ކުރިއަށް އޮތް ވޯލްޑް ކަޕް/ އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިން މެޗުތަކަށް ތައްޔާރުވާން އިންޑިއާ އާއި ފިލިޕީންސް ގަތަރުގައި ކުޅެން މިއަދު ރޭވި މެޗު ގަތަރުގެ ހެލްތު މިނިސްޓްރީގެ ހުއްދަ ނުލިބުމުން ކެންސަލްކުރަން ޖެހިއްޖެ އެވެ.
ކޮވިޑް-19އާ ހެދި ސެންޓަރަލައިޒްކޮށް ވޯލްޑް ކަޕް ކޮލިފައިންގެ ބާކީ މެޗުތައް ކުޅެން ނިންމާފައިވާއިރު، އިންޑިއާ ހިމެނޭ ގްރޫޕް އީގެ މެޗުތައް ހޯސްޓްކުރަނީ ގަތަރުގަ އެވެ. އިންޑިއާ ޓީމު މި ވަގުތު ތަމްރީންތައް ފުރިހަމަ ކުރަމުންދަނީ ގަތަރުގަ އެވެ.
ކޮލިފައިން މެޗުތަކުގެ ކުރިން ގަތަރުގައި އިންޑިއާ އިން ކުރިއަށްގެންދާ ފަރިތަކުރުންތަކުގެ ތެރެއިން ފިލިޕީންސާ ދެކޮޅަށް ޕްރެކްޓިސް މެޗެއް ކުޅެން މަޝްވަރާކުރީ މީގެ ދެ ދުވަސް ކުރިންނެވެ. ދެ ގައުމުގެ ފުޓްބޯޅަ އެސޯސިއޭޝަނުން މެޗު ކުޅެން ނިންމި ނަމަވެސް އެކަން ކުރިއަށް ނުދިޔައީ ގަތަރުގެ ހެލްތު މިނިސްޓްރީން ހުއްދަ ނުދިމުންނެވެ. ގަތަރުގެ ހެލްތު މިނިސްޓްރީން ހުއްދަ ދީފައި އޮތީ އެ ގައުމުގައި ކުޅޭ ކޮލިފައިން މެޗުތައް އެކަނި ކުރިއަށް ގެންދާށެވެ.
ގްރޫޕް އީގައި އިންޑިއާ އާއި ގަތަރުގެ އިތުރުން ދެން އޮތީ ބަންގްލަދޭޝް އާއި އަފްގާނިސްތާން އަދި އޮމާން އެވެ. އެ ގްރޫޕްގެ އެއް ވަނައިގައި ހަ މެޗުން 16 ޕޮއިންޓާ އެކު ގަތަރު އޮތްއިރު، އިންޑިއާ ފަސް ވަނައިގައި އޮތީ ފަސް މެޗުން ތިން ޕޮއިންޓް ހޯދައިގެންނެވެ.
އިންޑިއާއާ އެކު މެޗު ކުޅެން ރޭވި ފިލިޕީންސަކީ ގްރޫޕް އޭގައި ރާއްޖެއާ އެކު ކުޅެން ޖެހޭ ޓީމެކެވެ. ގްރޫޕް އޭގެ މެޗުތައް ސެންޓްރަލައިޒްކޮށް ކުރިއަށްދާނީ ޗައިނާގަ އެވެ.
ރާއްޖޭގެ ގައުމީ ޓީމުން ޗައިނާ އަށް ދިއުމުގެ ކުރިން މި ވަގުތު ޓްރެއިނިންތައް ކުރިއަށް ގެންދަނީ ދުބާއީގަ އެވެ. ޗައިނާގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން ރާއްޖެ އާއި ފިލިޕީންސް އަދި ސީރިއާ ކޮލިފައިން މެޗުތަކަށް ޗައިނާ އަށް ދާނީ ޗާޓަރު ފްލައިޓެއްގައި އާދިއްތަ ދުވަހު އެވެ.












