ލިވަޕޫލް (މެއި 28) - އާރްބީ ލައިޕްޒިގަށް ކުޅެމުން އަންނަ ފްރާންސްގެ ޑިފެންޑަރު އިބްރާހިމާ ކޮނާޓޭ އިނގިރޭސި ގަދަބާރު ލިވަޕޫލާ ގުޅެން އެއްބަސްވުމަކަށް އަތުވެއްޖެ އެވެ.
އުމުރުން 22 އަހަރުގެ ކޮނާޓޭ ލިވަޕޫލަށް ސޮއިކުރާނީ 35 މިލިއަން ޕައުންޑަށެވެ. ކޮނާޓޭ ލައިޕްޒިގާ އެކު ހަދާފައިވާ އެއްބަސްވުން ގަންނަން ޖެހޭ އަގު ދައްކަން ލިވަޕޫލުން ނިންމުމާ އެކު އޭނާ ދޫކޮށްލަން ލައިޕްޒިގުން އެއްބަސްވީ އެވެ. ކޮނާޓޭ ލިވަޕޫލާ އެކު އެއްބަސްވުން ސޮއިކުރާނީ އޭނާގެ ވޯކް ޕާމިޓްގެ ހުރިހާ ކަމެއް ހަމަޖެހުމުން ޖުލައި އެއް ވަނަ ދުވަހު އެވެ.
އަންނަ ހޯމަ ދުވަހު ފަށާ ޔޫރޯ 21 އަހަރުން ދަށުގެ މުބާރާތުގައި ވާދަކުރާ ފްރާންސް ޓީމުގައި ކޮނާޓޭ ހިމެނެ އެވެ. ކޮނާޓޭ އަކީ މި ފަހަރު ޖަރުމަނު ލީގު ދެ ވަނަ ހޯދައި ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގައި ލިވަޕޫލާ ދެކޮޅަށް ކުޅުނު މެޗުގައި ލައިޕްޒިގު ޓީމުގައި ރަނގަޅު ކުޅުމެއް ދެއްކި ކުޅުންތެރިއެކެވެ.
"މި ވަގުތު އަހަރެންގެ ފޯކަސް އަކީ ޔޫރޯ. އެ އަށް ފަހު އަހަރެން މި ގުޅެނީ މުޅި ދުނިޔޭގެ ނިސްބަތުން ބެލިޔަސް ވަރުގަދަ ޓީމަކަށް. އެހެންވެ ކުރެވެނީ ތަފާތު އިހުސާސެއް،" ކޮނާޓޭ ބުންޏެވެ.
ކޮނާޓޭ އޭނާގެ ފުޓްބޯޅަ ކެރިއަރު ފެށީ ފްރާންސްގެ ސޯޝޯ އިންނެވެ. އޭނާ ލައިޕްޒިގަށް ބަދަލުވީ 2017 ވަަނަ އަހަރު އެވެ.
ލިވަޕޫލުން މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ޑިފެންޑަރަަކަށް ބޮޑު އިންވެސްޓެއް ކުރަން ނިންމީ މި ސީޒަނުގައި އެ ޓީމުން ކުރިމަތިލާން ޖެހުނު އަނިޔާގެ މައްސަލަތަކާ ހެދި އެވެ. މިދިޔަ އޮކްޓޫބަރު މަހު ލިވަޕޫލްގެ ވާޖިލް ވެން ޑައިކް ކަކުލަށް ސީރިއަސް އަނިޔާއެއްވެ އަދިވެސް އޭނާ ހުރީ ކުޅުމާ ދުރުގަ އެވެ. އަދި ލިވަޕޫލްގެ ދެ ވަނަ ޑިފެންޑަރު ޖޯ ގޯމޭޒަށް މިދިޔަ ނޮވެމްބަރު މަހު ސީޒަން ނިމުނުއިރު، ތިން ވަނަ ޑިފެންޑަރު ޖޮއެލް މަޓިޕަށް އަނިޔާވެގެން ސީޒަނުގައި ދެން ނުކުޅެވޭގޮތްވީ ޖެނުއަރީ ފަހު ކޮޅުގަ އެވެ.
ޖެނުއަރީ މަހުގެ ޓްރާންސްފާ މާކެޓްގެ ފަހު ދުވަހު ލިވަޕޫލުން ދެ ޑިފެންޑަރުން ގެނަ އެވެ. އޭގެ ތެެރެއިން މެޗުތަކުގައި ކުޅުނީ ޝާލްކާ އިން ލޯން އެއްބަސްވުމެއްގެ ދަށުން ގެނައި ތުރުކީ ޑިފެންޑަރު އޮޒާން ކަބަކް އެވެ. ލިވަޕޫލުން ވަނީ 18 މިލިއަން ޕައުންޑް ދައްކައި ކަބަކްގެ އެއްބަސްވުން ދާއިމީ ނުކުރަން ނިންމައިފަ އެވެ. ލިވަޕޫލުން ދެން ޖެނުއަރީގައި ގެނައި ޒުވާން އިނގިރޭސި ޑިފެންޑަރު ބެން ޑޭވިސް އަދި މެޗެއް ނުކުޅެ އެވެ.
ޑިފެންޑަރުންގެ އަނިޔާގެ މައްސަލަތަކާ ހުރެ ލިވަޕޫލުން ވަނީ މި ސީޒަނުގައި އެ ޓީމުގެ މެދުތެރެއަށް ކުޅޭ ފަބީނިއޯ އާއި ޖޯޑަން ހެންޑަސަން ލައްވައި ވެސް ފަހަތަށް ކުޅުވައިފަ އެވެ. އެންމެ ފަހު މެޗުތަކުގައި ލިވަޕޫލް ފަހަތަށް ކުޅުނީ ޒުވާން ދެ ޑިފެންޑަރުން ކަމަށްވާ ރީސް ވިލިއަމްސް އާއި ނެޓް ފިލިޕްސް އެވެ. އަންނަ ސީޒަނުގައި އެ ދެ ކުޅުންތެރިން ވެސް ލޯން އެއްބަސްވުމެއްގެ ދަށުން ކުޅޭނީ އެހެން ޓީމުތަކަށް ކަަމަށް ރިޕޯޓްތައް ބުނެ އެވެ.
މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ކޮންޓްރެކްޓް ހަމަވުމުން ނެދަލެންޑްސްގެ މިޑްފީލްޑަރު ޖިއޮޖީނިއޯ ވައިނަލްޑަމް ވަނީ ލިވަޕޫލް ދޫކޮށްލައިފަ އެވެ. އެ މަގާމަށް ލިވަޕޫލުން ގެންނަން މަސައްކަތްކުރަނީ ލެސްޓާ ސިޓީގެ ޔޫރީ ޓީލަމަންސް ނޫނީ ވުލްވްސްގެ ރުބެން ނެވޭސް އެވެ. އިޓަލީގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން އޭސީ މިލާންގެ ތުރުކީ މިޑްފީލްޑަރު ހަަކަން ޗަނޮނޮގްލޫ އަށް ލިވަޕޫލުން ޝައުގުވެރިވެ އެވެ.












