ހުޅުމާލެ ކޮވިޑު ފެސިލިޓީގެ ހަތަރު ފާރުގެ ތެރެއިން އިވެނީ ބަލީގެ ވޭނުގެ އަޑެވެ. އަޅާލުމާއި އެހީތެރިކަމަށް އެދި ގޮވުންތަކެވެ. އެކަމަކު އެނދަކަށް ފަހު އެނދެއް އަތުރާފައި ހުރި އިރު އެ ގޮވުންތަކަށް ސިއްހީ ހިދުމަތްތެރިންނަށް ވަގުތުން އިޖާބައެއް ނުދެވެ އެވެ. ބަލަން ޖެހޭ ބަލި މީހުންގެ އަދަދުން ތަން އޮތީ ފުރިބާރުވެފަ އެވެ. ބަލީގައި ރާއްޖޭގެ ހާލަތު ގޯސްވެ އެ މީހުންނަށް އިންތިހާއަށް ބުރަބޮޑުވެފައި މިވަނީ އަހަރެއްހާ ދުވަހުގެ ވަރުބަލި ކަމުގައި ތިއްބަ އެވެ.
ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން ވެސް އެ މީހުން ތިބީ ބަލިވެފަ އެވެ. ދެ ޝިފްޓަށް 16 ގަޑިއިރު ޑިއުޓީ ނަގަން ޖެހުން އޮތީ މަޖުބޫރުވެފަ އެވެ. ވަޒީފާއަށްޓަކައެއް ނޫނެވެ؛ އިންސާނިއްޔަތަށްޓަކަ އެވެ.
މި ހާލަތާ އެކުގައި ވެސް އިވެނީ ބަލި މީހުންނަށް އަޅާނުލެވޭ ކަމުގެ ގިނަ ޝަކުވާތަކެކެވެ.
މައުލޫމާތު ހޯދަން ގުޅަންޖެހޭ ހޮޓްލައިނަށް ނުގުޅި އެތައް ގަޑިއިރެކެވެެ. އަންނަ ކޯލުތައް ގިނަ ކަމުންނެވެ. ބަލި ޖެހޭ މީހުންނާ ބައްދަލުވާ މީހުން ކޮންޓެކްޓު ޓްރޭސެއް ނުކުރެވެ އެވެ. ސާމްޕަލް ނަގައި ޓެސްޓު ކުރުން ހުއްޓިއްޖެ އެވެ. އެކަން ވެސް ކުރެވޭ ވަރަށް ވުރެ އެތައް ގުނައެއް އަވަހަށް ބަލި ޖެހޭ މީހުންގެ އަދަދު ގިނަ ވަމުންދާތީ އެވެ.
ހާލަތު އޮތީ ފަރުވާގައި އިސްކަންދޭނީ ކާކަށްތޯ ކަނޑައަޅަން ޖެހޭ ހިސާބުގަ އެވެ. އެކެއްގެ ފުރާނަ އަތުވާނެ ކަމުގެ ޔަގީންކަން ލިބުމުން ނޫނީ އަނެކަކަށް އެ ފަރުވާ ދޭން ނުކެޅެދިފައިވާ ހާލަތުގަ އެވެ.

މިވަގުތު ރާއްޖޭގައި ކޮވިޑް-19ގެ ބަލިމަޑުކަން އޮތީ މިފަދަ ބިރުވެރި އަދި ނުރައްކާތެރި ފައްތަރެއްގަ އެވެ.
ވޮލަންޓިއާ ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފައި
ކޮވިޑުގެ މި ހާލަތަށް ކުރިން ތައްޔާރުވެވުނު ނަމަ ނުވަތަ މިވެނި ކަމެއް ނުކުރި ނަމައޭ ކުރާ ޝަކުވާތަކުގެ އަޑުގަދަ އެވެ.
އެކަމަކު އިންތިޒާމު ތަކުގެ ހާލަތު މިހާރު އޮތީ އެ ކަންކަމުގައި އިނގިލިދިއްކުރަން ތިބެވޭވަރަށް ވުރެން ގޯސްވެ އެންމެންގެ އެހީ ބޭނުންވެފަ އެވެ. އެހެންކަމުން މި ހާލަތުގައި، ބޭނުން ވަނީ ވޮލަންޓިއަރެއްގެ ގޮތުގައި ނަމަވެސް އެހީއެއް ދިއްކޮށްލާނެ އަތެކެވެ. ސިއްހީ ހިދުމަތްތެރިންނެކޭ އެއްގޮތަށް އާއްމުން ވެސް އިންސާނިއްޔަތުކަން ކުރިއަށް ނެރުމެވެ.
ބަލި މީހާއަށް ކާން ދިނުން ފަދަ ކަމެއްގައި ވޮލަންޓިއަރެއްގެ ގޮތުގައި އިސްނަގައިފި ނަމަ ހަމަނޭވާލާނެ ވަގުތެއް ނުވެ ދެކޮޅުދެކޮޅަށް ދުވެދުވެ ތިބޭ ނަރުހުންނަށް ވަރަށް ބޮޑު ލުޔަކަށް ވާނެ އެވެ.
މިކަމުގެ ހުރިހާ އިންތިޒާމުތަކެއް ހިންގަމުންދާ އޮޕަރޭޝަން ސެންޓަރަށް ވެސް ބޭނުންވަނީ އެހީތެރިކަމުގެ އަތްތަކެވެ.
އެ ފުރުސަތު މިހާރު އޮތީ ހުޅުވާލައިފަ އެވެ. ސަރުކާރުން އެދެނީ ވީހާވެސް ގިނަ ބަޔަކު އެހީތެރިވެދިނުމަށެވެ.
ކޮވިޑް ފެސިލިޓީގައި ސިއްހީ ހިދުމަތްތެރިންގެ އިތުރުން އާއްމުންނަށް ވެސް ވޮލަންޓިއާ ކުރެވޭނެ އެވެ. އަދި ކޮވިޑުގެ އޮޕަރޭޝަން ސެންޓަރު އެޗްއީއޯސީގައި ވެސް ވޮލަންޓިއާކޮށް މަސައްކަތްކޮށްދޭނެ މީހުން ދަނީ ހޯދަމުންނެވެ.
އެފަދަ އެހީތެރިކަން ފޯރުކޮށްދޭން އިސްނެގުމުގެ ގާބިލުކަން ނެތް ނަމަ ފިޔަވަޅުތަކަށް ހަގީގީ މާނައިގައި ތަބާވާންވީ އެވެ. މާސްކު އަޅަންވީ އެވެ. ގޭގައި މަޑުކުރަންވީ އެވެ. ބައްދަލުކުރާ މީހުން މަދުކުރަންވީ އެވެ. ވެކްސިން ނުޖަހާނަމަ، އެކަން ވެސް އަވަހަށް ކުރަންވީ އެވެ.
ހާލަތާ މެދު ނުވިސްނި ސިޔާސީ ފަރާތްތަކާއި ފިޔަވަޅުތަކަށް އެންމެ ފުރިހަމައަށް ތަބާވާން އިންކާރުކުރާ އަހަރެމެން ވިސްނަންވީ ވަގުތު ފާއިތުވެއްޖެ އެވެ.
އެކަމަކު ދެން ވެސް އޮތީ އެންމެން އެކުގައި ބަލި މީހުންނަށްޓަކައި އިތުރު ފުރާނަތަކެއް ގެއްލިގެން ދިޔަ ނުދިނުމަށްޓަކައި ހިތްވަރު ކުރުމެވެ. އެހީގެ އަތަކުން ވެދެވެން އޮތް އެހީތެރިކަމެއް ފޯރުކޮށްދިނުމެވެ.












