މިދިޔަ މޭ 6 ވަނަ ދުވަހުގެރޭ ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަ ކޮށްލުމަށް ދިން ޓެރަރިސްޓް ހަމަލާގެ ތަހުގީގަށް 678 ކެމެރާ ފުޓޭޖް ބަލާފައިވާނެ ކަމަށް ފުލުހުން ބުނެފި އެވެ.
ހަރުކަށި ފިކުރުގެ ޓެރަރިސްޓުން 2019 ވަނަ އަހަރުން ފެށިގެން ނަޝީދު އަވަހާރަ ކޮށްލުމަށް ތިން ފަހަރެއްގެ މަތިން ރޭވި އެވެ. ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ވަނީ އެންމެ ފަހުގެ ހަމަލާ ރާވަން އުޅުނު މީހުންގެ ހަރަކާތްތައް، ބޮން ގޮއްވި ރެޔާއި އެ ދުވަހާއި އޭގެ ކުރީ ދުވަހު ހުރި ގޮތް ތަފްސީލީ ގޮތެއްގައި ދައްކާލައިފަ އެވެ.
އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒް ވިދާޅުވީ އަމިއްލަ މީސްމީހުންގެ 109 ތަނަކުން ސީސީޓީވީ ފުޓޭޖް ނަގާފައިވާ ކަމަށެވެ. އެއީ ޖުމްލަ 5716 ގަޑިއިރުގެ ފުޓޭޖެވެ. އަދި މާލެ އަދި ހުޅުމާލޭގެ 190 ތަނެއްގައި ހުރި ފުލުނުންގެ 372 ސީސީޓީވީ ކެމެރާ އިން ފުޓޭޖް ނަގާފައިވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ. އެއީ 60،072 ގަޑިއިރުގެ ފުޓޭޖެވެ.
ތަހުގީގުގެ މަރުހަލާގައި ފުލުހުން ބެލި ސީސީޓީވީ ފުޓޭޖްގެ ތެރެއިން 206 ކެމެރާއަކުން، ތުހުމަތު ކުރެވޭ ފަރާތްތަކުގެ ހަރަކާތްތައް ދައްކުވައިދޭ 18،29 ކްލިޕް ހޯދިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން ބަލާ ފާސްކުރުމުގެ ހަރަކާތްތަކުގެ ތެރޭގައި ޖުމްލަ 103 ބަލާފާސްކުރުމެއް ކުރިއަށް ގެންދިޔަ ކަމަށް ފުލުހުން ބުނެ އެވެ. އެއީ އުޅަނދުފަހަރާއި މީހުން އަދި ތަންތަނެވެ.

އަދި 640 އަށް ވުރެ ގިނަ މީހުންނާ ބައްދަލުކޮށް ސުވާލުކޮށް ބަޔާން ނަގާފައިވާއިރު އޭގެ ތެރޭގައި ފުލުހުން ގޭގެއަށް ގޮސް ހޯދާފައިވާ މައުލޫމާތު ވެސް ހިމެނެ އެވެ. މީގެ އިތުރުން 228 މީހުންނާ އިންޓަވިއުކޮށް އެ ފަރާތްތަކުގެ ބަޔާން ނަގާފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
"އެ ތަހުގީގުގައި ހިމެނޭ ފޮރިންސިކްގެ މަސައްކަތައް ބަލާއިރު ހާދިސާ ހިނގިތަން ޕްރޮސެސް ކުރުމަށް 9 ގަޑިއިރު ހަރަކާތްތެރިވެ، 830 އަށްވުރެ ގިން ފިޒިކަލް އެވިޑެންސް ނުވަތަ މާއްދީ ހެކި ހޯދިފައިވޭ،" ރިޔާޒް ވިދާޅުވި އެވެ.
ތަހުގީގު ޓީމުން 220 ގަޑިއިރަށް ވުރެ ގިނަ އިރު ސްކްރީންގެ މަސައްކަތް ކޮށްފައިވާ ކަމަށާއި 20 ފޮރިންސިކް އެނަލިސްޓުން ވެގެން ޖުމްލަ 3125 ގަޑިއިރު ލެބޯޓްރީ އެނަލިސިސްގެ މަސައްކަތުގައި ހަރަކާތްތެރިވި ކަމަށް ރިޔާޒް ވިދާޅުވި އެވެ.
މި ހަމަލާއާ ގުޅިގެން ޖުމްލަ 10 މީހަކު ފުލުހުންގެ ބެލުމުގެ ދަށުގައި ތިބިއިރު އޭގެ ތެރެއިން ހަތަރު މީހެއްގެ މައްޗަށް ދައުވާކުރުމަށް މިހާރު ވަނީ ފޮނުވައިފަ އެވެ. އެއީ، ހަމަލާއާ ގުޅިގެން އެންމެ ފުރަތަމަ ހައްޔަރުކުރި އަހުމަދު އަދުހަމް އާއި މުޖާޒް އަހްމަދުގެ އިތުރުން ތަހުމީން އަހްމަދު އާއި އަހުމަދު ފާތިހު އެވެ. މީގެ ތެރެއިން މުޖާޒާއި ތަހުމީނު އަދި އަދުހަމް ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.












