އިންތިޒާމްތަކުގެ ޝަކުވާތަކާއެކު ވިޔަފާރިވެރިން ރަތަށް

އިއްޔެ ކާފިއު ގަޑީގެ ކުރިން ގިނަ ބަޔަކު ވަނީ ފިހާރަތަކުގައި ތޮއްޖެހި ބާޒާރުކޮށްގެން ގެއަށް ސާމާނު ވައްދާފައި - ފޮޓޯ: ހުސެއިން ވަހީދު/އަދަދު

އިއްޔެ ކާފިއު ގަޑީގެ ކުރިން ގިނަ ބަޔަކު ވަނީ ފިހާރަތަކުގައި ތޮއްޖެހި ބާޒާރުކޮށްގެން ގެއަށް ސާމާނު ވައްދާފައި - ފޮޓޯ: ހުސެއިން ވަހީދު/އަދަދު

"ގައިމު ތައްޔާރުވާން ލިބުނު އަހަރުގެ ތެރޭގައި މިހެން ހުންނަ ކަންކަން ހުންނާން ޖެހޭނީ ހައްލުވެފަ ނޫންބާ" މާލޭގައި ކުޑަ ޓްރެވަލް އެޖެންސީއެއް ހިންގާ މުހައްމަދު އިސްމާއިލް ހިތްހަމަނުޖެހިފައި ބުންޏެވެ.

"މިއަދު އެތައް މުހިއްމު މަސައްކަތެއް ކުރަން އެބަހުރި. އިއްޔެ ހަވީރު އިއުލާނުކުރި ހިސާބުން ހުރިހާ ތަފްސީލެއް ފުރާފައި އެކްސެލް ޝީޓް ހުށަހެޅިން. އަދިވެސް ހުއްދައެއް ނުލިބޭ، އަދި އެދިގެން މި އުޅެނީ އެންމެ ދެ މުވައްޒަފުން ނެރެން."

މިއީ، އިސްމާއިލްގެ އޭޖެންސީގެ މުވައްޒަފުންނަށް ހުއްދަތައް ނުލިބިގެން އޭނާގެ ޝަކުވާ އެވެ. އޭނާގެ އިތުރުން އެހެން ވިޔަފާރިތަކާއި ކުންފުނިތަކަށް މުވައްޒަފުން ނެރެން ބޭނުންވާ ހުއްދަތައް ނުލިބިގެން ގިނަ ވިޔަފާރިވެރިން ތިބީ ހިތްހަމަނުޖެހިފަ އެވެ.

މިހާރު ބައެއް ވިޔަފާރިތަކަށް ޕޮލިސް ޕޯޓަލްގެ ތެރެއިން ހުއްދަތައް ލިބެން ފަށާފައިވީ ނަމަވެސް، މަސައްކަތު ދުވަހުގެ ދެބައިކުޅަ އެއްބައި ބޭކާރުވެއްޖެ ކަމަށް އެ މީހުންގެ ކަންބޮޑުވުން ފާޅުކުރި އެވެ.

ޕޯޓަލްއަށް ބާރު ބޮޑުވެގެން ހުއްދަ ނުލިބޭ

މިއަދު ހެނދުނު ގިނަ ވިޔަފާރިތަކާއި އޮފީސްތައް ނުހުޅުވިފައި ތިބީ ޕޯޓަލް ތެރެއިން ދޭން ޖެހޭ ހުއްދަތައް ނުލިބިގެންނެވެ. އިކޮނޮމިކް މިނިސްޓްރީގެ އެޕްރޫވަލް ލިބުމަށް ފަހު ވެސް ޕޮލިސް ޕޯޓަލްގެ ތެރެއިން މުވައްޒަފުންނަށް ބޭނުންވާ ޕާމިޓް ނުލިބެ އެވެ. މި މައްސަލަ ބޮޑަށް ދިމާވީ ގިނަ މުވައްޒަފުން ގެންގުޅޭ ވިޔަފާރިތަކަށެވެ.

މަޝްހޫރު ހޯލްސޭލް ވިޔަފާރިވެރިއެއްގެ ސަޕްލައި މެނޭޖަރަކު "އަދަދު"އަށް ވިދާޅުވީ އެޗްޕީއޭއިން އެދުނު ގޮތަށް ދެ ޝިފްޓަށް ބަހާލައިގެން މުވައްޒަފުން ޑިއުޓީއަށް ނެރެން މިނިސްޓްރީއަށް އީމެއިލް ފޮނުވައިގެން އެޕްރޫވަލް ލިބުނަސް، ހުއްދަ ލިބުނީ މެންދުރު ބާރަ ވެސް ޖެހި ފަހުން ކަމަށެވެ.

އޭގެ ސަބަބުން ދޯނިތަކަށާއި ގިނަ ފިހާރަތަކަށް މިއަދު ނިންމަން ހުރި ޑެލިވަރީތަކަށް ބުރޫއަރާފައިވާ ކަމަށް އޭނާ ބުންޏެވެ.

އަދި، ކުރިއަށް އޮތް ދުވަސްތަކުގެ ޑެލިވަރީތަކަށް ބުރޫނާރާނެ ގޮތަކަށް ކަންކަން ކުރެވެން ނެތީ ވެހިކަލްތަކަށް ހުއްދަ ދޫކުރާ އަދަދު ލިމިޓު ކުރާތީ ކަމަށް ވެސް އޭނާ ބުންޏެވެ.

ބައެއް ވިޔަފާރިތަކަށް އެންމެ ވެހިކަލެއް ދުއްވަން ޕާމިޓް ދޫކޮށްފައިވާ އިރު، އޭގެ ސަބަބުން ސަޕްލައިއަށާއި ޑެލިވަރީއަށް އަސަރު ކުރަމުންދާ ކަމަށް ކުދި ފިހާރަތަކާއި ކެފޭ ރެސްޓޯރަންޓުތަކުން ވާހަކަ ދެއްކި ވިޔަފާރިވެރިން ވެސް ބުންޏެވެ.

ސައިޓުތައް ހުއްޓުވާލުމުން ވިޔަފާރިވެރިއެއްގެ ސުވާލެއް

މާލެ ސަރަހައްދުގައި ކޮވިޑުން ރައްކާތެރިވާން އަޅާފައިވާ ފިޔަވަޅުތައް ހަރުކަށި ކުރުމާއެކު ކޮންސްޓްރަކްޝަން ސައިޓުތަކުގައި މަސައްކަތް ކުރުން ވަނީ މަނާވެފަ އެވެ. ސައިޓުތަކަަށް ގެއްލުންވާ ހާލަތުގައި މިނިސްޓްރީން ހުއްދަ ނަގައިގެން ސައިޓުގައި މަސައްކަތް ކުރެވެ އެވެ.

މިއީ ހަމަޖެހޭ ކަމަކަށް ކޮންސްޓްރަކްޝަން ކުންފުންޏެއް ހިންގާ ވިޔަފާރިވެރިއަކަށް ނުވި އެވެ. ބަދަލުގައި އޭނާ އޮއްސާލީ ޝަކުވާ ގޯންޏެކެވެ.

"ލޯނުތައް ހުރި ގޮތަށް ހުރީ. ކްލަޔަންޓުންނަށް މަސައްކަތް ނިންމައިދޭން ބުނި ތާރީހު ދަނީ. ކުއްޔަށް ނަގާފައި ހުރި މުދާތަކަށް އަގު އަރަނީ. ހިންގާ ހަރަދުތައް ދުވަހުން ދުވަހަށް މަތި ވަނީ. އެކަމަކު ވިޔަފާރި މިޖެހެނީ ހުއްޓުވާލަން." އޭނާ ބުންޏެވެ.

ސަރުކާރުން އަޅާ ފިޔަވަޅުތަކަށް އެއްބާރުލުން ދޭން ބޭނުން ވިޔަސް މިދިޔަ އަހަރު ލިބުނު ގެއްލުންތައް ފޫނުބެދިގެން އުޅޭއިރު، އުސޫލެއްގެ ތެރެއިން ސައިޓުތަކުގައި މަސައްކަތްކުރަން ހުއްދަ ދޫކުރެވެން ޖެހޭނެ ކަމަށެވެ.

އަދި އާންމުންނާ ދިމާ ނުވާ ބަޔަކަށް، ސައިޓުން މަސައްކަތް ނިންމާފައި ގޮސް ކަރަންޓީނު ވެގެން އެއް ތަނެއްގައި ތިބެވޭ ނަމަ މައްސަލައެއް ނެތް ކަމަށެވެ.

"މި ހުރިހާ ދުވަސްވީއިރު އެކަމާ ގުޅޭ ދިރާސާއެއް ހެދި، ޝަރުތުތަކެއް ކަނޑައަޅައިގެން ވިޔަސް މިކަން ކުރާނެ އުސޫލެއް އޮތް ނަމަ މި މައްސަލަތަކެއް ދިމާ ނުވާނެ." އޭނާ ބުންޏެވެ.

އިންތިޒާމުތަކުގެ ދޯހަޅިކަމުން ސަރުކާރަށް ފާޑުކިޔުން

ހުރިހާ ވިޔަފާރިވެރިން ކަހަލަ ގޮތަކަށް މައިގަނޑު ގޮތެއްގައި ކުރީ އެއް ޝަކުވާއެކެވެ. އެއީ ދުރާލާ އިންތިޒާމުތައް ހަމަޖައްސަން ފުރުސަތު ލިބި އިންތިޒާމުތައް ހަމަނުޖެހުނީ ކީއްވެގެންތޯ އެވެ. އަދި، ޕޮލިސް ޕޯޓަލްއަށް ބާރު ބޮޑުވެގެން ކަމަށް އުޒުރު ދެއްކި ނަމަވެސް، ބާރު ބޮޑު ނުވާނެ ގޮތަކަށް އިންތިޒާމުތައް ރާވާފައި ނެތުމުގެ ޝަކުވާ އުފުލި އެވެ.

ވިޔަފާރިވެރިންނާއި އަދި އާންމުން ވެސް ފާހަގަ ކުރާ މައްސަލައަކީ އެއީ އެވެ. ހާއްސަކޮށް ފިޔަވަޅުތައް އަޅަން އިއުލާނުކުރާ ހިސާބުން ފެށިގެން ބައެއް ކަންކަން ކުރާތީ އަމާޒުވާ ފާޑުކިޔުންތައް އިތުރެވެ.

މިސާލަކަށް ކޮވިޑް ކޮންޓްރޯލް ކުރަން އެޅި ފިޔަވަޅުތައް އޭގެ ކުރީ ދުވަހު އިއުލާނު ކުރެވުނު އިރު، އިކޮނޮމިކް މިނިސްޓްރީން ވިޔަފާރިތަކުން އަމަލުކުރަން ޖެހޭ ގޮތުގެ ގަވާއިދު ގެޒެޓު ކުރީ އިއްޔެގެ މެންދުރު ފަހުގެ ވަގުތެއްގައި ކަން ވިޔަފާރިވެރިއަކު ފާހަގަކުރި އެވެ.

އަދި، ބަލިމަޑުކަމުގައި ހޭދަވީ އަހަރަކަށް ވުރެ ގިނަ ދުވަހުގެ ތެރޭގައި ލިބުނު ފިލާވަޅުތަކުގެ އަލީގައި ސަރުކާރަށާއި ކަމާބެހޭ ބޭފުޅުންނަށް ދަސްވި އެއްވެސް ކަމެއް އޮތްތޯ އޭނާ ސުވާލު އުފެއްދި އެވެ.

ޕާމިޓްތައް ލިބުމުގައި އާންމުންގެ ހުރި ކަންބޮޑުވުންތަކާ ގުޅިގެން ޕޮލިސް މީޑިއާ އޮފިޝަލް ވިދާޅުވީ، މިނިސްޓްރީން ފޮނުވާފައި ހުރި ހުރިހާ ޕާމިޓްތަކެއް ޕްރޮސެސްކޮށް ނިމިފައިވާ ކަމަށެވެ. އަދި މިއަދުގެ ހެނދުނާއި އޭގެ ކުރިން އެދިފައިވާ ޕާމިޓްތައް ދޫނުކުރެވި ހުރިތޯ ބުނަން ދަތިކަމަށް ވިދާޅުވި އެވެ.

"އިކޮނޮމިކް މިނިސްޓްރީން ފޮނުވަމުން އަންނަ ވަރަކަށް މިކޮޅުން މި އަންނަނީ ޕާމިޓްތައް ދޫކުރަމުން. އެޕްރޫވަލް ދީފައި ހުރި ޕާމިޓްތައް ދޫކޮށްފިން" އޭނާ ވިދާޅުވި އެވެ.

ޕާމިޓްތައް ދޫކުރުމުގައި މިހާރު ދަތިކަމެއް ނެތް ކަމަށް ވިދާޅުވި ނަމަވެސް، އިއްޔެ ގިނަ ބަޔަކު މަގުތަކަށް ނުކުމެ ގެޔަށް ބޭނުންވާ ސާމާނާއި އެހެނިހެން މުދާ ގަންނަން ތޮއްޖެހިގެން އުޅުނީ ވެސް މި ސަބަބާ ހުރެ އެވެ. ދޫކުރާ ޕާމިޓްތަކުގެ އަދަދު ލިމިޓުވެފައި، ޕާމިޓް ލިބެންހުރި ދަތިތަކާ ގުޅިގެންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްޕީއެލްއިން ޑޮލަރުން ފީ ނަގާތީ ވިޔަފާރިތަކުގެ ކަންބޮޑުވުން

އެމްޕީއެލްގެ ސްޓިވަޑޯރިން ފީ ޑޮލަރުން ނަގަން ފެށުމާ ގުޅިގެން، ކަޅު ބާޒާރުން ބޮޑު އަގުގައި ޑޮލަރު ގަންނަން މަޖުބޫރުވެ ދިވެހި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމުގެ ކަންބޮޑުވުން ވިޔަފާރިވެރިން ފާޅުކޮށްފިއެވެ. ރާއްޖޭގެ ހުރިހާ މުއާމަލާތެއް ރުފިޔާއިން ކުރަން ސަރުކާރުން ބާރުއަޅާއިރު، މި ބަދަލުގެ ސަބަބުން ބާޒާރުގައި ޑޮލަރަށް އޮތް ޑިމާންޑް އިތުރުވެ ޑޮލަރުގެ އަގު އުފުލުމަށް މަގުފަހިވާ ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

އައިކެއާ އިން ވޯލްޑް ސައިޓް ޑޭ ޕްރޮމޯޝަން ފަށައިފި

ދުނިޔޭގެ ފެނުމުގެ ދުވަހާ ގުޅުވައިގެން، އޮކްޓޯބަރު މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ ބްރޭންޑްތަކުގެ ޕްރިސްކްރިޕްޝަން ލެންސާއެކު ގަންނަ ފްރޭމްތަކުން %20 ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން، ލޮލުގެ ސިއްހަތަށް ސަމާލުކަންދީ ގަވާއިދުން ލޯ ޓެސްޓުކުރުމަށް އައިކެއާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ވިއެޓްނާމްގެ ވިއެޓްޖެޓް އެއާލައިނުން އަންނަ ޑިސެމްބަރު މަހު ހޯޗީމިން ސިޓީއާއި ރާއްޖެއާ ދެމެދު ހަފުތާއަކު ތިން ސީދާ ދަތުރު ފެށުމަށް ވަނީ ނިންމާފަ. މި ދަތުރުތައް ފެށުމާ ގުޅިގެން ޓިކެޓުގެ އަގު ހެޔޮ ޕްރޮމޯޝަންތަކެއް އިއުލާންކޮށްފައިވާއިރު، މީގެ ސަބަބުން ވިއެޓްނާމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ.

ދަރަވަންދޫގައި ފަރުތައް އާލާކުރަން ދިރާގުން އެހީ

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުތައް އާލާކުރުމަށް "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ފެށުމަށް ގުޅިއްޖެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި މުރަކަ ނާސަރީއެއް ގާއިމުކޮށް، ފަރުތައް ބެލެހެއްޓުމުގެ ފަންނީ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ޒުވާނުންނާއި އާންމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ.

Newsletter

Get the latest news delivered straight to your inbox