ކޮވިޑް-19 އަށް ޕޮޒިޓިވްތޯ ބަލަން ހަދާ ޕީސީއާރު ޓެސްޓް އިތުރު ހަތަރު އަތޮޅެއްގައި ހަދަން ފެށުމުގެ އިންތިޒާމު ހަމަޖައްސަމުން އަންނަ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ އިން މިއަދު ބުނެފި އެވެ.
އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ލ، ގދ، ރ، ޅ، އަތޮޅުގައި ޓެސްޓިން ކެޕޭސިޓީ އިތުރު ކުރުމަށްޓަކައި ޕީސީއާރު ޓެސްޓިން ފެސިލިޓީތަކެއް ހެދުމަށް ނިންމާފައިވާ ކަމަށެވެ. އެއަތޮޅުތަކުގެ ލެބޯޓްރީތަކުން ތަމްރީނު ކުރާނެ މީހުންގެ ނަން ފޮނުވުމަށް ހެލްތު މިނިސްޓްރީން އަތޮޅުތަކަށް އަންގާފައިވާ ކަމަށް މަބްރޫކް ވިދާޅުވި އެވެ.
އެ އަތޮޅުތަކުގައި ޓެސްޓް ކުރަން 40 ދުވަހުގެ ތެރޭގައި ފެށޭނެ ކަމަށް މަބްރޫކް ވިދާޅުވި އެވެ. އަދި ޓެސްޓް ހަދާ މެޝިން ބަހައްޓާ ކޮންމެ ރަށެއްގައި މަދުވެގެން ދުވާލެއްގެ މައްޗަށް 300 ސާމްޕަލް ޓެސްޓް ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މިހާރުވެސް މާލެ އާއި އައްޑޫ ސިޓީގެ އިތުރުން އަތޮޅުތެރޭ އެހެން ހިސާބުތަކުން ވެސް ކޮވިޑަށް އަންނަނީ ޓެސްޓް ކުރަމުންނެވެ.
އެހެންކަންކަމަށް އަލިއަޅުއްވާލައްވައި މަބްރޫކް ވިދާޅުވީ ކޮވިޑް ކޮންޓްރޯލް ކުރުމަށް ބުދަ ދުވަހުން ފެށިގެން އިތުރު ފިޔަވަޅުތަކެއް އެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި ނަމަވެސް ލޮކްޑައުންއަކަށް ދިއުމަށް އަދި ނުނިންމާ ކަމަށެވެ. ފިޔަވަޅުތަކުގެ ތަފްސީލެއް ނުދެއްވަ އެވެ.

މަބްރޫން ވިދާޅުވީ ކޮވިޑްގެ ކަންކަމަށް އެހީތެރިވުމަށް ކެބިނެޓުގެ މިނިސްޓަރުން ހިމެނިވަޑައިގަންނަވާ ޓާސްކްފޯސްއެއް އެކުލަވާލާފައިވާ ކަމަށެވެ. އަދި ކޮންމެ އަތޮޅަކަށް ވަކިން އަތޮޅު ފެންވަރުގައި ޓާސްކްފޯސްތަކެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް މަބްރޫކް ވިދާޅުވި އެވެ.












