ލިވަޕޫލް (މެއި 28) - މި ސީޒަނަށް ފަހު ކޮންޓްރެކްޓް ހަމަވުމުން ލިވަޕޫލް ދޫކޮށްލާފައިވާ މިޑްފީލްޑަރު ޖިއޮޖީނިއޯ ވައިނަލްޑަމް ނެތްތަނަށް ލިވަޕޫލުން ގެންނަން މަސައްކަތް ކުރަނީ ލެސްޓާ ސިޓީގެ މިޑްފީލްޑަރު ޔޫރީ ޓީލަމަންސް ކަމަށް ބެލްޖިއަމްގެ މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
ވައިނަލްޑަމް ލިވަޕޫލާ އެކު ހެދި އެއްބަސްވުން ހަަމަވެ ހިލޭ ޓްރާންސްފާއެއްގެ ދަށުން ބަދަލުވާން ނިންމާފައިވަނީ ސްޕެއިނުގެ ބާސެލޯނާ އަށެވެ.
ލިވަޕޫލުން ވައިނަލްޑަމްގެ މަގާމަށް އިތުރު ކުޅުންތެރިއަކު ގެންނަން ކުރާ މަސައްކަތުގައި އެކުލަވާލި ލިސްޓުގެ ކުރީގައި އޮތީ އުމުރުން 24 އަހަރުގެ ޓީލަމަންސް އެވެ. ލެސްޓާ އަށް މީގެ ދެ އަހަރު ކުރިން ބަދަލުވުމަށް ފަހު ޓީލަމަންސް އަންނަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ.
ޓީލަމަންސް ލެސްޓާއާ އެކު ހަދާފައިވާ އެއްބަސްވުން ހަމަވާން ބާކީ ދެ އަހަރު އޮތް ނަމަވެސް އޭނާ މި ފަހަރު އެ ޓީމު ދޫކޮށްލުމުގެ ފުރުސަތު އެބައޮތެވެ. އެއީ ލެސްޓާ އަށް އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން ފުރުސަތު ނުލިބުމުންނެވެ. ބެލްޖިއަމްގެ ގައުމީ ޓީމުން ޓީލަމަންސް އަށް ގަވާއިދުން ޖާގަ ލިބެން އޮތީ ޗެމްޕިއަންސް ލީގުގައި ކުޅެގެން ކަމަށްވާތީ އޭނާ ބޭނުންވަނީ އެ ފުރުސަތު އޮތް ޓީމަކާ ގުޅެން ކަމަށް ބެލްޖިއަމްގެ ނޫސްތަކުން ރިޕޯޓްކުރެ އެވެ.
މި ފަހަރު އެފްއޭ ކަޕް ފައިނަލުގައި ޗެލްސީ އަތުން ލެސްޓާ މޮޅުކޮށްދިން ގޯލު ޖެހި ޓީލަމަންސް ހޯދަން ލިވަޕޫލުން 40 މިލިއަން ޕައުންޑް މަދުވެގެން ހަރަދުކުރަން ޖެހޭނެ އެވެ. އެއީ 2019 ވަނަ އަހަރުގެ ޖުލައި މަހު ލެސްޓާ އިން ޓީލަމަންސްގެ ސޮއި ހޯދީ މޮނާކޯ އަށް 32 މިލިއަން ޕައުންޑް ދައްކައިގެންނެވެ.
ލެސްޓާ އިން ވަނީ ޓީލަމަންސް އެ ޓީމު ދޫކޮށްލަން އުޅޭ ކަމަށް ބަލައި ވަނީ ފްރާންސްގެ ޗެމްޕިއަން ލިލް އަށް ކުޅުނު މިޑްފީލްޑަރު ބޯބަކަރީ ސޫމާރޭ ގަންނަން ނިންމައިފަ އެވެ. އުމުރުން 22 އަހަރުގެ ސޫމާރޭ ގަންނަން ލެސްޓާ އިން 20 މިލިއަން ޕައުންޑް ހަރަދުކުރާނެ އެވެ.

ޓީލަމަންސް (ވ) އަތުން ނެވޭސް ބޯޅަ ހޯދަން މަސައްކަތްކުރަނީ.-- ފޮޓޯ: ގެޓީ އިމޭޖަސް.
ބެލްޖިއަމްގެ އެންޑަލެކްޓް އިން ވިދާލި ޓީލަމަންސް ވަނީ ފްރާންސްގެ މޮނާކޯ އަށް ވެސް ކުޅެފަ އެވެ. އޭނާ އެންމެ ފުރަތަމަ 2019 ވަނަ އަހަރުގެ ޖެނުއަރީ މަހު ލެސްޓާ އަށް ބަދަލުވީ ހަަ މަސް ދުވަހުގެ ލޯނެއްގެ ދަށުންނެވެ. ފަހުން ލެސްޓާ އިން އެއްބަސްވުން ދާއިމީކުރީ އެވެ.
ޓީލަމަންސް ގަންނަން ކުރާ މަސައްކަތް ލިވަޕޫލަށް ކާމިޔާބު ނުވެއްޖަނަމަ އެ ޓީމުން ދެން ގެންނަން މަސައްކަތްކުރާނެ ކަމަށް ރިޕޯޓްތައް ބުނަނީ ވުލްވްސްގެ ޕޯޗުގީސް މިޑްފީލްޑަރު ރުބެން ނެވޭސް އެވެ. ވުލްވްސްގެ ކޯޗުކަމުން ނޫނޯ އެސްޕިރީޓޯ ސަންޓޯ ވަކިވުމުން ނެވޭސްގެ މުސްތަގުބަލާ މެދު ވަނީ ސުވާލު އުފެދިފަ އެވެ. ނެވޭސް ގަންނަން ލިވަޕޫލުން ހަރަދުކުރަން ޖެހޭނެ ކަމަށް ބެލެވެނީ 35 މިލިއަން ޕައުންޑް ކަމަށް އިނގިރޭސި މީޑިއާ އިން ވަނީ ރިޕޯޓްކޮށްފަ އެވެ.
ޓީލަމަންސް އާއި ނެވޭސް ވެސް ނުލިބިއްޖެނަމަ ލިވަޕޫލުން ބޮޑަށް ވިސްނުން ހުރީ އެ ޓީމުގެ ޒުވާން ތަރި ކާޓިން ޖޯންސް އަށް ފުރަތަމަ ޓީމުން ދޭ ފުރުސަތު މި ސީޒަނަށް ވުރެ އަންނަ އަހަރު އިތުރުކުރުމަށެވެ.
ލިވަޕޫލުން އަންނަނީ އާރްބީ ލައިޕްޒިގުގެ ފްރާންސް ޑިފެންޑަރު އިބްރާހިމާ ކޮނާޓޭ ގަންނަން މަސައްކަތް ކުރަމުންނެވެ. ބައެއް މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ކޮނާޓޭ ގަންނަން ކުރަން ޖެހޭ ހުރިހާ ކަމެއް ލިވަޕޫލުން ވަނީ ނިންމައިފަ އެވެ.












