަތުން ވަރަށް ބޮޑުތަން މިހާރު ވަނީ ރަނގަޅު ވެފަ އެވެ. ބަލި ކުއްޖަކަށް އޮންލައިންކޮށް ކިޔެވައި ދިނުންވީ އިތުރު ބުރައަކަށެވެ.

އޮންލައިން ކްލާހުގައި ނޫހު ކިޔަވަނީ--
ނޫހުގެ މަންމަ ބުނީ އޮންލައިލް ކްލާހުން ކިޔެވުމުގައި އެންމެ އުނދަގޫ ކަމަކަށް ދިމާވީ އިންޓްނެޓް މައްސަލަ އާއި ދޭ ފިލާވަޅުތައް ކޮންމެ ދުވަހަކު ފޮތަށް ނަގަން ޖެހުން ކަމަށެވެ. އަދި ފޮތަށް ފިލާވަޅު ނުނަގާނަމަ ކޮންމެ ދުވަހަކު ޕްރިންޓް ކުރަން ޖެހުމަކީ ވެސް ދިމާވި އުނދަގުލެއް ކަމަށް ޝިޔާނާ ބުންޏެވެ.
"މަންމަ ކައިރީގަ ވީމަ ނޫޅޭ ކިޔަވާކަށް. އަވަހަށް ފޫހިވެސްވޭ. ސްކޫލުގަ ވަރަށް އަވަހަށް ނިންމާ ކަމަށް ޓީޗަރުން ބުނޭ. އެކަމަކު ގޭގަ ވަރަށް ލަހުން ނިންމަނީ،" އޭނާ ބުންޏެވެ.
އޮންލައިންކޮށް ކިޔަވަގެން ދަސްވި އެއްޗެއް ނޭނގޭ ކަމަށް ބުނަނީވެސް މަދު ބެލެނިވެރިއެއް ނޫނެވެ. އޮންލައިންކޮށް ކުދިންނަށް ކިޔެވުމާއި ކިޔަވައި ދިނުމަށް ކުރަން ޖެހޭ މައްސައްކަތް ބުރައީ އެވެ. މިކަން އެންމެ ބޮޑަށް ފާހަގަ ކުރީ ވަޒީފާއަށްދާ ބެލެނިވެރިންނެވެ.
ކުރިން ވާހަކަ ދެއްކި މީކާއިލްގެ މަންމަ، އުންމު ކުލްސުމް ބުނީ ވަޒީފާއަށްދާ ބެލެނިވެރިއަކަށް ވާތީ އެންމެ އުނދަގީ ވަނީ ގަޑި ހުސްކޮށްގެން ހުންނަން ޖެހޭތީ ކަމަށެވެ. އޮފީހަށްދާ ގަޑިއާ މީކައިލްގެ ކްލާސް ދިމާވާތީ އެވެ.
"އޮފީހަށް ދިޔައީމަ ދެން ހުންނާނެ މަންމަ. މަންމަ އަކަށް މާބޮޑަކަށް ނުވެއް އެނގޭނެ. އޮފީހުން އައިސް ކިޔަވައިދިން އެއްޗެހި އަނެއްކާ ކިޔަވައިދޭނެ މި ޖެހެނީ. ކްލާހަށް ކިޔަވަން ޖޮއިން ވިޔަސް އެކަނި އިންނާތީ ފޫހިވެސް ވާނެތާ،" އޭނާ ބުންޏެވެ.
އޮފީހަށްދާ އެހެން ބެލެނިވެރިއަކު ބުނިގޮތުގައި އޮފީސް މަސައްކަތް ގެއަށް ބަދަލުކުރި ހިސާބަކީ ކުދިންގެ ކިޔެވުމަށްވެސް އެޅުނު ހުރަހަކަށްވި އެވެ. އެއް ލެޕްޓޮޕް ނުވަތަ ކޮމްޕިއުޓަރު ބޭނުން ކުރަން ޖެހުމެވެ. ޕްރީ-ސްކޫލުގައި ކިޔަވާ ގްރޭޑްތަކަށް އެޑިއުކޭޝަނުން އެ ތަކެތި ދޫކޮށްފައެއް ނުވެ އެވެ.
އެއީ ތައުލީމު ފަށާ އުމުރުގެ ކުދިންނެވެ. ނަމަވެސް ކޮންމެ އުމުރެއްގެ ކުދިންގެ ބެލެނިވެރިންގެ ޝަކުވާ އަކަށް ވެފައި ވަނީ ދަރިން ގޭގައި ނުކިޔަވާ ކަމެވެ. އޮންލައިން ކްލާސް ނަގައިދިން ނަމަވެސް ކިޔެވުމަށް ހުރި ޝައުގުވެރިކަން ގެއްލިފައިވާ ކަމެވެ. ކްލާހަށް އޮންލައިންކޮށް ވައިން ނަމަވެސް ކިޔަވަން ނޫޅޭ ކަމެވެ. ދޭ ފިލާވާޅު ނުހަދާ ކަމެވެ. ހާދާ ޓެސްޓްތަކުން ދައް ވާހަކަ އެވެ.
މިއީ މާލޭގެ އިތުރުން އަތޮޅު ތެރޭގެވެސް ހާލެވެ. ކުދިންގެ ކިޔެވުމަށް އައިސްފައިވާ ބަދަލު ވާހަކަ ކޮންމެ ބެލެނިވެރިއެއްގެ ވާހަކަތަކުންވެސް ފާހަގަވެ އެވެ.
"ކިޔަވަން ދާށޭ ބުނީމަ ބުނާނެ ސްކޫލް ހުޅުވާފަ ދެ ހަފްތާ ވާއިރަށް ޗުއްޓީ އެއް ލިބޭނޭ. ދެން ނުޖެހޭނޭ ސްކޫލަށް ދާކަށް. ކިޔަވާކަށްވެސް. ފިލާވަޅު ހެދިޔަސް މިސް ނުބަލަންޏާ ކީއްކުރަންހޭ ފިލާވާޅު ހަދަނީ،" މިއީ މަޖީދިޔާ ސްކޫލު ގްރޭޑް ހަތަރެއްގައި ކިޔަވަމުންދާ ކުއްޖެއްގެ ބެލެނިވެރިއެއްގެ ވާހަކަ އެވެ.
އަތޮޅު ތެރޭން ވާހަކަ ދައްކާލި ބައެއް ބެލެނިވެރިންގެ ޝަކުވާއަކަށްވީ އޮންލައިންކޮށް ކިޔެވުމަށް ދިމާވި އެތައް އުނދަގުލެއްގެ ވާހަކަ އެވެ. އިންޓަނެޓް ލިބުމުގައި ލިބުނު ދަތިތަކެވެ. ޓީވީން ދައްކާ ޓެލެކިލާސްތައް އޮންނަ ގަޑި ނޭނގުމުން ދިމާވީ އުނދަގޫ ތަކެވެ. އެއްބައި ކުދިން ކިޔަވަން މަސައްކަތް ކުރި ނަމަވެސް ކިޔަވާ ހިތް ނުވާ ކަމެވެ.
"ފިލާވަޅު ހަދަން ދޭ. ފިލާވަޅު ހަދާ ކުދިން ހަދާ. ނުހަދާ ކުދިން ހަމަ ނުހަދާ. ހަދާފަ ފޮޓޯ ލިޔަސް ޓީޗަރު ފިލާވަޅު ނުބަލަންޏާ ކިހިނެތް ކުދިންނަށް ވާނީ،" ބެލެނިވެރިއަކު ބުންޏެވެ.
އޮންލައިންކޮށް ކިޔަވައިދިނުމަކީ ޓީޗަރުންނަށް ވެސް ފަސޭހަ ކަމަކަށް ނުވެ އެވެ. މީގެ ކުރިން މިފަދަ ކަމެއް ތަޖުރިބާ ކުރަން ޖެހިފައި ނުވުމާއި ކައިރީ ހުރެ ޓީޗަރު ބުނެދޭ ބުނެދިނުމާއި ދުރުގައި ހުރެ ބުނެދިނުން ތަފާތުވާތީ އެވެ.
އޮންލައިން ކްލާސްތަކުގެ ސަބަބުން ދަރިވަރުންނަށް އައިސްފައިވާ ބަދަލުތަކާއި ކިޔެވުމަށް އައި ބަދަލުތަކާ ގުޅޭ ދިރާސާއެއް ރާއްޖޭގެ އެޑިއުކޭޝަން މިނިސްޓްރީން ވެސް ވަނީ ހަދާފަ އެވެ. ނަމަވެސް އޭގެ ނަތީޖާ ރިޕޯޓެއް ނެރެވޭނީ އާ އަހަރުގެ ކިޔެވުން ފެށުމަށްފަހު ކަމަށް އެޑިއުކޭޝަނުން ބުނެ އެވެ.
ޓީޗަރުންނަށްވެސް ބުރަ އަހަރެއް!
ލޮކްޑައުންގެ ސަބަބުން ޓީޗަރުންނަށް ސްކޫލަތަކަށް ދިއުމަށް ހުރަސް އެޅުނެވެ. އެހެންވެ ގިނަ ދުވަސްތަކުގައި މަސައްކަތް ކުރަން ޖެހުނީ ގޭގަ އެވެ. އެއާއެކު ދަރިވަރުންގެ އިތުރުން ޓީޗަރުންގެ ކަންބޮޑުވުންތައް ވެސް އިތުރުވެގެން ދިޔަ އެވެ.
އޮންލައިންކޮށް ކިޔަވައިދޭން ފެށި ފަހުން ބައެއް ޓީޗަރުންނަށް ގިނަ ރޭރޭ ހަމަނިދި ނުނިދެ އެވެ. ދަންވަރާއެކު މަސައްކަތް ކުރަން ޖެހެނީ އަނެއް ދުވަހުގެ ފިލާވަޅަށް ތައްޔާރު ވުމަށެވެ. އޮންލައިކޮށް ކިޔަވައި ދޭއިރު ކުރަން ޖެހޭ މަސައްކަތް ކުލާހަށް ގޮސް ކިޔަވައި ދިނުމަށް ވުރެ މާ ބުރައީ އެވެ.
ދަރިވަރުންނާ އޮންލައިންކޮށް ފިލާވަޅު ހަވާލުކުރާއިރު ފިލާވަޅު ހެދުމަށް ފަހު ދަރިވަރުން ޖެހެނީ ފޮޓޯ އަޕްލޯޑް ކުރާށެވެ. އެއަށް ފަހު ގޫގުލް ކްލާހުގައި ޓީޗަރުން މާކް ކުރެ އެވެ. ފޮތުގައި މާކް ކުރުމާ އަޅާބަލާއިރު އޮންލައިކްކޮށް މާކް ކުރަން ވުމުން ދޭހަވާ ވަގުތާއި ކުރަން ޖެހޭ މަސައްކަތް ބުރަވި ކަމަށް ޓީޗަރުން ބުނެ އެވެ.
އެންމެ ފަހުން އެޑިއުކޭޝަނުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާނަމަ ރާއްޖޭގެ ސްކޫލުތަކުގައި ކިޔަވަމުންދާ ދަރިވަރުންގެ އަދަދު 90 ހާހުން މައްޗެވެ. އޭގެ ތެރޭގައި ހިމެނެނީ 46،365 ފިރިހެން ކުދިންނާއި 44،200 އަންހެން ކުދިންނެވެ.
އޭގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުގެ ސްކޫލުތަކުގައި ކިޔަވަމުންދާ 33،757 ކުދިންނާއި އަތޮޅު ތެރޭގައި ކިޔަވަމުންދާ 56،808 ކުދިންނެވެ. ރާއްޖޭގައި ސަރުކާރުގެ 212 ސްކޫލަކާއި ޕްރައިވެޓް 440 ސްކޫލެއްގައި ކިޔަވައިދެމުންދެ އެވެ. އޭގެ ތެރޭގައި ހިމެނެނީ އެއް ދަންފަޅިއަށް ކިޔަވައިދޭ 153 ސްކޫލެކެވެ. ޖުމްލަ 206 ސްކޫލެއްގައި އޯލެވެލް ހަދަމުން ދާއިރު 56 ސްކޫލެއްގައި އޭލެވެލް އިމްތިހާނު ހަދަ އެވެ.
އާ އަހަރަކަށް ފެށެން ދާ ނަމަވެސް ބެލެނިވެރިންނާއި ޓީޗަރުންގެ ކަންބޮޑުވުން އިންތިހާ އެވެ. އޮންލައިންކޮށް އަބަދު ކިޔަވަން ޖެހިއްޖެނަމަ ވާނެ ގޮތަކާ މެދެވެ. އިތުރު މަގެއް ފެންނާނެ ކަމުގެ އުންމީދެއް އަދި ފެނިފައި ނުވާތީ އެވެ.
ކޮވިޑް ހާލަތު އަލުން ގޯސްވެއްޖެނަމަ ދަރިވަރުންގެ ތައުލީމް ހާސިލްކުރުމުގެ ހައްގުން މަހުރޫމްވު ވެދާނެ ކަމަށް ބައެއް ބެލެނެވެރިން ދެކެ އެވެ. ކުދިން ބޭނުންވަނީ އަލުން ސްކޫލުތަކަށް ގޮސް ކިޔަވާށެވެ. ގޭގައި ބަންދުވެ ކިޔަވަން ޖެހުމަކީ ނަފްސާނީ ގޮތުންވެސް ކުދިންނަށް އަސަރު ކޮށްފައިވާ ކަމެކެވެ. ސްކޫލަށް ނުދެވި ބަންދުވެގެން ގޭގައި އިންނަން ޖެހިއްޖެނަމަ އެކަށީގެންވާ ތައުލީމު ނުލިބި ޖީލެއް ހިނގައިދާނެ ކަމުގެ ބިރު މި ވަނީ ހީވެފަ އެވެ.












