ކ. ހިންމަފުށި އައްސޭރި ޖަލުން 94 ގައިދީއަކާއި މާލޭ ޖަލުން 12 ގައިދީއަކު ޕޮޒިޓިވްވުމުން ޖަލުތަކުގައި އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަ ކޮށްފައިވާ ކަމަށް، ކަރެކްޝަންސް އިން މިއަދު ބުނެފި އެވެ.
ކަރެކްޝަންސްއިން "އަދަދު' އާ ހިއްސާކުރި މައުލޫމާތުތަކަށް ބަލާއިރު އައްސޭރި ޖަލުން 122 ސާމްޕަލް ނެގިއިރު އޭގެ ތެރެއިން 94 މީހުންނަށް ވަނީ ބަލި ޖެހިފަ އެވެ. އަދި ނަތީޖާ ނުލިބޭ ބަޔަކު ވެސް އެބަތިއްބެވެ.
މާލޭ ޖަލުން 12 ގައިދީއަކު ޕޮޒިޓިވް ވެފައިވާއިރު އެ މީހުންނާ ދިމާވި 66 ގައިދީއަކު ވަނީ ކަރަންޓީންކޮށްފަ އެވެ.
ހުޅުމާލޭ ޖަލާއި މާފުށީ ޖަލުގައި މިވަގުތު ޕޮޒިޓިވް އެއްވެސް ގައިދީއަކު ނެތެވެ. ނަމަވެސް މާފުށީ ޖަލުގެ ގިނަ އޮފިސަރުންތަކެއް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ.

ކަރެކްޝަންސްގެ މީޑިއާ އޮފިޝަލް މި ނޫހަށް ވިދާޅުވީ ޕޮޒިޓިވް ވެފައިވާ ގައިދީންތަކުގެ ތެރޭގައި ހާލު ބޮޑު މީހަކު ނެތް ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި ޕޮޒިޓިވްވެފައިވާ ގައިދީންނާއި ކަރަންޓީންގައި ތިބި ގައިދީން ބައިތިއްބާފައި ވަނީ ވަކިންނެވެ. އަދި ޖަލުގެ ސާފުތާހިރުކަމާއި އެހެން ސިއްހީ ކަންކަން ވެސް އެޗްޕީއޭގެ މިންގަނޑަށް ފައްތާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ޖަލު އޮފިސަރުން ޑިއުޓީ ކުރުމުގެ ކުރިން ގަވައިދުން ހުން ބެލުމާއި އެއްވެސް އަލާމާތެއް ފެންނަ އޮފިސަރެއް ނަމަ ޑިއުޓީއަށް ނެރުން ހުއްޓާލާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޖަލުތަކުގައި ކޮވިޑު ފެތުރެން ފެށުމާ އެކު ހައި ރިސްކް ގައިދީންތަކެއް ވަނީ ގޭ ބަންދަށް ބަދަލު ކޮށްފަ އެވެ. އޭގެ ތެރޭގައި މަނީލޯންޑްރިންގެ ކުށް ސާބިތުވެ ޖަލަށް ލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެސް ހިމެނެ އެވެ.












