ރަޝިއާ އިން އުފައްދާފައިވާ "ސްޕަޓްނިކް ވީ" ވެކްސިންގެ 500،000 ޑޯޒް ހިލޭ ހަދިޔާ ކުރަން ކަމަށް ބުނެ ދިވެހި ކުންފުންޏަކުން ހުށަހެޅީ ފޭކް ޑޮކިއުމެންޓްތަކެއް ކަމަށް ހެލްތް މިނިސްޓަރު އަހުމަދު ނަސީމް މިރޭ ވިދާޅުވެއްޖެ އެވެ.
ރަޝިއާ ވެކްސިންގެ 200،000 ޑޯޒް ގަތުމަށް ދިވެހި ސަރުކާރުން ސޮއިކުރީ އެ ވެކްސިންގެ 500،000 ޑޯޒް ހަދިޔާ ކުރުމަށް ރާއްޖޭގެ އަމިއްލަ ކުންފުންޏަކުން ސަރުކާރަށް ހުށަހަޅާފައި ވަނިކޮށް ކަމަށް ބައެއް ނޫސްތަކުން މިއަދު ރިޕޯޓްކުރި އެވެ.
އެޗްއީއޯސީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމާ ގުޅޭގޮތުން ސުވާލު ކުރުމުން މިނިސްޓަރު ނަސީމް ވިދާޅުވީ ދިވެހި އަމިއްލަ ކުންފުންޏެއް ކަމަށްވާ ޑެލްޓާ ކުންފުނިން އެކަމުގެ ލިޔުން ފޮނުވުމުން އެކަމުގައި ޝައްކުތަކެއް އުފެދުނު ކަމަށެވެ. ސަބަބަކީ ވެކްސިން ވިއްކަނީ އެ އުފައްދާ ކުންފުނި ކަމަށް ވެފައި މެދުވެރިއެއް ބައިވެރި ނުކުރާތީ ކަމަށް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ފަސް ލައްކަ ޑޯޒް ލިބޭނެކަން އެންގުމުން އެ ޑޮކިއުމެންޓްތައް ފޮރިން މިނިސްޓްރީއަށް ފޮނުވައިގެން ބެލި އެވެ. އެއީ ފޭކް ޑޮކިއުމެންޓްތަކެއްކަން ފޮރިން މިނިސްޓްރީއާ ހަވާލާދީ މިނިސްޓަރު ވިދާޅުވި އެވެ.
"ރަޝިއާގެ ކަމާބެހޭ ފަރާތުން ވިދާޅުވަނީ އެއީ ފޭކް ޑޮކިއުމެންޓްތަކެކޭ. އެހެންވީމަ އެއްވެސް ސައްހަ ވާހަކަތަކެއް ހުރި އެއްޗެއް ނޫނޭ،" މިނިސްޓަރު ވިދާޅުވި އެވެ.

ބައެއް ފަރާތްތަކުން އެފަދަ ހުށަހެޅުންތައް ހުށަހަޅާ ކަމަށާއި އެ ކަންކަމާ ކުރިމަތިލަނީ އެކަމުގެ ސައްހަކަން ބެލުމަށް ފަހުގައި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި އެފަދަ ސައްހަ ނޫން ކަންކަން ނުކުރުމަށް މިނިސްޓަރު އިލްތިމާސް ކުރެއްވި އެވެ.
ވެކްސިން ގަތް އަގު ހާމަ ނުކުރަނީ އެއީ މަނާ ކަމަކަށް ވާތީ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަގު ހާމަ ކުރެވެން ނެތް ނަމަވެސް ވެކްސިން ގަންނަނީ ހެޔޮ އަގެއްގައި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ކުރިން ވިދާޅުވީ ސްޕަޓްނިކްގެ 200،000 ޑޯޒަށް ރަޝިއާއާ އެކު ސޮއިކޮށްފައިވާ ކަމަށާއި އުއްމީދަކީ އޮގަސްޓުގެ ނިޔަލަށް ރާއްޖޭގެ އާބާދީގެ ބޮޑު ބަޔަކަށް ދެ ޑޯޒު ވެކްސިން ފުރިހަމަކުރުން ކަމަށެވެ.
ކޮވިޑް ވެކްސިން ރާއްޖޭގައި ފެށީ މިދިޔަ ފެބުރުއަރީ މަހުގެ ތެރޭގައި އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރި 200،000 ޑޯޒުންނެވެ. ޗައިނާ އިން ވެސް 200،000 ޑޯޒާއި ހެޔޮއެދޭ އެހެން ފަރާތްތަކުން ވެސް ވެކްސިން ލިބުނެވެ. އޭގެ އިތުރަށް ރާއްޖެ އިން ވަނީ ޖުމްލަ 1،000،000 ޑޯޒަށް ފައިސާ ދައްކައިފަ އެވެ. އެއީ ސިންގަޕޫރުގެ އެސްޓްރާ ޒެނިކާ އަށް 700،000 ޑޯޒާއި އިންޑިއާގެ ސިރަމް އިންސްޓިޓިއުޓަށް 300،000 ޑޯޒަށެވެ.
ރަޝިއާގެ ސްޕަޓްނިކް 200،000 ޑޯޒު ގަތުމަށް ނިންމީ ސިންގަޕޫރު ކުންފުނިން ގަތް ވެކްސިން ލިބުން ލަސްވެގެންނެވެ.













