އަފްގާނިސްތާނުގެ ޔުނިވާސިޓީއެއްގެ މުވައްޒަފުން ގޮވައިގެން ދަތުރު ކުރަމުން ދިޔަ ބަހަކަށް އަމާޒުކޮށް މަގުމަތީގައި ބޮމެއް ގޮއްވާލުމުން ތިން ޓީޗަރުން މަރުވެ، 15 އަށް ވުރެ ގިނަ މީހުން ޒަހަމްވެއްޖެ އެވެ.
އަލް ބިރޫނީ ޔުނިވާސިޓީގެ ޕްރޮފެސަރުންނާއި މުވައްޒަފުން ބަހުގައި ދަތުރު ކުރަމުން ދިޔެއީ ޕަރްވާން ޕްރޮވިންސުގެ ޗަރީކާރް އަވަށުންނެވެ. އެއީ ވެރިރަށް ކާބުލްއާ 70 ކިލޯމީޓަރު އުތުރުން އޮންނަ އަވަށެކެވެ.
މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަނުގެ ތަރުޖަމާނަކު ވިދާޅުވީ ހަމަލާގައި އަނިޔާވި ޓީޗަރުންގެ ހާލު ސީރިއަސް ކަމަށެވެ. އަނިޔާވި މީހުންގެ ތެރޭގައި ޔުނިވާސިޓީގެ ޗާންސެލަރު ވެސް ހިމެނޭ ކަމަށް ރިޕޯޓުތައް ބުނެ އެވެ.
އެ ހަމަލާގެ ޒިންމާ އެއްވެސް ފަރާތަކުން މިހާތަނަށް އުފުލާފައެއް ނުވެ އެވެ.
ވިހި އަހަރުވީ ދިގު ހަނގުރާމައަށް ފަހު އެމެރިކާ އާއި ނޭޓޯގެ ސިފައިން ސެޕްޓެމްބަރު 11 ގެ ކުރިން އަފްގާނިސްތާނުން ފޭބުމަށް ތައްޔާރުވަމުންދާ މި ދަނޑިވަޅުގައި ހަމަލާ ދޭ މިންވަރު ވަނީ އިތުރުކޮށްފަ އެވެ. އެ ހަމަލާތަކާ ތާލިބާނުންނާ ގުޅުމެއް ނުވާ ކަމަށް އެ ޖަމާއަތުން ބުނެ އެވެ. ތާލިބާނުންގެ އިތުރުން އިސްލާމިކް ސްޓޭޓް (އައިއެސް) އިން ވެސް އަފްގާނިސްތާނުގައި ހަރަކާތްތެރިވެ އެވެ.
ފިތުރު އީދު ބަންދާ ދިމާކޮށް ތާލިބާނުންނާއި އަފްގާން ސިފައިންނާ ދެމެދު ހަމަލާ ބަދަލު ކުރުން ތިން ދުވަހަށް މެދުކަނޑާލާފައި ވަނިކޮށް މިސްކިތަކަށް އަމާޒުކޮށް ވެސް ބޮމުގެ ހަމަލާއެއް ދިނެވެ.
އޭގެ ކުރިން ރޯދަ މަހުގެ ތެރޭގައި އަންހެން ކުދިންނަށް ހާއްސަ ސެކަންޑަރީ ސްކޫލެއްގެ ކައިރީ ބޮންތަކެއް ގޮއްވާލުމުގެ ސަބަބުން 60 އަށް ވުރެ ގިނަ މީހުން މަރުވި އެވެ.










