ރިޕޯޓުއީސްޓާ ބޮމުގެ ހަމަލާގެ ތަހުގީގުގެ ފަސް މަންޒަރު

އީސްޓާ ބޮމުގެ ހަމަލާގެ ތަހުގީގުގެ ފަސް މަންޒަރު

އެންތަނީސް ޗާޗު ގޮއްވާލުމުން ކުޑަކުދިންނާއި އަންހެނުން ހިމެނޭ ގޮތަށް 115 މީހަކު މަރުވި. އަދި އެ ހަމަލާއަށްފަހު، ވިދިވިދިގެން ނެގަމްބޯ އާއި ބަޓިކުއޯލާ ގެ ދެ ފައްޅިއެއް އަދި ކޮޅުނބުގެ ތިން ހޮޓަލެއް ގޮއްވާލައި 259 މީހުން މަރާލައި 500 އަށް ވުރެ ގިނަ މީހުން ޒަހަމްކޮށްލި.

އީސްޓާ ހަމަލާއަށް ފަހު ލަންކާ ރައްޔިތުން ހިތާމަފާޅު ކުރަނީ: ޖުމްލަ 259 އެ ހަމަލާގައި މަރާލި.
އީސްޓާ ހަމަލާއަށް ފަހު ލަންކާ ރައްޔިތުން ހިތާމަފާޅު ކުރަނީ: ޖުމްލަ 259 އެ ހަމަލާގައި މަރާލި.

އެއީ މީގެ ދެ އަހަރު ކުރިން އޭޕްރީލް މަހުގެ 21 ވަނަ ދުވަހެވެ. ގަޑިން ހެނދުނު 8:25 ހިނގަނީ އެވެ. ނެޝަނަލް ތައުހީދު ޖަމާއަތުގެ އަލާއުއްދީން އަހުމަދު މުއާދު ސްރީ ލަންކާގެ ވެރިރަށް ކޮޅުނބުގެ ސެއިންޓު އެންތަނީސް ޗާޗަށް ވަދެފި އެވެ. އެއީ ނަސާރާއިން ފާހަގަ ކުރަމުންދާ އީސްޓާ ސަންޑޭ ކަމަށްވާތީ މުޅި ފައްޅި އޮތީ ފުރިފަ އެވެ. އެކަމަށް އެއްވެސް ބެލުމެއް ނެތި މުއާދު ބޮން ގޮއްވާލައިފި އެވެ.

އެންތަނީސް ޗާޗު ގޮއްވާލުމުން ކުޑަކުދިންނާއި އަންހެނުން ހިމެނޭ ގޮތަށް 115 މީހަކު މަރުވި އެވެ. އަދި އެ ހަމަލާއަށްފަހު، ވިދިވިދިގެން ނެގަމްބޯ އާއި ބަޓިކުއޯލާ ގެ ދެ ފައްޅިއެއް އަދި ކޮޅުނބުގެ ތިން ހޮޓަލެއް ގޮއްވާލައި 259 މީހުން މަރާލައި 500 އަށް ވުރެ ގިނަ މީހުން ޒަހަމްކޮށްލި އެވެ.

އަމިއްލައަށް މަރުވެގެން ބޮމުގެ ހަމަލާ ދިނުމަކީ ލަންކާއަށް އާ ކަމެއް ނޫނެވެ. ޕްރަބާކަރަންގެ ތަމަޅަ ޓައިގަރުން 26 އަހަރު އެ ގައުމުގެ ސަރުކާރާ ދެކޮޅަށް ކުރި ދާހިލީ ހަނގުރާމައިގައި ބޮން ގޮއްވައި އަމިއްލައަށް މަރުވެގެން 10 ހަމަލާއެއްދީ 297 މީހުން މަރައިލި އެވެ.

އެކަމަކު އެ ހުރިހާ ހަމަލާތަކާ އީސްޓާ ބޮމުގެ ހަމަލާތަކާ ތަފާތެވެ. އީސްޓާ ހަމަލާއަކީ ލަންކާގައި ހިންގަމުން އައި ދީނީ ޖަމާއަތްތަކަކުން ދިން ހަމަލާއެކެވެ. ޓައިގަރުންގެ ހަމަލާތައް ގިނައިން އަމާޒު ކުރީ ސަރުކާރުގެ މުހިންމު މަރުކަޒުތަކާއި ސިފައިންނާއި ސަރުކާރުގެ އިސް މީހުންނަށެވެ. އެކަމަކު އީސްޓާ ހަމަލާ ދީފައި ވަނީ ސީދާ ލަންކާގެ އާންމުންނަށެވެ. ބަލާފައި ވަނީ ވީހާ ވެސް ގިނަ މީހުން މަރާލެވޭތޯ އެވެ.

އީސްޓާ ހަމަލާއަށް ފަހު، 21 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ލަންކާ ކުރިމަތީގައި އޮތީ ވަރަށް ބޮޑު ގޮންޖެހުމެކެވެ. އެންމެ ފުރަތަމަ ކަމަކަށް ހަމަލާ ދިން މީހުންނާއި އެކަންތައް ރޭވި މީހުން ހައްޔަރު ކުރުމެވެ. މިވަރުގެ ބޮޑު ހަމަލާއެއް ދެވުނު ސަބަބު ދަނެގަތުމެވެ. އަދި މި ހުރިހާ ކަމެއް ފުރިހަމައަށް އަދާކޮށް ރައްޔިތުންނަށް އެމީހުންގެ ސަލާމަތްތެރިކަން އަލުން ޔަގީންކޮށްދިނުމެވެ.

ތިރީގައި މި ވަނީ ސްރީ ލަންކާގެ އީސްޓާ އެޓޭކްސްއަށް ފަހު ސަރުކާރުން ކަންތައް ކުރި ގޮތާއި ތަހުގީގުގެ ކުރު ތަފްސީލެކެވެ.

އީސްޓާ ސަންޑޭއަށްފަހު ސްރީ ލަންކާ ޝޮކެއްގައި
އީސްޓާ ސަންޑޭއަށްފަހު ސްރީ ލަންކާ ޝޮކެއްގައި

އީސްޓާ ސަންޑޭއަށްފަހު ސްރީ ލަންކާ ޝޮކެއްގައި

އީސްޓާ ސަންޑޭ

ހަމަލާތަކާ ގުޅިގެން އީސްޓާ ސަންޑޭގެ ދުވާލުގެ ވަގުތެއްގައި ލަންކާ ފުލުހުން އަށް މީހުން ހައްޔަރު ކުރި އެވެ. އަދި ހަމަލާދިންތާ ގަޑިއިރުތަކެއް ފަހުން ސޯޝަލް މީޑިއާ އަދި މެސެޖިންގެ ބޮޑެތި އެޕްލިކޭޝަންތައް ކަމަށްވާ ފޭސްބުކް، ޓުވިޓާ، ވަޓްސްއަޕް، އިންސްޓަގްރާމް، ވައިބާ އަދި ޔޫޓިއަބް ސަރުކާރުން ބަންދުކޮށްލި އެވެ.

ހަމަލާތައް ދިން ދުވަހުގެ ހަވީރު ސަރުކާރުން މުޅި ލަންކާގައި ކާފިއު އިއުލާން ކުރި އެވެ. އެ ދުވަހުގެ ހަވީރު އިއުލާން ކުރި ކާފިއު ގަޑިތަކަކީ ރޭނގަނޑު 10:00 ފަތިހު 4:00 ހަމައަށެވެ.

ކާފިއު އިއުލާން ކުރުމަށްފަހު އެ ދުވަހުގެ އެއަށްފަހު ދަންވަރުގެ ވަގުތެއްގައި ފުލުހުން ނިކުމެ ގެއަކުން ފަސް މީހަކު ހައްޔަރު ކުރި އެވެ.

ހަމަލާތަކަށްފަހު ޖެހިގެން އައި ދުވަހު ފުލުހުން 11 މީހަކު ހައްޔަރު ކުރި އެވެ. އެހެންކަމުން ގާތްގަނޑަކަށް 24 ގަޑިއިރުގެ ތެރޭގައި 24 މީހަކު ފުލުހުން ހައްޔަރު ކުރި އެވެ.

22 އޭޕްރީލް – 24 އޭޕްރީލް 2019

އީސްޓާ ސަންޑޭގެ ހަމަލާތައް ދިންއިރު ލަންކާގެ އެއިރުގެ ރައީސް މައިތުރީޕަލަ ސިރިސޭނާ ހުންނެވީ އަމިއްލަ ދަރުފުޅެއްގައި ސިންގަޕޫރުގަ އެވެ. އެމަނިފާނު އެނބުރި ގައުމަށް ވަޑައިގެންނެވީ ޖެހިގެން އައި ދުވަހެވެ. ގައުމަށް ވަޑައިގެން އެންމެ ފުރަތަމަ ވެސް އެމަނިކުފާނު ކުރެއްވި ކަމަކީ ޕަބްލިކް ސެކިއުރިޓީ އޯޑިނެންސް ގާނޫނުގެ ދަށުން ރައީސަށް ލިބޭ ބާރުގެ ދަށުން ގައުމުގައި އެމަޖެންސީ ލޯ އިއުލާން ކުރުމެވެ. އަދި ހަމަ އެ ދުވަހު އީސްޓާ ބޮމުގެ ހަމަލާތައް ތަހުގީގު ކުރުމަށް ރިޔާސީ ކޮމިޝަނެއް އުފައްދަވައި އެ ކޮމިޝަނަށް ކުރީގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރަކު ހިމެނޭ ގޮތަށް ތިން މެމްބަރުން އައްޔަން ކުރެއްވި އެވެ.

އެމަޖެންސީ އިއުލާން ކުރި ގަރާރު
އެމަޖެންސީ އިއުލާން ކުރި ގަރާރު

އެމަޖެންސީ އިއުލާން ކުރި ގަރާރު

އިމަޖެންސީ އިއުލާން ކުރުމުން ފުލުހުންނާއި ސިފައިންނަށް ލިބިފައިވާ ބާރުތައް އިތުރުވި އެވެ. އަދި ކައުންޓާ ޓެރަރިޒަމް ހަރަކާތްތައް ގާނޫނުގެ ތެރެއިން ހިންގުމަށް ފަސޭހަތަކެއް ލިބިގެންދިޔަ އެވެ. އަދި ފުލުހުންގެ ހަރަކާތްތައް ވަރަށް ބާރަށް ކުރިއަށްގެންދަން ފެށި އެވެ.

ބޮން ގޮއްވާލި ދުވަސް ނޫން އަނެއް ދުވަހު އެ ހަމަލާ ދިނީ ނެޝަލަނަލް ތައުހީދު ޖަމާއަތުން ރާވައިގެންކަން ސަރުކާރުން ހޯދައިފި އެވެ. އެ ޖަމާއަތަކީ 2016 ވަނަ އަހަރު ކުޑަކުދިންނަށް ޓެރަރިސްޓް ހަރަކާތްތައް ކިޔަވައިދީގެން ފާޑުކިޔުންތައް އަމާޒުވި ގުރޫޕެއްކަން ފެންމަތިވި އެވެ. އަދި މި ޖަމާއަތުގެ ލީޑަރު އަދި ބޮމުގެ ހަމަލާތެ މޭސްތިރި ޒަހްރާން ހާޝިމަކީ އަލް-ގުރާބާ ނަމަކަށް ކިޔާ ޗެނަލެއް ޔޫޓިއުބުގައި ހިންގާ މީހެއްކަން އެނގުނެވެ.

ލަންކާގެ ޑިފެންސްގެ އިސް މަގާމުތަކަކަށް ބޮޑެތި ބަދަލުތަކެއް ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި ގެންނަވާނެ ކަމުގެ އިޝާރާތެއް ހަމަ އެ ދުވަހު ރައީސް ސިރިސޭނާ ދެއްވި އެވެ. އަދި ކުރިއަށް އޮތް ހަފްތާތަކުގެ ތެރޭގައި ފުލުހުންނާއި ސިފައިން މުޅިން ރިސްޓްރަކްޗާ ކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ހަމަލާއަށް ތިން ވަނައަށްވީ ދުވަހު އޭޕްރީލް، 23، ގައި ހައްޔަރު ކުރި މީހުންގެ އަދަދު 40 އަރައިފި އެވެ. އަދި އޭޕްރީލް، 24، ގައި އެ އަދަދު 60 އަރުވައިލި އެވެ.

އެމަޖެންސީގެ މުއްދަތުގައި އަމަލު ކުރާނެ ގަވާއިދެއް އޭޕްރީލް، 24، ގައި ސަރުކާރުން މަޖިލީހަށް ދިނެވެ. އަދި ހަމަ އެ ދުވަހު މަޖިލީހުން ގަވާއިދު ފާސް ކުރި އެވެ. ގަވާއިދު ފާސް ކުރުމުން ކޯޓު އަމުރަކާ ނުލައި ތަންތަން ބަލައި ފާސްކޮށް 24 ގަޑިއިރަށް އަމުރަކާ ނުލައި މީހުން ހައްޔަރު ކުރުމުގެ ބާރު ފުލުހުންނަށް ލިބުނެވެ.

25 އޭޕްރީލް – 29 އޭޕްރީލް 2019

ރައީސް ސިރިސޭނާގެ އެންގުމަކަށް ޑިފެންސް މިނިސްޓަރު ހެމަސިރި ފެނާންޑޯ އޭޕްރީލް، 25، ގައި އިސްތިއުފާ ދެއްވި އެވެ. އަދި އިންސްޕެކްޓާ ޖެނެރަލް އޮފް ޕޮލިސް ޕުޖިތު ޖަޔަސުންދުރާ އިސްތިއުފާ ދެއްވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

އެ ދުވަހު ހަމަލާއާ ގުޅުން ހުރި ހަ މީހެއްގެ ފޮޓޯ ފުލުހުން އާންމު ކުރި އެވެ. އަދި އެ މީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް އެނގޭ ނަމަ އެންގުމަށް އާންމުންގެ ކިބައިން އެދުނެވެ.

އޭޕްރީލް، 26، ގައި ހަމަލާއާ ގުޅިގެން ޖުމްލަ 70 މީހަކު ހައްޔަރު ކުރި އެވެ. އޭގެ ތެރެއިން ވަރަށް ގިނަ މީހުން ތިބީ ބަންދުގަ އެވެ. ނަމަވެސް ހައްޔަރު ކުރި މީހުންގެ ތެރެއިން ގިނަ މީހުންނަކީ ހަމަލާ ދިން މީހުންގެ ރައްޓެހިން އަދި އާއިލީ ގޮތުން ގުޅުން އޮތް މީހުންނެވެ.

ޓެރަރިސްޓުންނަށް އީސްޓާ ހަމަލާ ދެވުނީ ލަންކާގެ ސަލާމަތީ ބާރުތަކުގެ އިންޓެލިޖެންސް ފެއިލުވެފައި އޮތުމުން ކަމަށް ރައީސް ސިރިސޭނާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވި އެވެ.

އޭޕްރީލް، 27، ގައި ތައުހީދު ޖަމާއަތާއި އެ ޖަމާއަތާ ގުޅުން އޮންނަ ޖަމިއްޔަތުއް މިއްލަތު އިބްރާހީމަކީ ޓެރަރިސްޓުންގެ ދެ ގުރޫޕު ކަމަށް ސަރުކާރުން ކަނޑައަޅައި އެ ފަރާތްތަކުގެ އެސެޓުތައް ހިފެހެއްޓި އެވެ.

އަދި އޭގެ ދެ ދުވަސް ފަހުން ޖަޔަސަންދުރާ މަގާމުގެ މަސްއޫލިއްޔަތްތަކުން އެކަހެރިކޮށް ގެއަށް ފޮނުވާލި އެވެ. އޭނަ ވަކިނުކުރެވުނު ސަބަބީ އިންސްޕެކްޓާ ޖެނެރަލް އޮފް ޕޮލިސް ވަކި ކުރުމުގެ ބާރު ގާނޫނީ ގޮތުން ރައީސަށް ލިބިފައިނުވުމެވެ. ނަމަވެސް އެ މަގާމަށް އެކްޓިން މީހަކު ހަމަޖެއްސި އެވެ.

މެއި، 2019

ހަމަލާތައް ތަހުގީގު ކުރުމަށް ރައީސް އުފެއްދެވި އިންކުއަރީ ކޮމިޝަނުން އެ ކޮމިޝަނުގެ ޕްރިލިމިނަރީ ރިޕޯޓް މެއި، 18، ގައި ނިންމި އެވެ. އެއަށް ބެލުމަށްފަހު ޑިފެންސް މިނިސްޓަރު ފެނާންޑޯ އަދި ފުލުހުންގެ ވެރިޔާ ޖަޔަސުންދުރާގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގުމަށް ބަންޑާރަ ނައިބު ޑައްޕުލާ ޑި ލިވެރާ އަމުރު ކުރެއްވި އެވެ. މައްސަލައަކަށްވީ ހަމަލާތަކުގެ މައުލޫމާތު އެ ދެ ބޭފުޅުންނަށް ކުރިން އެނގިވަޑައިގަތް ކަމަށް ތުހުމަތު ކުރެވުމެވެ.

ރިޔާސީ ކޮމިޝަނުގެ ފުރަތަމަ ރިޕޯޓު ނިމުނުތާ ހަތަރު ދުވަސް ފަހުން ލަންކާގެ މަޖިލިސް ކުރާ ގެއިން ވެސް އީސްޓާ ހަމަލާ ބެލުމަށް ހާއްސަ ކޮމެޓީއެއް އެކުލަވައިލި އެވެ. އަދި ފުލުހުންނާއި ސިފައިންގެ އިސް ވެރިން މަޖިލިހަށް ހާޒިރުކޮށް ތަހުގީގެއް ހިންގަން ފެށި އެވެ.

ހަމަ މެއި މަހު އަމިއްލަ ފަރާތްތަކުން ހިންގާ މަދަރުސާތައް ރެގިއުލޭޓު ކުރާނެ ބިލެއް ސަރުކާރުން މަޖިލިހަށް ހުށަހެޅި އެވެ.

ހަމަލާގައި މަރުވި ބައެއް މީހުން ވަޅުލަނީ
ހަމަލާގައި މަރުވި ބައެއް މީހުން ވަޅުލަނީ

ހަމަލާގައި މަރުވި ބައެއް މީހުން ވަޅުލަނީ

ޖޫން، 2019

މަޖިލީހަށް ފުލުހުންނާއި ސިފައިންގެ އިސް ވެރިން ހާޒިރުކޮށް ހިންގަމުންދިޔަ ތަހުގީގުގައި ބޮޑެތި ވާހަކަތަކެއް ފެންމަތިވި އެވެ. އެގޮތުން ލަންކާގެ ޖާސޫސީ އިދާރާގެ ވެރިޔާ ސިސިރާ މެންޑިސް މަޖިލިހަށް ހާޒިރު ކުރުމުން އެ ހަމަލާގެ މައުލޫމާތު ކުރީބައިގައި ރައީސް ސިރިސޭނާއަށް އެނގިވަޑައިގަންނަވާނެ ކަމަށް ވިދާޅުވި އެވެ. އެއާއެކު ސިރިސޭނާ އޭނާ މަގާމުން ވަކި ކުރި އެވެ.

ޖޫން، 14، ގައި މެދުއިރުމަތިން ހަޔާތު މުހައްމަދު އަހުމަދު މިލްހާން ހައްޔަރުކޮށް ސްރީ ލަންކާއަށް ފޮނުވާލި އެވެ. މީނާއަކީ ބޭރުގައި ހުރެގެން އީސްޓާ ހަމަލާ ރޭވުމުގައި ވަރަށް އިސް ދައުރެއް އަދާކުރި މީހެއްކަން ތަހުގީގަށް އޮތީ މިހާތަނަށް އެނގިފައި ވެ އެވެ.

ޖުލައި، 2019

ބަންޑާރަ ނައިބުގެ އޯޑަރަށް ކުރީގެ ފުލުހުންގެ ވެރިޔާ ޖަޔަސުންދުރަ އާއި ސިފައިންގެ ވެރިޔާ ފެނާންޑޯ ފުލުހުން ހައްޔަރު ކުރި އެވެ. އެ ދެ މީހުންގެ މައްޗަށް ކުރާ ތުހުމަތަކީ ހަމަލާގެ މައުލޫމާތު ކުރިން އެނގިތިބެމެ އެކަން ހުއްޓުވުމަށް އެކަށީގެންވާ ފިޔަވަޅެއް ނޭޅުމެވެ. ޖަޔަސުންދުރަ އަދި ފެނާންޑޯގެ މައްޗަށް ކުރަން ނިންމީ އިންސާނިއްޔަތާ ހިލާފު އަމަލު ކުރުމުގެ ދައުވާ އެވެ.

ނަމަވެސް އެ ދައުވާތައް އުފުލުމުގެ ހުއްދަ ކޯޓުން ދައުލަތަކަށް ދީފައެއްނުވެ އެވެ.

އޮކްޓޯބަރު، 2019

ރައްޔިތުންގެ މަޖިލިސް ކުރާ ގެއިން ކުރާ ތަހުގީގުގެ ރިޕޯޓު އޮކްޓޯބަރު، 24، ގައި ނިންމި އެވެ. އެ ރިޕޯޓުގައިވާ ގޮތުން އީސްޓާ ބޮމުގެ ހަމަލާގައި އެންމެ ބޮޑު އިހުމާލެއްވެފައި އޮތީ ހެޑް އޮފް ސްޓޭޓް އިންޓެލިޖެންސް ސާވިސް ނިލަންތަ ޖަޔަވާޑެނަ އެވެ.

ރިޕޯޓުގައިވާ ގޮތުން ހަމަލާގެ މައުލޫމާތު އެކަން ހިނގުމުގެ 17 ދުވަސް ކުރިން އޭނާއަށް ލިބުނެވެ. އަދި ހަމަލާ ދިން ދުވަހުގެ ކުރީ ދުވަހު، ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައި ހަމަލާތަކެއް ދޭނެ ކަމަށް ޖަޔަވާޑެނައަށް މީހަކު މައުލޫމާތު ދިނެވެ. އަދި ހަމަލާ ދިން ދުވަހު ވެސް މިވެނި ގަޑިތަކެއްގައި ބޮން ގޮއްވާލަފާނެ ކަމުގެ މައުލޫމާތު ސިއްރު މަސްދަރަކުން އޭނާއަށް ދިނެވެ.

ފެބްރުއަރީ، 2020

ސަލާމަތީ ކަންކަން ވަރަށް ވަރުގަދަ ކުރުމުގެ ވައުދުތަކަކާއެކު ނޮވެމްބަރު، 2019، ގައި ބޭއްވި ރިޔާސީ އިންތިހާބުން ސިރިސޭނާ ބަލިކޮށް ރައީސްކަމަށް ގޮޓްބާޔާ ރާޖަޕަކްސަ ވަޑައިގެންފި އެވެ. އަދި އޭގެ ދެ މަސް ފަހުން، ސިރިސޭނާ އުފެއްދި ކޮމިޝަނަށް އެހީވުމަށް ހަ މެމްބަރުންގެ ކޮމެޓީއެއް އޭނާ ކަނޑައެޅުއްވި އެވެ.

ޖެނުރައީ، 2021

އީސްޓާ ހަމަލާ ދޭން އެހީވި ލަންކާގެ ތިން މީހަކަށް އެމެރިކާގައި ދައުވާ އުފުލި އެވެ.

ފެބްރުއަރީ، 2021

ރިޔާސީ ކޮމިޝަނުގެ ފައިނަލް ރިޕޯޓު ނިންމި އެވެ. އަދި ރައްޔިތުންގެ މަޖިލީހުގައި އެ ރިޕޯޓާމެދު ވަރަށް ދިގުކޮށް ބަހުސްކުރި އެވެ. އެކަމަކު ވަރަށް ގިނަ ފަރާތްތަކަކުން މި ރިޕޯޓާމެދު ހިތްހަމަނުޖެހޭކަން ހާމަ ކުރި އެވެ. އެގޮތުން އެންމެ ބޮޑު މައްސަލައަކަށްވީ ހަމަލާތަކަށް ފަންޑު ކުރި މީހުން ނުހޯދުމެވެ.

އީސްޓާ ބޮމުގެ ހަމަލާތަކާ ގުޅިގެން ލަންކާގެ ސަލާމަތީ ބާރުތަކުން ޖުމްލަ 676 މީހަކު ހައްޔަރު ކުރި އެވެ. އޭގެ ތެރެއިން 202 މީހެއްގެ ބަންދު އިތުރުކޮށްފައިވެ އެވެ. އަދި މިހާރު ވެސް އެ މައްސަލައާ 66 މީހަކު ބަންދުގައި އެބަތިއްބެވެ.

ލަންކާގެ ރައްޔިތުންގެ އިތުރުން 14 ގައުމެއްގެ 46 މީހަކު މަރުވި އެ ހަމަލާއަށްފަހު، އިގްތިސާދުގެ ބޮޑު ބައެއް ޓުއަރިޒަމަށް ބަރޯސާވެފައިވާ ލަންކާ އިނދަޖެހުނެވެ.

އީސްޓާ ބޮމުގެ ހަމަލާއަށް ފަހު، ލަންކާއަކީ ފަތުރުވެރިންނަށް ރައްކާތެރި ގައުމެއްކަން ޔަގީންކޮށްދޭން ޖެހުނެވެ. އިތުބާރު ޖެހުނީ އަލުން ހޯދާށެވެ. އެކަން ކުރީ ވަރަށް ބޮޑު އަދި ފުރިހަމަ ތަހުގީގަކުންނެވެ. ނަމަވެސް އަދި ވެސް ނުގުޅެވޭ ޑޮޓުތަކެއް އެބަހުއްޓެވެ. ޖަވާބު ނުލިބޭ ސުވާލުތަކެއް އެބަހުއްޓެވެ. ހަމަލާގައި ބައިވެރިވި އެންމެނާއި ފަންޑުކުރި އެންމެން ހޯދިއްޖެތޯ އަދިވެސް ސުވާލު އުފައްދަ އެވެ. އެ ތަހުގީގު އަދިވެސް ކުރިއަށް ދަނީ އެވެ.

ކޮމެންޓް

Stay in the loop

Get the latest news and reports delivered straight to your inbox