ކޮވިޑްގައި ރާއްޖޭން މަރުވި މީހުންގެ ތެރެއިން އުމުރުން ޅަ މީހުންނަކީ ސިއްހީ އެހެން މައްސަލަތައް ހުރި މީހުން ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެދި އެވެ.
އެޗްއީއޯސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭގެ އެޕިޑެމޮލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ ކޮވިޑްގައި ރާއްޖޭން ގިނައިން މަރުވަނީ އުމުރުން ދުވަސްވީ މީހުން ކަމަށާއި އުމުރުން އެހާ ދުވަސް ނުވާ މީހުންގެ ތެރެއިން މަރުވާ ގިނަ މީހުންނަކީ ސީރިއަސް ސިއްހީ މައްސަލަތައް ހުރި މީހުން ކަމަށެވެ.
"އިއްޔެ ނިޔާވި މީހުންނަށް ބަލާލާއިރު ވެސް އެނގޭ ވަރަށް ވެސް ސީރިއަސް މައްސަލަތަކެއް އޯލްރެޑީ ހުރި މީހުންކަން،" އަފްޒަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވިގޮތުގައި އާއްމުގޮތެއްގައި ސިއްހަތު ސަލާމަތުން ހުރި މީހުންނަށް މިބަލިން ރަނގަޅުވާ ކަމަށެވެ. ހޮސްޕިޓަލްގައި ފަރުވާ ދޭން ގިނައިން ޖެހެނީ ވެސް ވެކްސިން ނުޖަހާ ތިބި މީހުންނަށް ކަމަށް އަފްޒަލް ވިދާޅުވި އެވެ.
ރާއްޖެން ކޮވިޑްގައި މިފަހުން ގިނަ މީހުން މަރުވާއިރު މިއީ އާ ވޭރިއަންޓްތޯ ސުވާލު ކުރުމުން އަފްޒަލް ވިދާޅުވީ އެއަށް ޖަވާބެއް ދޭން އެނގޭނީ ރާއްޖޭން ބޭރަށް ފޮނުވާފައިވާ ސާމްޕަލްތައް ލިބުމުން ކަމަށެވެ.

ކޮވިޑްގައި ރާއްޖޭން މިހާތަނަށް 125 މީހުން ވަނީ މަރުވެފަ އެވެ. އެންމެ ގިނަ މީހުން އެއް މަހެއްގެ ތެރޭގައި މަރުވެފައިވަނީ، މި ހިނގާ މެއި މަހުގެ ތެރޭގަ އެވެ. އެގޮތުން މި މަހުގެ މިހާތަނަށް 52 މީހުން ވަނީ މަރުވެފައިވާ ކަމަށް އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.
އެންމެ ޒުވާން ދިވެއްސަކަށް މިހާތަނަށް ކޮވިޑްގައި މަަރުވެފައިވަނީ އުމުރުން 30 އަހަރުގެ އަންހެނެކެވެ. އޭނާއަކީ ވެސް ހަކުރު ބަލި ހުންނަ މީހެކެވެ. އަދި އިއްޔެ ވަނީ ސެންސަރު ބައްޔަށް ފަރުވާ ހޯދަމުން އައި 39 އަހަރުގެ މީހަކު ކޮވިޑްގައި މަރުވެފަ އެވެ.













