އަންނަ މަހު ހަވާލުކުރަން ފަށާ، ހިޔާ ފްލެޓްތަކުގެ ފިނިޝިން ނިންމަން ޗައިނާ ސްޓޭޓް ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ކޮމްޕެނީ (ސީއެސްސީއީސީ)ން ހުށަހެޅީ ޔުނިޓަކަށް 6،462 ޔޫއެސް ޑޮލަރު (99،644ރ.) ކަން އެނގިއްޖެ އެވެ.
އެ މަޝްރޫއުގައި 25 ބުރީގެ 16 ޓަވަރު ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވެ އެވެ.
ހިޔާ ފްލެޓްތަކުގެ އަގުތަކާ ގުޅޭ ގޮތުން "އަދަދު"އަށް ލިބިފައިވާ ލިއުންތަކެއްގައިވާ ގޮތުގައި، ޔުނިޓަކަށް 62،000 ޑޮލަރު (956,040ރ.) ކުރީގެ ސަރުކާރުގައި ޗައިނާގެ ކުންފުންޏާ އެކު އެއްބަސްވީ ފިނިޝިން ނުނިންމައި ހަވާލުކުރާށެވެ.
އެއީ، ދެ ކޮޓަރީގެ އެޕާޓްމެންޓްތަކުގައި ޓައިލްސް ޖެހުމާއި ދެ ކޮޓަރި އާއި ދެ ފާހާނާގައި ވެސް އެތެރޭގެ ދޮރުތަކާއި ކިޗަން ކެބިނެޓާއި އެތެރޭގެ ފާރުތަކުގައި ކުލަ ލުމާއި ބޮކިތަކާއި ފަންކާތައް ހަރުކުރުން ނުހިމަނައި އެއްބަސްވި އަގެވެ.


ހިޔާ އެޕާޓްމެންޓެއްގެ އެތެރެ: މި ތަންތަން އަންނަ މަހު ހަވާލުކުރަން ފަށާގޮތަށް ވަނީ ނިންމާފައި. -- ފޮޓޯ/ އަދަދު
ފިނިޝިން ނިންމަން އެ ކުންފުނީގެ އަގު މި މަޝްރޫއުގައި ހިމެނޭ ރަސްމީ އިދާރާތަކުން 2019 ގައި ވަނީ ހޯދައިފަ އެވެ. ލިއުންތަކުގައިވާ ގޮތުގައި، ފިނިޝިންއާ އެކު މަސައްކަތް ނިންމަން ޗައިނާގެ ކުންފުނިން ހުށަހެޅީ ޔުނިޓަކަށް 99،645ރ. އެވެ.
ހިޔާ މަޝްރޫއުގައި ހިމެނޭ އެވްރެޖްކޮށް 550 އަކަ ފޫޓުގެ ދެ ކޮޓަރީގެ އެޕާޓްމަންޓެއްގެ ފިނިޝިން ނުލައި އަގަކީ 956،040ރ. އެެވެ. ފަހުން ފިނިޝިންއަށް އެއްބަސްވި 99،645ރ. ހިމެނި ނަމަ ޖުމްލަ ޔުނިޓަކަށް އެ ކުންފުނިން ނަގާ ޖުމްލަ އަގުގެ ގޮތުގައި 1،151،040ރ. އަށް އަރާނެ އެވެ.
ފިނިޝިން ނިންމަން ކޮންޓްރެކްޓަރު ޔުނިޓަކަށް ހުށަހެޅި އަގަށް ނޮވެމްބަރު، 7، 2019 ގައި މި ސަރުކާރުން އެއްބަސްވުމެއްގައި ސޮއިކުރި އެވެ. އޭރު އެއްބަސްވީ 43،425،200 ޑޮލަރަށް ފިނިޝިން ނިންމުމަށެވެ.
ފިނިޝިން އަށް ވެސް ހަމަޖައްސަން އުޅުނީ ކްރެޑިޓް ސުއިސް ބޭންކް މެދުވެރިކޮށް ލޯނެކެވެ.
އެޗްޑީސީން ކުރިން ބުނެފައިވާ ގޮތުގައި މަސައްކަތް ނިންމަން ނަގަން އުޅުނީ 45 މިލިއަން ޑޮލަރު (695 މިލިއަން ރުފިޔާ)ގެ ލޯނެކެވެ. އެކަމަކު ކޮވިޑުގެ ބަލިމަޑުކަމާ ހެދި ކުރިމަތިވި ގޮންޖެހުންތަކާއި ލޯނު ނަގައިގެން މަސައްކަތް ނިންމަން އިތުރު މުއްދަތެއް ހޭދަވާނެތީ ސަރުކާރުން ވިސްނުން ބަދަލުކުރީ އެވެ. ފަހުން ލޯނު ނުނަގާ ގޮތަށް މި ސަރުކާރުން ނިންމީ، ލަސްނުކޮށް ފްލެޓުގެ ހައްގުވެރިންނަށް ހަވާލުކުރާށެވެ.

ހިޔާގެ ޓަވަރެއް: ދެ ވަނަ ފިޔަވަހީގައި 25 ބުރީގެ 16 ޓަވަރު އަޅާފައިވޭ. -- ފޮޓޯ/ އަދަދު
ކުރީގެ ސަރުކާރުގައި ފްލެޓްތައް ދޫކުރަން ސީއެސްސީއާ އެކު ވެފައިވާ އެއްބަސްވުމާ އެއްގޮތަށް ފިނިޝިން ނުނިންމައި ފްލެޓް ދޫކުރަން ނިންމީ އެހެންވެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. މިހާރު އެ މަސައްކަތްތައް ކުރަން ޖެހޭނީ، ފްލެޓް ލިބޭ މީހެކެވެ.
މި މަޝްރޫއު ކުރީގެ ސަރުކާރުން ކުރިއަށް ގެންދިޔައީ ޗައިނާގެ އެގްޒިމް ބޭންކުން ނެގި 437 މިލިއަން ޑޮލަރުގެ ލޯނަކުންނެވެ. އެ ލޯނު ހޯދީ ސަރުކާރުގެ ސޮވެރިން ގެރެންޓީއާ އެކު ހަ ޕަސެންޓްގެ އިންޓަރެސްޓް ރޭޓުގަ އެވެ. އެގޮތުން ލޯނުގެ 15 ޕަސެންޓް، ފަސް އަހަރުގެ ތެރޭގައި އަދި އަނެއް 85 ޕަސެންޓް 15 އަހަރުގެ ތެރޭގައި ދަައްކަން ޖެހެ އެވެ.
ފިނިޝިން ނުނިންމައި މި ފްލެޓްތައް ހަވާލުކުރުމަކީ އެތަނުގައި ދިރިއުޅެން ފަށާ މީހުންނަށް ބޮޑު ތަކުލީފަކަށް ވާނެ އެވެ. އެހެންވެ އެޗްޑީސީން ނިންމާފައި އޮތީ އަންނަ ޖުލައި މަހުގެ ތެރޭގައި ފްލެޓްތައް ހަވާލުކޮށް ކުލި ނުހިނގާ ގޮތަށް ތިން މަސް ދުވަސް ފިނިޝިންއަށް ދޭށެވެ.

ހިޔާ މަޝްރޫއުގެ ފްލެޓްތަކުގެ ސިންކު: އެ ތަނުގައި ދިރިއުޅެން ފަށަން ގިނަ މަސައްކަތްތަކެއް ފްލެޓް ލިބޭ ފަރާތުން ކުރަން ޖެހޭ. -- ފޮޓޯ/ އަދަދު
މި ޓަވަރުތަކުގައި އެއްފަހަރާ މަދުވެގެން 30،000 މިހުން ދިރިއުޅެން ފަށާތީ ނިންމަން ޖެހޭ ޒަރޫރީ ކަންކަމަށް 127 މިލިއަން ރުފިޔާ ހޭދަވާނެ ކަަމަށް ވެސް އޮތީ ލަފާކޮށްފަ އެވެ. މިއީ، ފްލެޓްތަކުގެ ޖުމްލަ އަގު ބޮޑުވެ ޔުނިޓަކަށް އިތުރަށް 18،255ރ. އަރާނެ ކަމެކެވެ. އެކަމަކު މި އަދަދު ސަބްސިޑައިޒްކޮށް އެޗްޑީސީން ޒިންމާވާ ގޮތަށް ވަނީ ހަދައިފަ އެވެ.
ސަރުކާރުން އިއްޔެ އާއްމުކުރި މައުލޫމާތުތަކުގައިވާ ގޮތުގައި 7000 ފްލެޓްގެ މަޝްރޫއަކީ މިހާތަނަށް އެންމެ އަގު ބޮޑު މަޝްރޫ އެވެ. މިކަން ސާފުކޮށްދޭން، އެމްޑީޕީގެ ސަރުކާރުގައި ހިންގި 1000 ހައުސިން (ވެށިފަހި) މަޝްރޫ އާއި ޖެހިގެން އައި ދައުރު ޕީޕީއެމްގެ ވެރިކަމުގައި ހިންގި 704 ހައުސިން (ގެދޮރުވެރިކުރުން) މަޝްރޫއުގެ ފްލެޓްތަކުގެ އަގުތައް ސަރުކާރުން އިއްޔެ އާއްމުކޮށްފައިވެ އެވެ.
އެ ހިސާބުތަކުގައިވާ ގޮތުން، 1000 ފްލެޓް މަޝްރޫއުގައި ޔުނިޓެއްގެ އަގަކީ، 1،087،065ރ. އެވެ. މިއީ، 765 އަކަ ފޫޓެވެ.
ގެދޮރުވެރިކުރުމުގެ 704 ފްލެޓް މަޝްރޫއުގައި ޔުނިޓެއްގެ އަގަކީ 1،310،034ރ. އެވެ. އެއީ، 759 އަކަ ފޫޓެވެ.
ހިޔާގައި، 550 އަކަ ފޫޓުގެ ދެ ކޮޓަރި ނިންމަން 955،900ރ. އަކީ އަނެއް ދެ މަޝްރޫއާ އަޅާބަލާއިރު ނިސްބަތުން ބޮޑު އަދަދެއް ކަން އެ ހިސާބުތަކުގައި ފާހަގަކޮށްފައިވެ އެވެ.
އެހެންކަމުން ފްލެޓްތަކުގައި ފިނިޝިން ކޮސްޓާ އެކު އަކަ ފޫޓަކަށް ހިޔާ ފްލެޓްތަކުގައި 1،919ރ. އެބަ ޖެހެ އެވެ. އެކަމަކު 1000 ފްލެޓް މަޝްރޫއުގައި އަކަ ފޫޓަކަށް ފިނިޝިން ކޮސްޓާ އެކު 1،421ރ. ޖެހޭއިރު 704 ފްލެޓުގެ މަޝްރޫއުގައި އަކަ ފޫޓަކަށް ޖެހެނީ 1،726ރ. ކަމަށް ރައީސް އޮފީހުން އިއްޔެ ބުނެފައިވެ އެވެ.

ހިޔާގެ ދެ ކޮޓަރީގެ އެޕާޓްމަންޓްތައް ފިނިޝިންއާ ނުލައި ނިންމި އަގަކީ 62،0000 ޑޮލަރު.
"އަދަދު"އަށް ލިބިފައިވާ ހިސާބުތަކުގައިވާ ގޮތުން ހިޔާ ޓަވަރުތައް އަޅަން ހަވާލުކުރީ އެ މަޝްރޫއަށް ކުރިމަތިލީ ކުންފުނިތަކުގެ ތެރެއިން އެންމެ ބޮޑު އަގެއް ހުށަހެޅި ކުންފުންޏެވެ. އެހެން ކުންފުނިތަކުގެ އަގު ދަށްވި ނަމަވެސް ސީސީސީއާ ޗައިނާގެ ކުންފުންޏާ ހަވާލުކުރީ، އޭރުގެ ސަރުކާރުން ބޭނުންވި ގޮތަށް 25 ބުރިއަށް އިމާރާތްކުރަން ޝައުގުވެރިކަން އެ ކުންފުނިން ފާޅުކުރުމެވެ.
ހިޔާ މަޝްރޫއުގައި ފެށިއިރު އޮތީ 7،000 ފްލެޓް އަޅަން ނަމަވެސް 6،720 ފްލެޓަށް މި ސަރުކާރުގައި ބަދަލުކުރީ ޓަވަރުތަކުގެ ގްރައުންޑް ފްލޯ ޒަރޫރީ ބޭނުންތަކަށް ހަމަޖެއްސުމުންނެވެ.












