ބާސެލޯނާ (މެއި 19) - ކުރު މުއްދަތެއްގެ ތެރޭގައި ދައްކަންޖެހޭ ދަރަނިތައް އަދާކުރުމަށާއި ކުރިއަށް އޮތް ޓްރާންސްފާ މާކެޓްގައި އާ ކުޅުންތެރިން ހޯދަން އިންވެސްޓްކުރުމުގެ ގޮތުން ބާސެލޯނާ އިން 500 މިލިއަން ޔޫރޯ (611 މިލިއަން ޑޮލަރު)ގެ ލޯނެއް ނަގައިފި އެވެ.
އެންމެ ފަހުން މިދިޔަ ޖެނުއަރީ މަހު އިއުލާނުކުރި ސްޕެއިނުގެ ކްލަބްތަކުގެ މާލީ ތަފާސްހިސާބުތަކަށް ބަލާއިރު، ބާސެލޯނާގެ ޖުމްލަ ދަރަނީގެ އަދަދަކީ 1.173 ބިލިއަން ޔޫރޯ (1.4 ބިލިއަން ޑޮލަރު) އެވެ. ރިޕޯޓްތައް ބުނާ ގޮތުން ދޮޅު އަހަރުތެރޭގައި ބާސެލޯނާ އިން ދައްކަން ޖެހޭ ލޯންތަކާއި އެ ނޫން ވެސް ފައިސާގެ އަދަދު ގާތްގަނޑަކަށް 700 މިލިއަން ޑޮލަރަށް އަރަ އެވެ. އޭގެ ތެރެއިން އެއްބައި ފައިސާ ބާސެލޯނާގެ ރައީސް ކަމަށް އިންތިހާބުވުމަށް ފަހު ޖޮއާން ލަޕޯޓާ ވަނީ ދައްކައިފަ އެވެ.
ލަޕޯޓާގެ އެންގެވުމަށް މި ހަފްތާގައި އެމެރިކާގެ އިންވެސްޓްމެންޓް ބޭންކް ގޯލްޑްމަން ސާކްސް މެދުވެރިކޮށް ބާސެލޯނާ އިން ނެގި 611 މިލިއަން ޑޮލަރުގެ ލޯނުން ބޮޑުބައި ކަވަރުކުރާނީ އެ ކްލަބްގެ ދަރަނި އަދާކުރުމަށް ކަމަށް ރިޕޯޓްތައް ބުނެ އެވެ. އޭގެ ތެރެއިން ފިލިއްޕޭ ކުޓީނިއޯ، އޮސްމާން ޑެމްބެލޭ އަދި އެންޓޮއިން ގްރީޒްމަންގެ ޓްރާންސްފާތަކާ ހެދި ބާސެލޯނާ އިން އަދިވެސް އެކި ކްލަބްތަކަށް ދޭން ޖެހޭ 389 މިލިއަން ޑޮލަރުގެ ތެރެއިން މި ވަގުތު ދައްކަން ޖެހޭ އަދަދު ވެސް ދައްކާނެ އެވެ.
ރިޕޯޓްތައް ބުނާގޮތުން ފަސް އަހަރު ތެރޭ ދައްކާގޮތަށް ބާސެލޯނާ އިން މި ނެގި ލޯނުގެ ތެރެއިން ގާތްގަނޑަކަށް 150 މިލިއަން ޑޮލަރު ހަރަދުކުރާނީ ކުރިއަށް އޮތް ޓްރާންސްފާ މާކެޓްގައި ޓީމު ވަރުގަދަކުރާށެވެ. އޭގެ އިތުރުން ބާސެލޯނާ އިން ގިނަ ކުޅުންތެރިން ވިއްކާލުމަށް ފަހު ލިބޭ ފައިސާ ވެސް އަލުން ޓީމަށް އިންވެސްޓްކުރާނެ އެވެ. ބާސެލޯނާ އިން ވިއްކާލާނެ ކަަމަށް ބެލެވޭ ކުޅުންތެރިންނަކީ ކުޓީނިއޯ، ކްލެމެންޓް ލޯންގްލޭ، ޖޯޑީ އަލްބާ، މިރަލެމް ޕިޔަނިޗް، މާޓިން ބްރައިތުވެއިޓް، އޮސްމާން ޑެމްބެލޭ އަދި ނެޓޯ ހިމެނެ އެވެ.
މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ބާސެލޯނާ އިން އަންނަނީ ހިލޭ ޓްރާންސްފާއެއްގައި މެންޗެސްޓާގެ ސިޓީގެ ސާޖިއޯ އަގުއޭރޯ އާއި ލިިޔޯންގެ މެމްފިސް ޑިޕާއި ގެންނަން މަސައްކަތް ކުރަމުންނެވެ. އަދި ބާސެލޯނާ އިން ޑޯޓްމަންޑްގެ ފޯވާޑް އާލިން ބްރައުޓް ހާލަންޑް ގަންނަން ވެސް ޝައުގުވެރިވެ އެވެ.
ބާސެލޯނާ އިން އަންނަނީ އެ ޓީމުގެ ތަރި ލިއޮނަލް މެސީގެ ކޮންޓްރެކްޓް އާ ކުރަން މަސައްކަތްކުރަމުންނެވެ. މެސީ މި ވަގުތު ބާސެލޯނާއާ އެކު ކޮންޓްރެކްޓްގައި ހުރީ މި ސީޒަނުގެ ނިޔަލަށެވެ. މިހާރު ބާސެލޯނާ އަށް ކޯޗުކޮށްދެމުން އަންނަ ރޮނާލްޑް ކޫމަން އަންނަ ސީޒަނުގައި އެ ޓީމުގެ ބެންޗުން ފެނުމުގެ ފުރުސަތު ކުޑަ އެވެ.












