މި ހިނގާ މެއި މަހުގެ ތެރޭގައި ކޮވިޑް-19 ޖެހިގެން 39 މީހުން މަރުވެފައިވާއިރު، އޭގެ ތެރެއިން 60 ޕަސަންޓަށް ވުރެ ގިނަ މީހުން ކޮވިޑު ވެކްސިންގެ އެއްވެސް ޑޯޒެއް ނުޖަހާކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)އިން މިރޭ ބުނެފި އެވެ.
ރާއްޖޭގައި ހަތަރު ވަނަ ރާޅަކާ ހަނގުރާމަ ކުރަމުންދާއިރު، އެ ބަލިގައި މަރުވާ މީހުން ވެސް ވަނީ އެތައް ގުނައެއް އިތުރުވެފަ އެވެ.
އެގޮތުން، މިއަދު އެކަނިވެސް ހަތް މީހަކު އެ ބަލީގެ ޝިކާރައަކަށްވެފައިވާއިރު މިއީ މި ބަލިމަޑުކަން ރާއްޖޭގައި ފެތުރެން ފެށި ފަހުން، އެއް ދުވަހެއްގެ ތެރޭގައި އެންމެ ގިނަ މީހުން މަރުވި ދުވަހެވެ.
މިރޭ އެޗްއީއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓެގް ޓީމުގައި ހިމެނިވަޑައިގަންނަވާ ޑރ. ނަޒްލާ މުސްތަފާ ވިދާޅުވީ މި މަހުގެ މިހާތަނަށް 39 މީހަކު މަރުވެފައިވާއިރު، އޭގެ ތެރެއިން 64 ޕަސަންޓު މީހުން ކޮވިޑު ވެކްސިންގެ އެއްވެސް ޑޯޒެއް ޖަހާފައިނުވާ ކަމަށެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ މުސްތަފާ މައުލޫމާތު ދެއްވަނީ. -ފޮޓޯ: އެޗްއީއޯސީ

އަދި 20 ޕަސަންޓު އެއް ޑޯޒް ޖަހާފައިވާއިރު، ވެކްސިން ފުރިހަމަކޮށްފައިވަނީ އެންމެ 12 ޕަސަންޓް މީހުން ކަމަށް ޑރ. ނަޒްލާ ވިދާޅުވި އެވެ.
މީގެ އިތުރުން، މި މަހު މަރުވި މީހުންގެ ތެރޭގައި ގިނައީ އުމުރުން ދުވަސްވީ މީހުން ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
ވެކްސިން ޑޯޒް ފުރިހަމަ ކުރުމުން ބަލީގައި ބޮޑުވަރުވާ މިންވަރު ކުޑަވާކަން ފާހަގަކުރައްވަމުން މިރޭ ވެސް ޑރ. ނަޒްލާ ވަނީ ވީއެންމެ އަވަހަކަށް ވެކްސިން ޖަހަން ތަކުރާރުކޮށް އިލްތިމާސް ކުރައްވައިފަ އެވެ.
ނަމަވެސް، ޒުވާނުންނަށް ވެސް ފަރުވާކުޑަކުރެވެން ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
މިގޮތުން، މިހާރު ހޮސްޕިޓަލުގައި އެޑްމިޓުކޮށްފައިވާ ޖުމްލަ ފަރާތްތަކުގެ ތެރެއިން 48 ޕަސަންޓަކީ 40 އަހަރުން ދަށުގެ މީހުން ކަން ޑރ. ނަޒްލާ ފާހަގަކުރެއްވި އެވެ.
"މި ބަލިން ރަނގަޅުވުމަށްފަހު އެތައް ދުވަހެއް ނަގާ އާއްމު ދިރިއުޅުމަށް އެނބުރި ރުޖޫއަވާން. މިދަންނަވަނި ބަލިން ރަނގަޅުވުމަށްފަހު ވެސް އެކަމުގެ ތަކުލީފު އުފުލަންޖެހިދާނެ ވާހަކަ،" އޭނާ ވިދާޅުވި އެވެ.
ޕޮޒިޓިވްވާ މީހުން އަދަދުތަކަށް ބަލާއިރު، އިއްޔެ ވެސް 1،187 މީހުނަށް އަލަށް ބަލިޖެހިފައިވެ އެވެ.
އެއާއެކު މިވަގުތު ހުރި ކޮވިޑުގެ އެކްޓިވް ކޭސްތަކުގެ އަދަދު ވަނީ 18،800 ހުރަސްކޮށްފަ އެވެ.
މާލޭގެ އިތުރުން އަތޮޅު ތެރޭގައި ވެސް ބަލި ފެތުރި، 50 އަށް ވުރެ ގިނަ ރަށަށް އަރައިފޭބުން ވަނީ މަނާކޮށްފަ އެވެ.
ބަލީގެ ނުރައްކާ ބޮޑުވެފައި އޮތުމުން ފިޔަވަޅުތައް ވެސް ވަނީ ހަރުކަށިކޮށްފަ އެވެ. މާލޭގައި މިހާރު ކޮންމެ ދުވަހަކު ހަވީރު ހަތަރަކުން ފަތިހު ހަތަރަކަށް އޮތީ ކާފިއު އިއުލާންކޮށްފަ އެވެ. ސަރުކާރުގެ އޮފީސްތައް ބަންދުކޮށް ގޭގައި މަސައްކަތް ކުރާ ގޮތަށް ހަމަޖައްސާފައިވާ އިރު ކިޔަވައިދެމުން އަންނަނީ އޮންލައިންކޮށެވެ.












