ރެލިގޭޝަނުން ޗެމްޕިއަން ކަމަށް: ލިލްގައި ގަލްޓިއޭ ތަފާތު ދައްކައިފި

May 24, 2021, 9:41 AM
ލިލްގެ ކޯޗު ގަލްޓިއޭ: އޭނާ ވަނީ އެ ކްލަބްގައި ރަނގަޅު މަސައްކަތެއްކޮށްފައި.

ލިލްގެ ކޯޗު ގަލްޓިއޭ: އޭނާ ވަނީ އެ ކްލަބްގައި ރަނގަޅު މަސައްކަތެއްކޮށްފައި.

ލީޑްސް ޔުނައިޓެޑްގައި މިހާރު ހުރި މަޝްހޫރު ކޯޗު މާސެލޯ ބިއެލްސާ 2017 ވަނަ އަހަރުގެ ޑިސެމްބަރު މަހު ލިލްގެ ކޯޗުކަމުން ވަކިވިއިރު، އެ ޓީމަށް އޮތީ ރެލިގޭޓްވުމުގެ ބިރު ބޮޑުވެފަ އެވެ. އެ ވަގުތު އެ ޓީމާ ހަވާލުވުމުގެ ރިސްކު ނެގީ އެންމެ ޓީމެއްގެ ކޯޗިން ތަޖުރިބާއާ އެކު ހުރި ފްރާންސްގެ ކޯޗު ކްރިސްޓޮފާ ގަލްޓިއޭ އެވެ. އޭނާ ވަނީ އެއް ޕޮއިންޓުގެ ފަރަގުން ލިލް އެ އަހަރު ފްރެންޗް ލީގުގެ ރެލިގޭޝަނުން ސަލާމަތްކޮށްދީފަ އެވެ.

ލިލްއާ ހަވާލުވުމަށް ފަހު ގަލްޓިއޭ ދިޔައީ މެޗަކަށް ފަހު މެޗެއް ޓީމަށް ކުރިއެރުން ހޯދައިދެމުންނެވެ. އެ ޓީމާ އެކު ފުރަތަމަ ފުލް ސީޒަން ނިންމާލީ ދެ ވަނައިގަ އެވެ. ދެ ވަނަ ސީޒަނުގައި މިދިޔަ އަހަރު ކޮވިޑާ ހެދި 28 މެޗަށް ފަހު ފްރެންޗް ލީގު އަވަހަށް ނިންމާލިއިރު، ލިލް ފަރުޖައްސާލަން ޖެހުނީ ހަތަރު ވަނައިގަ އެވެ.

އެ ހިސާބުން ވެސް ގަލްޓިއޭގެ މަސައްކަތަށް ވަރުބަލި ކަމެއް ނާދެ އެވެ. އޭނާ ބެލީ އިތުރަށް ރަނގަޅު ކުރަން ހުރި ކަން ކަމަށް ފޯކަސް ކޮށްގެން ލިލް އަށް 10 އަހަރު ތެރޭ ފުރަތަމަ ފަހަރަށް ލީގު ޗެމްޕިއަންކަން ހޯދައިދެވޭތޯ އެވެ. އޭނާ ރޭ އެކަން ހާސިލްކުރީ މި ފަހަރުގެ ލީގުގެ ބޮޑުގައި ބައިގައި ލީޑުގައި އޮވެ އެވެ. އަދި އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް ފްރާންސްގެ ގަދަބާރު ޕީއެސްޖީ އަށް ފުރުސަތެއް ނުދީ އެވެ.

"ތެދެއް އަހަރެން ހަވާލުވިއިރު ރެލިގޭޝަނުގައި އޮތަސް އަހަރެން އެކަމަށް ނުވިސްނަން. ލިލް އަކީ ޒުވާން ކުޅުންތެރިންގެ ފައުންޑޭޝަނެއް އޮތް ކްލަބެއް. އެހެންވީމަ ތަޖުރިބާގެ ކަންކަން ރަނގަޅު ކޮށްލައިގެން ކާމިޔާބު ހޯދޭނެ ކަމުގެ އިތުބާރު އޮތް. އެ އިތުބާރު ޗެމްޕިއަންކަމާ ހަމައަށް މި ދެމެހެއްްޓީ،" ލީގު ތަށްޓާ އެކު ލިލް އިން ބޭއްވި އުފާފާޅުކުރުމުގެ ތެރެއިން ގަލްޓިއޭ ބުންޏެވެ.

ލިލްގެ މެޗެއްގެ ތެރެއިން ގަލްޓިއޭ އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ފްރާންސަށް އުފަން ގަލްޓިއޭ 2009 އިން 2017 އަށް ކޯޗުކޮށްދިނީ ސެއިން އެޓިއެން އަށެވެ. އެ ޓީމުގައި ޒުވާން ކުޅުންތެރިން ޕްރޮމޯޓްކުރުމުގެ މުހިއްމު މަސައްކަތަކެއް ގަލްޓިއޭ އަދާކުރި އެވެ. ޕިއޭ އެމެރިކް އޮބާމަޔަން ފަދަ ތަރިން އެ ޓީމުގައި ޑިވެލޮޕްކުރި އެވެ.

ލިލް އިން ލީގު ހޯދިއިރު 22 އަހަރުން ދަށުގެ ފަސް ކުޅުންތެރިއަކު ވަނީ 20 މެޗަށް ވުރެ ގިނައިން ކުޅެފަ އެވެ. އެކަމުން ޒުވާން ކުޅުންތެރިންނަށް ގަލްޓިއޭ ކުރާ އިތުބާރު ފެންނަން އެބައޮތެވެ. ތަޖުރިބާކާރު ކުޅުންތެރިންނަށް ބަލާއިރު ތުރުކީގެ ފޯވާޑް ބުރަކް ޔިލްމާޒާއި ޕޯޗުގަލްގެ ޑިފެންޑަރު ހޯސޭ ފޮންޓް ވަނީ ގަލްޓިއޭގެ ޕްލޭނުގައި ލިލްގައި މުހިއްމު ރޯލެއް ކުޅެފަ އެވެ. މިއީ ގަލްޓިއޭ އައި ފަހުން އެ ޓީމުން ސޮއިކުރި ދެ ކުޅުންތެރިންނެވެ.

މި ފަހަރުގެ ޗެމްޕިއަންކަން ލިލް އިން ހޯދިއިރު އެ ޓީމުން ޖެހީ 64 ގޯލެވެ. މިއީ ފްރެންޗް ލީގުގެ ގަދަ ހަތަރެއްގައި ނިންމި ޓީމު ތަކުގެ ތެެރެއިން އެންމެ މަދުން ގޯލު ޖެހި ޓީމެވެ. ލިލް ކޮޅަށް ވަނީ 23 ގޯލެވެ. އެ ޓީމަކީ ޔޫރަޕްގެ ވަރުގަދަ ފަސް ލީގުގެ ތެރެއިން އެންމެ މަދުން ގޯލު ވަން ޓީމެވެ.

ލިލްގައި ސްކޮޑު އެކުލަވާލަން ގަލްޓިއޭ ވަނީ އަގުބޮޑުކޮށް ބައެއް ކުޅުންތެރިން ދޫކޮށްލައިފަ އެވެ. އެ ކުޅުންތެރިންގެ ތެރޭގައި އާސެނަލަށް 72 މިލިއަން ޕައުންޑަށް ބަދަލުވި ނިކޮލަސް ޕެޕާ އާއި ހަމަ އެ ޓީމުން 23 މިލިއަން ޕައުންޑަށް ގަތް ޑިފެންޑަރު ގަބްރިއެލް މަގަޅާއެސް ހިމެނެ އެވެ. މިދިޔަ ދެ އަހަރު ތެރޭ ކުޅުންތެރިން ވިއްކައިގެން 160 މިލިއަން ޕައުންޑް ލިލް އިން ހޯދި އެވެ.

މި ސީޒަނުގައި ލިލް އަށް ފްރާންސްގެ ތަށި ގެނެސްދިން ސްކޮޑުގެ އަގަކީ 126.5 މިލިއަން ޕައުންޑެވެ. ވާދަވެރި ޕީއެސްޖީގެ ސްކޮޑުގެ އަގަކީ 551 މިލިއަން ޕައުންޑް އެވެ.

އުމުރުން 54 ގެ ލްޓިއޭ ލިލްގައި ކުރި މަސަައްކަތް ރަނގަޅުވުމުން އޭނާ ހޯދަން ޔޫރަޕްގެ އެކި ގައުމުތަކުގެ ކްލަބްތަކުން ޝައުގުވެރިވެ އެވެ. އޭގެ ތެރޭގައި ކޯޗަކު ހޯދަމުން އަންނަ ޓޮޓެންހަމް ހޮޓްސްޕާސް ވެސް ހިމެނެ އެވެ. އެކަމަކު ގަލްޓިއޭ ބޭނުންވަނީ ފްރާންސްގެ ޓީމަކަށް ބަދަލުވާށެވެ.

ރިޕޯޓްތައް ބުނާގޮތުން ގަލްޓިއޭ ހޯދަން ފްރާންސްގެ ނީސް އާއި ލިޔޯނުން އަންނަނީ މަސައްކަތް ކުރަމުންނެވެ. ލިލްއާ އެކު ގަލްޓިއޭ ހަދާފައިވާ ކޮންޓްރެކްޓްގައި ބާކީ އަހަރެއް އެބައޮތެވެ. އެކަމަކު ކްލަބްގައި ހުރި ބައެއް ކަހަލަ ކަންތައްތަކާ ހުރެ އޭނާ އެހެން ޓީމަކަށް ބަދަލުވުމުގެ ފުރުސަތު ބޮޑެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox