އދ. އިން ޝާހިދަށް އުޖޫރައެއް ލިބޭނެތަ؟ ހުންނަވާނީ އެމެރިކާގައިތަ؟

އދ. އިން ޝާހިދަށް އުޖޫރައެއް ލިބޭނެތަ؟ ހުންނަވާނީ އެމެރިކާގައިތަ؟

ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް ދިވެއްސަކު އދ. ގެ އާއްމު މަޖިލީހުގެ ރައީސް ކަމަށް އިންތިހާބުވުމަކީ ބައިނަލްއަގުވާމީ ގުޅުންތަކުގެ މައިދާނުގައި ރާއްޖެއަށް ހޯދުނު އެންމެ ބޮޑު ކާމިޔާބެވެ. އަފްގާނިސްތާނުގެ ކުރީގެ ފޮރިން މިނިސްޓަރާ ވާދަކުރައްވައި، ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ބޮޑު ތަފާތަކުން މަގާމް ކާމިޔާބު ކުރެއްވުމަކީ ދިވެހިންނަށް ފަހުރުވެރި ވަގުތުކޮޅަކަށްވި އެވެ.

އެކަމަކު އެ ކާމިޔާބީއާ އެކު ގިނަ ދިވެހިންގެ ހިތްތަކުގައި ސުވާލުތަކެއް ވަނީ އުފެދިފަ އެވެ. އެ މަގާމް އަދާކުރެއްވުމަށްޓަކައި ރާއްޖޭގެ ފޮރިން މިނިސްޓަރު ކަމުން ޝާހިދު އިސްތިއުފާ ދެއްވަން ޖެހޭނެތޯ އެވެ؟ ޝާހިދު އެ މަގާމުގައި ހުންނެވުމުން ރާއްޖެއަށް ލިބޭ ފައިދާއަކީ ކޮބާތޯ އެވެ؟

އާއްމު މަޖިލީހުގެ ރައީސްގެ ދައުރަކީ ކޮބާ؟

ކޮންމެ އަހަރެއްގެ ސެޕްޓެމްބަރު މަހުގެ މެދު ތެރޭގައި، އދ. ގެ އާއްމު މަޖިލީހުގެ އާ ދައުރު ފެށުމުގެ ތިން މަސް ދުވަސް ކުރިން އެ އަހަރެއްގެ މަޖިލީހުގެ ރައީސެއް މެމްބަރު ގައުމުތަކުން އައްޔަނުކުރަންޖެހެ އެވެ.

ގާނޫނު ހަދާ މަޖިލީހެއް ހިންގާ އުސޫލުން އދ. ގެ އާއްމު މަޖިލީހުގެ ޖަލްސާތަކުގެ ރިޔާސަތު ބެލެހެއްޓުމުގެ އިތުރުން، ބަހުސްތަކުގައި މެމްބަރު ގައުމުތަކަށް ވަގުތު ކަނޑައެޅުމާއި، ނިޒާމީ މައްސަލަތަކުގައި ގޮތް ނިންމުމުގެ ބާރު ވެސް ރައީސަށް ލިބިގެންވެ އެވެ.

އަދި އާއްމު މަޖިލީހަށް ހުށަހެޅޭ މައްސަލަތަކުގެ އެޖެންޑާ ކަނޑައެޅުމުގެ ޒިންމާ ވެސް އުފުލަން ޖެހޭނީ އެ މަޖިލީހެއްގެ ރައީސަށެވެ.

ވަޒީރު ކަމުގައި ދެމި ހުންނެވޭނެ؟

އދ. ގެ އާއްމު މަޖިލީހުގެ ރައީސްކަމަށް ޝާހިދު އިންތިހާބުވުމާއެކު އެންމެ ގިނަ ބަޔަކު ކުރި ސުވާލަކީ މިނިސްޓަރު ކަމުގައި ޝާހިދަށް ހުންނެވޭނެތޯ އެވެ.

އަންނަ ސެޕްޓެމްބަރު މަހުގެ 15 ގައި އެއް އަހަރަށް ދިގުދެމިގެންދާ ޝާހިދުގެ ދައުރު ފެށޭއިރު، އެ މަގާމުގައި ދެމި ހުރުމަށްޓަކައި މިހާރު ހުންނެވި ފޮރިން މިނިސްޓަރު ކަމުގެ މަގާމު ދޫކޮށްލައްވަން ޖެހިވަޑައިނުގަންނަވާނެ އެވެ.

ދެ މަގާމުގެ މަސްއޫލިއްޔަތު ވަކިވެފައި އޮންނަ އިރު، އދ.ގެ ގަވައިދު ބުނާ ގޮތުން މަސްލަހަތު ފުށު އެރުމެއް ނެތުމުން، އދ.ގެ އާއްމު މަޖިލީހުގެ ރައީސްކަމަށް ވަޑައިގެންނެވުމުން ވަޒީރުކަމުގައި ޝާހިދަށް ދެމިހުންނެވުމަކަށް ހުރަހެއް ނެތެވެ.

އެއްވެސް އުޖޫރައެއް ލިބޭތަ؟

ރާއްޖޭގެ ގާނޫނުއަސާސީގައި ވަޒީރަކު ކޮށްގެން ނުވާނެ ކަންތައްތައް ބަޔާންކޮށްފައިވާއިރު އޭގައި އެހެން އުޖޫރައެއް ހޯދުމާއި ވަޒީފާއެއް އަދާކުރުން ހިމަނާފައިވެ އެވެ.

އދ. ރިޔާސަތަށް ޝާހިދު އިންތިހާބުވެ ވަޑައިގެންނެވުމުން އިސްތިއުފާ ދެއްވަން ޖެހިވަޑައިނުގެންނެވި ނަމަވެސް، ގާނޫނުއަސާސީއާ ހަވާލާދީ ގިނަ ބަޔަކު އަހަމުންދިޔައީ ޝާހިދަށް އދ. އިން އެއްވެސް އުޖޫރައެއް ލިބިވަޑައިގަންނަވާތޯ އެވެ. ލިބިވަޑައިގަންނަވާނަމަ، ވަޒީރެއްގެ ޝަރުތެއް ގެއްލޭނެ ކަމަށް ބުނަމުންނެވެ.

އދ. ގެ އާއްމު މަޖިލީހުގެ ރައީސްގެ މަގާމަކީ ސީދާ އދ. ގެ ވަޒީފާއަކަށް ނުވާތީ، އެ މަގާމުގައި ހުންނަވާ އެއްވެސް ބޭފުޅަކަށް އުޖޫރައެއް ކަނޑައަޅާފައެއް ނުވެ އެވެ.

ޝާހިދު ހުންނަވަންޖެހޭނީ އެމެރިކާގައި؟

އިންތިހާބު ކުރިން ކޮންމެ ކެންޑިޑޭޓަކު އެ ދައުރަކަށް ތަސައްވުރެއް ހުށަހަޅަންޖެހޭއިރު، އިންތިހާބުވެއްޖެނަމަ އެންމެ އިސްކަމެއް ދެއްވާނެ ފަސް ކަމެއް ޝާހިދު ވަނީ ފާހަގަކުރައްވައިފަ އެވެ.

އޭގެ ތެރޭގައި ކޮވިޑް-19ގެ ބަލިމަޑިކަމުން އަރައިގަތުމުގެ މަސައްކަތްތައް ހަރުދަނާކޮށް ގުޅިގެން ކުރިއަށް ގެންދިއުމާއި، ދެމެހެއްޓެނިވި ގޮތެއްގައި ދުނިޔެ އާރާސްތުކުރުމުމުގެ އިތުރުން މޫސުމީ ބަދަލުތަކުން ކުރިމަތިވެފައިވާ ނުރައްކާތަކުން އަރައިގަތުން ހިމެނެ އެވެ.

އެއް އަހަރު ދުވަހުގެ ދައުރުގެ ތެރެއިން ގިނަ މަސައްކަތްތަކެއް ކުރައްވަން އަމާޒު ހިތްޕަވާފައިވާއިރު، ޖަލްސާތަކުގެ ރިޔާސަތު ބެލެހެއްޓެވުމުގައި ޝާހިދު ގިނައިން ހުންނަވާނީ އދ. ގެ މައި މަރުކަޒު ހުންނަ އެމެރިކާގެ ނިއުޔޯކުގައި ކަމަށް ފޮރިން މިނިސްޓްރީން ބުނެ އެވެ.

އެ ހާލަތުގައި ފޮރިން މިނިސްޓަރުގެ މަގާމު އަދާކުރެއްވޭނެތަ؟

އިންތިހާބުގެ ކެމްޕޭނާއެކު މިހާރު ވެސް މަހަކަށް ވުރެ ގިނަ ދުވަހު އެމެރިކާގައި ހުންނަވަން ޖެހިވަޑައިގަތުމުން، ގިނަ ބަޔެއްގެ ފާޑުކިޔުން ވަނީ ޝާހިދަށް އަމާޒުވެފަ އެވެ.

ރާއްޖެއަށް ބޭރުގެ އެހީތެރިކަން އެންމެ ބޭނުންވެފައިވާ ދަނޑިވަޅެއްގައި ޝާހިދު އިސްކުރައްވަނީ އޭނާގެ އަމިއްލަ މަސްލަހަތުކަމުގެ ތުހުމަތުތައް ވެސް ވަނީ އިތުރުވެފަ އެވެ.

އަދި އެފަދަ ބޮޑު ޒިންމާއެއް އުފުއްލަވަމުން ފޮރިން މިނިސްޓަރުގެ ޒިންމާ އަދާކުރެއްވޭނެތޯ ވެސް ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.

އެ ސުވާލަށް ޝާހިދު އިންތިހާބުވެ ވަޑައިގެންނެވި ރޭ "އަދަދު"އަށް ދެއްވި އިންޓަވިއުގައި ވަރަށް ސާފުކޮށް ޖަވާބު ދެއްވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ކޮނޑުގައި އެޅިގެންދިޔަ ބޮޑު ޒިންމާގެ ސަބަބުން ރާއްޖޭގެ ހާރިޖީ ވަޒީރުގެ މަސްއޫލިއްޔަތު އަދާކުރުމަށް އެއްވެސް ހީނަރުކަމެއް ނާންނާނެ ކަމަށެވެ.

"މިއީ އެ މަސައްކަތަށް ވެސް ލިބުނު ބޮޑު ކުރިއެރުމެއް. ކުރިން އަޅުގަނޑުމެންނަށް ނުހުޅުވި ހުރި ގިނަ ދޮރުތަކެއް މިހާރު ހުޅުވިގެންދާނެ. ކުރިން އަޅުގަނޑާ ނުގުޅޭ ގިނަ ވެރިންނާ މިހާރު އަޅުގަނޑަށް ގުޅޭނެ،" ޝާހިދު އެ ރޭ ވިދާޅުވި އެވެ.

ހަރަދުކުރަންޖެހެނީ ދިވެހި ސަރުކާރުން؟

އދ. ގެ އާއްމު މަޖިލީހުގެ ރައީސް ކަމުގެ މަސައްކަތްތަކުގައި އެހީތެރިވުމަށް ޝާހިދު މިހާރު ގެންދަވަނީ ޓީމު އެކުލަވާލައްވަމުންނެވެ.

އެގޮތުން، އާއްމު މަޖިލީހުގެ ރައީސްގެ ހާއްސަ މަންދޫބަކަށް ރާއްޖެއިން އދ. އަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ތިލްމީޒާ ހުސެއިން ޝާހިދު ވަނީ ހަމަޖައްސަވައިފަ އެވެ.

އިތުރުން ޝާހިދުގެ ޓީމުގައި އިސްކޮށް ހުންނަވާނެ ޗެފް ޑި ކެބިނެޓްގެ މަގާމަށް އިންޑިއާގެ ނަގަރާޖް ނައިޑޫ ކުމާރްވެސް ވަނީ ހަމަޖައްސަވައިފަ އެވެ.

ނަގަރާޖް އަކީ މިވަގުތު އިންޑިއާއިން އދ. އަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބުގެ ނައިބެވެ.

އާއްމު މަޖިލީހުގެ ރައީސްގެ އޮފީހާއި މުވައްޒަފުންގެ އިތުރުން ޝާހިދު ކުރައްވަން ޖެހިވަޑައިގަންނަވާނެ ދަތުރުތަކުގެ ހަރަދު ދިވެހި ސަރުކާރުން ހަމަޖައްސަންޖެހޭނެތޯ އެއީ ވެސް އުފެދިފައިވާ ސުވާލެކެވެ.

އޭގެ ޖަވާބުގައި ފޮރިން މިނިސްޓްރީން ބުނަނީ ޝާހިދުގެ އޮފީހުގެ ހަރަދުތަކަށް އދ. އިން ކަނޑައަޅާފައިވާ ބަޖެޓުގެ އިތުރުން ޓްރަސްޓް ފަންޑެއް ވެސް އޮންނަ ކަމަށެވެ.

މީގެ އިތުރުން ރައީސް ކުރަންޖެހޭ ދަތުރުތައް ބައެއް ގައުމުތަކުން ސްޕޮންސާ ކުރާއިރު، އޮފީހުގެ މުވައްޒަފުންގެ ހަރަދުތަކުގައި ވެސް ބައެއް ގައުމުތަކުން ހިފާކަމަށް މިނިސްޓްރީން ބުންޏެވެ.

މި އަހަރުގެ ބަޖެޓުގައި ޝާހިދުގެ ކެމްޕޭނަށް 4.3 މިލިއަން ރުފިޔާ ހިމެނި އެވެ. އަދި އަންނަ އަހަރަށް ވެސް އިތުރު 6.5 މިލިއަން ރުފިޔާ ހޭދަވާނެ ކަމަށް އަންދާޒާކޮށްފައިވެ އެވެ.

އެހެންކަމުން، އދ. އާއްމު މަޖިލީހުގެ ރައީސްކަމުގެ ދައުރުގައި ދިވެހި ދައުލަތުން ވެސް ހަރަދުތަކެއް ކުރަންޖެހޭނެ ކަމަށް ލަފާކުރެވެ އެވެ.

ރާއްޖެއަށް ކުރާނީ ކޮން ފައިދާއެއް؟

މި ކާމިޔާބީއަކީ ރާއްޖޭގެ އިތުރުން ހުރިހާ ދިވެހިންގެ ކާމިޔާބީއެއް ކަމަށް ޝާހިދު ވަނީ ތަކުރާރުކޮށް ވިދާޅުވެފަ އެވެ. އެގޮތުން ރާއްޖެއަށް އިތުރު ދޮރުތަކެއް ހުޅުވި، ސްޓްރެޓީޖިކް ފައިދާތަކެއް ހޯދިދާނެ ކަމަށް ވިދާޅުވެފައިވެ އެވެ.

ހާއްސަކޮށް އެ މަގާމުގައި ފޮރިން މިނިސްޓަރު ހުންނެވުމުން، ދުނިޔޭގެ ހުރިހާ ގައުމުތަކެއްގެ ފޮރިން މިނިސްޓަރުންނާ މަޝްވަރާކުރެވުމަށް ފުރުސަތު ލިބި، އެ ގުޅުންތައް ބަދަހިވާނެ އެވެ.

ޝާހިދު "އަދަދު" އަށް ކުރިން ވިދާޅުވެފައިވަނީ، އެ މަގާމުގައި ދިވެއްސެއް ހުރުމުން، ސޮފްޓް މާކެޓިން އަށް ފުރުސަތު ލިބިގެންދާނެ ކަމަށެވެ. އެގޮތުން، ރާއްޖެއާ ބެހޭ މައުލޫމާތު ހިއްސާ ކުރުމާއި، ރާއްޖޭގެ ވާހަކަތައް ދެއްކުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.

"އދ. ގެ 193 ގައުމު ރިޔާސަތަށް ބަލާލައި ކޮންމެ ފަހަރަކު ފެންނާނީ ދިވެހިރާއްޖޭގެ ނަން. އިވޭނީ ދިވެއްސެއްގެ އަޑު. މުޅި ދުނިޔޭގައި ދިވެހިރާއްޖޭގެ ނަން ވިދަމުން ދާނީ،" ޝާހިދު އެ ދުވަހު ވިދާޅުވި އެވެ.

ދުނިޔޭގެ ރިޔާސަތުގައި ދިވެއްސަކު ހުންނެވުމަކީ ރާއްޖެއަށް ލިބޭނެ ވަރަށް ބޮޑު ފަހުރެކެވެ. އެކަމަކު ވަޒީރަކު އަހަރަކަށް ވުރެ ގިނަ ދުވަހު، އެ މަސައްކަތުގައި ފުރިހަމައަށް ބައިވެރިނުވެވި، ރާއްޖޭން ބޭރުގައި ހުންނެވުމުމަކީ ގިނަ ބަޔެއްގެ ކަންބޮޑުވުމަކަށް ވާނެ އެވެ. ދެ މަގާމް އަދާކުރެއްވޭނެ ކަމުގެ ޔަގީންކަން ޝާހިދު ދެއްވި ނަމަވެސް، ދުނިޔޭގެ އެންމެ ބޮޑު ޖަމިއްޔާގެ ޒިންމާގެ އިތުރުން ފޮރިން މިނިސްޓަރުގެ ޒިންމާ އެންމެ ފުރިހަމަ އަދާކުރެއްވޭނެތޯ އެއީ އުފައްދާ ސުވާލެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox