މާލޭން ކިޔެވުމަށް ފަހު އާދަމް އިސްމާއިލް ނިންމީ ރަށަށް ބަދަލުވާށެވެ. ރަށަށް ގޮސް، ރަށު އޮފީހުގައި މަސައްކަތްކުރާތާ 15 އަހަރުވީ އެވެ. ސަރުކާރުގެ ވަޒީފާ އިން ލިބެނީ ކުޑަކުޑަ މުސާރައެއް ނަމަވެސް ރަށުގައި އޭނާ އަށް އެ ފައިސާކޮޅުން ހިތްހަމަޖެހިލައިގެން އުޅެލެވެ އެވެ. އަންހެނުންނާއި ތިން ކުދިން އަދި މަންމަ އާއި ބައްޕަގެ ކަންކަން ވެސް ބަލަހައްޓަނީ އޭނާ އެވެ.
ދުވަހުން ދުވަހަށް އެ މުސާރައިން ހަރަދު ދެކޮޅު ޖެއްސުނަސް ބޮޑުކަމެއް އޭނާ އަށް ނުވެ އެބައޮތެވެ. އެއީ އަމިއްލަ ގެދޮރު ހެދުމެވެ. މި ފަހުން އޭނާ އަށް ލައްވާލި ބިންކޮޅުގައި ގެއެއް ބިނާކުރެވެން އޮތީ އަދި 10 ވަރަކަށް އަހަރު ފަހުންނެވެ.
މިހާރު ލިބެން ހުރި ލޯނުތައް ނަގައިގެން ލިބޭ އަދަދަށް ވުރެ އިންޓްރެސްޓަށް ދައްކާ ފައިސާ ބޮޑުވާތީ އާދަނު ބޭނުންވަނީ އިހަށް މަޑުކުރާށެވެ. އޭނާ ވިސްނައިގެން ހުރީ ޕެންޝަން ފުރިހަމަވުމުން ލިބޭ ފައިސާކޮޅުން، ރިޓަޔާމަންޓް ޕްރޮޖެކްޓެއް ގޮތަށް ގެ ހަދާށެވެ.
އެހެންވެ އަނބިދަރިން ގޮވައިގެން އާދަނު މިހާރު ދިރިއުޅެނީ މީގެ 21 އަހަރު ކުރިން ބައްޕައަށް ރަށުން ލިބުނު ގޯތީގައި އަޅާފައިވާ ގެއެއްގަ އެވެ. ގޯތި ތެރޭގައި އެކި ދުވަސްވަރު މަތިން ދެބަފައިން ހަރަދުކޮށްގެން އިތުރު ތަންތަން އިމާރާތްކުރި ނަމަވެސް އަމިއްލަ ގެއެއްގެ ހުވަފެނަކީ އާދަނު އަބަދުވެސް ދެކެމުން އަންނަ ހުވަފެނެކެވެ.
އެކަމަކު ސަރުކާރުން މި ހަފުތާގައި ތައާރަފުކުރި ގެދޮރުވެރިޔާ ލޯނުގެ ސަބަބުން އާދަނަށް އުއްމީދެއް ލިބިއްޖެ އެވެ. އާދަނު އެކަންޏެއް ނޫނެވެ. އެފަދަ އެތައް ބަޔަކަށް އެކަންވީ އުފާވެރި ހަބަރެކަށެވެ.
ގެދޮރުވެރިޔާ ލޯން: ހައުސިން ލޯން އަތްފޯރާފަށަށް
ރާއްޖޭގައި ގެދޮރު އިމާރާތްކުރަން މި ވަގުތު ލިބެން ހުރި ލޯނުތަކުގެ އިންޓްރެސްޓް ބޮޑުކަމުން ލޯން އިކުއިޓީ އަދި މަހަކު އަނބުރާ ދައްކަން ޖެހޭ އަދަދަކީ އާދައިގެ ދިވެއްސަކަށް އަތްފޯރާ ފަށުގައި ހުރި ލޯންތަކެއް ނޫނެވެ.
ސަރުކާރުގެ އިސްނެގުމުގައި ސަރުކާރު ހިއްސާވާ ކުންފުންޏެއް މެދުވެރިކޮށް ހާއްސަ ހައުސިން ލޯން ސްކީމެއް ތައާރަފުކުރަން ކޮންމެހެން ބޭނުން ޖެހުނީ މިހެންވެ އެވެ.

ހައުސިން މިނިސްޓްރީ އަދި ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން މެދުވެރިކޮށް ދޫކުރާ ގެދޮރުވެރިޔާ ލޯނަކީ 15 އަހަރާއި 20 އަހަރު ދުވަހުގެ މުއްދަތަކަށް ބަހާލައިގެން އަނބުރާ ދައްކާގޮތަށް، ހަ ޕަސެންޓް އިންޓްރެސްޓް ރޭޓުގައި ދޫކުރާ ހައުސިން ލޯނުތަކެކެވެ. ގިނަވެގެން މީހަކަށް ލިބެނީ ހަތް ލައްކަ ރުފިޔާ އެވެ.
މި ލޯނުގެ އެންމެ ހާއްސަ ކަމަކީ މި ލޯނުގެ ދަށް އިންޓްރެސްޓް ރޭޓެވެ. މިއީ މިވަގުތު ރާއްޖޭގެ މާލީ އިދާރާއަކުން ގެދޮރު އިމާރާތްކުރަން ނުވަތަ މަރާމާތުކުރަން ލިބޭނެ އެންމެ އިންޓްރެސްޓް ކުޑަ ލޯނުތަކެވެ.
ގެދޮރުވެރިޔާ ލޯނުން އެންމެ ގިނަވެގެން ނެގޭ ހަތް ލައްކަ ރުފިޔާ ނަގައިގެން މަހަކު ގިނަވެގެން ދައްކަން ޖެހޭ އަދަދަކީ 5،907ރ. އެވެ. އެއީ 15 އަހަރުގެ ތެރޭގައި ލޯނު އަނބުރާ ދައްކާ ނަމަ އެވެ. މިގޮތް އިހްތިޔާރުކުރާ ފަރާތްތަކުން ލޯނު އަނބުރާ ދައްކާ ނިމޭއިރު 1،063،259.60ރ. ދައްކާނެ އެވެ. އޭގެ ތެރެއިން އިންޓްރެސްޓަށް ދައްކާ އަދަދަކީ 363,259.60ރ. އެވެ.
ހަމަ އެ އަދަދަށް ފައިސާ ނަގައިގެން ގެދޮރުވެރިޔާ ލޯނު 20 އަހަރުން އަނބުރާ އަދާކުރާ ނަމަ މަހަކު 5,015.02ރ ދައްކަމުން ގޮސް ލޯނު ނިމޭއިރު 1,203,604.18ރ. ދައްކަން ޖެހޭނެ އެވެ. އޭރުން އިންޓްރެސްޓަށް އަދާކުރާ އަދަދު 503,604.18ރ. އަށް އަރަ އެވެ. ލޯނު އަނބުރާ ދައްކާ މުއްދަތު އިތުރުވާ ވަރަކަށް، ލޯނު ނިމޭއިރު ދައްކަން ޖެހޭ ފައިސާ އިތުރުވެ އެވެ.
މި ހައުސިން ލޯނުތައް ފަރުމާކުރެވިފައިވާ ގޮތުން އިންޓްރެސްޓަށް ޕަސެންޓޭޖެއްގެ ތަފާތެއް އަޔަސް އަނބުރާ ދައްކަން ޖެހޭ އަދަދު ވަރަށް ބޮޑުތަން އިތުރުވެ އެވެ. މިސާލަކަށް މި ލޯނުގެ އިންޓްރެސްޓަކީ ހަތް ޕަސެންޓު ކަމަށް ބަލަމާ ހިނގާށެވެ. އޭރަށް ވިހަ އަހަރުން ލޯނު ދައްކާ މީހާ އިންޓްރެސްޓަށް ދައްކަން ޖެހޭ އަދަދު 602,502.21ރ. އަށް އިތުރުވެ އެވެ.
ޕަސެންޓެއްގެ ތަފާތުން ލޯނަށް ލައްކައަކާ ގާތްކުރާ އަދަދަކަށް ފައިސާ އިތުރުވެ އެވެ. މާކެޓްގައި ދެން ހުރި ލޯނުތަކުގެ ތެރެއިން އެންމެ ކުޑަ އިންޓްރެސްޓްގައި ހުރި ލޯނުތައް ހުރީ 12 ޕަސެންޓުގަ އެވެ. އޭރަށް އިންޓްރެސްޓަށް އެކަނި ވެސް 1,149,824.70ރ. ރުފިޔާ އަދާކުރަން ޖެހެ އެވެ. އެއީ ލޯނަށް ލިބޭ ފައިސާއަށް ވުރެ ބޮޑު އަދަދެކެވެ.
ދެބަސް ނުވެވޭނެ ހަގީގަތަކީ މިއީ މިހާރު ގެދޮރު އަޅަން ލިބެން ހުރި މާލީ ވަސީލަތްތަކުގެ ތެރެއިން އާންމު މީހާއަށް އެންމެ އަތްފޯރާ ފަށުގައި ހުރި ލޯނެވެ.
އަތޮޅުތެރޭގައި ގެދޮރު އަޅަން ލޯނު ފުދެނީ އިތުރު މަސައްކަތުން
އާންމުކޮށް ރަށްރަށުގައި ބުރިބުރިއަށް ގެދޮރު އިމާރާތް ނުކުރެ އެވެ. ގިނަ ރަށްރަށުގެ ގޯތިތަކަކީ ތަނަވަސް ސައިޒެއްގެ ގޯތިތަކެކެވެ. ރަށްރަށުގައި ގެ އެޅުމާ މާލޭގައި ގެއެއް އެޅުމާ އެންމެ ބޮޑަށް ތަފާތުވަނީ މި ސަބަބާ ހުރެ އެވެ. ބުރިބުރިއަށް ގެދޮރު އެޅުމުގެ ބޭނުމެއް ރަށްރަށުގައި ކޮންމެހެން ބޭނުމެއް ނޫނެވެ.
އެކަމަކު އެއީ ހުރިހާ ރަށެއްގެ ހާލަތެއް ނޫނެވެ. ބައެއް ރަށްރަށުގައި ގޯތީގެ ސައިޒު ކުޑަ އެވެ. ނަމަވެސް އާއިލާއެއް ދިރިއުޅެން ފުދޭ ވަރަށް ވުރެ ކުދި ގޯތި ރަށްރަށުގައި މަދެވެ. މާލޭގައި ގޭގެ ބައިކުރަމުން ގޮސް 300 އަކަފޫޓު ލިބޭ ހާލަތެއް އަދި އަތޮޅުތެރެއަކަށް ނާދެ އެވެ. އެވަރެޖްކޮށް ގޯތި ސައިޒް އުޅެނީ 1000 އަކަފޫޓުން މަތީގަ އެވެ.
ކޮންސްޓްރަކްޝަން ވިޔަފާރީގައި ހަރަކާތްތެރިވާ ވިޔަފާރިވެރިއަކު "އަދަދު" އަށް މައުލޫމާތު ދެމުން ބުނީ ހަތް ލައްކަ ރުފިޔާއަށް ގެޔެއް އެޅިދާނެ ކަމަށެވެ. ނަމަވެސް އެއީ ވަރަށް ބައިވަރު ކަންކަމާ ގުޅިފައި އޮތް ކަމެއް ކަމަށް ބުންޏެވެ. އަދި ހުރިހާ ރަށެއްގައި ހަތް ލައްކަ ރުފިޔާއިން ރަނގަޅު ގެއެއް އެޅޭނެ ކަމަކަށް އޭނާ ގަބޫލެއް ނުކުރެ އެވެ.
"މިކަން އޮންނަނީ ކޮންސްޓްރަކްޝަން ސާމާނު ލިބޭ އަގާއި މަސައްކަތުގެ އަގާ ގުޅިފައި. އެކި ރަށްރަށުން ލިބެނީ އެކި އަގަށް. އެ ރަށްރަށަށް މާލެއިން ނާލު ދީގެން ގެންދެވެނީ ވެސް އެކި އަގަށް. ދެން ރަށްރަށުގައި ކޮންސްޓްރަކަޝަން މަސައްކަތް ކުރާ އަގުގެ ބޮޑެތި ތަފާތުތަކެއް އެބައުޅޭ" އޭނާ ބުންޏެވެ.
އޭނާ ބުނި ގޮތުގައި މިކަން ހައްލު ވާނީ އެއް އަގުތަކެއްގައި ކޮންސްޓްރަކްޝަން ސާމާނު ރާއްޖޭގެ ހުރިހާ ރަށަކަށް ލިބޭނެ މަގުފަހިކުރެވިގެންނެވެ. އަދި މިކަމަށް ކޮންމެހެން ސަރުކާރުން މާ ބޮޑު މަސައްކަތެއް ނުކުރިޔަސް ޕްރައިވެޓް ސެކްޓާއަށް މިކަން ކުރެވޭނެ ކަމަށް ބުންޏެވެ.
"ކޮންމެހެން އެސްޓީއޯ ނޫނީ ސަރުކާރުން މިކަން ނުކުރިޔަސް، ރަށަށް ކުރާ ހިދުމަތެއްގެ ގޮތުގައި އަމިއްލަ ވިޔަފާރިތަކަށް ވެސް މިކަން ކުރެވޭނެ. ކޮންސްޓްރަކްޝަން މަސައްކަތް ކުރާ ފަރާތްތަކަށް ވެސް ހަމައެކަނި ވިޔަފާރީގެ ފައިދާއަށް ނުވިސްނާ އެކަން ކުރީމަ ކުރެވޭނެ. ތަރައްގީއަކީ އެންމެންގެ ޒިންމާއެއް" އޭނާ ބުންޏެވެ.
އޭނާ އިތުރަށް ފާހަގަކުރި ގޮތުގައި މިއީ މިހާރު ކޮންސްޓްރަކްޝަންގައި އާންމުކޮށް ބޭނުންކުރާ ސާމާނުގެ ބަދަލުގައި އެހެން ތަކެތި ބޭނުންކޮށްގެން އިމާރާތްކުރަން ވެސް ލިބޭ ފުރުސަތެއް ކަމަށެވެ. އެގޮތުން ލަކުޑި އާއި ބިއްލޫރި އަދި ދަގަނޑާއި އެލުމިނިއަމް ބޭނުންކޮށްގެން އިމާރާތްކުރެވޭނެ ކަމަށާއި އެކަމަށް ކޮންސްޓްރަކްޝަން ގަވާއިދުތަކުގެ ތެރެއިން ޖާގަދޭން ޖެހޭ ކަމަށެވެ. އަދި މާކެޓަށް ގެނެވޭ ހެޔޮ ބަދަލުތަކުން އެ އަގަށް ހުރިހާ ރަށެއްގައި ރަނގަޅު ފެންވަރުގެ ގެޔެއް ހަތް ލައްކަ ރުފިޔާއިން އެޅޭނެ ކަމަށް އޭނާ ބުންޏެވެ.
ކޮންމެއަކަސް އަތޮޅުތެރޭގެ ގެދޮރުވެރިކަން އިތުރުކުރަން އަމާޒުކޮށްގެން ސަރުކާރުން ފެށި މި ހައުސިން ސްކީމަކީ އަތޮޅުތެރެއަށް ބޭނުންޖެހިފައި އޮތް ސްކީމެކެވެ. އެތައް ހާސް އިތުރު ބަޔަކަށް ގެދޮރުވެރިކަމުގެ އުފާވެރިކަން ލިބޭނެ މަގު ފަހިވީ އެވެ. ގަވާއިދަށާއި އުސޫލަށް ގެނެވޭ ބަދަލުތަކުން ގެދޮރުވެރިކުރެވޭނެ ވަރުގެ ފައިސާ ލިބޭ ސްކީމެކެވެ.
އާދަނަށް އޭނާ ބޭނުންވި ގެ އަޅާނެ ފުރުސަތު ލިބުނީ އެވެ.












