އދ. ގެ އާއްމު މަޖިލީހުގެ ރައީސްގެ ގޮނޑި ކާމިޔާބުވުމަކީ ވަކި ފަރުދަކަށް ލިބުނު ފަހުރެއް ނޫން ކަމަށާއި، އެއީ ދިވެހި ހުރިހާ ރައްޔިތުންނަށް ލިބުނު ކާމީޔާބީއެއް ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިރޭ ވިދާޅުވެއްޖެ އެވެ.
އަފްގާނިސްތާނުގެ ކުރީގެ ފޮރިން މިނިސްޓަރު ޑރ. ޒަލްމާއި ރަސޫލްއާ ވާއްދަ ކުރައްވައި، ޝާހިދު ވަނީ މިރޭ އެމެރިކާގެ ނިއު ޔޯކް ގައި ހުންނަ އދ.ގެ މައި މަރުކަޒުގައި ބޭއްވި އިންތިހާބު ކާމިޔާބު ކުރައްވައިފަ އެވެ.
އދ. ގެ 193 މެމްބަރު ގައުމުތަކުގެ މެދުގައި މިރޭ ނެގުނު ސިއްރު ވޯޓުގައި، އދ. ގެ 76 ވަނަ އާއްމު މަޖިލީހުގެ ރައީސްކަމަށް ޝާހިދު އިންތިހާބުކޮށްފައިވަނީ 143 ގައުމުގެ ތާއީދާ އެކު އެވެ.
ރަސޫލްއަށް ލިބިވަޑައިގެންނެވީ 48 ވޯޓެވެ.
ނިއު ޔޯކްގައި ހުންނަވައިގެން "އަދަދު"އަށް ދެއްވި ހާއްސަ އިންޓަވިއު އެއްގައި ވިދާޅުވީ މި އިންތިހާބު ކާމިޔާބު ވުމަކީ ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖެއަށް ލިބުނު ވަރަށް ބޮޑު ކުރިއެެރުމެއް ކަމަށެވެ.

އެގޮތުން، ދުނިޔޭގެ 143 ގައުމަކުން އެ ގައުމުތަކުގެ ރިޔާސަތު ރާއްޖެއާ އެއްވެސް ޖެހިލުމެއްނެތި ހަވާލުކުރުމަކީ، ބައިނަލްއަގުވާމީ މުޖުތަމައު އިން ރާއްޖެ ބަލައިގެންފައިވާ މިންވަރު ދަލީލުކޮށްދޭ ކަމެއްގެ ގޮތުގައި ޝާހިދު ފާހަގަކުރެއްވި އެވެ.
އަދި މިކަމުގެ ސަބަބުން ޓޫރިޒަމާއި އިގުތިސޯދުގެ އިތުރުން ދުނިޔޭގެ ސިޔާސީ މަސްރަހުގައި ރާއްޖެއަށް ގިނަ ދޮރުތަކެއް ހުޅުވިގެންދާނެކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"އދ. ގެ 193 ގައުމު ރިޔާސަތަށް ބަލާލައި ކޮންމެ ފަހަރަކު ފެންނާނީ ދިވެހިރާއްޖޭގެ ނަން. އިވޭނީ ދިވެއްސެއްގެ އަޑު. މުޅި ދުނިޔޭގައި ދިވެހިރާއްޖޭގެ ނަން ވިދަމުން ދާނީ،" ޝާހިދު ވިދާޅުވި އެވެ.
ކުދި ގައުމުތަކާއި ތިމާވެށި އިސްކުރައްވާނެ
ބައިނަލްއަގުވާމީ މައިދާނުގައި ކުދި ގައުމުތަކުގެ މަސްލަހަތު ހިމާޔަތްކުރަން އެންމެ ހަރުއަޑުން ވަކާލާތު ކުރާ ގައުމަކީ ރާއްޖެ އެވެ.
ޝާހިދު ވިދާޅުވި ގޮތުގައި މިއަދު ރާއްޖެއަށް ވޯޓުން ދިން ގައުމުތަކުގެ ތެރޭގައި ކުރި އަރަމުން އަންނަ 37 ކުދި ޖަޒީރާ ގައުމުތައް ހިމެނިގެން ދިޔުމަކީ އެ ގައުމުތަކުގެ މަސްލަހަތު ބައިނަލްއަގުވާމީ މައިދާނުގައި ހިމާޔަތްކުރާނެ ކަމުގެ އިތުބާރު ރާއްޖެއަށް އޮތް ކަމުގެ ސާފު ހެއްކެއް ކަމަށެވެ.
އެ ގައުމުތަކުގެ އަޑު ދުނިޔެއަށް އިއްވުމުގައި ރާއްޖެ ދެމި އޮންނާނެ ކަމުގެ އިތުބާރާއެކު ރިޔާސަތު ހަވާލުކުރީ އެ ސަބަބާ ހެދި ކަމަށް ޝާހިދު ފާހަގަކުރައްވަ އެވެ.
"އދ. ގެ 75 އަހަރުގެ ތާރީހުގައި އާއްމު މަޖިލީހުގެ ރިޔާސަތާ ހަވާލުވި ކުދި ގައުމުތަކުގެ ތެރެއިން ރާއްޖެއަކީ ހަ ވަނަ ގައުމު. ޖަޒީރާ ގައުމުތަކުގެ މެދުގައި އޮތް އަސާސީ މައްސަލަތައް ތަމްސީލުވާ ގޮތަށް އދ. ގެ މަސައްކަތްތައް ކުރިއަށް ގެންދަން މިއީ ލިބޭ ރަނުގެ ފުރުސަތެއް،" އޭނާ ވިދާޅުވި އެވެ.
މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ނުރައްކާ އެންމެ ބޮޑު ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭއިރު، އެކަމުގެ ހަގީގަތް އެނގޭ ފަރާތެއް ރިޔާސަތުގައި އިނުމަކީ، އެ މައްސަލައަށް ދުނިޔޭގެ ސަމާލުކަން އިތުރަށް ހޯދަން ލިބޭ ކުރިއެރުމެއްގެ ގޮތުގައި ޝާހިދު ސިފަކުރެއްވި އެވެ.
އަދި އެއީ ތިމާވެށީގެ މައްސަލަތައް ހައްލުކުރަން އަތުކުރި އޮޅާލައިގެން ތިބި ގައުމުތަކުން، އެ މައްސަލަ އދ. ގެ އެޖެންޑާގައި އިސްކުރަން ރާއްޖެއަށް ދިން ފުރުސަތެއް ކަމަށް ވެސް ވިދާޅުވި އެވެ.
ވަޒީރުގެ މަސްއޫލިއްޔަތަށް ހީނަރުކަމެއް ނާންނާނެ
އދ. ގެ 76 ވަނަ ދައުރު އަންނަ ސެޕްޓެމްބަރު މަހު ފެށޭއިރު، ޝާހިދު ރިޔާސަތާ ހަވާލުވެވަޑައިގަންނަވަނީ ވަރަށް ދަތި އުނދަގޫ ދުވަސްވަރެއް މުޅި ދުނިޔެ ތަހައްމަލު ކުރަމުންދާ ދަނޑިވަޅެއްގަ އެވެ.
އެއީ ރައީސްކަމުގެ އިންތިހާބީ ތަސައްވުރުގެ ތެރޭގައި ވެސް ޝާހިދު ފާހަގަކުރެއްވި އެންމެ މުހިއްމު އެއް ކަމެވެ.
އެގޮތުން، ކޮވިޑް-19ގެ ބަލިމަޑުކަމުން އަރައިގަތުމުގެ މަސައްކަތްތައް ހަރުދަނާކޮށް ގުޅިގެން ކުރިއަށް ގެންދިއުމާއި، އެ ބަލީގެ ވެކްސިން ހަމަހަމަ ކަމާއެކު ހުރިހާ ގައުމުތައް ލިބޭނެކަން ކަށަވަރު ކުރުމަކީ އދ. ގެ ރައީސްގެ ހައިސިއްޔަތުން ޝާހިދުގެ އެއް އަމާޒެވެ.
ނަމަވެސް، މި އިންތިހާބުގެ ކެމްޕޭނުގައި މިހާރު ވެސް މަހަކަށް ވުރެ ގިނަ ދުވަހު އެމެރިކާގައި ހުންނަވަން ޖެހިވަޑައިގަތުމުން، ގިނަ ބަޔެއްގެ ފާޑުކިޔުން ވަނީ ޝާހިދަށް އަމާޒުވެފަ އެވެ.
ރާއްޖެއަށް ބޭރުގެ އެހީތެރިކަން އެންމެ ބޭނުންވެފައިވާ ދަނޑިވަޅެއްގައި ޝާހިދު އިސްކުރައްވަނީ އޭނާގެ އަމިއްލަ މަސްލަހަތުކަމުގެ ތުހުމަތުތައް ވެސް ވަނީ އިތުރުވެފަ އެވެ.
އަދި މިރޭ އިންތިހާބު ކާމިޔާބުވުމުން، ފޮރިން މިނިސްޓަރުގެ ޒިންމާ އަދާކުރެއްވޭނެތޯ ވެސް ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.
އެ ސުވާލުތަކަށް ޝާހިދު މިރޭ ދެއްވީ ވަރަށް ސާފު ޖަވާބެކެވެ.
އޭނާ ވިދާޅުވި ގޮތުގައި، ކޮނޑުގައި މިރޭ އެޅިގެންދިޔަ ބޮޑު ޒިންމާގެ ސަބަބުން ރާއްޖޭގެ ހާރިޖީ ވަޒީރުގެ މަސްއޫލިއްޔަތު އަދާކުރުމަށް އެއްވެސް ހީނަރުކަމެއް ނާންނާނެ ކަމަށެވެ.
"މިއީ އެ މަސައްކަތަށް ވެސް ލިބުނު ބޮޑު ކުރިއެރުމެއް. ކުރިން އަޅުގަނޑުމެންނަށް ނުހުޅުވި ހުރި ގިނަ ދޮރުތަކެއް މިހާރު ހުޅުވިގެންދާނެ. ކުރިން އަޅުގަނޑާ ނުގުޅޭ ގިނަ ވެރިންނާ މިހާރު އަޅުގަނޑަށް ގުޅޭނެ،" ޝާހިދު ވިދާޅުވި އެވެ.
އެއީ ޝާހިދު ތަކުރާރުކޮށް މިރޭ ވިދާޅުވި ވާހަކަ އެވެ. އދ. ގެ އާއްމު މަޖިލީހުގެ ރިޔާސަތުގައި އިންނަވާނީ އޭނާ އެވެ. އެކަމަކު ތަމްސީލު ކުރައްވާނީ ރާއްޖެ އެވެ. އިސްކުރައްވާނީ ރާއްޖޭގެ މަސްލަހަތެވެ. އިއްވަވާނީ ދިވެހިންގެ އަޑެވެ.
މި ކާމިޔާބީއަކީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ލިބުނު ކާމިޔާބީއެއްގެ ގޮތުގައި ތަކުރާރުކޮށް ޝާހިދު ސިފަކުރައްވަނީ އެ ސަބަބާ ހެދި އެވެ.












