ލަންޑަން (ޖޫން 2) - ބްރައިޓަންގެ ފްރާންސް ފޯވާޑް ނީލް މޯޕޭ އާއި އޭނާގެ އާއިލާ އަށް އިންސްޓަގްރާމް މެދުވެރިކޮށް މަރުގެ އިންޒާރު ދިން ސިންގަޕޫރުގެ މީހެއްގެ މައްޗަށް ކުށް ސާބިތުވެއްޖެ އެވެ.
ސިންގަޕޫރަށް އުފަން އުމުރުން 19 އަހަރުގެ ޑެރެކް އެން ޖީ ވަނީ މިދިޔަ އަހަރު އާސެނަލާއި ބްރައިޓަން ކުޅުނު މެޗަށް ފަހު އިންސްޓަގްރާމް މެދުވެރިކޮށް މޯޕޭ އަށް މަރުގެ އިންޒާރުދީ މެސެޖުތަކެއް ފޮނުވައިފަ އެވެ. އަދި އޭގެ އިތުރުން މޯޕޭ އާއިލާ މެމްބަރުންނަށް ޓާގެޓްކޮށް ވެސް މޯޕޭ އަށް އިންޒާރުގެ މެސެޖްތައް ފޮނުވާފައިވެ އެވެ. އެން ޖީ އެ މެސެޖް ފޮނުވީ ފޭކް އައިޑީއަކުންނެވެ.
ބްރައިޓަން އާއި ޕްރިމިއާ ލީގު އަދި ސިންގަޕޫރު ޕޮލިހުން ގުޅިގެން ހިންގި ތަހުގީގަށް ފަހު އާސެނަލަށް ސަޕޯޓްކުރާ އެން ޖީ ހޯދައި ވަނީ ހައްޔަރުކޮށްފަ އެވެ. އެ މައްސަލައިގައި އެން ޖީ ކޯޓަށް ގެންދިއުމާ އެކު އޭނާ ވަނީ މޯޕޭ އަށް އިންޒާރުގެ މެސެޖް ފޮނުވި ކަމަށް އެއްބަސްވެފަ އެވެ. މި މައްސަލައިގައި އަންނަ މަހުގެ ހަތް ވަނަ ދުވަހު އެން ޖީ އަށް ހުކުމްކުރާނެ އެވެ.
ރިޕޯޓްތައް ބުނާގޮތުން އެން ޖީ އަށް އަންނާނެ ކަމަށް ބެލެވެނީ 10،000 ޕައުންޑްގެ ޖޫރިމަނާއެއް ނޫނީ ދެ އަހަރުގެ ޖަލު ހުކުމެކެވެ.
ޕްރިމިއާ ލީގުން އޮންލައިންކޮށް ކުޅުންތެރިންނަށް އަންނަ އިންޒާރުތަކާއި ބުލީކުރުމުގެ މައްސަލަތައް ރިޕޯޓްކުރުމުގެ ޕޯޓަލެއް ހަަަދައި އެކަން އިއުލާނުކުރީ މިދިޔަ އަހަރު ޖޫން މަހުގަ އެވެ. އޭގެ ފަހުން ގިނަ ކުޅުންތެރިން އަންނަނީ އެކި މައްސަލަތައް ކްލަބްތައް މެދުވެރިކޮށް ރިޕޯޓް ކުރަމުންނެވެ.
ދިރާސާތަކުން ދައްކާގޮތުގައި ޕްރިމިއާ ލީގުގެ ކުޅުންތެރިންނަށް ޓާގެޓްކޮށް އަންނަ އިންޒާރުތަކުގެ ތެރެެއިން މެޖޯރިޓީ މެސެޖްތައް އަންނަނީ އިންގްލެންޑް ނޫން އެހެން ގައުމުތަކުންނެވެ. އެން ޖީގެ މި މައްސަލަ އަކީ އެ ގޮތަށް އިންގްލެންޑުން ބޭރުން ކުޅުންތެރިއަކަށް ދިން އިންޒާރެއްގެ މައްސަލައިގައި އަދަބުދެވޭ ފުރަތަމަ ފަހަރެވެ.
ޕްރިމިއާ ލީގުގެ ޗީފް އެގްޒެކްޓިވް ރިޗާޑް މާސްޓާސް އާއި މޯޕޭ ވަނީ އޭނާ އަށް އިންޒާރު ފޮނުވި މީހާ އަށް އަދަބު ދިނުމަކީ މި ގޮތަށް ދިމާވާ ހުރިހާ ކުޅުންތެރިންނަށް ވެސް އިންސާފު ލިބޭނެ ކަމުގެ ފެށުމެއް ކަމަށެވެެ.
ނަސްލީ ތަފާތުކުރުމާ ދެކޮޅަށް ހިންގާ "ކިކްއިޓްއައުޓް" ކެމްޕެއިން އިން އެއްކުރި މައުލޫމާތުތަކަށް ބަލާއިރު، ކުޅުންތެރިންނާ ނަސްލީ ގޮތުން ދިމާކުރުމުގެ މެސެޖްތައް އެންމެ ގިނައިން އަންނަނީ ދުނިޔޭގެ އެކި ގައުމުތަކުންނެވެ. ހަތްދިހަ ޕަސެންޓް ހިއްސާކުރަނީ އިންގްލެންޑުން ބޭރުގެ ގައުމުތަކުގެ އައިޑީތަކުން އަންނަ މެސެޖްތަކެވެ.
މިދިޔަ އަހަރު ޖުލައި މަހު ކްރިސްޓަލް ޕެލަސްގެ ވިންގް ވިލްފްރެޑް ޒަހާއާ ނަސްލީ ގޮތުން ދިމާކޮށްލި 12 އަހަރުގެ ކުއްޖެއް އިންގްލެންޑުން ހައްޔަރުކުރި އެވެ. އެ ކުއްޖާ ވެސް ޒަހާ އަށް މެސެޖް ފޮނުވީ އިންސްޓަގްރާމް މެދުވެރިކޮށެވެ. އެ މައްސަލައިގައި ޒަހާ އެދުނީ ޒުވާން ކުދިންނަށް މި ކަހަލަ ކަންކަމުން ދުރުހެލިވުމަށް ދޭން ޖެހޭ ތައުލީމު ރަނގަޅަށް ފޯރުކޮށްދޭށެވެ.












