ޕޯޗުގަލް އަކީ މި ފަހަރުގެ މުބާރާތަށް ނުކުންނައިރު، އެންމެ ފަހުގެ ޗެމްޕިއަނުންނެވެ. އެ ޓީމުން 2016 ވަަނަ އަހަރު ޔޫރޯ ކާމިޔާބުކުރީ އެ މުބާރާތް ހޯސްޓްކުރި ފްރާންސް ފައިނަލުގައި ބަލިކުރުމަށް ފަހު އެވެ. މި ފަހަރުގެ ޔޫރޯގައި ޕޯޗުގަލް އިން ވާދަކުރަން ޖެހޭ ގްރޫޕްގައި ވެސް ފްރާންސް ހިމެނެ އެވެ. މިއީ ޕޯޗުގަލް އިން ޔޫރޯގައި ވާދަކުރާ އަށް ވަަނަ ފަހަރެވެ. އަމިއްލަ ގައުމުގައި 2004 ވަނަ އަހަރު ކުޅުނު ޔޫރޯގެ ފައިނަލުން ބަލިވި ޕޯޗުގަލް އިން ވަނީ އެންމެ ފަހުން ކުޅުނު ހަތް ޔޫރޯގައި ވެސް ޕޯޗުގަލް ވަނީ ކުޅެފަ އެވެ.
މި ފަަހަރުގެ ޔޫރޯ އަށް ޕޯޗުގަލް ކޮލިފައިވީ ކޮލިފައިން ގްރޫޕްގެ ދެ ވަނަ ޓީމުގެ ގޮތުގަ އެވެ.އެއީ ކޮލިފައިން ގްރޫޕްގައި ޔޫކްރޭންގެ ފަހަތުންނެވެ. ކޮލިފައިންގައި ޕޯޗުގަލް އިން ކުޅުނު އަށް މެޗުގެ ތެރެއިން ވަނީ ފަސް މެޗުން މޮޅުވެފަ އެވެ. ދެ މެޗުން އެއްވަރުވިއިރު، ބަލިވީ ޔޫކްރޭން އަތުންނެވެ. ޔުއެފާ އިން އަލަށް ފެށި ނޭޝަންސް ލީގުގެ ޗެމްޕިއަންކަން 2019 ވަނަ އަހަރު ހޯދި ޕޯޗުގަލް އަށް މި ފަހަރު ޔޫރޯގައި އޮތީ އުނދަގޫ ޗެލެންޖެކެވެ. އެ ޓީމުން އޮތީ ފްރާންސާއި ޖަރުމަނު އަދި ހަންގޭރީއާ އެއް ގްރޫޕެއްގަ އެވެ.
ޕޯޗުގަލްގެ ތަރި އަކީ ކޮލިފައިންގައި އެ ޓީމަށް 11 ގޯލު ޖަހައިދިން ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. ގައުމީ ޓީމަށް 100 އަށް ވުރެ ގިނަ ގޯލު ޖަހާފައިވާ ރޮނާލްަޑޯ މި ފަހަރުގެ ޔޫރޯ އަށް ކުރިމަތިލާއިރު، އޭނާ އަކީ އިޓާލިއަން ލީގުގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ އެވެ. ރޮނާލްޑޯގެ އިތުރުން ވެސް ޕޯޗުގަލްގައި މަޝްހޫރު ގިނަ ކުޅުންތެރިން ހިމެނެ އެވެ. އޭގެ ތެރޭގައި އިނގިރޭސި ޕްރިމިއާ ލީގުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު ޑިފެންޑަރު ރުބެން ޑިއާސް އާއި މެންޗެސްޓާ ޔުނައިޓެޑްގައި ތަފާތު ދައްކަމުން އަންނަ ބްރޫނޯ ފެނާންޑޭސް އަދި ލިވަޕޫލަށް ބަދަލުވުމަށް ފަހު ލަނޑު ޖެހުމުގެ ރަނގަޅު ރެކޯޑެއް ދަމަަަހައްޓަމުން އަންނަ ޑިއޯގޯ ޖޮޓާ ހިމެނެ އެވެ.

ޕޯޗުގަލްގެ ކޯޗު ސަންޓޯސް.
ކޯޗު: ފެނާންޑޯ ސަންޓޯސް
ޕޯޗުގަލްގެ މަޝްހޫރު ކްލަބްތަކަށް ކޯޗުކޮށްދިން ފެނާންޑޯ ސަންޓޯސް ވަނީ ގްރީސް އަށް ވެސް ކޯޗުކޮށްދީފަ އެވެ. އޭނާ ޕޯޗުގަލްއާ ހަވާލުވީ 2014 ވަނަ އަހަރު އެވެ. ސަންޓޯސްގެ ކޯޗުަކަމުގައި ޕޯޗުގަލް އިން ބޮޑު ކުރިއެރުންތަކެއް ހޯދި އެވެ. އެ ޓީމުން 2016 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތް ކާމިޔާުބުކުރިއިރު، ޓީމު ރޭވުމުގައި ސަންޓޯސް ވަނީ ތަޖުރިބާގެ ބޭނުން ރަނގަޅަށް ކޮށްފަ އެވެ. އަދި 2019 ވަަނަ އަހަރު ޔުއެފާ ނޭޝަންސް ލީގުގެ ޗެމްޕިއަންކަން ޕޯޗުގަލް އިން ހޯދިިއިރު، ސަންޓޯސް ވަނީ ރަނގަޅު ނިންމުންތަކެއް ނިންމައިފަ އެވެ.

ސްކޮޑު
ކީޕަރުން: އެންތޮނީ ލޮޕޭޒް (ލިޔޯން)، ރުއީ ޕެޓްރީޝިއޯ (ވުލްވްސް)، ރުއީ ސިލްވާ (ގްރަނާޑާ)
ޑިފެންޑަރުން: ޔާއޯ ކަންސެލޯ (މެންޗެސްޓާ ސިޓީ)، ނެލްސަން ސެމޭޑޯ (ވުލްވްސް)، ހޯސޭ ފޮންޓް (ލިލް)، ޕެޕޭ (ޕޯޓޯ)، ރުބެން ޑިއާޒް (މެންޗެސްޓާ ސިޓީ)، ނޫނޯ މެންޑޭސް (ސްޕޯޓިން)، ރަފައެލް ގަރޭރޯ (ބޮރޫޝިއާ ޑޯޓްމަންޑް)
މިޑްފީލްޑަރުން: ޑަނީލޯ ޕެރޭރާ (ޕީއެސްޖީ)، ޔޮއާއޯ ފަލީނިއާ ( ސްޕޯޓިން)، ރުބެން ނެވޭސް (ވުލްވްސް)، ބްރޫނޯ ފެނާންޑޭސް (މެންޗެސްޓާ ޔުނައިޓެޑް)، ޔާއޯ މުޓީނިއޯ (ވުލްވްސް)، ރެނާޓޯ ސަންޗޭޒް (ލިލް)، ސާޖިއޯ އޮލިވޭރާ (ޕޯޓޯ)، ވިލިއަމް ކަވާލިއޯ (ބެޓިސް)
ފޯވާޑުން: ޕެޑްރޯ ގޮންކާލްވެސް (ސްޕޯޓިން)، އަންޑްރޭ ސިލްވާ (ފްރޭންކްފާޓް)، ބެނާޑޯ ސިލްވާ (މެންޗެސްޓާ ސިޓީ)، ކްރިސްޓިއާނޯ ރޮނާލްޑޯ (ޔުވެންޓަސް)، ޑިއޯގޯ ޖޮޓާ (ލިވަޕޫލް)، ގޮންކާލްވޯ ގުއޭޑޭޝް (ވެެލެންސިއާ)، ޔާއޯ ފެލިކްސް (އެތުލެޓިކޯ މެޑްރިޑް)، ރަފަ ސިލްވާ (ބެންފީކާ)











